ލ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ލ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ހުރިހާ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާޙް ކުރުމާއި ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ ހުރިހާ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެށްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، ލ. އަތޮޅަށް މިކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް ވަނީ ޖުމްލަ 162 ލޯކަލް ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އަމާޒަކީ ފަސްއަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައެވެ.
ލ. އަތޮޅަށް އެމަނިކުފާނު މި ކުރެއްވި ރަސްމީ ދަތުފުޅު ނިންމަވާލެއްވުމަށްފަހު، ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫސިޓީއަށް މިއަދު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.