Support Us

ކޮލަމް ދިވެހި: ކަނދިމަހުގެ ހަނދާންތަކުގެ ތެރޭން ލިބޭ އިޝާރާތެއް 

ދިވެހީން ކަނދިމަހޭ ކިޔަނީ ހިޖުރީ ސަނަތުގެ މުޙައްރަމް މަހަށެވެ. އެ މަހަށް އެހެން ކިޔުނީ، ކޮންމެ އަހަރަކު ވެސް، އެ މަހުގެ ނުބަ ވަނަ ދުވަހާއި، 10ވަނަ ދުވަހަކީ، ގޭގޭގައި ކަނދިކައްކައި، ނިކަމެތީންނަށް ބަހައި، ޞަދަޤާތްކޮށް، ހެޔޮ ފޯރުވައި އުޅޭ ދެ ދުވަސްކަމުގައި ވާތީ އެވެ.

ކަނދިމަހުގެ ނުބަ ވަނަ ދުވަހަށް އިސްލާމީ ތަޢުލީމުގައި ތާސޫޢާ ދުވަހޭ ކިޔައެވެ. ދިހަ ވަނަ ދުވަހަށް ޢާޝޫރާ ދުވަހޭ ކިޔައެވެ. ޢިލްމުވެރީންގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި ތާސޫޢާ މި ލަފުޒު ނެގިފައިވަނީ ޢަރަބި ބަހުގެ "تسعة" މި ލަފުޒުންނެވެ. މާނައަކީ ނުވައެކެވެ. ޢާޝޫރާ ނެގިފައިވަނީ ޢަރަބި ބަހުގެ "عشرة" މި ލަފުޒުންނެވެ. މާނައަކީ ދިހައެކެވެ. ތާސޫޢާ ދުވަހާއި، ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ތަންކޮޅެއް ހަރުކުލައިގެ ދުވަސްވީ ދިވެހީން އޭރު ވަރަށް އިސްކަންދިން ކަމެކެވެ.

މި މަޒުމޫނުގެ ބޭނުމަކީ ދިވެހީންގެ ދީނީ ސަގާފަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވޭ، ބައެއް އިސްލާމީ ޠަރީޤާގެ މައްޗަށް އިތުރަށް ފިކުރު ހިންގަވައިލެއްވުމަށް ތިޔަ ބޭފުޅުންނަށް ދަޢުވަތު އެރުވުމެވެ. ފަހަރެއްގައި ވެސް ދިވެހީންގެ އެއްވެސް އާދަކާދައެއްގެ ހެޔޮނުބައި ކަނޑައަޅައި، ޙުކުމްކުރުމެއް ނޫނެވެ.

ކަނދިދުވަހުގެ ސަގާފަތް އަޅުގަނޑު ދުށީ ތޮއްޑޫންނެވެ. ތޮއްޑޫ މީހުން ކިޔައި އުޅުނު ގޮތަށް ނަމަ، ކަނދިމަހުގެ ނުވަ ވަނަ ދުވަހަކީ ލޮނުކަނދި ދުވަހެވެ. ދިހަ ވަނަ ދުވަހަކީ ފޮނިކަނދި ދުވަހެވެ.

ދުވަސްވަރަކީ ތަދު ދުވަސްވަރެކެވެ. ކާންބޯން ނުލިބޭ ދުވަސްވަރެކެވެ. ނަމަވެސް ދީނުގެ ކަންކަމުގެ ނަމުގައި ދަސްވެފައި ހުންނަ ކަންކަމަށް މީހުން ވަރަށް ކަމޭ ހިތި ދުވަސްވަރެކެވެ. މި ގޮތުން ކަނދި ދުވަހަށްޓަކައި ދުރާލައި ކެއްކޭނެ ތަކެތި އެއްކޮށް ރައްކާކުރެއެވެ.

ލޮނުކަނދި ދުވަހަކީ ރިހަބަތުގެ ދުވަހެކެވެ. އެ ދުވަހަށް ލޮނުކަނދި ދުވަހޭ ކިޔެނީ ވެސް އެހެންވެގެންނެވެ. ފަހަރެއްގައި ވެސް، ފުރެއްދެ އޮށްލޮނުގައި ކަނދިކައްކާތީއެއް ނޫނެވެ.

ޞަލަވާތްފުޅަށް ވަތްކުރުން

މެންދުރު ނަމާދުން ފައިބަންވާ އިރަށް، ކޮންމެ ގެޔެއްގައިހެން ޞަލަވާތްފުޅަށް ވަތްކޮށްފައި ހުރެއެވެ. މޭޒުމަތީ އާންމުކޮށް ހުންނަނީ ހިކިރިހަޔާއި ބަތެވެ. ދޮންކޭލެވެ. ބައެއް ގޭގައި ބަނބުކޭލު ސަންނެއްޓި، ކަނޑުކުކުޅު ފަދަ ރިހަތައް ވެސް ހުރެދާނެއެވެ. އޭގެ އިތުރަށް ކަނދި ހުރެއެވެ. ކުކުޅު ކަތިލުމެއް ނޯވެއެވެ. ނުވަވަނަ ދުވަހާއި ޚިލާފަށް 10ވަނަ ދުވަހަކީ މުޅީން ފޮނިކަނދީގެ ދުވަހެކެވެ.

ޞަލަވާތްފުޅަށް އެރުން

ކަނދިދުވަހު މެންދުރު ނަމާދަކީ ބައެއް ކުޑަކުދީންނާއި ޒުވާން ކުދިން ވަރަށް ކުރާހިތުން ކުރާ ނަމާދެކެވެ. އެ ނަމާދުގައި ދެ ރަކްޢަތް ލެއްވި ނަމަ، ކިހާ ރަނގަޅު ވީސްހޭ އެ ފަދަ ކުދީން ހިތަށް އެރާނެ ތޯއްޗެކެވެ. އެތައް މަހެއް ވަންދެން އިމާމާ ގޮވި ބަންގީގެ އަޑު ނީވުނު ކަންފަތްތަކަށް ވެސް، އެ ދުވަހު މެންދުރު ބަންގި މާ ކުރިން އިވޭ ކަހަލައެވެ. ކޮންމެޔަކަސް ނަމާދުން ސަލާން ދިނުމާއެކު ދެން އޮންނަނީ ޞަލަވާތްފުޅު ކިޔަވާން އެއްގޭން އަނެއް ގެޔަށް ހިނގުމެވެ. ސުފުރާތަކަށް އިންސާފުކުރުމެވެ. ދުވަސްވަރަކީ ހައިހޫނުކަމުގެ ދުވަސްވަރެއްކަމުން ޒުވާނުންނާއި ކުޑަކުދީންނަށް މިއީ އުފަލެކެވެ. ގޭގެޔަށް ކަނދި ލިބުމަކީ ދިރުމެކެވެ.

ކަނދިދުވަހުގެ ވާހަކަ އަޅުގަނޑު ދުށް ގޮތަށް މި ބަޔާންކުރީ މި ވާހަކައިގެ ތެރޭން އެހެން ކުރިޔެއް ފަޅާހެން ހީވާތީއެވެ. އެ ކުރިޔަކީ ތާރީޚީ ކުރިޔެކެވެ. ކަނދީގެ ސަގާފަތް ގުޅެނީ އިސްލާމީ ކޮން ސަގާފަތަކާ ބާވައެވެ؟ ކޮން ޙަޟާރަތަކާ ބާވައެވެ؟ ތުރުކީ ވިލާތާ ގުޅޭކަމަށް ވެއެވެ. ފާރިސީންނާ ގުޅޭކަމަށް ވެއެވެ. މިހާރުގެ އިރާނުގައި ހިމެނޭ އަޒޭރީންނާ ގުޅޭކަމަށްވެއެވެ.

އެހެންކަމަށް ވާ ނަމަ، އަދި އެހެން ވާހަކައެކެވެ.

ކަނދިދުވަހެކޭ އެއް ވަރަށް އިހު ދިވެހީން އިސްކަން ދިން އަނެއް ދުވަހަކީ ރަބީޢުލްއާޚިރު މަހުގެ 10ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ޢަބްދުލްޤާދިރުލްޖީލާނީގެފާނުގެ އަހަރުމަތިފުޅު ދުވަހުގެ ގޮތުގައެވެ. "ބޮޑުފާތިހާ ދުވަސް" މި ނަމުގައެވެ. އިމާމު ޢަބްދުލްޤާދިރުލްޖީލާނީއަކީ ހިޖުރައިން 6ވަނަ ޤަރުނުގެ ތެރޭގައި އުޅުއްވި، ފާރިސްކަރައިގެ ޖީލާން ކިޔާ ސަރަހައްދަށް އުފަންވެވަޑައިގަތް ޢިލްމުވެރިއެކެވެ. ޒާހިދު ތަޤުވާވެރި މާތް ބޭކަލެކެވެ. އަވަހާރަވީ ޢިރާޤުގެ ބަޣުދާދުގައެވެ. ތޮއްޑުއާއި ރާއްޖޭގެ އެހެން ވެސް ބައެއް ރަށްރަށުގައި ބޮޑު ކާދިރީ މަގު ކިޔާ މަގެއް ވެސް އޮވެއެވެ. (މިއީ އަދި ބަހުސެއް އޮންނާނެ ވަހަކައެކެވެ.)

ކޮންމެޔަކަސް، ކަނދިދުވަހުގެ އާދަކާދަތަކާއި، ބޮޑުފާތިހާ ދުވަހާއި، މި ފަދަ ކަންކަމުގެ ތަފުޞީލުތަކުން ދިވެހީންގެ ދީނީ ތާރީޚު އިތުރަށް ބަލައި ހޯދަން ހިތްވަރު ނުދޭތޯއެވެ؟