Support Us

ޖައްވުން ވެއްޓުނު ނާސާގެ ކުނިކޮޅެއްގެ ސަބަބުން ދަރިފުޅު މަރުނުވީ ކިރިޔާ

ދުނިޔޭގެ ޖައްވަށް ފާޑުފާޑުގެ ސެޓެލައިޓްތައް އެކި ގައުމުތަކުން ފޮނުވާ، އެ ތަކެތީގެ ހަލާކުވަމުންދާ ކުނިބުނިން ޖައްވު ވަނީ ތަޣައްޔަރުވެފައި ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ފަހަރު މި ވަނީ އޭގެ ތެރެއިން ނާސާގެ ކުނިކޮޅެއް ދުނިޔެއަށް ވެއްޓި ކުޑަ ކުއްޖެއްގެ ފުރާނަ ކިރިޔާ ސަލާމަތްވެފައެވެ.

ނާސާއިން އިއްޔެ ވަނީ މި ކަމަށް އެއްބަސްވެފައެވެ. ވީ ގޮތަކީ ބައިނަލް އަގުވާމީ ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް.) އިން ފަޒާގެ ތެރެއަށް ކުނިބުނީގެ ގޮތުގައި ދޫކޮށްލި ބެޓެރިތަކެއް އެކުލެވޭ ދަގަނޑު ކޮންޓޭނަރެއް ދުނިޔެއަށް ވެއްޓުނީއެވެ.

މިއީ 2021 ވަނަ އަހަރު އައި.އެސް.އެސް އިން އުކާލި ކުނީގެ ބައެކެވެ. ނާސާއިން ހީކޮށްގެން ހުރީ ދުނިޔެއަށް ވެއްޓުމުގެ ކުރިން ފަޒާގެ ތެރޭގައި މި ކޮންޓޭނަރު އެއްކޮށް އަނދައިގެން ދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. މި ކޮންޓޭނަރު ހުރި ގޮތަށް އެމެރިކާގެ މީހެއްގެ ގެއަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ވެއްޓުނެވެ. ގޭގެ ދެ ބުރި ފޫއަޅުވާލާފައި ވެއްޓުނުއިރު، އެ މީހާގެ ކުޑަ ފިރިހެން ދަރިފުޅު ގައިގައި ނުޖެހުނީ ކިރިޔާއެވެ. މި ވާހަކަ އޭނާ ވަނީ އެކްސްގައި ހިއްސާ ކޮށްފައެވެ.

ފްލޮރިޑާ ސްޓޭޓްގައި ދިރިއުޅޭ އަލެހަންދްރޯ އޮޓެރޯ ނަމަކަށް ކިޔާ މި މީހާގެ ގެއިން ނާސާ ވަނީ މި ކޮންޓޭނަރު ގެންގޮސްފައެވެ. އަދި މިއީ އައި.އެސް.އެސް.އިން "އުކާލި ކުނިކޮޅެއް" ކަމަށް ވަނީ އެއްބަސްވެފައެވެ.

"އިންކޮނަލް ނަމަކަށް ކިޔާ މާއްދާއަކުން ހަދާފައިވާ މި ބެޓެރި ކޮންޓޭނަރުގެ ބަރުދަނަކީ 0.7 ކިލޯ. ދިގުމިނުގައި ހަތަރު އިންޗި ހުރި. އަދި ވަށަމިނުގައި 1.6 އިންޗި ހުރި،" ނާސާގެ ބްލޮގްޕޯސްޓެއްގައި ލިޔެފައިވެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގުމާ ގުޅިގެން ނާސާއިން ބުނީ ދުނިޔޭގެ ފަޒާގެ ތެރޭގައި އިންކޮނަލް މާއްދާގެ މި ކޮންޓޭނަރު އެއްކޮށް އަނދައިގެން ނުދިޔަ ސަބަބު ތަހުގީގު ކުރާނެ ކަމަށެވެ. އަދި ނަތީޖާތަކަށް ބަލާފައި ކުރިމަގުގައި ނާސާއިން ޖައްވަށް ފޮނުވާ އުޅަނދުތަކާއި އޭގެ ބައިތައް އެއީ ދުނިޔެއަށް ވެއްޓޭއިރު އެއްކޮށް އަނދައިގެންދާނެ ފަދަ ތަކެއްޗަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ދުނިޔޭގެ ޖައްވުގައި އަހަރެމެންގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ކުރިއަށްގެންދަން މަސައްކަތް ކުރާނަން. ޖައްވީ އުޅަނދުތަކުގެ ކުނިބުނިން އިންސާނުން ރައްކާތެރި ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނަން،" ނާސާއިން ބުންޏެވެ.

"އާރްސް ޓެކްނިކާ" ކިޔާ ނޫސް އެޖެންސީއަކުން މިދިޔަ މަހު ބުނީ ބެޓެރިތަކަކީ އެމެރިކާގެ ނާސާގެ ތަކެތި ކަމުގައި ވިޔަސް، އެ ތަކެތި ލާފައިވާ ކޮންޓޭނަރުތަކަކީ ޖަޕާންގެ އެއްޗެހި ކަމަށެވެ. އަދި މިހެންވެ މި ފަދަ ހާދިސާތަކުގެ ޒިންމާ ނަގާނީ ކޮން ގައުމަކުން ތޯ މިއީ ބޮޑު ސުވާލެއް ކަމަށެވެ.

މާޒީގައި ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު ބިލިއަނަޔަރު އީލޯން މަސްކްގެ ކުންފުނި ސްޕޭސް އެކްސްގެ ސެޓެލައިޓެއްގެ ބަޔެއް ވަނީ 2022 ވަނަ އަހަރު އޮސްޓްރޭލިޔާގައި ކަމްބަޅި ގެންގުޅޭ ދަނޑަކަށް ވެއްޓިފައެވެ. މީގެ އިތުރުން އެމެރިކާގެ ފުރަތަމަ ޖައްވީ ސްޓޭޝަން، ސްކައިލެބް ވަނީ އޮސްޓްރޭލިޔާގެ ހުޅަނގު ސަރަހައްދަކަށް ވެއްޓިފައެވެ.

މި ފަހަކަށް އައިސް ޗައިނާގެ ރޮކެޓްތަކެއް ދުނިޔެ ވަށާ ދަތުރު ކުރުމަށް ފަހު ދުނިޔެއަށް ވައްޓާލާތީ ނާސާއިން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *