...

Support Us

ސޫފިޔާނާ ޚިޔާލެއް: މަރާއި އާޚިރަތާ އަދި ދުނިޔޭގެ ވެސް ވާހަކައެއް

މިއީ ހެޔޮ ނިޔަތަކައިގެން، ތަރުޖަމާކޮށްލުމަށްޓަކައި ބޭކަލަކު ފޮނުއްވި ލިޔުމެއްގެ ޚުލާސާ ތަރުޖަމާއަކާއި އަދި އޭގެ މައްޗަށް ލިޔެލާ ކުޑަ ވާހަކަކޮޅެކެވެ. އޭނާއަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާހުށިކަމެވެ! މި ތަރުޖަމާގެ އަސްލު ލިޔުމަކީ މިސުރުގެ ދީނީ ދަރުސުދެއްވާ ބޭކަލެއް ކަމުގައިވާ ޝައިޚު މުހައްމަދު ހައްސާނުގެ ދަރުސެކެވެ. ޝައިޚު ހައްސާނަކީ ޓީ.ވީ.ގައި ތަފާތު ދީނީ ޕުރޮގުރާމުތައް ގެނެސްދެއްވާ ބޭކަލެކެވެ.

އޭނާގެ މި ދަރުސުގެ ސުރުޚީއަކަށް އޮތީ 'މަރުގެ ދާންމަތި' މިއެވެ. މި ސުރުޚީ ގުޅެނީ އިސްލާމީ ތާރީޚުގެ އެންމެ ވަރުގަދަ އެއް ޚިލާފަތް ކަމުގައިވާ އައްބާސީ ޚިލާފަތުގެ އެންމެ ވަރުގަދަ އެއް ޚަލީފާކަމުގައިވާ ޚަލީފާ ހާރޫނު އައްރަޝީދު އަވަހާރަވުމުގެ ދާންމަތިކޮޅުގައި ވިދާޅުވިކަމަށް އޮންނަ ބަސްފުޅަކާއެވެ. ހާރޫނު އައްރަޝީދުގެ ވެރިކަމުގެ ދުވަސްވަރު، އާދެ، ހިޖުރައިން ދެވަނަ ގަރުނުގެ ފަހު ފަންސަވީހަކަށް އަހަރުގެ ދުވަސްވަރު، އިސްލާމީ ދައުލަތް އޮތީ ވަރަށް ވެސް ފުޅާވެފައެވެ. މެދު އޭޝިޔާއިން ފެށިގެން ހުޅަނގަށް ގޮސް އެޓްލާންޓިކް ކަނޑާ ހަމައަށް ފެތުރިފައެވެ. އެހެންވެ، އެއް ދުވަހު، އުޑުމަތީ ދަތުރުކޮށް ދިޔަ ވިލާގަނޑަކާ މުޚާތަބުކުރައްވާ ހާރޫނު ވިދާޅުވިކަމަށް ވެއެވެ. 'އޭ ވިލާގަނޑާއެވެ! ކަލޭ ދަތުރުކުރާތާކަށް ދަތުރުކޮށް، ވާރޭވިއްސާނެ ތަނަކަށް ވާރޭ ވިއްސާށެވެ. ކަލޭގެ ޚަރާޖު (ބިމުގެ ފައިދާއިން ނެގޭ ޓެކްސް) އަހަންނަށް ލިބޭނެއެވެ.' އާދެ، ކޮންމެ ތަނަކަށް ވާރޭ ވެހުނު ކަމުގައި ވިޔަސް، އެ ވާރޭގެ ސަބަބުން ގޮވާންކުރެވި، އޭގެ ޓެކްސް ސަރުކާރަށް ލިބޭނެ ވާހަކައެވެ.

ދުނިޔޭގެ އިއްޒަތާއި އާރާއި ބާރު ލިބިގެންވީ މިހާ ބާރުގަދަ ވެރިޔަކުވެސް އަވަހާރަވުމުގެ އައިސް ވަގުތު ޖެހުމުން ވިދާޅުވިކަމަށް އޮންނަނީ ކީކޭ ތޯއެވެ؟ مَا أَغْنَى عَنِّي مَالِيهْ هَلَكَ عَنِّي سُلْطَانِيه (އަހުރެންގެ މުދަލާއި ފައިސާއިން އަހަންނަށް ފައިދާއެއް ނުކުރިއެވެ. އަހުރެންގެ ބާރު އަހުރެންގެ ކިބައިން ނިގުޅި ނެތި ހިނގައްޖެއެވެ) މި އާޔަތެވެ. އާދެ، މަރު އައިސް ޖެހުމުން، އެއިން ރެކިގަންނަން ކުރެވޭނޭ އެއްވެސް ކަމެއް ނޯވެއެވެ. ލިބިފައި އޮތް މުދާވެރިކަމާއި ފައިސާވެރިކަމަކުން ނޫނީ އަތުގައި އޮތް ބާރުވެރިކަމަކުން ކުރެވޭނޭ ކަމެއް ނޯވެއެވެ. މަރު އައުމުން އެންމެނަށް ވެސް ޖެހެނީ އޭގެ ކުރިމަތީގައި ބޯލަނބައި ކިޔަމަންގަންނާށެވެ.

ދެން، ޚަލީފާ ހާރޫނު އައްރަޝީދު އެދިވަޑައިގަތީ އޭނާގެ ގަބައރުފުޅު އޭނާއަށް ދައްކާލުމަށެވެ. އަދި، އެކަން ކުރެވުމުން އޭނާ މިބަސްފުޅު ވިދާޅުވެ ދުއާކުރެއްވިއެވެ. يامن لا يزول ملكه أرحم من قد زال ملكه (އެކަލާނގެ ރަސްކަން [ދުވަހެއްގާވެސް] ނިމި ނެތިނުދާނޭ ރަސްކަލާނގެއާއެވެ! އެ އަޅާގެ ރަސްކަން ނިމިދިޔަ އަޅާއަށް އޯގާވެރިވެ ވޮޑިގެން ރަހުމަތްލައްވާނދޭވެ!)

ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރުއާނުގައި، އާޚިރަތުގެ ވާހަކައާއި މަރުގެ ވާހަކަ އައިސްފައި ވެއެވެ. މިދެކަންތައް ގުޅިފައި އޮންނަނީ ކީއްވެގެންކަން ވިސްނާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ކޮންމެ މީހަކުވެސް މަރުވުމުން، އޭނާގެ އާޚިރަތް ލައިގަތީއެވެ. ދުނިޔެމަތީ އޭނާ ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭ ވަގުތުއައީއެވެ. އާދެ، މި ސަބަބަށްޓަކައި އާޚިރަތާއި މަރާ އޮންނަނީ ގުޅިލާމެހިފައެވެ.

ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެރެއިން އެންމެ ފަހުން ބާވާލެއްވުނު އާޔަތެއް ކަމުގައި އޮންނަނީ ކޮންމެ މީހަކުވެސް އޭނާގެ ދުނިޔަވީ ހަޔާތް ނިމި، މާތްރަސްކލަނާގެ ހަޟުރަތަށް އެނބުރިދާން ޖެހޭނެކަން ހަނދާންކޮށްދީފައި އޮންނަ އާޔަތަކެވެ. واتقوا يوما ترجعون فيه إلى الله ثم توفى كل نفس ما كسبت وهم لا يظلمون. (އެދުވަހަކުން ތިޔަބައިމީހުން މާތް ރަސްކަލާނގެ ހަޟުރަތަށް އެނބުރި ގެންދެވޭނޭ ދުވަހަށްޓަކައި ހޭލުންތެރިވެ އުޅޭށެވެ! (އެ ދުވަހުން،) އެކަލާނގެ ހަޟުރަތަށް ގެންދެވުމަށް ފަހު، ކޮންމެ ނަފަސްކަށް ވެސް އެ ނަފްސެއް ލިބިގެން ކަމެއް[ގެ ޖަޒާ] ފުރިހަމައަށް ދެވޭނެއެވެ. [އެ ޖަޒާ ދިނުމުގައި] އެމީހުންނަށް [ކުޑަކޮށް ވެސް] އަނިޔާވެރިއެއް ނުވެވޭނެއެވެ.)

މީގެ އިތުރުން ވެސް މި މައުޟޫއުއާ ގުޅޭ ގިނަ އާޔަތްތައް ވެއެވެ. كل نفس ذائقة الموت (ކޮންމެ ނަފްސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ.)، قل إن الموت الذي تفرون منه فإنه ملاقيكم (ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެއިން ފިލައި ސަލާމަތްވާން ކަލޭމެން ދުވާ މަރު ކަލޭމެންނާ ހަމަކޮށް ބައްދަލުކުރާނެއެވެ.)، وَلِكُلِّ أُمَّةٍ أَجَلٌ فَإِذَا جَاء أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ (ކޮންމެ ބަޔަކަށް ވެސް [ދުނިޔޭގައި ތިބުމުގެ] މުއްދަތެއް ކަނޑައެޅިފައި އޮވެއެވެ. އެބަޔަކު [ދުނިޔޭގައި ތިބުމުގެ] މުއްދަތު ހަމަވުމުން، ދެން [އިތުރަށް] އެންމެ ހިނދުކޮޅަކަށް ފަސް ނުކުރެވޭ ހުއްޓެވެ. އަދި، [އެ މުއްދަތު] އަވަސް ވެސް ނުކުރެވޭ ހުއްޓެވެ، މިފަދަ އާޔާތްތަކެވެ.

މިއިން ލިބިގަނެވޭ އިބުރަތަކީ، ފިލާވަޅަކީ ކޮބައިތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި ދުނިޔެއަކީ ވަގުތީ ކަމެއް ކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމެވެ. ދުނިޔޭގެ އެދުންތަކުގައި ޖެހިފައި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނެތި، ތިމާގެ އަމިއްލަ ނަފްސަށާއި އަދި، އެހެން މީހުންނަށް ވެސް އަނިޔާދީ ތިމާ ހަލާކުގެ ތެރެއަށް ވެއްޓިދިޔަ ނުދޭތޯ ބެލުމެވެ.

ތިމާގެ ނަފްސަށް އަނިޔާދެނީ ކިހިނެއްތޯ ސުއާލު އުފެދިދާނެއެވެ؟ އާދެ، ދުނިޔޭގެ ހުރިހާ އެދުމެއް ގުޅިފައި އޮންނަނީ މައިގަނޑު ދެކަމަކާއެވެ. ދެ 'ޝަހުވަތަކާއެވެ'. ބަނޑުގެ ޝަހުވަތާއި ފަރުޖުގެ ޝަހުވަތާއެވެ. މި ދެކަންތައް ފުއްދުމުގައި، އަޚުލާގީ އަދި އަދަބީ އިންތަކުން ބޭރުވެ، ހައްދުތައް ފަހަނައަޅާ ހިނގައްޖެ ނަމަ، ތިމާގެ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލައެވެ. ކެއުންބުއިމުގައި ހައްދުފަހަނައަޅާ ހިނގައްޖެ ނަމަ، 'މުއްސަނދިންގެ ބަލިތަކުން ނަންދެވޭ' ބަލިތައް ޖެހުން ގާތްވެއެވެ. ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ބައްޔެވެ. ދެން މިކަންކަމާ ގުޅިފައި ހުންނަ އެތައްއެތައް ބަލިތަކެވެ. ހިތުގެ ބައްޔާއި ކިޑްނީގެ ބަލިތައް ފަދަ ބައްޔެވެ. މިކަންކަން މެދުވެރިކުރުވާ ހިތް ހުއްޓި ދިޔުމާއި، ހިތް ހައްޔަރުވުމާއި އަދި ވާވުމުގެ ބައްޔެވެ. ފަރުޖުގެ ޝަހުވަތުގެ ކަންތައް ވެސް ހަމަ މިފަދައެވެ. މިކަމުގައި އަޚުލާގީ އަދި އަދަބީ އިންތަކުން ބޭރުވެއްޖެ ނަމަ، އެތައްއެތައް ނުރައްކާތެރި ބަލިތަކަށް ތިމާގެ ނަފްސު ހުށަހަޅާލެވެއެވެ. އެކި ފާޑުފާޑުގެ ޖިންސީ ބަލިތަކެވެ. އޭގެ އެންމެ ނުރައްކާތެރި ބައްޔަކީ ތިމާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ އެއިޑްސް ބައްޔެވެ. މިކަމުގެ ސަބަބުން، ބައެއް ގައުމުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެ ގައުމުތަކުގެ 15އަހަރާއި 30 އަހަރުގެ ޒުވާނުންގެ ބޮޑު ބަޔެއް ވަނީ ކޮންމެ ވެސް ޖިންސީ ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ.

ދެން، އެހެން މީހުންނަށް އަނިޔާ ދެވެނީ ކިހިނެއްތޯއެވެ؟ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުމެވެ. އެހެން މީހުންނަށް އަނިޔާ ދިނުމުވެ. އެހެން މީހުންނަށް ހެޔޮ ނޭދުމެވެ.

ކޮންމެ އަކަސް، މަރު ހަނދާންކޮށް އާޚިރަތެއް، އެހެން ދުނިޔެއެއް އޮތްކަން ހިތުގައި އަބަދުވެސް ބޭއްވުމަކީ ތިމާއަށާއި އަދި އެހެން މީހުންނަށް ވެސް އަނިޔާވެރިވުމުން ދުރުހެލިކޮށްދޭނޭ ބާރެކެވެ.

މި މަގާމުގައި ފާހަގަކޮށްލުން މުހިއްމު އެއް ވާހަކަ އެބައޮތެވެ. ފަހަރެއްގައި ވެސް މަރާއި އާޚިރަތުގެ މަތިން ހަދާންކުރުމަކީ ދުނިޔޭގެ އުފަލުން ތިމާގެ ނަފްސު މަހުރޫމުކުރުމެއް ނޫނެވެ. އަބަދުމެ، ދުނިޔެއަށް ފުރަގަސްދީ އަބަދު މިސްކިތު ކަނެއްގައި، މަރުގެ އިންތިޒާރުގައި، އަޅުކަމުގައި މަޝްޣޫލުވެގެން އިނުމެއް ނޫނެވެ. ކީރިތި ގުރުއާނުގައި ފަހަރެއްގައި ވެސް މިފަދައިން ކަންތައް ކުރުމަކަށް ކަނޑައެޅިފައި ނޯވެއެވެ. ކީރިތި ގުރުއާނުގައި އޮންނަނީ ދުނިޔޭގެ ހެވާއި އަދި އާޚިރަތުގެ ހެވަށް ވެސް އެދުމަށެވެ. ދުނިޔެ ބިނާކުރުމަށެވެ. ދުނިޔޭގައި ހެޔޮ ލަފާ ފަރުދުންތަކެއް އުފައްދައި ހަމަހަމަކަމާއި އިންސާފުގެ މައްޗަށް ބިނާވާ މުޖުތަމައެއްވެސް އުފެއްދުމަށެވެ. މަރުގެ އިންތިޒާރުގައި މިސްކިތު ކަނެއްގައި އަޅުކަމުގައި އިނދެންގެ މި މުހިއްމު ވާޖިބު އަދާއެއް ނުވާނެއެވެ. އެހެންވެ، މިކަން ހާސިލުވެ ދިޔުމަށްޓަކައި ދުނިޔޭގެ ހެވަށްޓަކައިވެސް މަސައްކަތް ކުރަން ޖެހެއެވެ. ނަމަވެސް، ދުނިޔޭގެ ހެޔޮ އެދިގެން މަސައްކަތްކުރާއިރު، އާޚިރަތް ހަނދާން ނައްތާލައި އާޚިރަތް ގެއްލުވާލައިގެން ނުވާނެއެވެ. އެހެންވެ، ދުނިޔޭގެ ހެވަށްޓަކައި މަސައްކަތްކުރަން ޖެހޭނީ އަޚުލާގީ އަދި ޝަރުއީ އިމުގެ ތެރޭގައި ތިބެއެވެ. ތިމާގެ ނަފްސަށާއި އަދި އެހެން މީހުންނަށް ވެސް ގެއްލުން ނުލިބޭ ގޮތަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.