Support Us

ޝަހީދު އަލިރަސްގެފާނު ވާހަކަ

ޝަހީދު އަލިރަސްގެފާނުގެ މި ވާހަކަ މި ލިޔަނީ އަލްޤާޟީ ޙަސަން ތާޖުއްދީން ލިޔުއްވި "ތާރީޚު އިސްލާމި ދީބާ މަޙަލް"ގައި އޮތްގޮތަށެވެ. ޢަލީ ރަސްގެފާނުގެ ވާހަކަ ތާޖުއްދީން ލިޔުއްވަން ފައްޓަވާފައިވަނީ އަބޫބަކުރު ރަސްގެފާނު އަވަހަރާކޮށްލި ހިސާބުންނެވެ.

"މީގެ ދެ އަހަރު ފަހުން ރަސްކަމަށް އިސްވެވަޑައިގަތީ ވަޒީރުލްއަޢުޡަމް ޢަލީއެވެ. މިއީ ޢަބްދުއްރަޙުމާނުގެ ދަރިކަލުންނެވެ. މި ރަސްގެފާނުގެ މަންމާފުޅަކީ ފެރިދޫ ކަނބައިދި ކިލެގެ ގެ ދަރިކަނބަލުންނެވެ. މި ރަދުންގެ ކޮލީ ނަންފުޅަކީ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. ރަސްކަން ކުރެއްވީ ދެ މަހާއި ފޮއި ދުވަހުއެވެ."

ޙަސަން ތާޖުއްދީން "މީގެ ދެ އަހަރު ފަހުން" ކަމަށް ލިޔުއްވާފައި އެވަނީ ހިޖުރީ ސަނަތުން 963 ވަނަ އަހަރު އައްސުލްޠާން އަބޫބަކުރު (2ވަނަ) އަވަހާރަކޮށްލުމާ ހަވާލާ ދެއްވައެވެ. އެހެންކަމުން އަލިރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 965 ވަނަ އަހަރު (މީލާދީން 1558 ވަނަ އަހަރު) ގައެވެ. އަލިރަސްގެފާނުގެ ބައްޕާފުޅަކީ ޔަމަންކަރައިގެ އައްސައްޔިދު ޢަބްދުއްރަޙުމާނު ދޮށިމޭނާ ކިލެގެފާނު ނުވަތަ އަލްވަޒީރުލް އަޢުޡަމް ޢަބްދުއްރަޙުމާނެވެ. މަންމާފުޅަކީ އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެއެވެ. ރަސްކަން ކުރެއްވި މުއްދަތުގައި ދެމަހާއި ފޮއި ދުވަހޭ އޮތުމުން އަލިރަސްގެފާނު ރަސްކަން ކުރެއްވީ 2 މަހާއި 15 ދުވަހުގައިކަން އެނގެއެވެ. ފޮއި ދުވަހަކީ މަހެއްގެ ދެބައިކުޅަ އެއްބައި ނުވަތަ 15 ދުވަހެވެ.

"ލައުނަތް ލެއްވިގެންވާ ފަރަންޖީ ނަޞާރާއިންނާ މި ރަސްގެފާނު ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގަތީއެވެ. މި ރަސްގެފާނާއި މުލްޙިދު ނަޞާރާއިންނާ ދެމެދު ހަނގުރާމަ ހިނގި ސަބަބެއް ކަމުގައި ބުނެވެނީ، ޣައިރުދީނަށް އެނބުރިވަޑައިގެން ގޯވާއަށް ވަޑައިގަތް ޙަސަން ރަސްގެފާނު ކަމުގައެވެ."

 

 

އަލިރަސްގެފާނު ޝަހީދުވެވަޑައިގަތީ މިހާރުގެ އިންޑިއާގެ ގޯވާގައި ތިބި ޕޯޗުގީޒުންގެ ލަޝްކަރެއް މާލެ ހިފަން އައުމުން އެ ލަޝްކަރާ ދެކޮޅަށް ޖިހާދުކުރައްވައެވެ. އޭރު ދިވެހިރާއްޖެ މި ހިމެނޭ ސަރަޙައްދުގައި އޮތީ ޕޯޗްގީޒުންގެ ބާރެވެ. އެ މީހުން އިންޑިއާ ކަނޑަށް އައިސް ތިބި މައިގަނޑު އެއް މަގުސަދަކީ ކްރިސްޓިއަން ދީން ފެތުރުމެވެ. ޕޯޗްގީޒުންގެ ބަހަށް ހެއްލި، ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވި ނުވަވަނަ ޙަސަން ރަސްގެފާނު އިންޑިއާގެ ކޮއްޗޭއަށް ވަޑައިގެން ކްރިސްޓިއަން ދީނަށް ވަދެވަޑައިގަތެވެ. އަދި ފަހުން ގޯވާއަށް ދަތުރުކުރައްވައި އެ ދީނުގެ މަތީ ޚާންދާނުގެ ބޭފުޅަކާ ކައިވެނިބައްލަވައިގަތެވެ. ނުވަވަނަ ޙަސަން ރަސްގެފާނު ރާއްޖެއިން ބޭރަށް ވަޑައިގެން އިސްލާމްދީން ދޫކޮށް މުރުތައްދުވުމުން އެއީ ދިވެހީންގެ ރަސްކަލެއްކަމަކަށް ދިވެހީން ގަބޫލެއް ނުކުރިއެވެ. ދިވެހީން ގަބޫލުކުރީ އިސްލާމް ދީނާއެކު ދިވެހީންގެ ރަސްކަންވެސް އެ ރަދުން ދޫކޮށްލެއްވީ ކަމަށެވެ. އަލިރަސްގެފާނު ޝަހީދުވެވަޑައިގެން ހަނގުރާމަ ކުރައްވަން ޖެހިވަޑައިގެންނެވި ސަބަބަކީ ނުވަވަނަ ޙަސަން ރަސްގެފާނު ކަމުގައި ޙަސަން ތާޖުއްދީން ލިޔުއްވި ސަބަބު ވަނީ ކަން ހިނގިގޮތާއެކު ބަޔާންކޮށްދެއްވާފައެވެ.

"މި ކަން ހިނގި ގޮތަކީ، ޙަސަން ރަސްގެފާނު ދައުލަތުގެ ވަޒީރުންނާއި މަތީފަންތީގެ ބޮޑުންނަށް ދީނުން ބޭރު ވެވަޑައިގެން މުރުތައްދު ވެވަޑައިގަތުމަށް ގޮވާލެއްވީއެވެ. އަދި އެބޭފުޅުން މި މަގުފުރެއްދުމަށް އިޖާބަ ނުދެއްވުމުން ނަޞާރާއިންގެ ލަޝްކަރެއްގެ މައްޗަށް އެކުލެވޭ ބޮޑު ގުރާބެއް މާލެ ފޮނުއްވިއެވެ. އެއީ އެ ރަސްގެފާނުގެ ގޮވައިލެއްވުމަށް މުރުތައްދުވެ ވަޑައިގަތުމަށް އިންކާރު ކުރެއްވި ވަޒީރުންނާއި ބޮޑުން ގަދަ ބާރުން އެ ރަސްގެފާނު އަރިހަށް ގެންދެވުމަށެވެ. ފަހެ މިއުރެން މާލޭގެ ބަނދަރަށް އައިސް ވަޒީރުންނާއި ބޮޑުންނަށް އެންގީ ތިޔަބައި މީހުންގެ ރަސްގެފާނު ތިޔަބައިމީހުން ކޮއްޗެއަށް އައުމަށް އެދިވަޑައިގަނެއެވެ."

ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމްދީން ދޫކުރައްވައި މުރުތައްދުވެވަޑައިގަތް ހިމޭނުން ހުންނެވީއެއް ނޫނެވެ. ޕޯޗްގީޒުންނާއެކު ދިވެހިރާއްޖެ ކްރިސްޓިއަން ދީނަށް އެނބުރުމަށް މަސައްކަތް ފެށްޓެވީއެވެ. މި މަސައްކަތް ފެށީ ރައްޔިތުންގެ ވިސްނުމާއި ފިކުރު ބަދަލުކުރަން އެންމެ ފަސޭހަ ގޮތަކީ ޤައުމެއްގެ އެންމެ އިސް އަދި މަތީ ފަންތީގެ ބޭފުޅުން އެގޮތަކަށް އަނބުރާލައިގެންކަމަށް ބަލައިގެންނެވެ.

"އެހިނދު މާލޭގެ އަހުލުވެރިން މި މައްސަލައިގައި މަޝްވަރާކުރަން ފަށައިފޫއެވެ. އެންމެފަހުން އެ ބައިމީހުން ކަނޑައަޅައި އެއްބަސްވީ ދީނުން ބޭރުނުވުމަށާއި ކޮއްޗެއަށް ނުދިއުމަށާއި އިދިކޮޅު ކާފަރުންގެ ޖަމާޢަތާ ހަނގުރާމަކުރުމަށެވެ. އަދި އެއްވެސް ހާލެއްގައި އެބައި މީހުންގެ ދީން ބަދަލު ނުކުރުމަށެވެ. މިގޮތުގެ މަތިން ދިވެހި މުޖާހިދުން ފަރަންޖީނާ ޖިހާދުކޮށް ކާފަރުންތައް ތަޅައި ރޯނާ ގަންނަވައި އެބައިމީހުންގެ ހަތިޔާރުތަކާއި މުދާތައް ޣަނީމާކުރިއެވެ. މި މުޖާހިދުންނަކީ ފަހުން ރަސްކަމަށް އިސްވެވަޑައިގަތް އަބޫބަކުރު ރަސްގެފާނާއި ޢަބްދުއްރަޙުމާނުގެ ދަރިކަލުން ޢަލީ ރަސްގެފާނާ އެބޭފުޅުންނަށް ތަބާވީ މީހުންނެވެ."

ދިވެހި ދައުލަތުގެ ވަޒީރުންނާއި މަތީފަންތީގެ ބޮޑުން ކްރިސްޓިއަން ދީނަށް ވަދެވަޑައި ނުގަތުމުން ޕޯޗްގީޒުން މަސައްކަތް ކުރީ ލަޝްކަރު މާލެ ފޮނުވައިގެން ގަދަބާރުން އެ ބޭފުޅުން ރާއްޖެއިން ބޭރަށް ގެންދިއުމަށެވެ. ދުނިޔޭގެ ދަޅަ ދައްކައިގެން އެ ބޭފުޅުން ހެއްލުމަށެވެ. ނޫނީ އެ ބޭފުޅުން ރާއްޖެއިން ބޭރަށް ގެންގޮސް ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށެވެ.

"އަނެއްކާ ވެސް ކޮއްޗޭގައި އުޅޭ ނަޞާރާ ފަރަންޖީން އެބައި މީހުންގެ ލަޝްކަރެއް މާލެއާ ތޮޅުމަށް ފޮނުއްވިއެވެ. މިފަހަރު ވެސް ބަލިގެން މޫނު އަނބުރައިލަން ޖެހުނީ ފަރަންޖީންނަށެވެ. އެބައި މީހުންގެ ސިލޭހަތަކާއި މުދާތަކާއި އަރައިގެންއައި ނައު ވެސް ދިވެހިންނަށް ޣަނީމާ މުދަލެއްގެ ގޮތުގައި ލިބުނީއެވެ. ދެން ވެސް އަދާވާތްތެރިން މަޑުމަޑުން ތިބީއަކީ ނޫނެވެ. އަދި ކިއެއްތަ، ތިންވަނަ ފަހަރު ވެސް ހަނގުރާމައިގެ ހަތިޔާރުތަކާއި ފަރަންޖީ ނަޞާރާ ފަހުލަވާނުން ލައި ބަރާކޮށްފައި އޮތް ގުރާބުތަކެއް ދިވެހިރާއްޖެ ހިފުމަށް ފޮނުވީއެވެ."

ދިވެހީން ކްރިސްޓިއަން ދީނަށް ނުވަނުމުން ދިވެހިރާއްޖެ ހިފުމަށް ޕޯޗްގީޒުން ތިންފަހަރެއްގެ މަތީން ރާއްޖެ އައިކަމާއި، އެ މީހުންނަށް ރާއްޖެ ހިފުނީ ތިންވަނަ ފަހަރުގައިކަމަށް ޙަސަން ތާޖުއްދީނު ވަނީ ލިޔުއްވާފައެވެ. އަދި ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައި އަލިރަސްގެފާނު ބައިވެރިވެވަޑައިގެންފައިވަނީ ރަސްކަމުގައި ހުންނަވައިގެން އެކަނި ނޫންކަން މި ވާހަކައިން އެނގެއެވެ. އަލިރަސްގެފާނަކީ ދީނާއި ޤައުމަށް ޓަކައި ރަސްކަމުގެ ކުރިން ވެސް ޖިހާދުކުރައްވައި، ކާމިޔާބާއި ނަޞްރު ހޯއްދަވާފައިވާ ހިތްވަރުފުޅު ގަދަ ނަމޫނާ އިސްވާރެކެވެ. މި ޤައުމު ދެކެ ނުހަނު ލޯބިފުޅުވީ ޤައުމީ ބަޠަލެކެވެ.

"މި ގުރާބުތަކުގެ ކައްޕިތާނަކަށް ހުރީ އަދިރިއަދިރި ނަމަކަށް ކިޔާ މީހެކެވެ. މި ބައި މީހުން ރާއްޖެ ފޯރި އިރު ޢަލީ ރަސްގެފާނުގެ ވެރިކަމަށްވީ ދެމަހާއި ފޮއި ދުވަހެވެ. ދެން ފަހެ މި ފަރަންޖީންތައް ހަތިޔާރުތަކާއި ބަޑިތަކައިގެން މާލޭގެ ހުޅަނގުފަރާތު އަތިރިމައްޗަށް ފައިބައްޖައޫއެވެ. އެ ހިނދު ޢަލީ ރަސްގެފާނު ކަނޑިއާއި ދުނިދަނޑިއާއި ތީރު އެޅި ބޮޑު ލަޝްކަރައިގެން ފަރަންޖީންތަކާ ހަނގުރާމަ ކުރެއްވުމަށް ނުކުމެވަޑައިގެންފިއެވެ. އޭރު ޢަލީ ރަސްގެފާނު ހުންނެވީ ތޫނު ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން ލަޝްކަރުގެ އެންމެ ކުރިއަށް ނުކުމެވަޑައިގަނެއެވެ. ދެންފަހެ ޢަލީ ރަސްގެފާނު ޢީދު މިސްކިތް ހުރި ހިސާބަށް ކައިރިވެވަޑައިގެންފައި އެ ރަސްގެފާނުގެ ލަޝްކަރާ ދިމާއަށް އެނބުރި ވަޑައިގެން ފަސް ބައްލަވައިލެއްވިއެވެ. އޭރު އެބައިމީހުން ދުވެ ފިލަނީއެވެ. އެ ރަސްގެފާނުގެ އަރިހުގައި ހިތްވަރާއެކު ސާބިތުވެ ތިބީ ބޮޑުވަޒީރާއި ޚާދިމުން ކުރެ މީހެކެވެ. އެ ހިނދު ހިތްވަރުފުޅު ގަދަ މި ރަސްގެފާނުގެ އަރިހުގައި ދެ ފަހުލަވާނުންނައިގެން އަދާވާތްތެރީންގެ ބޮޑުވެގެންވާ ލަޝްކަރުގެ ކުރިމައްޗަށް ހަލުވިކަމާއެކު ނުކުމެވަޑައިގެންފިއެވެ. މީގެ ތިން ބަޠަލުން ހިތްވަރުގަދަ ސިންގާތަކެއް ފަދައިން ދުޝްމިނުންގެ ހަމަލާތަކާ ކުރިމަތި ލެއްވީ ބިރުގެ ކަންފުޅެއް ވެސް ނެތިއެވެ."

އަލިރަސްގެފާނުގެ ޝަޚްޞިއްޔަތާއި، ހަނގުރާމައަށް ނުކުމެވަޑައިގެންނެވި ގޮތް ޙަސަން ތާޖުއްދީނު ވަނީ ވަރަށް ރީތިކޮށް ސިފަކޮށްދެއްވާފައެވެ. އަލިރަސްގެފާނު ޖިހާދަށް ނުކުމެވަޑައިގެންނެވީ ވަރަށް ތޫނު ކަނޑިކޮޅަކާއި އައްޑަނަކޮޅެއް ހިއްޕަވައިގެންނެވެ. އަލިރަސްގެފާނުގެ ފަހަތްޕުޅުގައި ކަނޑިއާއި ދުނިދަނޑިއާއި ތީރު އެޅި ބޮޑު ލަޝްކަރެއް އޮތެވެ. އޭރު އަލިރަސްގެފާނު ހުންނެވީ އެ ބޮޑު ލަޝްކަރުގެ އެންމެ ކުރީގައެވެ. އާދޭހެވެ. ދީނާއި ޤައުމު ދިފާޢުކުރެއްވުމަށް ލަޝްކަރާ މަތިކުރައްވާފައި ކުޅިބައްލަވަން ހުންނެވީއެއް ނޫނެވެ. ލަޝްކަރައިގެން ޤައުމުގެ ދިފާޢުގައި ކުރީގައި ހުންނަވައި ނުކުމެވަޑައިގެންނެވީއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު އެ ބޮޑު ލަޝްކަރު ދުވެ ފިލާ މަންޒަރު ފެނިވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެ ރަދުންގެ އީމާންތެރިކަމަކަށް، ޢަޒުމަކަށް ގުޑުމެއް ނޭރިއެވެ. ސާބިތުކަމަށް ބަދަލެއް ނައެވެ. ނިންމެވީ ގިނިކަންޏާ ވިޔަސް ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށެވެ. އަލިރަސްގެފާނާއި އަރިހުގައި ތިއްބެވި ދެ ބޭފުޅުން ދުޝްމަނުންނާ ކުރިމަތިލެއްވީ ހިތްވަރުގަދަ ސިންގާތަކެއް ފަދައިންނެވެ. ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ވިލިނގިލީ ރައިވެރިބޭގެ ވާހަކައެއް ނެތެވެ. އެ ވާހަކަ އޮންނަނީ ތުންތުންމަތިން ކިޔެމުން އަންނަ ފޯކުލޯރުގައެވެ.

"ފަހެ ނުލަފާ ކާފަރުންތަކަށް މި ތިން ބޭފުޅުންގެ ހިތްވަރުފުޅާއި ޢަޒުމުފުޅުގެ ވަރުގަދަކަން ފެނުމުން އެއުރެންގެ ހިތަށް ބިރުވެރިކަމާއި ސިހުންތެރިކަން ވަނެއެވެ. އަދި އެ ބޭފުޅުންނާ ކުޑަތަންވެލުމަށް ވެސް އެބައިމީހުންކަމަށް ނުކެރުނެވެ. ދެންފަހެ އެބައިމީހުން އެ މީހުންގެ އަތުހުރި ބަޑިތަކުގެ އުންޑަތައް ވިއްސާރަ ވިލާގަނޑަކުން ވާރޭވެހޭ ފަދައިން ވިއްސާން ފަށައިފޫއެވެ. ދުޝްމަނުން ފޮނުވަމުންދިޔަ އުންތަކުންކުރެ އުންޑައެއް ޢަލީ ރަސްގެފާނުގެ ހަށިކޮޅަށް އަރައިގެން މި ރަސްގެފާނު ޝަހީދުވެއްޖެއެވެ. ހަމައެއާއެކު ވަފާތެރި ވަޒީރާއި ޚާދިމު ވެސް ދުޝްމިނުންގެ އުންޑަތަކުގެ ޝިކާރައަކަށް ވެ ޝަހީދުވެއްޖެއެވެ."

އަލިރަސްގެފާނާއި އެ ރަދުންގެ އަރިހުގައި ތިއްބެވި ދެ ބޭފުޅުންގެ ޢަޒުމާއި ހިތްވަރު ފެނިފައި ދުޝްމަނުންނަށް ފަހަތަށް ޖެހެން މަޖުބޫރުވިއެވެ. އެންމެފަހުން ކުރިމަތިލާން ނުކެރި ދުރުގައި ތިބެގެން ބަޑިން ހަމަލާދޭން ފެށީއެވެ. އަލިރަސްގެފާނާއި އަނެއް ދެ ބަޠަލުން ވެސް ޝަހީދުވެވަޑައިގަތީ ދުޝްމިނުން ދިން ބަޑީގެ ހަމަލާތަކުން ވަޒަން އަރައިގެންނެވެ. ދުޝްމިނުންނަށް މާލެ އެރުނީ އޭގެ ތިން ބަޠަލުން ޝަހީދުވެވަޑައިގެން ފަހުންނެވެ.

"ދެން ކާފަރުންތައް ރަށުތެރެއަށް ވަދެ ދިވެހިރާއްޖޭގެ ވެރިކަން އަތުލައިފިއެވެ. މުސްލިމުންކުރެ ބަޔަކު ގޮޑުދޮށަށް ނުކުމެ ބަލައިއިރު ފެނުނީ ޢަލީ ރަސްގެފާނާއި އެ ރަސްގެފާނުގެ ދެ އެކުވެރީން ޝަހީދުވެގެން ބިންމައްޗަށް ވެއްޓިވަޑައިގެންފައި ވަނިކޮށެވެ. ދެން ފަހެ އެބައި މީހުން އެ ބޭފުޅުން ޝަހީދުވެ ވެއްޓިވަޑައިގަތް ތާނގައި ފަސްދާނުލައި މަހާނައިގެ ވަށައިގެން ފާރެއް ފަދައިން އުސްކޮށް ގާޖެހިއެވެ. އޭރު އެ ފާރު ވަށައިގެން އޮތީ މޫދެވެ. އެ ބޭފުޅުން ފަސްދާނު ލެވިފައިވާ ތަނަކީ ރަސްރަސްކަލުންނާއި އެންމެހައި މީސްތަކުން ޒިޔާރަތްކޮށްއުޅޭ ތަނެއްކަމުގައި ވިއެވެ."

އަލިރަސްގެފާނާއި ހިތްވަރުގަދަ އަނެއް ދެ މުޖާހިދުން ޝަހީދުވެވަޑައިގަތުމުން ދުޝްމިނުން މާލެއަށް އަރައި ވެރިކަން ކުރަންފެށީއެވެ. އަލިރަސްގެފާނާއި އަނެއް ދެ ބޭފުޅުން ވެސް ޝަހީދުވެގެން ވެއްޓިވަޑައިގެން ގޮތަށް އޮތީއެވެ. އެތަން ފެނުނު ބަޔަކު އެ ބޭފުޅުން އެ ތަނުގައި ފަސްދާނު ލީއެވެ. ޙަސަން ތާޖުއްދީން ސިފަކޮށްދެއްވާފައިވާ ގޮތުން ގަބޫލުކުރެވެނީ އެ ބޭފުޅުންގެ ހަށިކޮޅުތައް ފެނުނީ ފަޅުމަތީގައި ހިކިފައި އޮތް ވެލިގަނޑެއް ނުވަތަ މާޑެއްގެ މަތީންކަމަށެވެ. އެތަނުގައި ފަސްދާނުލައި ވަށައިގެން ފާރެއްހެން އުސްކޮށް ގާޖަހައި ފަހުން ޒިޔާރަތް ހެދީއެވެ. މާލޭގެ ހުޅަނގުކޮޅު ހިއްކައި އަލިރަސްގެފާނުގެ ޒިޔާރަތް މާލޭގެ ރަށުތެރެއަށް ވަނުމުގެ ކުރިން އެ ޒިޔާރަތް ހުރީ މާލެއިން ޒިޔާރަތަށް ދެވޭގޮތަށް ގަލުންހަދައި ވެލި އަޅާފައިވާ ގާފާލަމަކުން ގުޅާލާފައެވެ.

 

ހަވާލާ:

އަލްޤާޟީ ޙަސަން ތާޖުއްދީން. (2020). ތާރީޚު އިސްލާމި ދީބާ މަޙަލް. ދިވެހިބަހުގެ އެކެޑަމީ.

 

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *