Support Us

އޮސްޓްރޭލިޔާގައި އަންހެނުން މެރުން އިތުރުވާތީ ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލައިފި

އޮސްޓްރޭލިޔާގައި ކޮންމެ ހަތަރު ދުވަހަކުން އަންހެނަކު މަރާލާތީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ. މިއީ މި އަހަރު ފާހަގަ ކުރެވިފައިވާ ކަމެއް ކަމަށް ސަރުކާރުން ބުންޏެވެ.

"މިއީ ގައުމީ ކާރިސާއެއް،" ބޮޑު ވަޒީރު އެންތަނީ އަލްބަނީޒެ ވިދާޅުވިއެވެ.

މި ތަފާސްހިސާބުތައް ފެންމަތިވުމާ ގުޅިގެން ރައްޔިތުން މިހާރު ވަނީ ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތަކެއް ފަށައިފައެވެ. އަދި މި މައްސަލައަށް މިހާރަށްވުރެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

ވަކި ޖިންސަކަށް އަމާޒު ކޮށްގެން ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވާ މާޓީނާ ފަރާރާ ވިދާޅުވީ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ، ނަމަވެސް ސަލާމަތްވި އަންހެނުން، އެ މީހުންގެ ވާހަކަތައް ކިޔައިދީ، ރިޕޯޓް ކުރުމަށް މިހާރަށްވުރެ ފަސޭހަ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ.

"އަދި އަހަރެމެން ބޭނުންވަނީ މިއީ ކުއްލި ހާލަތެއްގެ ގޮތުގައި ސަރުކާރުން ބަލައިގަނެ، ލަސް ނުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ނިންމުން،" އޭނާ ވިދާޅުވިއެވެ.

ވެރިރަށް ކެންބެރާގައި އޮތް މުޒާހަރާއެއްގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން އަލްބަނީޒެ ވިދާޅުވީ ސަރުކާރުގެ ހުރިހާ ދާއިރާއަކުން މި ކަމަށް މިހާރަށް ވުރެ ރަނގަޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"އަހަރެމެންގެ ސަގާފަތާއި ދެކޭ ގޮތާއި ޝަރުއީ ނިޒާމާއި އަދި ގައުމުގެ ހުރިހާ ސްޓޭޓްތަކުން އަޅާ ފިޔަވަޅުތައް އެބަ ބަދަލު ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަލްބަނީޒެ ވިދާޅުވީ މި މައްސަލާގައި ފިރިހެނުންގެ އަމަލުތައް ހުންނަ ގޮތް ފިރިހެނުން އަމިއްލައަށް ވެސް ބަދަލު ކުރަންޖެހޭ ކަމަށެވެ.

އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާއަކީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައަޅަން ގޮވާލުމުން، އެ ކަމަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ކުއްލި ހާލަތު އާއްމު ގޮތެއްގައި އިއުލާން ކުރަނީ ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުން ފަދަ ކާރިސާތަކުގައި ވަގުތީ މާލީ އެހީ ހޯދުމަށް ކަމަށެވެ.

"މި މައްސަލަ އަހަރެމެން ހައްލު ކުރަން ޖެހޭނީ ވަރަށް ސީރިއަސް ގޮތެއްގައި. ހަފުތާއަކުން ހަފުތާއަކުން، މަހަކުން މަހަކުން، އަހަރަކުން އަހަރަކުން،" އަލްބަނީޒެ ވިދާޅުވިއެވެ.

ބޮޑު ވަޒީރުގެ މި ވާހަކަ ބައެއް ރައްޔިތުން ބަލައިގަތަސް، އަނެއް ބަޔަކު މި ހިޔާލާ ދެކޮޅެވެ.

އޮސްޓްރާލިޔާ ބައްރުގެ މައި ސަރުކާރުގެ ބަންޑާރަ ނައިބު މާކް ޑްރޭފަސް ވަނީ މި މައްސަލަ ބަލަން ކޮމިޝަނެއް ހެދުމާ ދެކޮޅު ހަދައިފައެވެ.

ވަކި ޖިންސަކާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން އަލްބަނީޒެ މިހާތަނަށް ވެސް ސިފަ ކުރައްވަމުން އަންނަނީ "އާއްމުންގެ މެދުގައި  ވަރަށް ބޮޑަށް ފެތުރިގެންދާ ބައްޔެ"އްގެ ގޮތުގައެވެ. ސަބަބަކީ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި ވެސް ޖިންސީ ފުރައްސާރަ ކުރުން އޮތުމުން 2021 ވަނަ އަހަރު މުޅި ގައުމުގައި އެ ކަމާ ދެކޮޅަށް މުޒާހަރާ ކޮށްފައިވާތީއެވެ.

އެޑަލެއިޑް ސިޓީގެ ގާނޫނު ހަދާ މަޖިލީހުގެ ކައިރީގައި އިއްޔެ ވަނީ 3،000 އެއްހާ މީހުން މުޒާހަރާކޮށްފައެވެ. މީގެ އިތުރުން ބްރިސްބެން ސިޓީ އާއި މެލްބަން ސިޓީ އާއި ގޯލްޑް ކޯސްޓް ސިޓީ އަދި ނިއުކާސްލް ސިޓީގައި ވެސް ވަނީ ހުކުރު ދުވަހާއި އިއްޔެ މުޒާހަރާކޮށްފައެވެ.

މި އަހަރުގެ ކޮންމެ ހަތަރު ދުވަހުން އަންހެނަކު މަރާލާ މައްސަލަ އޮސްޓްރޭލިޔާގައި މިހާރު ހޫނު ވެފައިވަނީ މި މަހު ކުރީކޮޅު ސިޑްނީ ސިޓީގެ ބާޒާރެއްގައި ތޫނު އެއްޗަކުން ހަމަލާ ދީ، ހަ މީހުން މަރާލިއިރު، އޭގެ ތެރެއިން ފަސް މީހުންނަކީ އަންހެނުން ކަމަށްވެފައި، ސެކިއުރިޓީ ކެމެރާތަކުގެ ފުޓެޖް ބެލުމުން، ހަމަލާ ދިން މީހާ މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ އަންހެނުންނަށް ކަމަށް ފުލުހުންނަށް ފާހަގަ ކުރެވުމުންނެވެ.

"ހަމަލާ ދިން މީހާ ހަމާލާތައް އަމާޒު ކުރީ އަންހެނުންނަށް. ފިރިހެނުންނަށް ހަމަލަ ނުދެވޭތޯ އޭނާ މަސައްކަތް ކުރިކަން ފާހަގަ ކުރެވުނު،" ނިއު ސައުތު ވޭލްސް ސްޓޭޓްގެ ފުލުހުންގެ ކޮމިޝަނަރު ކަރެން ވެބް ވިދާޅުވެފައިވެއެވެ.

އޭގެ ފަހުން ހަމަ މި މަހު، ޕާތު ސިޓީގައި ވެސް އަންހެނަކު މަރާލި ކަމަށް ވަނީ މީހެއްގެ މައްޗަށް ތުހުމަތު ކޮށްފައެވެ. އެ ހާދިސާގައި އުމުރުން 30 އަހަރުގެ އެރިކާ ހޭގެ ހަށިގަނޑު ފެނުނީ އަނދާފައިވާ ގެއެއްގެ ތެރެއިންނެވެ. އެރިކާގެ ހަތަރު ދަރިން ތިބެއެވެ.

ތަފާސްހިސާބުތަކުން ދައްކަނީ މި އަހަރުގެ ފުރަތަމަ 119  ދުވަހުގެ ތެރޭގައި މުޅިއެކު 27 އަންހެނުން މަރާލާފައިވާ ކަމަށެވެ. މި ތަފާސްހިސާބު އެއްކުރީ އޮސްޓްރޭލިޔާގައި އަންހެނުންގެ ހަމަހަމަ ކަމަށް މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ "ޑިސްޓްރޯއި ދަ ޖޮއިންޓު"ންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *