Support Us

ރަނާއި ފައިސާ ހުރި ދަބަހެއް ކުނިޓައްޕުގައި

ކޮންމެ މުޖުތަމައެއްގައި ވެސް އަމާނާތްތެރިން އުޅެއެވެ. މި ފަހަރު މިއީ އަމާނާތްތެރި އިރާނު މީހެއްގެ ވާހަކައެވެ.

ކުނިޓައްޕެއް ހާވަމުން ދަނިކޮށް އުމުރުން 52 އަހަރުގެ އެ މީހާ އަށް ދަބަހެއް ފެނުނެވެ. އެ ދަބަސް ހުޅުވާފައި ބަލައިލުމުން ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ބޮޑު ހައިރާން ކަމެކެވެ. ސަބަބަކީ ދަބަހުގައި "ކުނީ"ގެ ގޮތުގައި ހުރީ ރަނާއި ފައިސާއެވެ!

އިރާނުގެ ނޫހެއް ކަމަށްވާ އެޓިމަޑުން ބުނީ މި މީހާގެ ނަން ނޫހުގައި ޖަހަން އޭނާ ނޭދޭ ކަމަށެވެ. އަދި މި ދަބަސް އޭނާ ވަނީ އޭގެ ވެރިޔާއާ ހަވާލުކޮށްފައި ކަމަށެވެ.

"ދަބަހުގެ ތެރެއިން ފެނުނީ ރަނާއި ޑޮލަރުތަކެއް. އެ ތަކެތީގެ އަގު މުޅިއެކު 31،000 ޑޮލަރަށް އަރާ ކަމަށް ވޭ،" މި މީހާ އެ ނޫހަށް ކިޔައިދިނެވެ.

ނޫހުން ބުނީ ދަބަހުގެ ވެރިޔާ ހޯދީ އެ ދަބަހުގައިވާ ބޭންކް ކާޑެއްގެ މައުލޫމާތުން ކަމަށެވެ.

އެޓިމަޑު ނޫހުން ބުނީ މި ދަބަހުގެ ވެރިޔާ އަކީ އުމުރުން 50 ގެ އަހަރުތައް ގުނަމުން އަންނަ އަންހެނެއް ކަމަށެވެ. އަދި ދަބަސް އެއްލާލީ އޭނާގެ މާމަ ދަރިފުޅު ކަމަށެވެ. އޭނާގެ މާމަ ދަރިފުޅު ހީކުރީ މި ދަބަހުގައި ހުރީ ކުނި ކަމަށެވެ.

އިރާނުގެ ހުޅަނގުގައިވާ އަލަގުޑާޒް ނަމަކަށް ކިޔާ ސަރަހައްދެއްގައި ދިރިއުޅޭ މި އަމާނާތްތެރިޔާ ބުނީ އެހެން މީހުންގެ މުދަލެއް ފެނިއްޖެ ނަމަ އެ ތަކެތި އޭގެ ވެރިންނަށް ރައްދުކުރަން ޖެހޭނެ ކަމަށް އޭނާގެ މައިންބަފައިން އޭނާ އަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މަގުމަތީގައި ހުރި ކުނިޓައްޕުތަކެއް ހާވަމުން ދަނިކޮށް އެ ތަނުން އެއް ޓައްޕުގެ ތެރެއިން މި "އަގުހުރި" ދަބަސް ފެނުނީ މިދިޔަ މަހުއެވެ.

"އަހަރެންގެ އަތުގައި މި ދަބަސް އޮތްހާ ދުވަހަކު އަހަރެންނަށް އިހުސާސް ކުރެވުނީ ބިރުވެރިކަމެއް. ސަބަބަކީ އަހަރެންގެ ތަރުބިއްޔަތު ބިނާކޮށްފައިވާ ތެދުވެރިކަމުގެ އުސޫލުތަކާ ހިލާފު ވެދާނެތީ،" ދަބަސް ފެނުނު އިރާނު މީހާ ބުންޏެވެ.

ހިތަށް ފިނިކަމެއް ގެނެސްދޭ މި ހަބަރު އެޓިމަޑުން ގެނެސްދީފައި މި ވަނީ އިރާނުގެ އިގުތިސާދު ވަރަށް ބޮޑަށް އަޑިއަޅާލައި އިރާނުގެ ރައްޔިތުން ފަގީރު ކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައެވެ. އެއީ ދުނިޔޭގެ ގައުމުތަކުން އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީއެވެ. މިހެންވެ ގައުމުގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ވަނީ 40 ޕަސެންޓަށް ވުރެ މަތީގައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *