...

Support Us

ގާދޫ "މެރިޓައިމް ހަބް" ޕްރޮޖެކްޓްގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ލ. ގާދޫގައި ތަރައްޤީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާޙްކޮށް، އެ ޕްރޮޖެކްޓްގެ މަސައްކަތް ޗައިނާގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ.

މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ "މެރިޓައިމް ހަބް" ރަސްމީކޮށް އިފްތިތާހްކުރީ އެ އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާޙްކުރުމަށް މިރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ހަފްލާގައި "މެރިޓައިމް ހަބް" ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލުކުރި ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓެޑާއެކު އެމް.ޕީ.އެލް އިން ވަނީ ފަހުމުނާމާގައި ސޮއިކޮށްފައެވެ. އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ކެ.މްސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއިއެވެ.

ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ޙާއްސަ ސަރަހައްދެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.

ލ. އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓަރމިނަލްއެއް ޤާއިމްކުރެވިގެންދާނެއެވެ. މީގެ އިތުރުން ގާދޫއާއި ފޮނަދޫއާ އިންވެގެން އޮތް ފަޅުތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެ ސަރަހައްދުގައި ސުޕަރ ޔޮޓް މެރީނާއެއްވެސް ޤާއިމްކުރެވޭނެއެވެ. ސުޕަރ ޔޮޓް މެރީނާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޔޮޓްތައް ޕާކްކުރެވޭގޮތަށް ފަރުމާކުރެވޭނެ ޚާއްސަ ސަރަހައްދެކެވެ. އަދި ހަމަ އެހެންމެ އޯފްޝޯރ ބަންކަރިންގެ ޚިދުމަތުގެ އިތުރުން ގާދޫގައި ވެލާ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަށްވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ނިންމައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ލާމު "މެރިޓައިމް ހަބް" އަކީ ލާމު އަތޮޅުގެ އިޤްތިސާދަށް "އާދަޔާ ހިލާފު ފައިދާއެއް" ކުރާނެ މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑު (ލ.އަތޮޅު) ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ މި ފެށިގެންދާ މަޝްރޫޢުތަކުން މަދުވެގެން ޑިރެކްޓްކޮށް 2000 މުވައްޒަފުން ބޭނުންވާނެކަން. އަދި އިންޑައިރެކްޓްކޮށް އާދަޔާ ހިލާފަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ. މި ކަންތައްތައް ފުރިހަމަވުމުން މި އަތޮޅާއި އަދި ކައިރީގައި އޮތް އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާދަޔާ ހިލާފު އިޤްތިސާދީ މަންފާތަކެއް ކުރާނެ،" ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކޮށް ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރުން ކަމަށެވެ.

"އެމް.ޕީ.އެލް މިސްރާބު ޖަހާފައި މިވަނީ ހަމަ އެކަނި ކޮންޓޭނަރ ކޮޅެއް އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީއަށްވުރެ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެއްބާރުލުން ދީ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށްޓަކައި. މިސްރާބު ބަދަލުކޮށް ވިޔަފާރި ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކެއް މިއީ،" ވަޖީހް ވިދާޅުވިއެވެ.

ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ-ފްރެންޑްލީ ޑިވަލޮޕްމަންޓް މެތަޑް ތެރެއިންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.