Support Us

ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް" އާ ގުޅޭ ސާރވޭތަކެއް ކޮށްފި

ލ. ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ ކޮންސެޕްޓާ ގުޅޭ ސާރވޭތަކެއް "މެރިޓައިމް ހަބް" ތަރައްޤީކުރާ ޗައިނާގެ ސީ.އޭ.އެމް.ސީ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓަޑް (ކެމް.ސީ.އީ) އާއި އެމް.ޕީ.އެލް އިން ގާދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މެރިޓައިމާ ގުޅުން ހުރި ގިނަ ޚިދުމަތްތަކާއެކު ގާދޫގައި ތަރައްޤީކުރާ "އިންޓަގްރޭޓަޑް މެރިޓައިމް ހަބް"ގެ މަސައްކަތް ސީ.އޭ.އެމް.ސީ.އީ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރީ މި މަހުގެ 11 ގައެވެ. މިދި ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ކޮންސެޕްޓާ ގުޅޭ ފުރަތަމަ ސާރވޭގައި ބައިވެރިވި ސީ.އޭ.އެމް.ސީ.އީ ޓީމުގައި ހަތް ތަޖުރިބާކާރުން ހިމެނެއެވެ. އަދި އެމް.ޕީ.އެލްގެ ޓެކްނިކަލް ޓީމެއްވެސް މި ސާރވޭގައި ބައިވެރިވިއެވެ.

"ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅައިި، އަލާވާ ކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވާތީ، މި ކުންފުނިން "އިންޓަގްރޭޓަޑް މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށެވެ. މި ޕްރޮޖެކްޓްގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ ތިމާވެއްޓާ ބެހޭ ވުޒާރާ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށްފަހުއެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައިވެއެވެ.

ލ. އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ރާވާފައިވާއިރު، ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. އަދި މީގެ އިތުރުން "އޮފް ޝޯ ބަންކަރިންގ" އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ޚިދުމަތްވެސް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.

"ގާދޫ އަކީ މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރަނގަޅު ސަރަހައްދެއްގެ ގޮތުގައި ޒަމާނުންސުރެ އޮތީ ފާހަގަވެފައެވެ. އެހެން ނަަމަވެސް މިހާތަނަށް އެ ސަރަހައްދުގައި މެރިޓައިމްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ." އެމް.ޕީ.އެލްގެ ބަޔާނުގައިވެއެވެ.

"ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މި ޕްރޮޖެކްޓްއާއެކު ލާމު އަތޮޅުގައި ޓޫރިޒަމް ސިނާއަތް ފުޅާވެ، ވަޒީފާ އާއި ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ލާމު އަތޮޅުގެ ރަށްތަކުގައި އުފެދޭނެއެވެ."