...

Support Us

އާއިލާއާއެކު ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޔުނީފޯމުގައި އެންމެ ފަހު ފަހަރަށް އިއްޔެ ސިފައިންގެއަށް ވަންނަވަނީ 

ކުލަތަކުން ޒީނަތްވެފައިވާ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އަސްކަރީ ޚިދުމަތް

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރަކީ 1984 ވަނަ އަހަރުގެ މާރިޗުމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ތެދުވެރިކަމާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި އަސްކަރިއްޔާގައި ހޭދަކުރެއްވި މި ދިގު މުއްދަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ކޯސްތަކާއި ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވެއެވެ. އަދި ދިވެހި އަސްކަރިއްޔާގެ ތަފާތު ގިނަ ދާއިރާތަކުގައި ވަރަށް އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ. މިގޮތުން އެމްއެންޑީއެފްގެ ބައެއް އޭރިއާ ކޮމާންޑްތަކާއި ކޯރތަކާއި ޔުނިޓްތަކުގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ކުރައްވާފައިވާ ޚިދުމަތްތަކާއި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ އިޚްލާޞްތެރި އަގުހުރި މަސައްކަތްތައް ފާހަގަކުރެވެއެވެ.

ޒަކަރިއްޔާ މަންޞޫރު ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ޗައިނާއިން 1989 ވަނަ އަހަރު ފުރިހަމަ ކުރެއްވި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު ކޯސް، 1990 ވަނަ އަހަރު ދިވެހި އަސްކަރިއްޔާގައި ފުރިހަމަ ކުރެއްވި އެންސީއޯ ކޭޑަރ ތަމްރީނު ކޯސް، 1990 ވަނަ އަހަރު އެމެރިކާއިން ފުރިހަމަކުރެއްވި އިންޓަރނޭޝަނަލް ރިވަރައިން އެންޑް ކޯސްޓަލް އޮޕަރޭޝަން ކޯސް، 1991 ވަނަ އަހަރު އިނގިރޭސިވިލާތުން ފުރިހަމަ ކުރެއްވި އޮއިލް ސްލިޕް އެންޑް ކްލިއަރަންސް ކޯސް، 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބްރިޓޭނިއާ ރޯޔަލް ނޭވަލް ކޮލެޖުން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް މިޑްޝިޕްމަންސް ކޯސް ހިމެނެއެވެ. އަދި 1994 ވަނަ އަހަރު ޕާކިސްތާނުން ފުރިހަމަ ކުރެއްވި ބޭސިކް ސްޓާފް ކޯސް، 1995 ވަނަ އަހަރު އޮސްޓްރޭލިއާއިން ފުރިހަމަ ކުރެއްވި އިންޓަރނޭޝަނަލް އެއަރ ސާރޗް އެންޑް ރެސްކިޔު ކޯސް، 2000 ވަނަ އަހަރު އެމެރިކާއިން ފުރިހަމަ ކުރެއްވި ނޭވަލް ސްޓާފް ކޮލެޖް ފޮރ އިންޓަރނޭޝަނަލް އޮފިސަރސް ކޯސް ފާހަގަކުރެވެއެވެ. އަދި 2014 ވަނަ އަހަރު އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގައި ނޭޝަނަލް ސެކިއުރިޓީގެ ދާއިރާއިން މާސްޓަރސް ހާސިލުކުރައްވާފައިވާ ޒަކަރިއްޔާ މަންޞޫރު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި ތަފާތު ގިނަ ސެމިނަރތަކާއި ވޯކްޝޮޕްތަކާއި ބައްދަލުވުންތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކޮށް ދެއްވާފައެވެ.

ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ. ދިވެހި އަސްކަރިއްޔާގައި މިއަދު މިދެކޭ ކޯސްޓްގާޑުގެ ޚިދުމަތް ތަރައްޤީވެ ފުޅާވެގެން ދިއުމުގައި، ޚާއްޞަކޮށް އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމުގައި ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައާއި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އަދި ކޯސްޓްގާޑުގެ ކޮމަޑާންޓުގެ ހައިސިއްޔަތުން ޒަކަރިއްޔާ މަންޞޫރު ކުރައްވާފައިވަނީ އަގުހުރި މަސައްކަތްތަކެކެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރު (ވ) ޝަރަފުވެރިކަމާއެކު އިއްޔެ ރިޓަޔަރކުރައްވަނީ

އެމްއެންޑީއެފް ކޯސްޓްގާޑުގައި އަދާކުރެއްވި އިސް މަޤާމުތަކުގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުކަމާއި، ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ) އާއި ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)ގެ މެނޭޖްމަންޓް ކޮމެޓީގެ ޗެއަރމަންކަމާއި، ޓްރޭނިންގ ރިސަރޗް އެންޑް އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަމާއި، ދިވެހި ސިފައިންގެ ކުލަބުގެ ހިންގާ ކޮމެޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރކަމާއި، އެމްއެންޑީއެފްގެ ޗީފް ސްޕޯކްސްޕާސަންކަން ހިމެނެއެވެ. ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާފައިވާ ބޯޑުތަކާއި މަޖިލިސްތަކާއި ކޮމެޓީތަކުގެ ތެރޭގައި އެމްއެންޑީއެފް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަމާއި، އެމްއެންޑީއެފް ގްރީވަންސް ބޯޑުގެ ޗެއަރމަންކަމާއި، އެމްއެންޑީއެފްގައި އުފައްދަވާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމެޓީގެ ޗެއަރމަންކަން ހިމެނެވެ. ޒަކަރިއްޔާ މަންޞޫރު ސިފައިންގެ ޚިދުމަތުން 2021 ޑިސެންބަރު 09 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޤައުމަށްޓަކައި ކުރެއްވި އަގުހުރި ޚިދުމަތް ފާހަގަކުރެވެއެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީ ގޮތުން އަދާކުރެއްވި އިސް ދައުރާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާއިން ދިވެހި ދައުލަތުގެ ސިޔާސަތާ އެއްގޮތަށް ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިކުރައްވައި، ކަމާބެހޭ ދިރާސާތައް ހައްދަވައި، ޢަމަލީ ގޮތުން ކުރައްވާފައިވާ އަގުހުރި މިންނަތް މަސައްކަތްތައް ފާހަގަކުރެވެއެވެ.

ޒަކަރިއްޔާ މަންޞޫރު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، މިނިވަން 50ގެ މެޑެލި އަދި ޖުމުހޫރީ 50 ގެ މެޑެއްޔެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ 2 ވަނަ ފަހަރަށް، އަޚްލާޤީ ކުލަ ދެވަނަ ފަހަރަށް އަދި ހިތްވަރުގަދަކަމުގެ ކުލަ ލިބިވަޑައިގެންފައިވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭނެ ޒުވާނުންނަށް ވެސް ދައްކުއިދެއްވި ވަރަށް ރީތި މިސާލެކެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޒަކަރިއްޔާ މަންޞޫރަށް، ބާއްޖަވެރި މުސްތަޤުބަލެއް އަދި ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރި ހަޔާތެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.