Support Us

ރައީސް ބައިޑަން ބޮޑުބޭބެ މަރާލީ ނިއު ގިނީގެ މިނިކާމީހުން؟

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބޮޑުބޭބެ އެމްބްރޯ ފިނިގަން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ގެއްލިފައެވެ. އެމެރިކާ ވައިގެ ސިފައިންގެ ތެރޭގައި އުޅުނު ފިނިގަން ގެއްލުނީ އޮސްޓްރޭލިޔާ ބައްރާ ގާތުގައި އޮންނަ ޖަޒީރާ ނިއު ގިނީއަށެވެ. ބޮޑުބޭބެ ނުފެނުނީ ނިއު ގިނީގެ މިނިކާމީހުން ބޮޑުބޭބެ ކާލީމާ ކަމަށް ރައީސް ބައިޑަން ގަބޫލްކުރައްވައެވެ.

ސެކަންޑް ލެފްޓިނަންޓްގެ މަގާމުގައި ހުރި އެމްބްރޯ ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓު ނިއު ގިނީގެ ސަރަހައްދަށް ވައްޓާލީ ކަމަށާއި އަދި އޭނާގެ ހަށިގަނޑު ގެއްލި، މިހާތަނަށް ވެސް ވީގޮތެއް ނޭނގޭ ކަމަށް ބެލެވެނީ ނިއު ގިނީގެ މިނިކާމީހުން ބޮޑުބޭބެގެ ހަށިގަނޑު ކާލީމާ ކަމަށް ބައިޑަން އިއްޔެ ވިދާޅުވިއެވެ.

ބައިޑަން މިހެން ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ލިބޭތޯ މިހާރު ކުރައްވަމުންގެންދާ ކެމްޕޭނުގައި އޭނާގެ އުފަން ރަށް ކަމަށްވާ ޕެންސިލްވޭނިޔާ ސްޓޭޓްގެ ސްކެންޓަން އަށް ކުރެއްވި ދަތުރެއްގައެވެ.

ބައިޑަންގެ މި ވާހަކައިގެ ސަބަބުން އޭނާގެ ގާތުގައި މަސައްކަތް ކުރައްވާ އޮފިޝަލުން ވަނީ ލަދުގަތްފައި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ ބައިޑަންގެ ބޮޑުބޭބެ ގެއްލުނު ގޮތުގެ ހަގީގަތް، އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ބުނާ ގޮތާއި ބައިޑަންގެ ވިދާޅުވުމާ ތަފާތު ވާތީއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި އެމެރިކާ ރައްޔިތުންގެ ހަނދާނުގައި ހަދާފައިވާ މެމޯރިއަލްއަކަށް ޒިޔާރަތް ކުރައްވާފައި، މި ފަދަ ގޮތަކަށް ވާހަކަ ދެއްކެވީ އޭގެ ފަހުން ޕިޓްސްބާގް އަށް ވަޑައިގެންފައެވެ.

"ބޮޑުބޭބެ ދަތުރު ކުރަމުން އައި މަތިންދާބޯޓު ވައްޓާލީ ނިއު ގިނީގެ މައްޗަށް. އޭގެ ފަހުން އޭނާގެ ހަށިގަނޑަށް ވީ ގޮތެއް ނޭނގޭ. ސަބަބަކީ އެ މަތިންދާބޯޓު ވައްޓާލި ސަރަހައްދުގައި ވަރަށް ގިނަ މިނިކާމީހުން އެ ޒަމާނުގައި އުޅުނު،" ބައިޑަން ވިދާޅުވިއެވެ.

ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ވެސް ބައިޑަން ވަނީ މި މޭރުމުން ވާހަކަ ދައްކަވައިފައެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ އެމްބްރޯގެ މަތިންދާބޯޓުގެ އެކި ބައިބައި އެމެރިކާ ސިފައިން އެއިރު ހޯދައިފައިވާ ކަމަށެވެ.

އެމްބްރޯ ގެއްލުނީ، މިހާރު އުމުރުން 81 އަހަރުގެ ބައިޑަނަށް އެއް އަހަރު ވީތަނާއެވެ.

ރަސްމީ ރިޕޯޓްތަކުން ބުނަނީ އެމްބްރޯގެ މަތިންދާބޯޓަކީ ސިޓީ އާއި މުދާ ހިފައިގެން ނިއު ގިނީ އަށް ދަތުރު ކުރި މަތިންދާބޯޓެއް ކަމަށެވެ. އަދި ނިއު ގިނީ އާ ގާތްވެފައި ވަނިކޮށް އެ މަތިންދާބޯޓުގައި ތިބި އެންމެން އެ މަތިންދާބޯޓު ދޫކޮށްލި ކަމަށެވެ. ނަމަވެސް ސަބަބެއް ނޭނގޭ ކަމަށެވެ.

ހަނގުރާމައިގައި ދުޝްމަނުންގެ ބާރުގެ ދަށަށް ދާ ސިފައިންނާއި ހަބަރެއް ނުވެ ގެއްލޭ ސިފައިންގެ މައުލޫމާތު ބަލަހައްޓާ އެމެރިކާގެ އިދާރާއިން ބުނީ އެމްބްރޯގެ މަތިންދާބޯޓު ކަނޑަށް ޖެއްސި ކަމަށެވެ. އެއަށް ފަހު އެ މަތިންދާބޯޓު އަޑިއަށް ދިޔައިރުވެސް އޭގެ ތިން ފަޅުވެރިއަކު އޭގެން ނުނުކުންނަ ކަމަށެވެ. ނަމަވެސް އެކަކު ސަލާމަތްވި ކަމަށާއި، އޭނާ ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރުކުރި ޓަގުބޯޓެއް ކަމަށެވެ.

"އޭގެ އަނެއް ދުވަހު ވައިގެ މަގުން އެ ސަރަހައްދު ބެލިއިރު އެ މަތިންދާބޯޓާއި ގެއްލުނު ފަޅުވެރިން ފެނިފައެއްނުވޭ،" އެ އިދާރާގެ ވެބްސައިޓްގައި ލިޔެފައިވެއެވެ.

އެމެރިކާގެ ރިޔާސީ އޮފީސް ވައިޓް ހައުސްގެ ނޫސްވެރިކަމާ ގުޅޭ ތަރުޖަމާނު ކަރީން ޖީން-ޕިއޭ ވެސް ޔަގީން ކޮށްދެއްވީ އެމްބްރޯގެ ފުރާނަ ގެއްލުނީ ނިއު ގިނީ ގާތުގައި ޕެސިފިކް ކަނޑުގެ ތެރެއަށް އެމްބްރޯ ދަތުރު ކުރި މަތިންދާބޯޓު ވެއްޓުމުން ކަމަށެވެ. ނަމަވެސް ބައިޑަން ދިފާއު ކުރައްވަމުން ކަރީން ވިދާޅުވީ އެމްބްރޯ ގެއްލުމުގެ މައްސަލައަކީ ބައިޑަން އަށް ވަރަށް "ޖަޒުބާތީ ކަމެއް" ކަމަށެވެ.

ބައިޑަން މި މޭރުމުން ވާހަކަ ދެއްކެވީ އޭނާއާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ސިފައިންނާމެދު ދެއްކެވި ބަދުބަސްތަކަކަށް ރައްދު ދެއްވުމަށް ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވިއެވެ.

އެމްބްރޯގެ އިތުރުން އެމެރިކާ ސިފައިންގެ ކަންތައްތަކަކީ ބައިޑަން އަށް ޒާތީ ގޮތުން އަސަރު ކުރާ ކަންތައްތައް ކަމަށް ވެއެވެ. އެ ގޮތުން އިރާގު ހަނގުރާމާގައި ބައިވެރިވި ބައިޑަންގެ ދޮށީ ފިރިހެން ދަރިފުޅު ބައު ވަނީ ސިކުނޑީގެ ކެންސަރުގައި މަރުވެފައެވެ. ބައިޑަން މި މައްސަލަ ގުޅުވަނީ ކުނި އަންދާ ތަންތަނާއެވެ.

ތާރީހީ ގޮތުން ބަލާއިރު މިނިކާމީހުން އުޅުނީ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ނިއު ގިނީގެ އިރުމަތީ ފަޅީގައި އޮންނަ ޕެޕުއަ ނިއު ގިނީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *