މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލުމުން އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް ދަތިވާ ކަމަށާއި އެކަމަކު ވެސް އެކަން ކުރިއަށް ގެންދަވާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިންގައި ރޭ އައްޑޫސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގަ އެވެ.
އެތައް ސަތޭކަ ސަޕޯޓަރުންނާއެކު އައްޑޫ ހައިސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލީމާ ބައެއްގެ ހިތަށް ދަތިވިޔަސް، އެއީ ރައްޔިތުންނަށް އެންމެ ހެޔޮ ގޮތް ކަމަށެވެ.
"ހަގީގަތުގައި ވެސް އެ ބޭފުޅުންގެ (އިދިކޮޅު ފަރާތްތަކުގެ) ހިތްޕުޅަށް ވަރަށް ދަތިވޭ އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލީމާ. އެކަމަކުވެސް އެކަން ކުރާނީ ހަމަ އެހެން. ފައިސާ ޗާޕްކުރުން އެ އޮތީ ހުއްޓާލައިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕްނުކޮށް ބޭރުގެ ދަރަނި ބަރާބަރަށް ތާވަލާ އެެއްގޮތަށް މި ސަރުކާރުން ދައްކަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ދައްކާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ދަރައިފައިވާ ދަރަނި 90 މިލިއަން ރުފިޔާ މި ސަރުކާރުން އެކި ފަހަރު މަތިން ދައްކަމުން އަންނަ ކަމަށާއި ބޭރުގެ ދަރަނި ދައްކަން އުފައްދްއިފައި އޮތް ސޮވެރިން ޑިވެލޮޕްމަންްޓް ފަންޑުގައި ކުރީގެ ސަރުކާރު ފޭބި އިރު އޮތް ދެ މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު 35 މިލިއަން ޑޮލަރު އެ ފަންޑުގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ (ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑު) ވެސް އިތުރު ކުރަމުން، ދިވެހި އިގުތިސާދު ނަގާ ކޮޅަށްޖަހައި، މިތަނަށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނެސް، މިތަނުގައި އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރުކޮށް، ދެމެހެއްޓެނިވި އިގުތިސާދެއް އަޅުގަނޑު މިތާނގައި ގާއިމްކުރާނަން،" ރައީސް ވިދާޅުވި އެވެ.
މި ކަންކަން ކުރުމަށްޓަކައި މަޖިލީހުން ހަދަންޖެހޭ އެތައް ގާނޫނެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެންމެ ފުރަތަަމަ މަޖިލީހަށް ވެއްދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގެ ބިލް އިދިކޮޅު ފަރާތްތަކުން މަކަރާއި އޮޅުވާލުމުގެ ތެރެއިން މަޖިލީހުން ބޭރުކޮށްލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ މިފަދަ ފިކުރެއްގެ ބައަކަށް އަނެއްކާ ވެސް މަޖިލީސް ނުދޭންވީ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށެވެ.
ރައީސްގެ ވިދާޅުވީ ތަރައްގީއަކީ ދެބަދޭތެރޭގައި ބާއްވާ އެއްޗެއްގެ ގޮތުގައި ހެދުމަށް ދެން ފުރުސަތު ދީގެންނުވާނެ ކަމަށާއި އައްޑޫސިޓީއަށް ހަގީގީ ތަރައްގީ ގެނައުމަށް އައްޑޫ ރައްޔިތުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ރައްޔިތުން އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
"ތިޔަ ބޭފުޅުން 21 އެޕްރީލްގައި ވަޑައިގެން ދިވެހި ލޮބުވެތި ރައްޔިތުން އައްޑޫސިޓީ ހިމެނޭ ގޮތަށް ހުރިހާ ރައްޔިތުން އެހެންވެ މި ދަންނަވަނީ ތަަރައްގީއަށޭ އެ ވޯޓް ދެއްވަންވީ. އަޅުގަނޑުމެންގެ ކެނޑިޑޭޓުންްނަށް ދެއްވާ ވޯޓަކީ އަޅުގަނޑު ޔަގީންކަން މިދެނީ އެއީ ތަރައްގީއަށް ދެއްވާ ވޯޓެއް. ތަރައްގީ ހާސިލްވާނެ ވޯޓެއް އެއީ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ވެރިކަން ބަދަލުކުރަން ނިންމީ މި ގައުމުގައި ބޭރުގެ ސިފައިން ތިބެގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. މިހާރު އެ މަސައްކަތް ފެށި ދެ ޕްލެޓްފޯމެއްގައި ތިބި ބޭރުގެ ސިފައިން، ވައުދުވެވަޑައިގެންނެވި ގޮތަށް ފައިބައިގެން ގޮސްފައިވާ ކަމަށާއި އަންނަ މަހު 10ގައި ބާކީ ތިބި ސިފައިން ފައިބައިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ގައުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ހެދިފައި ހުރި އެގްރީމަންޓްތަކަށް ބަދަލުތައް ގެނައުމާއި ގާނޫނުތައް ބަދަލުކުރުމާއި އަލަށް އުފަންކުރަންޖެހޭ ގާނޫނު އެބަހުރި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ކަންތައް ކުރެވެން އޮތީ "ދިވެހީންގެރާއްޖޭގެ ފިކުރުގެ މީހުން މަޖިލީހުގައި ތިބެގެން" ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ކުރެވެން މިއޮތީ މަޖިލީހުގެ ތެރެއިން އަމިއްލަ މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން ހޮވައިގެން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ މަސައްކަތް މިހާރު ދިވެހި ސިފައިން އަމިއްލައަށް ބަލަހައްޓަމުން ގެންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަކީ ނިކަމެތި، ކުޑަކުޑަ ގައުމެއްގައި އޮތް އޮތުން ބަދަލުކުރާނީ އަޅުގަނޑުމެންނޫންތޯ، އެހެންވެ އެ މަސައްކަތް މިކުރަނީ. އެކަމަށް ދެއްވާ އެއްބާރުލުމަކަށް ވެސް ވާނީ މަޖިލީހުގެ އެއްބާރުލުން ލިބުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިކަަހަލަ ކިތަންމެ ކަމެއް ކުރަން ޖެހިފައިވާއިރު ދިވެހީންގެ ފިކުރުގެ މީހުން މަޖިލީހުގައި ތިބެންޖެހޭ ކަމަށާއި މި ފިކުރާ ހިޔާލުތަފާތުވާ މީހުން ކޮންމެ ދުވަހަކު މަޖިލީހަށް ގޮސް، ކުއްލި މައްސަލަތައް ހުށަހަޅައި، ގަރާރުތައް ހުށަހަޅައި، ގާނޫނުތައް ބަދަލުކޮށް ހެދީމައި ރައްޔިތުން އެދޭ ގޮތަަށް ރާއްޖޭގެ ކަންކަން ބައްޓަން ވެގެން ނުދާނެ ކަމަށެވެ.
"އެ ބޭކާރު ކަންކަމުގެ ތެރެއަށް ދިއުމުގެ ބޭނުމެއް ނެތް. އެހެން ދިއައީމަ ގައުމުގައި ހަމަނުޖެހުން އުފެދިގެން މިދަނީ. އަޅުގަނޑު ބޭނުންވަނީ ހަމަޖެހުން ގައުމަށް އަންނަން. ހަމަޖެހުން ގައުމަށް އަންނާނީ ހަމަޖެހުމުގެ ވިސްނުމުގެ މީހުން ތިބިއްޔާ،" ރައީސް ވިދާޅުވި އެވެ.
މި ގައުމުގައި އަބަދާއި އަބަދު ދެކޮޅު ހެދުމާއި ތަޅާފޮޅުމާއި ބަދަލު ހިފުމާއި މި ކަންކަން ހިންގަން ފުރުސަަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުން މުހިންމު ސިޔާސަތުތައް ކުރިއަށް ގެންދަން ބަލާއިރު އެ ކަންކަމަށް ދެކޮޅު ހަދައި، މި ގައުމުން ބޭރުބައެއްގެ އެޖެންޑާ މަޖިލީހަށް ގެނެސް ވައްދާ ބަޔަކަށް ފުރުސަތު ދޭންވީ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ކަންކަން ހިނގާފައި ހުރީ ކޮންމެ ވެސް ބޭރުގެ ގަައުމެއްގެ ސަފީރަކު ބޭނުންވާ ގޮތަށް ކަމަށާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ނަމެއްގައި ހުންނަ ބޭފުޅެއް ކަމަށެވެ. ދިވެހީންގެ ރާއްޖެއެއްގެ ބޭނުން ރަައްޔިތުންނަށް މުހިންމުވީ އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނެ އެއްވެސް ބޭރުގެ ސަފީރެއް ނުހުންނާނެ. ދިވެހިރައްޔިތުން އަޅުގަނޑުގެ މައްޗަށް ބާރު ހިންގާނީ. ރައްޔިތުންގެ މަޖިލީހަކީ ވެސް މިގޮތަށް މަސައްކަތް ކުރާނެ ތަނަކަށް ހަދައިދިނުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް އިދިކޮޅު ފަރާތްތަކުން ވާހަކަތަކެއް ދެއްކެވި ނަަމަވެސް އެއިން އެއްވެސް ފަރާތެއް ހައްޔަރު ނުކުރައްވާނެ ކަމަށާއި ސިޔާސީ ބޭފުޅަކަށް ވެގެން އެއިން އެއްވެސް ބޭފުޅެއް ދެކެ އެމަނިކުފާނު ބިރުފުޅު ވެސް ނުގަންނާނެ ކަމަށެވެ. އަދި ސިޔާސީ މީހުން ހައްޔަރުކޮށް ޖަަލަށް ލުމަކީ ނުކުރައްވާނެ ކަމެއް ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެން ބައެއްް ބޭފުޅުންގެ ކިބައިން ފެންނަނީ އަނެއްކާ ވެސް އެ ބޭފުޅުން ބާރު އަނބުރާ ހޯދައި އަޅުގަނޑުމެންގެ މައްޗަށް ބަދަލު ހިފަން. އެ ބޭފުޅުންނަށް ބާރު މަޖިލީސް ތެެރެއިން ހޯދައި ދިވެހި ރައްޔިޔުންގެ މައްޗަށް ބަދަލު ހިފަން. އެ ބޭފުޅުންނަށް ބާރު ހޯދައި ދިވެހީންގެ ރާއްޖޭގެ ވިސްނުން މިތަނުން ނައްތާލަން. އެ ފުރުސަތު ރައްޔިތުން ދެއްވައިގެން ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ދިވެހި ރާއްޖެ އޮންނަން ޖެހޭނީ ދިވެހިންގެ އަތްމަތީގައި ކަމަށާއި ތަރައްގީ ގެންނަން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަހުގެ 21 ގައި އޮންނަ މަޖިލީސް އިންތިހާބުގައި ވޯޓް ދެއްވަންވީ ތަރައްގީ ގެނައުމަށް ކަމަށާއި އެގޮތަށް ރައްޔިތުން ވޯޓް ދީފި ނަމަ ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި މުޅި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި އެމްޑީޕީގެ ރައްޔިތުން ވެސް މިފަހަރު އިސްކުރަންވީ ޕާޓީއަށްވުރެ އައްޑޫ ސިޓީ ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީއަށްވުރެ ސިޓީ އިސްކޮށް، ތަރައްގީ ވޯޓު ދީފި ނަމަ އައްޑޫސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުން ކޮށްދޭން ނިންމާފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.