Support Us

އީރާނުގެ ހަމަލައަކަށް ފުރިހަމަ ރައްދެއް ދޭނެ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނެފި

މި މަހުގެ އެއް ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން ހަމަލަ ދީ އެތައް ބަޔަކު މަރާލި ހާދިސާއާ ގުޅިގެން އެ ކަމުގެ ބަދަލެއްގެ ގޮތުގައި އީރާނުން އިސްރާއީލަށް ހަމަލައެއް ދީފި ނަމަ، އޭގެ ބަދަލުގައި އީރާނަށް ހަމަލަދޭނެ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުން ދިން ހަމަލާގައި އީރާނުގެ އަސްކަރިއްޔާގެ އެކި ހިދުމަތްތައް ދޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ) ހަތް މެންބަރުންނާއި އީރާނުގެ އަސްކަރިއްޔާގެ ދެ ޖެނެރަލުން ވަނީ އަވަހާރަކޮށްލައިފައެވެ.

އީރާނުގެ ރޫހީ ވެރިޔާ އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގެ ގަވައިދުތަކަށް ބަލައިފި ނަމަ ސޫރިޔާގައި ހުރި އީރާނުގެ އެމްބަސީއަކީ އީރާނުގެ ބިމެއް ކަމަށާއި އަދި މިހެންވެ އިސްރާއީލުން ދިން ހަމަލަ ބެލެވޭނީ އީރާނަށް ސީދާ ދިން ހަމަލައެއްގެ ގޮތުގައި ކަމަށެވެ.

"އިސްރާއީލުގެ މި ހަމަލަ އދ.އިން ކުށްވެރި ކުރި ނަމަ އަހަރެމެންނަށް ފިޔަވަޅު އަޅާކަށް ނުޖެހުނީސް،" އދ.އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އީރާނުން ބުނީ އިސްރާއީލުގެ މި ހަމަލައަށް ފުރިހަމަ ބަދަލެއް ދޭނެ ކަމަށެވެ.

އީރާނުން ދިން މި އިންޒާރާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ހިނގާފާނެ ކަމުގެ ބިރު ހީވާން މިހާރު ވަނީ ފަށައިފައެވެ.

އީރާނުން ދިން މި އިންޒާރާ ގުޅިގެން އިސްރާއީލާއި އެމެރިކާއިން ބުނީ އީރާނުން ހަމަލައެއް ދީފި ނަމަ، އީރާނަށާއި އީރާނާ ގުޅިފައިވާ ފަރާތްތަކަށް ފުރިހަމަ ހަމަލައެއް ދޭނެ ކަމަށެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިކަން ވަނީ އިސްރާއީލުގެ ހާރިޖީ ވަޒީރު ޖޯވް ގެލެންޓްއާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައި ކަމަށެވެ. އެ ގޮތުން އިސްރާއީލަށް ސަލާމަތްތެރިކަން ދޭނެ ކަމަށް ތަކުރާރުކޮށް ބްލިންކަން ވިދާޅުވި ކަމަށެވެ.

އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނު މެޓްހިއު މިލާ އިއްޔެ ވިދާޅުވީ ބްލިންކަން ވަނީ ތުރްކިޔެ އާއި ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުންނާ ވެސް މަޝްވަރާ ކުރައްވާފައި ކަމަށެވެ.

"ބޭނުމަކީ މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސް ކުރިޔަ ނުދިނުމަށް އީރާނަށް މެސެޖެއް ދިނުން،" މިލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާނުގެ މައްސަލަ އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ އަސްކަރީ ޖެނެރެލެއް ކަމަށްވާ މައިކަލް ކުރިލާ އިއްޔެ އިސްރާއީލަށް ވަޑައިގަތް ކަމަށެވެ.

އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ދެއްވި އިންޒާރެއްގައި ވިދާޅުވީ ފަލަސްތީނުގެ ޣައްޒާއަށް ވުރެ ދުރުގައި ހުރި ގޮންޖެހުންތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަހަރެމެން ގެންގުޅެނީ ވަރަށް ސީދާ ސާދާ ގަވައިދެއް: އަހަރެމެންނަށް ގެއްލުންދޭ ބަޔަކަށް އަހަރެމެން ވެސް ގެއްލުންދޭނަން. ހަމަލަ ދިނުން ކަމަށް ވިޔަސް އަދި ހަމަލައިން ރެކުން ކަމަށް ވިޔަސް، އިސްރާއީލުގެ ހުރިހާ ސަލާމަތީ ކަންތައްތައް ރައްކާތެރި ކުރުމަށް އަހަރެމެން މި ތިބީ ތައްޔާރަށް،" ނަތަންޔާހޫ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *