Support Us

އެބުނާ ޕަބްލިކް ސަރވިސް މީޑިއާ ރޭ ކޮބާ؟

ޕަބްލިކް ސަރވިސް މީޑިއާ (ޢާންމު ޚިދުމަތުގެ މީޑިއާ) އަކީ ޔުނެސްކޯއިން މާނަކުރާ ގޮތުގައި އެއީ "ރައްޔިތުން ރައްޔިތުންނަށް ޓަކައި އުފައްދައި މާލީ އެހީތެރިކަން ފޯރުކޮށްދީ، ކޮންޓްރޯލްކޮށް، މަޢުލޫމާތާއި ޚަބަރުފަތުރާ ޚިދުމަތެކެވެ. އެއީ ހަމައެކަނި ދައުލަތުގެ މިލްކެއް ވެސް އަދި ވިޔަފާރި އުޞޫލުން ހިންގާ ޚިދުމަތެއް ވެސް ނޫނެވެ. އަދި އެ ޚިދުމަތަކީ ސިޔާސީ ނުފޫޒާއި ވިޔަފާރީގެ ފިއްތުންތަކުން މިނިވަންވެގެންވާ ޚިދުމަތެކެވެ."

ދިވެހިރާއްޖޭގައި ވެސް ޕަބްލިކް ސަރވިސް މީޑިއާއެއް (އެ ނަމުގައި) ވުޖޫދުގައި އެބަ އޮތެވެ. އެ މީޑިއާގެ ދަށުން ޓީވީގެ އެތައް ޗެނަލްތަކަކާއި ރޭޑިއޯގެ ކިތަންމެ ޗެނަލްތަކެއްގެ ޚިދުމަތް ފޯރުކޮށްދެއެވެ. މި ޒަމާނުގެ ސުމޭކު މީޑިއާ ވެސް އިސްވެ ދެންނެވުނު ތަޢާރަފަށް ތަޠުބީޤުކުރެވޭތީ ސުމޭކު މަންސަތައް ވެސް ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާއިން ޤާއިމުކޮށްފައި އެބަހުއްޓެވެ.

ދިވެހިރާއްޖޭގެ "ޕަބްލިކް ސަރވިސް މީޑިއާ"އޭ ކިޔާ ޚިދުމަތަކީ ހަގީގީ ޕަބްލިކް ސަރވިސް މީޑިއާއެއްގެ ގޮތަށް ތަންފީޒުކުރާ ޚިދުމަތެއް ނޫންކަމަށް ވަރަށް ގިނަ ޢާމްނުން އަބަދު ވެސް ތުހުމަތުކުރެއެވެ. ސަރުކާރު ހިންގަވާން ކޮންމެ ބަޔަކު ތިއްބެވިޔަސް މިކަން އޮންނަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެއްގެ ގޮތުގައި ކަމަށް ވެސް ބުނެއެވެ.

މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަތީ އިޞްލާޙީ އެތައް ވަޢުދެއް ރައްޔިތުންނަށް ވެވަޑައިގަންނަވަމުންނެވެ. އެ ވަޢުދުތަކުގެ ތެރޭގައި މީޑިއާ މިނިވަންކުރައްވައި ދައުލަތުގެ މީޑިއާއަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ ހަގީގީ މާނައިގައި މިނިވަން (ޕަބްލިކް ސަރވިސް) ނިޒާމަކަށް ހައްދަވާނެކަމުގެ ވަޢުދު ހިމެނެއެވެ. ނަމަވެސް ފެންނަނީ އިހަށްވުރެ ބޮޑަށް ދައުލަތުގެ މީޑިއާގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ގެއްލިފައިވާ ތަނެވެ. ސަރުކާރުން ކުރާ، ކޮށްދޭން ޖެހޭ ކަންކަން ވެސް އެއީ މާ ބޮޑެތި ކަންކަން ކަމަށް ދައްކައި ސަރުކާރު އިޝްތިހާރު ކުރުމުގެ މަސައްކަތް މާ ފުޅާ ދާއިރާއެއްގައި ކުރާން ފެށި ތަނެވެ. ވަކި ބަޔަކު ހިންގާ ޙަރަކާތެއް ނަމަ، ދައުލަތުގެ މީޑިއާއިން ގެނެސްދިނުމަކީ މަނާ ކަމެއް ފަދައެވެ. ނުވަތަ ނުރަނގަޅު ތަޞައްވުރެއް ފެންނަ ގޮތަށް ނޫނީ އިދިކޮޅު ޙަރަކާތްތަކުގެ ވާހަކައެއް އެ ވިދާޅުވާ ދައުލަތުގެ މީޑިއާއަކުން ކަވަރެއް ނުކުރެއެވެ.

މިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނީ ރާއްޖޭގެ ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ މީޑިއާއަށް ރޭ ދެއްވި 221 މިނިޓްގެ (ތިންގަޑިއިރާއި 41 މިނިޓްގެ) ދިގު ބަސްދީގަތުން މި ދަންނަވާ "ޕަބްލިކް ސަރވިސް މީޑިއާ"އިން ކަވަރު ނުކުރެއްވި ތާނގައި އެ ކަމާ ބެހޭ އެއްވެސް ޚަބަރެއް ވެސް އެ މީޑިއާއިން ގެނެސް ނުދެއްވީމައެވެ. ރާއްޖޭގެ ގިނަ ނޫސްވެރީންތަކެއް ހާޒިރުވި އެ ލައިވް އިންޓަވިއުގައި ނޫސްވެރީން ކުރާނެހާ ސުވާލަކަށް ފުރުޞަތު ދެއްވައި ރައީސް ޔާމީން ޖަވާބުދެއްވަމުން ގެންދެވިއެވެ. ރާއްޖޭގެ ވެރިކަން ކުރައްވައިފައި ހުންނެވި ބޭފުޅަކު އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ހަމައެކަނި އިދިކޮޅު ލީޑަރުގެ މި ފަދަ ދިގު އިންޓަވިއުއަކީ އާދައިގެ ކަމެއް ނޫނެވެ. ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

ރޭގެ އިންޓަވިއު، 9.27 ގައި ފެށުނު ގޮތަށް، މެންދަމުން އަލިވެ 1.08 އާ ހަމައަށް ކުރިޔަށްދިޔައެވެ. ރައީސް ޔާމީން ޝުކުރިއްޔާއޭ ވިދާޅުވެ، ޕޯޑިއަމުން ދުރަށް ވަޑައިގަތީ ބައެއް ނޫސްވެރިން ދެ ބުރަށް އަދި ތިން ބުރަށް ވެސް ސުވާލުކޮށް، ހުރިހައި ސުވާލެއް ހުސްވުމުންނެވެ. "ޕަބްލިކް ސަރވިސް މީޑިއާ"އަކުން ސުވާލެއް ވެސް ނުކުރެއެވެ. އެކަމަކު ޕޯޑިއަމްގައި ޕީ.އެސް.އެމްގެ މައިކެއް ހުއްޓާ ފެނުނެވެ.

މި ދިގު ބަސްދީގަތުމުގައި ވަރަށް ޙައްސާސީ އަދި ޚުޠޫރަތްތެރި ސުވާލުތައްވެސް އެ މަނިކުފާނަށް ދެންނެވިއެވެ. އަދި އެ ހުރިހާ ސުވާލަކަށް ޖަވާބު ވެސް ދެއްވިއެވެ. އެހެންވީއިރު ލައްކަ ވާހަކަ ދެއްކިފައި ހުންނާނެތާއެވެ. ލައްކަ ސުވާލުވެސް ދަންނަވާނެތާއެވެ. ރައީސް ޔާމީން ދެއްވި ޖަވާބުތަކުން ލައްކަ މަޢުލޫމާތު ވެސް ލިބޭނެތާއެވެ. ވީމާ މިއީ ގައުމީ ނިސްބަތުން ވެސް ޚަބަރަކަށް ވާނެކަންކަން ކަން ޔަގީނެވެ. އަދި ހަމައެކަނި 221 މިނިޓްގެ ދިގު ބަސްދީގަތުން ދެއްވި ދެއްވުމަކީ ވެސް އޭގެ ޒާތުގައި ޚަބަރެކެވެ. ކުރީން ސުވާލުތައް ވަކި ގޮތަކަށް ބައްޓަންކުރުމަކާ ނުލައި ނޫސްވެރީން މިނިވަންކަމާއެކު ސުވާލު ދަންނަވާނެ ފުރުޞަތު ފަހިކޮށްދެއްވައި ހުރިހާ ސުވާލަކަށް ޖަވާބުދެއްވި ވާހަކަ ވެސް ހަގީގަތުގައި ޚަބަރަށް ވާނެއެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް، އަދި ރައީސް ޔާމީން އެހާ ދިގު ބަސްދީގަތުމެއް ދެއްވި ވާހަކައެއް ވެސް "ޕަބްލިކް ސަރވިސް"ގެ ރޭޑިއޯއަކުން ޓީވީއަކުން ސުމޭކު މަންސައަކުން އަޅުގަނޑަކަށް މިއަދަކު ނުފެނުނެވެ.

އެހެންވީމާ، ރާއްޖޭގައި ޕްބަލިކް ސަރވިސް މީޑިއާގެ ނަމުގައި މި ހިންގަނީ ސަރުކާރު ޕްރޮޓެކްޓް ކުރުމަށް ޓަކައި ހިންގާ ޚިދުމަތެއް ކަމަށް މީހުން ދައްކާ ވާހަކައަށް މި ކަމުން ބާރު އެބަ ލިބެއެވެ. މި ވާހަކަތައް ޕްރައިވެޓް މީޑިއާގެ ނޫސްތަކާއި ބައެއް ޓީވީތަކުން ގެނެސްދިނެވެ. އެހެންވީމާ، ރާއްޖޭގައި ޕަބްލިކް ސަރވިސް މީޑިއާއޭ މިކިޔަނީ ހަގީގަތުގައި ޕަބްލިކް ސަރވިސް މީޑިއާއަކަށް ނޫން ކަމަށް ދެންނެވިދާނެއެވެ.

ކުރީން ވެސް ދަންނަވައިލި ފަދައިން ޕަބްލިކް ސަރވިސް މީޑިއާއަކީ "ސިޔާސީ ނުފޫޒާއި ވިޔަފާރީގެ ފިއްތުންތަކުން މިނިވަންވެފައިވާ" ޚިދުމަތަކަށް ވާންޖެހެއެވެ. ދިވެހިރާއްޖޭގައި "ޕަބްލިކް ސަރވިސް މީޑިއާ"އޭ ކިޔާ ޚިދުމަތުގައި މި ދެންނެވި ޝަރުޠުތައް ފުރިހަމައެއް ނުވެއެވެ. އަދި ދައުލަތުގެ މީޑިއާއަކަށް ވެސް ނުވެއެވެ. ދައުލަތުގެ މީޑިއާއެއް ނަމަ، އިދިކޮޅު ސިޔާސީ ލީޑަރަކީ ވެސް ދައުލަތުގެ މުހިންމު ބޭފުޅެކެވެ. އެ ފަދަ ބޭފުޅެއްގެ 221 މިނިޓްގެ އިންޓަވިއުގެ ވާހަކަ ދައުލަތުގެ މީޑިއާއެއްނަމަ ރައްޔިތުންނަށް ގެނެސްދޭނެތާއެވެ. ނަމަވެސް އަމިއްލަ މީޑިއާއިން ކޮށްލި ވަރު ވެސް އެ ވިދާޅުވާ ޕަބްލިކް ސަރވިސް މީޑިއާއަކަށް ރެޔަކު ނުވިއެވެ. ސިޔާސީ ނުފޫޒު ފިޔަވައި މިއީ ދެން ކޮން ކަމެއްތޯއެވެ؟

ވީމާ ދިވެހިރާއްޖޭގައި "ޕަބްލިކް ސަރވިސް މީޑިއާގެ" ނަމުގައި ދުރަށް ދައްކައި ދުރަށް އަޑުފަތުރާ ވަސީލަތްތަކެއް ގާއިމުކުރެވިފައި ވިޔަސް ދިވެހިރާއްޖޭގައި ނަން އޮޅުވައިލައިގެން މި ހިންގަނީ ސަރުކާރުގެ ތާޅަފިއްޔެއެއްކަން އެއްވެސް އޮޅުމެއް ނެތި މި ސާބިތުވީއެވެ. ދިވެހިރާއްޖޭގައި ހަގީގަތުގައި ޕަބްލިކް ސާރވިސް މީޑިއާއެއް ނެތެވެ. އޮތީ ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
42
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ތިއަށް ވުރެ ބޮޑު ތެދެއް އަދި މިހާތަނަށް އަދިވެސް ނޫހުން ހަދާފައެއް ނެތެވެ. ތިޔަ ލިޔުން ލިޔުނު ކުއްޖާ ގާތު ބުނެލަދީބަލަ މާދަމާ ހަވީރު ޗީބޯއަށް ނުވަތަ ސިޓްރޯން އަށް ގޮސް ކޯޑަކަށް އަދިވެސް ބުނެފައި ބޭނުންވަރަކަށް ހެދިކާޔާ ސައި ބޮއެފަ ދާށޭ. އަހަރެން ފަހުންގޮސް ބިލު ކަނޑާލާނަން. ސާބަސް ތިޔަހެދި ތެދަށް

  2. ޤައްޔޫމުބެ ތިޔަ ކުރެވި ކޮމެންޓްގައި ހެދި ތެދު ސާފުކޮށް ބުނެލި ނަމަ ރަނގަޅުވީސް، ހެދި ތެދަކީ ކޮބައިކަން…. ނޭނގެންޏާ ކީއްކުރަން ކުރާއްވާ ކޮމެންޓެއްތޯ…

Leave a Reply to ތެލަބަޑި ރައްދު ކެންސަލް

Your email address will not be published. Required fields are marked *