Support Us

ރުކު ފަނުން ގޮނޑުދޮށުގައި "އެހީ"އަށް އެދުމުން ސަލާމަތްވެއްޖެ

ހާލުގައި ޖެހިއްޖެއްޔާ ކޮންމެވެސް ސިފައެއްގައި އެހީއަށް އެދުމަކީ މުހިންމު ކަމެކެވެ. މި މުހިންމު ފިލާވަޅު ޕެސިފިކް ކަނޑުގައި ބެހިގެންދިޔަ ތިން ދަތުރުވެރިންނަށް ވަނީ ލިބިފައެވެ.

ކަނޑަށް ފަރިތަ، މި ތިން ދަތުރުވެރިން ބެހިގެންދިޔައީ އެ މީހުން ދަތުރު ކުރި އިންޖީނު ލީ ބޯޓުގެ އިންޖީނުގައި މައްސަލަ ޖެހުމުންނެވެ. ވިހި ފޫޓުގެ މި އުޅަނދު ހުއްޓުމަކަށް އައުމުން ތިން ދަތުރުވެރިން ލައްވާލީ ވަރަށް އެކަހެރިކޮށް އޮންނަ އަތޮޅެއް ކަމަށްވާ ޕިކްލޮޓަށެވެ.

ކަނޑަށް ފަރިތަ ތިން ދަތުރުވެރިން ކުރި ކަމަކީ އެ މީހުން ލެއްގި ރަށުގެ ގޮނޑުދޮށުގައި ރުކެއްގެ ފަންތަކެއް އަތުރައިގެން "ހެލްޕް" ނުވަތަ "އެހީވޭ" އެޅީއެވެ.

އުމުރުން 40ގެ އަހަރުތައް ގުނަމުންދާ މި ތިން ދަތުރުވެރިން ބެހިގެންދިޔައީ މައިކްރޮނީޝިއާގެ ޕޮލޮވަޓް އަތޮޅުން މިދިޔަ މަހު 31 ގައި ނައްޓާލައިގެން ދަތުރު ކުރަނިކޮށެވެ. އެ މީހުން ގެއްލިގެން އެމެރިކާގެ ކޯސްޓް ގާޑަށް ރިޕޯޓް ކުރީ މި މަހު ހަވަނަ ދުވަހުއެވެ. ކޯސްޓް ގާޑުން ބުނީ އަންހެނަކު ވަނީ އޭނާގެ ތިން ބޮޑުބޭބެއިން ޕިކްލޮޓް އަތޮޅުން އެނބުރި ނާންނަ ކަމަށް ރިޕޯޓް ކުރި ކަމަށެވެ.

"ތިން މީހުން ސަލާމަތް ކުރެވުމުގައި އެންމެ މުހިންމު އެއް ދައުރު ކުޅުނީ އެ މީހުން ބެހިގެންދިޔަ ރަށުގެ ގޮނޑުދޮށުގައި ރުކު ފަނުން 'ހެލްޕް' އެޅުމުން އެ މަންޒަރު އަހަރެމެންނަށް ފެނުމުން،" ތިން ދަތުރުވެރިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ކޯސްޓް ގާޑްގެ ވިލަރެސްކުރުންތެރިޔާ ލެފްޓިނަންޓް ޗެލްސީ ގާސިއާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިން ދަތުރުވެރިން ގެއްލިގެން ރިޕޯޓް ކުރި ދުވަސް ނޫން އަނެއް ދުވަހު އެ މީހުން ފެނުނު ކަމަށެވެ.

އެމެރިކާގެ ކޯސްޓް ގާޑުން ފުރަތަމަ ކުރި ކަމަކީ މަތިންދާބޯޓެއްގައި ފުރަތަމަ އެހީގެ ސާމާނު އެ ރަށަށް ވައްޓާލީއެވެ. އަދި އޭގެ އެއް ދުވަސް ފަހުން ތިން ދަތުރުވެރިންނާ މުވާސަލާތު ކުރާނެ އާލާތެއް ވެސް ވައްޓާލީއެވެ.

ތިން ދަތުރުވެރިން ވެސް ބުނީ އެ މީހުންގެ ހާލު ރަނގަޅު ކަމަށާއި ކާބޯތަކެއްޗާއި ބޯފެން ހުރި ކަމަށެވެ. ނަމަވެސް އެ މީހުން ދަތުރު ކުރި އުޅަނދުގެ އިންޖީނުގައި މައްސަލަ ޖެހުމުން ދަތުރު ކުރެވެން ނެތް ކަމަށެވެ.

ކޯސްޓް ގާޑުން ބުނީ މަނަވަރެއް ފޮނުވައިގެން ތިން މީހުން ސަލާމަތް ކުރީ މި މަހު ނުވަ ވަނަ ދުވަހު ކަމަށެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ޕައިކްލޮޓަށް ބެހިގެންދިޔަ މައިކްރޮނީޝިއާގެ ތިން ދަތުރުވެރިން ވެސް ސަލާމަތްވީ މި ކަހަލަ ގޮތަކަށެވެ. އެ ފަހަރު ގޮނޑުދޮށުގައި "އެސް.އޯ.އެސް." މި ތިން އަކުރު އަޅާފައިވާ މަންޒަރު ފެނުނީ އޮސްޓްރޭލިޔާ އާއި އެމެރިކާގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކަކަށެވެ. "އެސް.އޯ.އެސް." އަކީ އާއްމު ގޮތެއްގައި ކަނޑުގެ އުޅަނދުތައް ހާލުގައި ޖެހުމުން ފޮނުވާ މޯސް ކޯޑް ސިގްނަލްގެ ރަމްޒެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *