Support Us

ރައްޔިތުން ބޭނުންވާ ގޮތް ބޭރު ގައުމުތަކަށް ވެސް މިހާރު ސާފުވާނެ: ރައީސް

ރައްޔިތުންގެ މަޖިލީސްގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ދޭން އާދިއްތަ ދުވަހު ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުން ބޭނުންވާ ގޮތް ބޭރު ދުނިޔޭގެ ގައުމުތަކަށް ވެސް މިހާރު ސާފުވެގެން ގޮސްފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ލިބުނު ތަފާތު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް، ހަވާ އެރުވުމާއެކު އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އުފާފާޅުކުރުމުގެ ބޮޑު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަން، ފަހުރުވެރި ގައުމެއް ކަމަށާއި ދިވެހިންނަކީ އަމިއްލަވަންތަކަމާއި މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން މުޅި ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ސާފުވާންވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ މިންވަރުގައި ހަމަޖެހުން ގާއިމްކޮށް، ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނީ ދެން ބާރު ސްޕީޑުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ މި ކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ އެކި ބޭފުޅުންނަށް ވެސް މިހާރު ސާފުވެވަޑައިގެންނަވާނެ ކަމަށް އަޅުގަނޑަށް ޔަގީންވޭ މިހާރު ރައްޔިތުން ބޭނުންވަނީ ކޮން ގޮތެއްކަން،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މުހިންމީ ދިވެހިންގެ ކަންކަން ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ވަރަށް ސާފުވާނެ."

އިދިކޮޅުގައި އޮތް އެމްޑީޕީއަށް ވެސް ދިވެހިން ބޭނުންވާ ގޮތް މިހާރު ވަރަށް ސާފުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މަޖިލިސް އިންތިހާބުގެ ނަތީޖާއިން މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާ ކަަމަށް ރައްޔިތުން ސާބިތުކޮށްދީފި ކަމަށެވެ. އަދި ދިވެހިން ބޭނުންވަނީ މި ގަމުގައި އިސްލާމްދީނުގެ މަތީގައި ސާބިތުވެ އޮތުމަށާއި މިގައުމުގެ މިނިވަންކަން ޔަގީންވެފައި އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވީ މި ގައުމަށް ރައްޔިތުން އެދޭ ތަރައްގީ ބާރު ދުވެލީގައި ހޯދުމަށް ކަމަށާއި މި ގައުމުގައި ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ރައްޔިތުން ބޭނުންވި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކަމަށްޓަކައި ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރޭގެ ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ ދެކަނބަލުންނާއި ވަޒީރުންނާއި ސަރުކާރުގެ އިސް ވެރިންގެ އިތުރުން ޕީ.އެންސީގެ ޓިކެޓާއި ސަރުކާރުގެ ތާއީދާއެކު ދާއިރާތަކަށް ހޮވުނު މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި ޕީ.އެން.ސީ އަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް 70 ގޮނޑިއަށް ވުރެ ގިނައިން ލިބިފައިވާއިރު ރައީސް މުއިއްޒު އަޒުލްކުރަން ނުކުތް އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަދި އަމިއްލަ މެމްބަރުންނަށް ލިބިފައިވަނީ 11 ގޮނޑިއެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *