Support Us

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ސަރުކާރަށް ޖެއްސުން ކުރުމަށް، އެއްވެސް ސަފީރަކަށް ރުހުން ނުދީ މަޖުލީހުން ތާށިކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރު ގައުމުތަކަށް ކަނޑައަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފައިވާ އެއްވެސް ސަފީރަކަށް ރުހުން ނުދީ މަޖުލީހުން ތާށިކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއްވެއްޖެއެވެ. މަޖިލީހުން ރުހުން ހޯދުމަށް މިހާތަނަށް 11 ސަފީރެއްގެ ނަން ވަނީ ފޮނުއްވައިފައެވެ.

މި ގޮތުން ސަފީރު ކަމަށް ކަނޑައެޅުއްވުމަށްފަހު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ފޮނުއްވި ތިން ސަފީރުންގެ ނަންތައް ތަޅުމުގައި އިއުލާންކުރުމަށްފަހު، މަޖިލީހުގެ ހާރިޖީ ކަންކަމާ ބެހޭ ކޮމިޓީން ދިރާސާކުރުމަށް ފޮނުވައިފައި ވަނީ، މީގެ ހަތަރު މަސް ކުރިން، މިދިޔަ އަހަރުގެ ޑިސެމްބަރު 11ގައެވެ. އެ ތިން ސަފީރުންނާ ކޮމިޓީން އިންޓަވިއުކުރިތާ ވެސް މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

މަޖިލީހުގެ ރުހުން ހޯދުމަށް އިތުރު ތިން ސަފީރެއްގެ ނަން ރައީސް ފޮނުއްވުމުން، އެ ތިން ސަފީރުންގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފައި ވަނީ، ފެބްރުވަރީ ހަ ވަނަ ދުވަހުއެވެ. އޭގެ ފަހުން ވެސް ދެ މަސް ވަނީ ފާއިތުވެފައެވެ. އަދި އިތުރު ދެ ސަފީރެއްގެ ނަން ރައީސް ފޮނުވުމުން، ކޮމިޓީއަށް އެ ނަންތައް ފޮނުވައިފައި ވަނީ މާރިޗު 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު އެއް މަސް ވަނީ ފާއިތުވެފައެވެ.

ސަފީރު ކަމަށް ކަނޑައެޅުއްވުމަށްފަހު މަޖިލީހުގެ ރުހުން ހޯދުމަށް ހަތަރު ވަނަ ބުރުގައި ފޮނުވި ދެ ނަން ކޮމިޓީއަށް ފޮނުވައިފައި ވަނީ، މާރިޗު 26 ވަނަ ދުވަހުއެވެ. އެ ދެ ނަން ކޮމިޓީއަށް ފޮނުވިތާ މަސް ދުވަސް ހަމަވާއިރު އަދި އެއިން އެއްވެސް ބޭފުޅަކާ މިހައިތަނަށް އިންޓަވިއުއެއް ވެސް ނުކުރެއެވެ.

ސަފީރު ކަމަށް ކަނޑައެޅުއްވުމަށްފަހު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް މުއިއްޒު އެންމެ ފަހުން ނަމެއް ފޮނުއްވީ މި އެޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސަފީރަކު މަގާމަށް އައްޔަންކޮށް ފަތްކޮޅު އެރުވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރު ގައުމުތަކަށް ކަނޑައެޅުއްވި ގިނަ ސަފީރުން އަދިވެސް ތިއްބެވީ މާލޭގައެވެ.

މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފައިވާ ސަފީރުން

11 ޑިސެމްބަރ 2023

1. މުހައްމަދު ހުސެއިން ޝަރީފު (މުންދު): ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަމަށް

2. އިރުތިޝާމް އާދަމް: އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމަށް

3. އަލީ ނަސީރު މުހައްމަދު (އަލިނީ): އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް

06 ފެބުރުއަރީ 2024

4. މަސްއޫދު އިމާދު: ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށް

5. ޑރ. މަރިޔަމް ޝަބީނާ އަހުމަދު: މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަމަށް

6. ގީލާ އަލީ: ބެލްޖިއަމް އާއި އީޔޫގައި ހުންނަވާ ދިވެހި ސަފީރުކަމަށް

13 މާރިޗް 2024:

7. މުހައްމަދު ލުވޭޒު: ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް

8. ޑރ. ސަލްމާ ރަޝީދު: ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް

26 މާރިޗް 2024:

9. ޑރ. ފަޒީލް ނަޖީބު: ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް

10. ޝިއުނީން ރަޝީދު: ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމަށް

1 އެޕްރީލް 2024:

11. މުހައްމަދު ތޯހާ، ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރުކަމަށް

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވިި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމް.ޑީ.ޕީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހާއި ކޮމިޓީތަކުން، ރައީސް މުއިއްޒުގެ ސަރުކާރު ހިންގުމަށް ތާށިކޮށް، ވާކޮށްލުމަށްޓަކައި އެކި ގޮތްގޮތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ބޯހިޔާވަހިކަމާއި ތަރައްގީގެ އެކި މަޝްރޫއުތައް ހިމަނައިފައި މި އަހަރަށް ފޮނުވި ބަޖެޓުންވެސް ބޮޑު ބައެއް ވަނީ ކަނޑައި، ކޮށައި މަށާލައިފައެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު އައްޔަން ކުރެއްވި ތިން ވަޒީރަކަށް ވެސް ވަނީ ރުހުން ނުދީފައެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ހަމަ އެ ތިން ވަޒީރުން، ރައީސް މުއިއްޒު އަލުން މަގާމަށް އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ދެ ވަނަ ފަހަރަށް ވަނީ ފޮނުއްވައިފައެވެ. އެ ތިން ވަޒީރުން ދެ ވަނަ ފަހަރަށް މަގާމަށް އައްޔަން ކުރެއްވީ، މަޖިލީހުން ރުހުން ނުދޭން ފާސްކުރި ދުވަސް ކަމަށްވާ، މި އަހަރުގެ ޖެނުއަރީ 29ގައެވެ. އޭގެ ފަހުން މިހާރު ހަތަރު މަސް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *