Support Us

މަޖިލީހަށް އަމިއްލަ ގޮތުން ހޮވުނު ހަ މެމްބަރަކު ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކިރެއްވި ހަ މެމްބަރަކު ސަަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.

ޕީއެންސީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިރުގައި އެ ޕާޓީއަށް ހަ މެމްބަރަކު އިއްޔެ ސޮއިކުރައްވައިފައިވާ ކަމަށެވެ. އެއީ ހުރާ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. އަނާރާ ނައީމާއި މަތިވެރި ދާއިރާގެ އިންތިހާބީ މެމްމަަރު ހަސަން ޒަރީރާއި މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ޒަމީރާއި ތިމަރަފުށި ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ރިޔާޒާއި ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާއިން އިންތިހާބުވި އާޒިމް އަބްދުލް އަޒީރެވެ.

މި މެމްބަރުން ޕީއެންސީއަށް ސޮއިކުރެއްވުމާ އެކު އަންނަ މަހުގެ 28ގައި ހުވާކުރުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ސަރުކާރުގެ މެމްބަރުންގެ އަދަދު މިހާރު މިވަނީ 76 އަށް އަރައިފަ އެވެ.

އެމް.ޑީ.ޕީން ބޭނުންވެގެން މި މަހު ފުރަތަމަ ދުވަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އަމިއްލަ ގޮތުން ވާދަކޮށް މަޖިލީހަށް އިންތިހާބުވާ މެމްބަރަކު އެ ދައުރުގައި ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ހިސާބުން އެ މެމްބަރަކު އިސްތިއުފާ ދޭންޖެހޭނެ އެވެ. ނަމަވެސް އެއީ ހުވާކުރުމަށްފަހު އެ މެމްބަރަކާ މެދު އަމަލްކުރަން ޖެހޭ ގޮތެވެ. ހުވާ ކުރުމުގެ ކުރިން އެފަދަ ކަމެއް ވެއްޖެ ހާލަތެއްގައި ކަންތައް ކުރަން ޖެހޭ ގޮތް އެ ގާނޫނުގައި ބުނެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އިސްމާއިލް ހަބީބު މިކަމާ މެދު ސުވާލު އުފައްދަވައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި، އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެމްބަރަކު ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކަމުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ފޮނުވައިފިނަމަ ކަންވާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފައިވެ އެވެ.

ހަބީބު ކުރެއްވި އެކްސްގައި ވިދާޅުވެފައިވެއެވެ.

"އެންޓި-ޑިފެކްޝަން ޤާނޫނުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިޢުފާ ދޭންޖެހޭ ޙާލަތުންކުރެ ޙާލަތަކަށް މި ދަންނަވާ ދެ ޙާލަތު އާދޭތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދިއްޖެއެވެ.

1- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. އިންތިޚާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެއެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެއެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟

2- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައިގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ޙައިސިއްޔަތުން އިންތިޚާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟ އިސްވެ މި ދެންނެވުނު ދެ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ޤާނޫނުން ނުފެނުނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީއެވެ.

އަދި ހަމަ އެއަށްވުރެ ބޮޑަށް، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ޙާލަތުންކުރެ ޙާލަތަކަށް އިސްވެ ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޤާމުން ވަކިވާނޭ ޙާލަތު އާދޭތޯ މި ސުވާލުވެސް އަޅުގަނޑުގެ ހިތުގައި އުފެދޭތީ މި ޚިޔާލު ފާޅުކޮށްލީމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް