Support Us

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް ތިން ގައުމަކާ ގުޅާލައިފި

ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ އެތެރޭގެ ފްލައިޓްތައް ތިން ގައުމަކަށް ސީދާ އޮޕަރޭޓް ކުރަން ފަށައިފިއެވެ.

އިއްޔެ ފެށި މި ހިދުމަތުގެ ހާއްސަ ކަމަކީ އެ އެއާލައިނުން ދަތުރު ކުރާ އެތެރޭގެ 16 މަންޒިލް, ތިން ގައުމަކާ ގުޅުވައިލުމެވެ. އެ ގޮތުން މޯލްޑިވިއަންގެ ފްލައިޓްތައް މިހާރު ވަނީ ބަންގްލަދޭޝްގެ ވެރިރަށް ދާކާ އާއި އިންޑިއާގެ ބެންގަލޫރު އަދި ސްރީލަންކާގެ ވެރިރަށް ކޮޅުނބާ ގުޅުވާލައިފައެވެ.

"ތްރޫފެއާ"ގެ ނަން ދީފައިވާ މި ހިދުމަތުގެ ސަބަބުން ކޮންމެ މަންޒިލަކަށް ވަކިން ޓިކެޓް ނަގަން ނުޖެހުމަކީ މި ހިދުމަތުން ލިބޭ ފަސޭހައެކެވެ. އެ ގޮތުން ފަސިންޖަރުން ދާން ބޭނުންވާ ހުރިހާ މަންޒިލްތަކަށް އެއް އައިޓިނަރީއަކުން ހަމަޖައްސާލެވެއެވެ.

"މި ހިދުމަތުގެ ދަށުން ފަސް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ. އަދި އެތެރެއާއި ބޭރުގެ އުދުހުންތަކުގައި ދާގީނާ ކިރުމުގައި އެއް މިންވަރެއް ލިބޭނެ،" މޯލްޑިވިއަން ހިންގާ ދިވެހި ދައުލަތުގެ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ ތްރޫފެއާގެ ދަށުން އަވަސް ކުރިމަގެއްގައި އިންޑިއާގެ ކޮޗިން އާއި ތިރުވަނަންތަޕުރަމް (ޓްރިވެންޑްރަމް) ވެސް ރާއްޖޭގެ އެތެރޭގެ ޑޮމެސްޓިކް ދަތުރުތަކާ ގުޅުވާލާނެ ކަމަށެވެ.

ތްރޫފެއާގެ ހިދުމަތް ލިބޭނެ ވަސީލަތްތަކަކީ މޯލްޑިވިއަންގެ ވެބްސައިޓް www.maldivian.aero އާއި މޮބައިލް އެޕް އާއި ޓިކެޓް ވިއްކާ އޮފީސްތަކާއި އަދި ސޭލްސް އޭޖެންޓްތަކެވެ.