Support Us

މަންމަ ޝަހީދުކޮށްލުމުން ސިޒޭރިއަން ހަދައިގެން ސަލާމަތްކުރި ދަރިފުޅު މަރުވެއްޖެ

ފަލަސްތީނުގެ ރަފަހަށް އިސްރާއީލުން ދިން ވައިގެ ހަމަލާގައި ޝަހީދުވި މާބަނޑު މީހާގެ ސިޒޭރިއަން ހަދައިގެން ސަލާމަތްކުރި ދަރިފުޅު މަރުވެއްޖެއެވެ.

ސަބްރީން އަލް-ސަކާނީ ސިޒޭރިއަން ހަދައިގެން ސަލާމަތް ކުރީ އާދިއްތަ ދުވަހު ދަންވަރުއެވެ. ރަފަހްގެ ހޮސްޕިޓަލެއްގައި ސަބްރީން ވިއްސާފައި ނޭވާ ލެއްވީ ޕަންޕެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އޭނާ ވަނީ އިއްޔެ މަރުވެފައެވެ. އޭނާ ވަޅުލީ މަންމަގެ ކަށްވަޅާ ޖެހިގެންނެވެ.

ސަބްރީން މަރުވުމުން ވާނީ މިދިޔަ ހަފުތާބަންދުގައި އިސްރާއީލުން ރަފަހަށް ދިން ދެ ވައިގެ ހަމަލާގައި މަރުވި 16 ކުޑަކުދިން ތެރެއިން އެއް ކުއްޖަކަށެވެ. މި ހުރިހާ ކުދިންނަކީ އެއް އިމާރާތެއްގައި ދިރިއުޅުނު ކުދިންނެވެ. އިސްރާއީލު ސިފައިން ހަމަލާ ދިނީ މި ތަނަށް އަމާޒުކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ ދިފާއީ ބާރު އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް.)އިން ބުނީ އިސްރާއީލުގެ އަސްކަރިއްޔާގެ އަމާޒުފަތްގަނޑަކީ ހަމާސްގެ ހަނގުރާމަވެރިންނާއި ހަމާސްގެ އިންފްރާސްޓްރަކްޗާ ކަމަށެވެ.

ސަބްރީންގެ މަންމަ ޝަހީދުވީ އޭނާއަށް ބަލިވެއިންތާ ހަތް މަހުގައެވެ. އަދި އިސްރާއީލުގެ މި ވައިގެ ހަމަލާގައި ސަބްރީންގެ ބައްޕަ ޝުކްރީ އާއި ސަބްރީންގެ ދޮއްޓަށް ހުންނަ ތިން އަހަރުގެ މަލަކް ވެސް ވަނީ ޝަހީދުވެފައެވެ.

ސަބްރީންގެ މަންމައަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އެ ގޮތުން އޭނާގެ ބޯފަޅައިގެން ގޮސް ސިކުނޑި އޮތީ ހާމައަށެވެ. މިހެންވެ، ފުރާނަ ދިޔަ ވަގުތުގައި ޑޮކްޓަރުން ނިންމީ އެމަޖެންސީގައި ސިޒޭރިއަން ހަދައި، ސަބްރީން ސަލާމަތް ކުރުމަށެވެ.

ސަބްރީން އިންކިއުބޭޓަރަކަށް ލުމަށް ފަހު ޑޮކްޓަރުން ހީކުރީ އޭނާގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ބަރުދަނުގައި 1.4 ކިލޯ ހުރި އިރު، އަދި ދުވަސް ނުފުރާ ވިހެއުމުން، ސަބްރީންގެ ނޭވާލާ ނިޒާމުގައި ސީރިއަސް މައްސަލަތަކެއް ހުރިކަން ޑޮކްޓަރުންނަށް ފާހަގަ ކުރެވުނެވެ.

ރަފަހްގެ އިމިރާތީ ހޮސްޕިޓަލްގެ ޑޮކްޓަރު މުހައްމަދު ސަލާމާ ވިދާޅުވީ މި ތަންވަޅު ސަބްރީން ހަގީގަތުގައި އޮންނަ ޖެހޭނީ އޭނާގެ މަންމަގެ ރަހިމުގައި ކަމަށެވެ.

"ނަމަވެސް އޭނާ އަށް އެ ހައްގު ގެއްލުނު،" ޑރ. ސަލާމާ ވިދާޅުވިއެވެ.

ސަބްރީންގެ މަންމަ ފަރާތު މާމަ މިރްވަތު އަލް-ސަކާނީ ބުނެފައިވަނީ ސަބްރީން ބެލުމާ ހަވާލު ވާނީ އޭނާ ކަމަށެވެ.

ޣައްޒާގައި ހަމާސްއިން ހިންގާ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ އޮކްޓޫބަރު މަހު ހަމާސްއިން އިސްރާއީލަށް ހަމަލާ ދިނުމުން، ބަދަލުގައި އިސްރާއީލުން ފެށި ހަނގުރާމާގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިންބައިކުޅަދެބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުން ބުނީ ހަމާސްގެ ހަމަލާގައި 1،200 ޔަހޫދީންނާއި ބިދޭސީންގެ ތެރެއިން ބަޔަކު މަރުވި ކަމަށާއި އޭގެ ތެރޭގައި ގިނައީ އާއްމުން ކަމަށެވެ. އަދި އިސްރާއީލުން ބުނެފައިވަނީ ހަމާސްއިން ހަމަލާ ދިނުމަށް ފަހު 253 ޔަހޫދީން ރަހީނު ކޮށްގެން ހަމާސްއިން އަނބުރާ ޣައްޒާއަށް ގެންދިޔަ ކަމަށެވެ.

އައި.ޑީ.އެފް.ގެ ގޮވާލުމަކަށް ފަލަސްތީނުގެ 1.4 މިލިއަން މީހުން މިހާރު ތިބީ ރަފަހްގައެވެ. ސަބަބަކީ ފަލަސްތީނު ރައްޔިތުންނަށް ސަލާމަތްތެރިކަން ލިބޭނީ ރަފަހްގައި ކަމަށް އައި.ޑީ.އެފް.އިން ބުނުމުންނެވެ. ނަމަވެސް އިސްރާއީލުން މިހާރު ބުނެފައިވަނީ ރަފަހް ހިފާނެ ކަމަށެވެ. ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ވިދާޅުވީ ހަމާސް ބަލިކުރުމަށާއި ރަހީނު ކޮށްފައިވާ ޔަހޫދީން ސަލާމަތް ކުރެވޭނީ އެއްގަމު މަގުން ރަފަހަށް ވަދެގެން ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނީ ރަފަހްގައި ތިބި ފަލަސްތީނުގެ އާއްމުން ރައްކާތެރި ހިސާބުތަކަށް ގެންދަން މިހާރު ފަށާފައިވާ ކަމަށެވެ. އެމެރިކާއިން އިސްރާއީލަށް ގޮވާލީ ރަފަހް މުޅިން އެއްކޮށް ފަތަހަ ކުރަން ނޫޅުމަށެވެ. ހަމައެކަނި ހަމާސްއަށް ހަމަލާ ދޭން އަމާޒު ކުރަން ޖެހޭ ކަމަށެވެ. ނޫން ނަމަ އިންސާނިއްޔަތާ ހިލާފު ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *