Support Us

ބޮޑު ކާމިޔާބީއަކާއެކު ޕީ.އެން.ސީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕީޕްލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ.)ން ގާނޫނު އަސާސީ ބަދަލުކުރެވޭހާ ތަނަވަސް އަގުލަބިއްޔަތާއެކު މަޖުލީހުގެ ސުޕަ މެޖޯރިޓީއެއް ހޯދައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޖުމްލަ 93 ގޮނޑީގެ ތެރެއިން ޕީ.އެން.ސީ.ން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. (މަޖުލީހުގެ ތިންބައިކުޅަ ދެބަޔަކީ 62 އެވެ.) އަދި ސަރުކާރާއި ރައީސްގެ ތާއީދު ލިބިވަޑައިގެންފައިވާ މިނިވަން ތިން ކެންޑިޑޭޓަކު ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން ޕީ.އެން.ސީގެ ކޯލިޝަންގައި ހިމެނޭ ސަން ސިޔާމުގެ މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ.) އިން ދެ ގޮނޑި އަދި ކާނަލް މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ވެސް އެއް ގޮނޑި ވަނީ ހޯދައިފައެވެ. އެހެންވެ ޕީ.އެން.ސީ އާއި ސަރުކާރަށް ތާއީދުކުރާ ޖުމްލަ 72 ގޮނޑި ވަނީ ލިބިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިތައް ބެހިފައިވާ ގޮތް

  • ޕީ.އެން. ސީ: 66 ގޮނޑި
  • އެމް.ޑީ.ޕީ: 12 ގޮނޑި
  • އަމިއްލަ: 10
  • އެމް.ޑީ.އޭ: 2
  • ޖުމްހޫރީ: 1
  • އެމް.އެން.ޕީ: 1

މަޖިލީހުގައި ސުޕަރ މެޖޯރިޓީ ލިބިވަޑައިތުމުން ރައީސް ޑރ. މުއިއްޒަށް މިހާރު މި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު ވެސް ލިބިވަޑައިގެންފައެވެ. އަދި މީގެ އިތުރުން މުޅި ރާއްޖެއަށް ގެންނަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެސް ފަސޭހަވެގެން ދާނެއެވެ.

އިއްޔެގެ އިންތިހާބުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދަވާ އައްޑޫ މުހައްމަދު އަސްލަމާއި ހޯރަފުށީ ދާއިރާގެ އަހުމަދު ސަލީމަށް މި ފަހަރު ގޮނޑި ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ.

ޖުމްލަ 41 އަންހެނުން ވާދަކުރި މި އިންތިހާބުގައި ގޮނޑި ކަށަވަރުވީ އެންމެ ތިން އަންހެނުންނަށެވެ. އެއީ ފ. ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ރައީސް ޑރ. މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދުދާއިރާގެ އަސްމާ ރަޝީދާއި ރައީސް އެންޑޯޒްކުރެއްވި، ހުރާ ދާއިރާގެ ޑރ. އަނާރާ ނައީމެވެ.

އިއްޔެގެ އިންތިހާބުގައި ޕީ.އެން.ސީ. އަށް ވަނީ ރާއްޖޭގެ ފަސް ސިޓީގެ ވެސް އަގުލަބިއްޔަތު ލިބިފައެވެ. އެއީ މީގެ ކުރިން އެމް.ޑީ.ޕީން މެޖޯރިޓީ ހޯދަމުން އަންނަ މާލޭގެ އިތުރުން، އައްޑޫ އާއި ކުޅުދުއްފުއްޓާއި، ފުވައްމުލަކާއި ތިނަދޫއެވެ.

އިއްޔެގެ އިންތިހާބުގައި ފާހަގަކުރެވުނު އަނެއް ކަމަކީ ކުރީގެ ތިން ރައީސަކު ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައިވާ ކަމެވެ. އެ ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރެއްވި އެންމެ ކެންޑިޑޭޓަކަށް ވެސް ގޮނޑިއެއް ނުލިބުނެވެ. އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫނާއި ދޮށީ ދަރިކަލުން ފާރިސް މައުމޫނަށް ވެސް ކާމިޔާބު ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *