...

Support Us

ހިލާލީ ރަދުން ލަންދުއަށް ފޮނުވާލެއްވި ގޮތް 

"ހަނދޭގިރިން ހެނދުނުގެ ނާސްތާ ކުރައްވައިގެން ހިލާލީކަލޯގެ ގެއަށް ދުރުވިއިރު ހިލާލީކަލޯގެ ދިހަބާރަ ވަރަކަށް އަހަރުގެ ޙަސަނު އިނީ ހެނދުނު ކާށެވެ. ކައި ނިމުނީމާ ވައިޖައްސާލާން ދާން ހިނގާށޭ ބުނުއްވާފައި އެ ސޮރު ގޮވައިގެން މާލޭގެ އުތުރު ފަރާތު އަތިރިމައްޗަށް ނިކުންނެވިއެވެ. އޭރު އޮޑިއެއް މާލޭ ފަޅަށް ވަންނަނީއެވެ. ހަނދޭގިރިން ގޮވާލެއްވިއެވެ. ކޮން އޮޑިއެއް ހެއްޔެވެ. އޮޑިން ގޮވާލިއެވެ. ލަންދޫ ގޮއިއޮޑިއެވެ. ހަނދޭގިރީން ގޮވާލެއްވިއެވެ. އޮޑިނާޅާ މި ޙަސަނު ގޮވައިގެން ލަންދުއަށް ދާށެވެ. ހަތަރު އަހަރުގެ ވާރު ސަރުކާރުގެ މައިފަތުން (ބޮޑު ފޮތުން) ކަނޑާލަދެއްވާނަމެވެ. ދެން އެ އޮޑީގެ މީހުން ހިލާލީކަލޯގެ ޙަސަނު ގޮވައިގެން ލަންދުއަށް ހިނގައްޖެއެވެ."

ތުންތުންމަތިން ވާރިދުވެފައިވާ ވާހަކަ (ފޯކުލޯރު) ގައި ކިޔާގޮތުން މި ޙަސަނަކީ އައްސުލްޠާން ޙަސަން އަލްހިލާލީ އެވެ. އެއީ މީލާދީން 1388 އިން 1390 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. މި ރަދުންގެ ބައްޕައަކީ ހިލާލީ ކަލޯއެވެ. މަންމަ އަކީ ގޯޅާވެހި ކަނބުލޯ އެވެ. މި ދެމަފިރިންނަކީ މަލަބާރުކަރައިން ނުވަތަ ޔަމަނުކަރައިން ރާއްޖެ އައިސް ހުޅުލޭގައި ވަޒަންވެރިވެގެން އުޅުނު ބައެކެވެ. އޭރު ރަސްކަމުގައި އިންނެވީ ފެހެންދޫ އުސްމާނު ރަސްގެފާނެވެ. އެ ރަދުންގެ އަރިހުގައި އެންމެ ބާރުގަދަ ވަޒީރަކީ ނިޞްފު ހަނދޭގިރީންނެވެ. މިއީ "ގުރަހަލި އެއްކުރާވަރުގެ ބޮޑު ނަކަތްތެރިއެކެވެ." ފާލުބަލައި އިރުވަރުބަލާން މޮޅު ކަންވެރިއެކެވެ.

ހިލާލީކަލޯގެ ދެމަފިރިން ހުޅުލޭގައި ދިރިއުޅެން ދަތިވެގެން މާލެއައިސް މާލޭގައި ވަޒަންވެރިވީއެވެ. މިކަމަކީ ހަނދޭގިރިންނަށް އެނގުނު ގޮތުގައި އުސްމާނު ރަސްގެފާނުގެ ރަސްކަމަށް ލޮޅުން އަރާނެކަމެކެވެ. އެހެން ދަންނަވަމުން ގެންދަނިވަނިކޮށް ރަދުން އެ ދެމަފިރިން މާލޭގައި ވަޒަންވެރިވުމުގެ ހުއްދަ ދެއްވިއެވެ. އެ ދެމަފިރިންގެ ފަގީރުކަމުންނާއި ނިކަމެތިކަމުންނެވެ.

މާލޭގައި ވަޒަންވެރިވިތަނާ ހިލާލީ ކަލޯގެ އަންހެނުން އެއް މާބަނޑު ދެ ފިރިހެން ކުދިން ވިހެއެވެ. އެއް ކުއްޖެއްގެ ނަމަކީ ޙަސަނެވެ. އަނެއް ކުއްޖާގެ ނަމަކީ ޙުސައިނެވެ.

މި ދެކުދިން ދުނިޔޭގައި ތިބެ ބޮޑުވެއްޖެނަމަ އުސްމާނު ރަސްގެފާނުގެ ރަސްކަން ނިމުމަކަށް އަންނާނެކަން ހަނދޭގިރީންނަށް އެނގިލައްވާތީ އެކަން ވިޔަނުދޭން ވަރަށް މަސައްކަތް ކުރެއްވިއެވެ. ރަދުންނަށް އެ ވާހަކަ ދަންނަވަމުން ގެންދެވިއެވެ. މިގޮތުން ރަސްގެފާނުގެ ރުހުން ހޯއްދަވައިގެން ހިލާލީކަލޯގެ ދެ ދަރިންގެތެރެއިން ދޮށްޓަށް ހުރި ޙުސައިން އަތުލައިގެން ތުއްތު އިރުންސުރެ ގެންގުޅެ ބޮޑުކުރީ ގޭގައި ބަހައްޓައިގެން ހަނދޭގިރިންނެވެ. ދިހަބާރަ އަހަރަށް އަޅައިގަތީމާ ރަދުންނަށް ދަންނަވައިގެން ޙަސަނު މާލެއިން ބޭރަށް ފޮނުވާލެއްވީއެވެ.

ލަންދޫގައި ހިލާލީ ކަލޯގެ ޙަސަން ހުންނަތާ ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. އެއްރެއަކު ނިދަން އުޅެއުޅެ ނިންޖެއްނައެވެ. މަކުނު ހަފާހެން ހީވެއެވެ. ހޫނުވާހެން ހީވެއެވެ. އެންމެފަހުން ފުންމައިގެން ތެދުވެ ފިނިކޮށްލަން ރަށްދަށު ފަރާތަށް ނިކުމެއްޖެއެވެ. އަތިރިމައްޗަށް ނިކުންއިރު ދެކުނބަށް ރިޔާނަގައި ބަނދެފައި ހުރި ބޮޑު ނަވެއް ރަށަށް އަރާން އަންނަނީއެވެ. އެ ނައު އެއަންނަގޮތަށް އަންނަ ނަމަ ރަށަށް އަރާނެކަން ޔަގީންވުމުން ޙަސަނު ފަތާފައި ގޮސް އެ ނަވަށް އަރައި ނައު ހައްޔަރުކުރި އިރު އެ ނައުގައި އެއްވެސް މީހަކު ނެތެވެ. ނައުގައި ހުރީ ގޯނިގޯންޏަށް އަޅާފައިހުރި ވެލި ރަނެވެ. ދެން ހުރީ ބޮޑު ފޮށްޓެއް ފުރެންދެން ހުރި ޖަވާހިރާއި އެންމެ މޮޅު ރަނެވެ.

ޙަސަނު ހިތަށް އެރިއެވެ. އަހަރެން ކީއްކުރާނެ ރަނެއް ހެއްޔެވެ. އުސްމާނު ރަސްގެފާނަށް މި ރަންތަކާ ނަވާ ވެދުމަށް އަރުވާނީއެވެ. އެހެން ހިތާ ލަންދޫގެ އެއްފުރައިގެ ކުދިންކޮޅަކަށް ހިފޭވަރަށް ރަން ދީގެން ނަވައިގެން މާލެއައެވެ.

ފޯކުލޯރުގައި ކިޔާގޮތުން ޙަސަނު މާލެ އައިސް ފެހެންދޫ އުސްމާނު ރަސްގެފާނު ރަސްކަމުން ދުރުކޮށް، ކޮޅުމަޑުލު ގުރައިދުވަށް ފޮނުވާލީއެވެ. އަދި އައްސުލްޠާން ޙަސަން ސިރީ ބަވަނަ މަހާރަދުންގެ ނަންފުޅުގައި ރަސްކަމަށް އިސްވެވަޑައިގަތީއެވެ. ރާއްޖޭގައި ރަސްކަންކުރި ދަރިކޮޅުތަކުގެ ތެރެއިން ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުނީ މިހިސާބުންނެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.