Support Us

ދިވެހިރާއްޖޭގެ އަސްކަރީ ވައިގެ ޚިދުމަތުގެ ތާރީޚު

އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި މިނިވަންވުމަށްޓަކައި ދިވެހީންގެ ހިތްތަކުގައި ވަރުގަދަ ވަޠަނިއްޔަތުގެ ރޫޙެއް ދިރިގެންދިޔައެވެ. އެ ރޫޙާއި ޖޯޝާއި ފޯރީގެ ތެރޭގައި ދިވެހީންގެ އަމިއްލަ މަސައްކަތުން އަމިއްލަ ވައިގެ ބަނދަރެއް ހުޅުލޭގައި ހެދިއެވެ. މިގޮތުން 12 އެޕްރީލް 1966 ގައި ހުޅުވުނު އެ ވައިގެ ބަނދަރާއެކު ދިވެހީން ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށިގެން އައީ ސިފައިންގެ ވަރަށް ބޮޑު ހިއްސާއެއް އޮވެގެންނެވެ.

މަދަނީ ވައިގެ ޚިދުމަތުގައި ސިފައިންގެ ދައުރު

ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރާއެކު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށްޓެވުމަށް ރައީސް އިބްރާހީމް ނާޞިރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. މި ގޮތުން ސަރުކާރުން ބައްލަވައިގަނެގެން އެންމެ ފުރަތަމަ މާލެ ގެންނެވީ ޗަރޯކީ މަރުކާގެ ކުޑަކުޑަ މަތިންދާ ބޯޓެކެވެ. އެންމެ ހަތަރު މީހުންނަށް އެރޭ ވަރުގެ މި މަތިންދާ ބޯޓާ ހަވާލުވާން އޭރު ހުޅުލޭގައި އޮތް ސިފައިންގެ ފަޔަރ ބްރިގޭޑުގެ އިންޗާޖަކަށް ހުންނެވި ސިފައިންގެ ދެ ނަންބަރު ސަރުދާރު ޝައުކަތު އިބްރާހީމަށް މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ (ދިފާޢީ ވުޒާރާ) އިން އެންގެވިއެވެ. ދިވެހި ދައުލަތުން ގެންނެވި ފުރަތަމަ މަތިންދާ ބޯޓާއެކު ދިވެހީންގެ ވައިގެ ޚިދުމަތާ ސިފައިން ހަވާލުވިއެވެ.

ފުރަތަމަ ގެންނެވި މަތިންދާ ބޯޓަށްފަހު ދެން ގެންނެވީ ޕައިޕާރ ސެނެކާ މަރުކާގެ ހަތް މީހުން އުފުލޭވަރުގެ ބޯޓަކާއި ޕައިޕާރ ސެނެކާ-2 މަރުކާގެ ހަތް މީހުންނަށް އެރޭވަރުގެ ބޯޓެކެވެ. އަދި ކުޑަދުވަސްކޮޅެއް ފަހުން ސެސްނާ 172 މަރުކާގެ ހަތަރު މީހުންނަށް އެރޭވަރުގެ ކުޑަ ބޯޓެއް ގެންނެވިއެވެ. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތް ފެށުނު ތާރީޚެއް ކަމަށް ބަލަނީ 9 އޮކްޓޫބަރު 1974 އެވެ. އެއީ ކެރިބިއަން ޔުނައިޓެޑް އެއަރ ލައިންސް އިން އެއަރ މޯލްޑިވްސްއަށް ބައްލަވައިގެންނެވި ކޮންވެއާ 440 ގެ މަތިންދާބޯޓެއް ކަމަށްވާ "ފްލައިން ފިޝް އައި" ހުޅުލޭގައި އެންމެ ފުރަތަމަ ޖެއްސި ދުވަހެވެ. މީގެ ދެ ބޯޓުން އެއަރ މޯލްޑިވްސްގެ ދަތުރުތައް ކުރަމުން އައީ ރާއްޖެއިން ބޭރަށެވެ. އެތެރޭގެ މަދަނީ ވައިގެ ދަތުރުތައް ކުރަމުން އައީ ސިފައިންނެވެ.

ސިފައިންގެ އެއަރ ކްރާފްޓް ސެކްޝަން

ސިފައިންނާ އަލަށް ހަވާލު ކުރެއްވި ޒިންމާއާ ގުޅިގެން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ (ދިފާޢީ ވުޒާރާ) ގެ ދަށުން ހިނގާ ޔުނިޓެއްގެ ގޮތުގައި ސިފައިންގެ އެއަރކްރާފުޓް ސެކްޝަން 1975 ވަނަ އަހަރު އުފެއްދެވިއެވެ. އޭރު މި ސެކްޝަންގައި ތިއްބެވީ ހަތަރު ބޭކަލުންނެވެ. އެއީ ކޮމާންޑަރަކަށް ހުންނެވި ސިފައިންގެ ދެ ނަންބަރު ސަރުދާރު ޝައުކަތު އިބްރާހީމާއި، ތިން ނަންބަރު ސަރުދާރު އިނގިރޭސި މޫސާ މަނިކާއި، ހަތަރު ނަންބަރު ސަރުދާރު މުޙައްމަދު ވަޙީދު (ޕޫލޭ) އާއި، ހަތަރު ނަންބަރު ސަރުދާރު ޢަބްދުލްޙަކީމް ޢަލީ އެވެ.

ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަންގެ ޚިދުމަތްތައް އައީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުންނެވެ. ސަރުކާރުން ބެލް-47 ޖޭ މަރުކާގެ ހެލިކޮޕްޓަރެއް ފަހުން ގެންނެވިއެވެ. އަދި ރީތިރަށް ރިސޯޓަށް ފްރާންސްގެ ބަޔަކު ގެނައި އެލުއަޓް-2 މަރުކާގެ ހެލިކޮޕްޓަރެއް 1984 ވަނަ އަހަރު ޑިފެންސް މިނިސްޓްރީން ބައްލަވައިގަތެވެ. އެއަރ މޯލްޑިވްސްއަށް އެތެރޭގެ ދަތުރުތަކަށް ގެންނެވި ސްކައިވޭން އެސްސީ-7 މަރުކާގެ ބޯޓު ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކުރެއްވީ ސިފައިންގެ އެއަރކްރާފްޓް ސެކްޝަނާއެވެ.

ބޭރުގެ ޕައިލެޓުންނާއި އިންޖިނިއަރުން

ސިފައިންގެ އެއަރކްރާފްޓް ސެކްޝަންގެ ބެލުމުގެ ދަށުން އެތެރޭގެ ވައިގެ ޚިދުމަތްތައް ފެށުނު ދުވަސްވަރު މަތިންދާ ބޯޓުތައް ދުއްވަން ތިބީ ބޭރުގެ ޕައިލެޓުންނެވެ. އޭގެ ތެރޭގައި ތިއްބެވީ އިންޑިއާއާއި ސްރީލަންކާގެ އެއަރ ފޯސް ސްކޮޑްރަން ލީޑަރުންގެ ގޮތުގައި މަސައްކަތްކުރައްވައި، އަސްކަރީ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އިސް ޚިދުމަތްތެރިންނެވެ. އޭގެ ތެރޭގައި ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރެއްވި ކެޕްޓަން އޭއެމްއެމް ބައްލާއާއި ކެޕްޓަން ލޮކްގެ އަދި އެއަރ އިންޖިނިއަރަކަށް މަސައްކަތް ކުރެއްވި ޕީޓަރ ޑިސިލްވާގެ ޚިދުމަތް ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އެ ދުވަސްވަރު ފޮޓޯ ފްލައިޓްތަކާއި ރަސްމީ ދަތުރުފުޅުތައް ކުރެއްވި ކެޕްޓަން ޢަބްދުލްބައްހާބަކީ ވެސް ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.

އެއަރ މޯލްޑިވްސްގެ ދަތުރުތަކުގައި ސިފައިން

ދިވެހިރާއްޖޭގެ ވައިގެ ޚިދުމަތް ފެށިގެން އައިއިރު މަތިންދާ ބޯޓުތައް ބެލެހެއްޓުމުގެ އިތުރުން ސަރުކާރުން ބޭރުން ގެންނަވާފައިވާ ބިދޭސީ ޕައިލެޓުންނާއި އިންޖިނިއަރުންގެ ކަންތައްތައް ވެސް ބަލަހައްޓަމުން ދިޔައީ ސިފައިންނެވެ. އަދި އެއަރ މޯލްޑިވްސްގެ ބޯޓުގައި ކެބިން ކްރޫއިންނަށް ވެސް ތިބެނީ ސިފައިންނެވެ. އޭރު ވައިގެ ދަތުރުތައް ކުރަމުން ދިޔައީ އެއަރ މޯލްޑިވްސް އިން ޓިކެޓް ވިއްކައި، ދަތުރުކުރަން ހަމަޖެއްސުމަށްފަހު އެ ދަތުރެއް ކޮށްދިނުމަށް ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަންގައި އެދުމުންނެވެ. އޭރު ރާއްޖޭގައި ހުޅުލެ ފިޔަވައި ވައިގެ ބަނދަރެއް އޮތީ ހަމައެކަނި އައްޑު އަތޮޅު ގަމުގައެވެ. ގަމަށް ކުރާ ދަތުރެއްކަމަށް ވިޔަސް އަދި ފޮޓޯ ފްލައިޓް ދަތުރެއް ވިޔަސް ދަތުރުކޮށްދޭން އެއަރ މޯލްޑިވްސް އިން އެދުމުން އެ ދަތުރެއް ސިފައިން ކޮށްދެމުން ދިޔައެވެ.

ޕައިލެޓްކަން ދަސްކުރުމުގެ ފުރަތަމަ ޕްރޮގްރާމް

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ރާއްޖޭގައި ޕައިލެޓްކަން ދަސްކުރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމެވެ. ސިފައިންގެ އެއަރކްރާފުޓް ސެކްޝަން އުފެދުމާއެކު މި ޚިދުމަތަށް ބޭނުންވާ އިންސާނީ ވަސީލަތް ބިނާކުރުމުގެ ގޮތުން ސިފައިންނަށް ޕައިލެޓްކަން ދަސްކޮށްދޭން ފެށްޓެވި ފެށްޓެވުމެވެ. ޕައިލެޓުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ޕައިލެޓްކަން ދަސްކުރެއްވި ތިން ބޭކަލުންނަކީ ސިފައިންގެ ހަތަރު ނަންބަރު ސަރުދާރު ޙަސަން ނަޞީރާއި، ހަތަރު ނަންބަރު ސަރުދާރު ޢަބްދުއްލަޠީފް މުޙައްމަދާއި، ޕްރައިވެޓް އަނީސް މުޙައްމަދެވެ. ކެޕްޓަން ބައްލާއާއި، ކެޕްޓަން ލޮކްގެ ގެ އިރުޝާދުގެ ދަށުން މި ބޭފުޅުން ޕައިލެޓްކަން ދަސްކުރައްވައި ސޯލޯ ފްލައިޓްވެސް އެޅުއްވިއެވެ. ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ތެރޭގައި އެންމެ ފުރަތަމަ މަތިންދާ ބޯޓެއް ދުއްވި ދިވެއްސަކީ އަލްމަރުޙޫމް ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރެވެ.

ފަޔަރ ބްރިގޭޑުގެ ޚިދުމަތް

ހުޅުލޭ ވައިގެ ބަނދަރު ހުޅުވުމާއެކު 1966 ވަނަ އަހަރު ސިފައިންގެ 10 ބޭކަލުން ސިލޯނަށް ފޮނުއްވައިގެން ފަޔަރ ބްރިގޭޑް ކޯސް ފުރިހަމަ ކުރެއްވިއެވެ. މި ބޭކަލުން ރާއްޖެ ދުރުވެ މަސައްކަތް ކުރެއްވީ ހުޅުލޭގެ ފަޔަރ ބްރިގޭޑުންގެ ގޮތުގައެވެ. ހުޅުލޭ ފަޔަރ ބްރިގޭޑުންގެ ފުރަތަމަ ކޮމާންޑަރަކީ ސިފައިންގެ ދެ ނަންބަރު ސަރުދާރު (ފަހުން ކާނަލް (ރިޓަޔަރޑް) ޝައުކަތު އިބްރާހީމެވެ. ސިފައިން ހުޅުލޭގައި ގާއިމުވެ ތިއްބައި އައްޑޫގައި ތިބި އިނގިރޭސީން 1976 ވަނަ އަހަރު ގަމުން ފޭބުމާގުޅިގެން ގަން އެއަރޕޯޓްގައި ތިބި ފަޔަރ ބްރިގޭޑުންގެ ގޮތުގައި މަސައްކަތްކުރި ދިވެހީންގެ ވަޒީފާ ގެއްލުނެވެ. މި ސަބަބަށްޓަކައި ސަރުކާރުން ނިންމެވީ ހުޅުލޭގައި އޮތް ފަޔަރ ބްރިގޭޑުގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުކުރެއްވުމަށެވެ. ފަޔަރ ބްރިގޭޑުންގެ ގޮތުގައި ތިއްބެވި ސިފައިން މާލެ ބަދަލު ކުރެއްވިއިރު ފަޔަރ ބްރިގޭޑުގެ ކޮމާންޑަރަކަށް ހުންނެވީ ސިފައިންގެ ތިން ނަންބަރު ސަރުދާރު އިނގިރޭސި މޫސާ މަނިކެވެ. މި ބަދަލާއެކު ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަން ހަވާލު ކުރެއްވީ ސިފައިންގެ ތިން ނަންބަރު ސަރުދާރު ޢަބްދުލްޙަކީމް ޢަލީ އާއެވެ. އޭރު އެއަރ ކްރާފުޓް ސެކްޝަންގެ ބެލުމުގެ ދަށުގައި ހަތަރު މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮތެވެ.

އަތޮޅުތަކުގައި ވައިގެ ބަނދަރުތައް ހަދަންފެށުން

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތު ފެށުމާއެކު 1978 ނޮވެންބަރު 11 ވަނަ ދުވަހު ސިފައިންގެ އެއަރ ކްރާފްޓު ސެކްޝަނުގެ އިންޗާޖުގެ ގޮތުގައި ސިފައިންގެ ދެ ނަންބަރު ސަރުދާރު ޢަންބަރީ ޢަބްދުއްސައްތާރު ހަމަޖެއްސެވިއެވެ. އެއަށްފަހު ސިފައިންގެ އެއަރކްރާފުޓް ސެކްޝަންގެ އިންޗާޖެއްގެ ގޮތުގައި 1979 ވަނަ އަހަރު ލެފްޓިނަންޓް އަޙްމަދު ނަޢީމް މުޙައްމަދު ހަމަޖެއްސެވިއެވެ. އަދި 1978 އިން 1990 އަށް ދިވެހިރާއްޖޭގެ އަސްކަރީ އަދި މަދަނީ ވައިގެ ޚިދުމަތްތަކުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ނޢޢވ އޮނަރަބަލް އިލްޔާސް އިބްރާހީމެވެ. އޭރު އެއީ ސިފައިންގެ ވެރިޔާގެ ނާއިބެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެސް ނާއިބެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުއްޤައްޔޫމުގެ ޒަޢާމަތުގައި އޮނަރަބަލް އިލްޔާސް އިބްރާހީމްގެ މޭސްތިރިކަމާއި ހިންގުންތެރިކަމުގެ ދަށުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައިގެ ބަނދަރުތައް ބިނާކުރުމުގެ މަސައްކަތެވެ. މިގޮތުން އެންމެ ފުރަތަމަ ބިނާކުރެވުނީ ލ.ކައްދޫ އެއަރޕޯޓެވެ. އެއީ ދިވެހިރާއްޖޭގައި އެޅުނު ތިންވަނަ ވައިގެ ބަނދަރެވެ. އޭގެފަހުން ހދ. ހަނިމާދޫ އެއަރޕޯޓާއި ގދ.ކާނޑެއްދޫ އެއަރޕޯޓު ބިނާކުރުމުގައި ސިފައިންވެސް ޢަމަލީ ގޮތުން ވަރަށް އިސް ދައުރެއް ސިފައިން އަދާކުރިއެވެ. މިއީ ޤައުމު ބިނާކުރުމުގައި ސިފައިން ކޮށްފައިވާ ވަރަށް އަގުހުރި ޤައުމީ ޚިދުމަތެކެވެ.

ފުރަތަމަ ދިވެހި ޕައިލެޓުން

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދާއި ކެޕްޓަން (ރިޓަޔަރޑް) ޙުސައިން ޝާމަށް ސަރުކާރުން ދެއްވި ސްކޯލަޝިޕެއްގައި ތައިލެންޑުން ޕައިލެޓްކަން ދަސްކުރައްވައިގެން 1983 ވަނަ އަހަރު މާލެ ވަޑައިގަތެވެ. އެއަރ މޯލްޑިވްސް ގައި މަސައްކަތް ކުރައްވާގޮތަށް ލާންސް ކޯޕްރަލް ރޭންކުގައި ސިފައިންގެ ވަޒީފާ އެ ދެ ބޭފުޅުންނަށް ދެއްވިއެވެ. އޭގެ ކުރިން ދިވެހީން ޕައިލެޓްކަން ކިޔަވާވިދާޅުވެފައި ވިޔަސް ދިވެހި ޕައިލެޓުންގެ ގޮތުގައި ދިވެހީންގެ ބޯޓުފަހަރު ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގައި އެންމެ ފުރަތަމަ ދުއްވުމުގެ ފަޚުރާއި ޝަރަފު ރަސްމީކޮށް ލިބިފައިވަނީ ސިފައިންގެ މި ދެ ބޭފުޅުންނަށެވެ. ސިފައިންގެ ޕައިލެޓުން ވައިގެ ޚިދުމަތުގައި ހަރަކާތްތެރިވާން ފެށުމާއެކު ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސްޓްވަޑުންގެ ޔުނިފޯމް 1984 ވަނަ އަހަރު ސިފައިންގެ ޔުނިފޯމުތަކުގެ ތެރެއަށް ތަޢާރަފުވެގެންދިޔައެވެ.

އެއަރ ކްރާފުޓް ސެކްޝަން ކޯސްޓްގާޑަށް ބަދަލުކުރެއްވުން

ދިފާޢީ ވުޒާރާގެ ސީދާ ބެލުމުގެ ދަށުން ހިނގަމުންދިޔަ ސިފައިންގެ އެއަރ ކްރާފްޓު ސެކްޝަން ކޯސްޓްގާޑުގެ ދަށަށް 25 އޮގަސްޓް 1991 ގައި ބަދަލު ކުރެއްވިއެވެ. މި ބަދަލު ގެންނެވިއިރު އެއަރ ކްރާފުޓް ސެކްޝަންގެ އޮފިސަރ އިންޗާޖަކަށް ހުންނެވީ ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރެވެ. ނަމަވެސް އޭގެ ހަތަރު ވަރަކަށް އަހަރުފަހުން 1 ޖަނަވަރީ 1994 ގައި ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން އުވާލެއްވިއެވެ. މި ބަދަލު އައީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތަށް ސަރުކާރުން ގެންނެވި ބޮޑު ބަދަލަކާ ގުޅިގެންނެވެ. އެ ބަދަލަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ޚިދުމަތް ދިނުމަށް އެއަރ މޯލްޑިވްސް ލިމިޓެޑް 1994 ވަނަ އަހަރު ސަރުކާރުން އުފެއްދެވުމެވެ. މި ކުންފުނި އުފެއްދެވީ ދިވެހި ސަރުކާރާއި މެލޭޝިއަން ހެލިކޮޕްޓަރ ސަރވިސަސް ބަރްހާދު (ފަހުން ނަރޫލީ ބަރްހާދު) އާއެކު ކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސިފައިންގެ އެއަރކްރާފުޓް ސެކްޝަން އުވާލައްވައި އެ ސެކްޝަންގައި ތިއްބެވި ޕައިލެޓުން ސިފައިންގެ އެހެން ޔުނިޓްތަކަށް ބަދަލުކުރެއްވިއެވެ. މި ބަދަލު ގެންނެވި ނަމަވެސް ސިފައިންގެ ޕައިލެޓުންނަށް އެއަރ މޯލްޑިވްސްގެ ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވިއެވެ. ސިފައިން ހިންގި ގިނަގުނަ އޮޕަރޭޝަންތަކެއްގައި ސިފައިންގެ ޕައިލެޓުން އެއަރ މޯލްޑިވްސްގެ ބޯޓުފަހަރުގައި ވަނީ އެ ދުވަސްވަރު ވެސް ހަރަކާތްތެރިވެފައެވެ.

އެއަރ ވިންގު އުފެއްދެވުން

ސިފައިންގެ އެއަރ ކްރާފުޓް ސެކްޝަން އުވާލެއްވިތާ ގާތްގަނޑަކަށް 15 އަހަރު ވީފަހުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 2009 އޮގަސްޓް 22 ވަނަ ދުވަހު ސިފައިންގެ ޔުނިޓެއްގެ ގޮތުގައި އެއަރ ވިންގ އުފެއްދެވީ ރައީސް މުޙައްމަދު ނަޝީދުގެ ޒަޢާމަތުގައެވެ. އެއަރ ވިންގުގެ ކޮމާންޑިންގ އޮފިސަރަކަށް ފުރަތަމަ ހަމަޖެއްސެވީ މޭޖަރ މުޙައްމަދު ރަމްޒީއެވެ. އިންޑިއާ އާއި ދިވެހި ސަރުކާރު ދެމެދު ވެވުނު އެއްބަސްވުމެއް ދަށުން އިންޑިއާ ސަރުކާރުން ދްރޫވް މަރުކާގެ ހެލިކޮޕްޓަކާއެކު އެ ދުއްވާނެ ސިފައިން ރާއްޖެއައީ 18 އެޕްރީލް 2010 ގައެވެ. "ރެހެންދި" މި ނަމުގައި ކަމިޝަންކޮށް ޚިދުމަތަށް ނެރުނީ 21 އެޕްރީލް 2010 ގައެވެ. މި ދުވަހު އެމްއެންޑީއެފް އެއަރ ވިންގުގެ ކޮމާންޑީންގ އޮފިސަރަކަށް މޭޖަރ މުޙައްމަދު ވަހީދު ހަމަޖެއްސެވިއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް އެއަރ ވިންގުގެ 21 އެޕްރީލް 2012 ގައި ކޯސްޓްގާޑުގެ ދަށަށް ބަދަލު ކުރައްވައި ހެލިކޮޕްޓަރުގެ ނަން "ކުރަނގި" މި ނަމަށް ބަދަލު ކުރެއްވިއެވެ. ފަހުން އިތުރު ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް އެއަރ ވިންގުގެ ބެލުމުގެ ދަށުން އިންޑިއާ ސިފައިން އޮޕަރޭޓްކުރަމުން ގެންދިޔައެވެ. މި އުޅަނދު ފަހަރު ބޭނުން ކުރަމުން ގެންދިޔައީ ވައިގެމަގުން މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ހިންގުމަށާއި ސަރވައިލަންސް އޮޕަރޭޝަންތަކުގައެވެ.

އިސްކަންދަރު އެއަރ ބޭސް

މަދަނީ ވައިގެ ބަނދަރެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ކައްދޫ އެއަރޕޯޓް އަސްކަރީ އެއަރ ޕޯޓެއްގެ ގޮތުގައި ހަމަޖައްސަވައި "އިސްކަންދަރު ވައިގެ ބަދަރު" (އިސްކަންދަރު އެއަރ ބޭސް) 9 މޭ 2016 ގައި އަލުން ހުޅުވިއެވެ. ރާއްޖޭގައި ތިން ވަނަ އަށް ހެދި އެއަރޕޯޓް އަސްކަރީ އެއަރ ޕޯޓެއްގެ ގޮތުގައި ހުޅުވައި ދެއްވީ ރައީސް ޢަބްދުﷲ ޔާމީނެވެ. ކައްދޫ އެއަރޕޯޓް "އިސްކަންދަރު ވައިގެ ބަނދަރު" ނަމަށް ބަދަލުކުރެއްވި ނަމަވެސް މަދަނީ ވައިގެ ދަތުރުތަކަށް އައީ ކުރިއެކޭ އެއްގޮތަށް ކުރަމުންނެވެ.

އެއަރ ކޯރ އުފެއްދެވުން

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ވައިގެ ދިފާޢުއަށް ޒިންމާވާ ކޮމްބެޓް އެންޑް މެނޫވަރ ފޯސްއެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މިއީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ދިވެހި ސިފައިން ހިންގަންޖެހޭ އެންމެހާ ވައިގެ އޮޕަރޭޝަންތައް ހިންގުމަށް ޓަކައި އުފެއްދެވި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އުފައްދަވައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢާރަފުކޮށްދެއްވާފައެވެ. މިއީ ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ވައިގެ ވަޞީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސާރވެއިލަންސް އޮޕަރޭޝަންތައް ހިންގުމަށް ސިފައިންނަށް މިހާތަނަށް ލިބިގެންދިޔަ އެންމެ ޒަމާނީ ޤާބިލުކަމެވެ. އެމްއެންޑީއެފް އެއަރ ކޯރ އުފައްދަވައި އެ ސަރވިސްގެ ކޮމަޑާންޓެއްގެ ގޮތުގައި އައްޔަން ކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޢޫފެވެ.

އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާހުކުރުމާއި ސިފައިންގެ ޚިދުމަތަށް ޔޫއޭވީ ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވިއެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ޚިދުމަތުގެ ތާރީޚެއް އޮތް ނަމަވެސް އޭގެ ތެރެއިން ގިނަ ދުވަސްތަކެއްގައި މި ޚިދުމަތް ދެމުން އައީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެން. މިގޮތް ބަދަލުކުރެއްވުމުގެ ސިޔާސަތަކާއެކު ވަޑައިގެން، ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހީން އަމިއްލަ ފައިމައްޗަށް ތެދުވާންޖެހޭކަމަށް ވިދާޅުވެ، ދިވެހި އަސްކަރިއްޔާގައި އެއަރ ކޯރ އުފެއްދެވުމުގެ އެންމެ އިސް މޭސްތިރިއަކީ ޢިއްޒަތްތެރި ކޮމާންޑަރ އިން ޗީފް. ޒަމާނީ ވަސީލަތްތަކާއެކު ޔޫއޭވީ ހޯއްދަވައިދެއްވައި، ސިފައިންގެ އަސްކަރީ ޤާބިލުކަން މިއަދު މިވަނީ އެތައް ގުނައެއް މައްޗަށް ޖައްސާލަދެއްވާފައި. މިއީ ޤައުމީ ސަލާމަތަށް ލިބިގެންދާ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއްކަން ކަށަވަރު. ޤައުމުގެ ދިފާޢުއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ރޭގަނޑާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކޮމާންޑަރ އިން ޗީފަށާއި ޢިއްޒަތްތެރި ދިފާޢީ ވަޒީރަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން."

  • ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *