Support Us

ލުބްނާންގައި ތިބި ފަލަސްތީނުގެ ރެފިއުޖީން ހަމާސްއަށް ތާއީދުކޮށް ގުޅެން ފަށައިފި

ޣައްޒާއާ 170 މޭލު ކައިރީގައިވާ ލުބްނާންގެ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންނަށް، ފަލަސްތީނު މިނިވަންކުރަން އަސްކަރީ ވަސީލަތްތައް ބޭނުން ކުރާ ހަމާސް ޖަމާއަތަށް ތާއީދު ކުރާކަށް ކުރިއަކުން ނުކެރެއެވެ. ސަބަބަކީ ލުބްނާން ސަރުކާރާ މައްސަލަ ޖެހިދާނެތީއެވެ.

ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގެ ބަދަލުގައި އިސްރާއީލުން ޣައްޒާ ސުންނާފަތިކޮށް، 34،000 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލުމުން، ލުބްނާންގެ ރެފިއުޖީ ކޭމްޕްގައި ހިމާޔަތް ހޯދައިގެން އެތައް އަހަރެއް ވަންދަން ދިރިއުޅެމުންދާ ފަލަސްތީނުގެ އެތައް ހާސް ރެފިއުޖީން މިހާރު ހަމާސްއަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތާއީދުކުރަން ފަށައިފި ކަމަށް މެދުއިރުމަތީގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ މީހުން ވެސް މި ކަމަށް އެއްބަސްވެއެވެ.

"ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ މަސައްތަކާމެދު އަހަރެމެން ފަހުރުވެރިވަން،" އުމުރުން 25 އަހަރުގެ ކުރެހުންތެރިޔާ ނިހާޔާ އައިމަން އިބްރާހީމް ބުންޏެވެ.

ފަލަސްތީނުގެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމު ކުރުމަކީ، އެ ބިމުގައި މީގެ 75 އަހަރު ކުރިން އިސްރާއީލުގެ ދައުލަތެއް އުފެއްދިއިރު ތިބި ފަލަސްތީނުގެ އިސްރަށްވެހިންގެ މާޒީގެ ހަނދާނާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް ވޭތުވެދިޔަ ހަތް މަސް ދުވަސް ތެރޭގައި އިސްރާއީލާ ހަނގުރާމަ ކުރަން ބޭނުންވެގެން ލުބްނާންގައި ތިބި ފަލަސްތީނުގެ ޒުވާން އުމުރުގެ ރެފިއުޖީން މިހާރު އަންނަނީ ފާޅުގައި ހަމާސްގެ އޮފިޝަލުންނާ ބައްދަލުކޮށް، ހަމާސްގެ ހަތިޔާރު އެޅި ހަނގުރާމާގައި ބައިވެރިވުމަށް އެދެމުންނެވެ.

ނިހާޔާ ކިޔައިދިން ގޮތުގައި ދާއިމީ ގެދޮރެއް ފަލަސްތީނުގައި ނެތް، ލުބްނާންގެ ރެފިއުޖީ ކޭމްޕަށް އުފަންވި ފަލަސްތީނުގެ ޖީލު ކުރިން މަސްއޫލުވެގެން އުޅުނީ ކެއިންބުއިން ފަދަ އަސާސީ ހިދުމަތްތައް ހޯދުމަށެވެ. އަދި ސިޔާސީ ކަންތައްތަކަށް ފުރަގަސް ދިނެވެ. ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައެވެ.

"މިހާރު އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ވެސް ދައްކަނީ ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތަކުގެ ވާހަކަ،" ނިހާޔާ ބުންޏެވެ.

ކުޑަކުދިން މިހާރު މަގުމަތީގައި ކުޅެނީ ވެސް ކުޅޭކުޅޭ ޕްލާސްޓިކް ބަޑިތައް ހިފައިގެން "ހަނގުރާމައިގެ ކުޅިވަރު" ކަމަށް އޭނާ ބުންޏެވެ. އަދި އުމުރުން ދޮށީ މީހުން ތިބެނީ ފަލަސްތީނުގެ މަސްރަހު ރޭޑިއޯއިން އަޑުއެހުމުގައި މަސްއޫލުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ ލުބްނާނާއި އިސްރާއީލު ގުޅޭ އިމުގައި، އިރާނުން ތާއީދު ކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ، އިސްރާއީލުގެ އަސްކަރިއްޔާއިން ކޮންމެ ދުވަހަކުހެން ހަމަލާތައް ބަދަލުކުރަމުންދާތީއެވެ.

ހުޅަނގުގެ ގައުމުތަކުން ހަމާސް ސިފަކުރަނީ "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކެނީ ހަމާސްއަކީ "ރެސިސްޓެންސް" ނުވަތަ އިދިކޮޅު ޖަމާއަތެއް ކަމަށެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހައްގުގެ މަގުގައި ތިބި ގްރޫޕްތަކެއް "ހަމާސް"ގެ ނަމުގައި ހަނގުރާމަ ކުރަމުންދާ ބައެއްގެ ގޮތުގައެވެ.

ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނު ރެފިއުޖީން ދެކެނީ އޮކްޓޫބަރު ހަތެއްގެ ހަމަލާއަކީ "ޕްރިޒަން ބްރޭކް"އެއް ކަމަށެވެ. މާނައަކީ ހައްޔަރުކޮށްފައިވާ ޖަލަކުން ނުކުމެ، މިނިވަންވި ކަމަށެވެ.

ނިހާޔާ ބުނީ ހަމާސްއަށް ފަލަސްތީނު ރައްޔިތުން ކުރާ ތާއީދަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ސުލޫކީ ކަމެއް ކަމަށެވެ.

ނިހާޔާ ކަހަލަ ކުރެހުންތެރިން ރެފިއުޖީ ކޭމްޕްގެ ފާރުތައް ޒީނަތްތެރިކޮށްފައިވަނީ ހަމާސްގެ ހަނގުރާމަވެރިން ގެންގުޅޭ ރަމްޒުތަކާއި ނިޝާންތަކުންނެވެ. ފާހަގަ ކުރެވޭ ކަމަކީ ހަމާސްގެ ސިޔާސީ ލީޑަރުންގެ ފޮޓޯ ނުވަތަ ކުރެހުމަކަށް އެއްވެސް ސަމާލުކަމެއް ނުދޭ ކަމެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ފްރާންސްގެ ފްރެންޗް އިންސްޓިޓިއުޓް އޮފް ދަ ނިއާ އީސްޓްގެ ދިރާސާ ކުރުންތެރިޔާ މަރީ ކޯޓަމް ވިދާޅުވީ ލުބްނާންގެ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހަމާސްއަށް ކުރާ ތާއީދު އެއީ ވަގުތީ ތާއީދަކަށްވުން އެކަށީގެންވާ ކަމަށެވެ. އަދި ފަލަސްތީނުގެ ސިޔާސީ ޖަމާއަތްތަކުގެ ތެރެއިން ރެފިއުޖީން ތާއީދު ކުރާ ފަރާތްތައް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.

ފަލަސްތީނުގެ ރެފިއުޖީން ކުރިން އެންމެ ބޮޑަށް ތާއީދު ކުރީ ހަމާސްގެ ވާދަވެރި ފަތަހް ޖަމާއަތަށެވެ. އެއީ ޕަލަސްޓީނިއަން އޮތޯރިޓީ ހިންގާ ޖަމާއަތެވެ. ފަތަހަކީ ލުބްނާންގައި ހުރި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕް ވެސް ބަލަހައްޓާ ޖަމާއަތެވެ. މީގެ އިތުރުން ފާހަގަކޮށްލެވެނީ ހަމާސްއިން އިސްލާމް ދީނަށް ދޭ ސަމާލުކަން ފަތަހުން ނުދޭ ކަމާއި ފަތަހުގެ އަލްމާނީ ސިޔާސަތު ހުޅަނގުގެ ގައުމުތަކަށް ހަޖަމު ކުރަން ފަސޭހަ ކަމެވެ.

ފަހަކަށް އައިސް ފަތަހުގެ މަގުބޫލުކަން ދަނީ ގެއްލެމުންނެވެ. ސަބަބަކީ ކޮރަޕްޝަންގެ ތުހުމަތު ކުރިމަތިވުމާއި އަދި 1993 ގެ އޮސްލޯ މުއާހަދާގެ ދަށުން އަދިވެސް ފަލަސްތީނުގެ މިނިވަން ވަކި ދައުލަތެއް ނުއުފެއްދޭތީއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ރެފިއުޖީން ހިތްހަމަނުޖެހެނީ ރެފިއުޖީ ކޭމްޕްގެ ހާލަތު ރަނގަޅު ކުރަން ފަތަހުން މަސައްކަތް ނުކުރާތީ އާއި ވަޒީފާ ހޯދައިދިނުމާއި ބިން މިލްކު ކުރުމުގެ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރަން ފަތަހުން މަސައްކަތް ނުކުރާތީއެވެ.

ޕަލަސްޓީނިއަން އޮތޯރިޓީން ކޮންމެ މަހަކު ލުބްނާންގައި ހުންނަ ފަލަސްތީނު ރެފިއުޖީން ދިރިއުޅޭ ކޭމްޕަށް 15 މިލިއަން ޑޮލަރު ދެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ފައިސާ ހަރަދު ކުރަނީ ފަތަހުން ހިންގާ ޖަމިއްޔާތަކަށެވެ. އޮފިޝަލަކު ވިދާޅުވީ ރެފިއުޖީންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން މި ފައިސާ ހަރަދު ނުކުރާ ކަމަށެވެ.

ކޭމްޕްގެ ހާލަތު މިހެން އޮތުމާއި، ޣައްޒާގައި އިސްރާއީލުން ގެންގުޅޭ "ސްކޯޗްޑް އާތު" ނުވަތަ "ބިން ސުންނާފަތި" ކުރުމުގެ ސިޔާސަތުގެ ސަބަބުން، ފަލަސްތީނުގެ ކަންތައްތައް ރަނގަޅު ކުރުމުގައި ފަތަހުގެ ރޯލެއް ނެތް ކަމަށް ރެފިއުޖީން ވަނީ ގަބޫލު ކުރަން ފަށައިފައެވެ.

"މިއީ ރެފިއުޖީ ކޭމްޕްގައި ހަމާސް މަގުބޫލުކަން ހޯދަން ހަމާސްއަށް ލިބުނު މުހިންމު ފުރުސަތެއް،" މަރީ ވިދާޅުވިއެވެ.

ހަމާސްގެ ހަނގުރާމައަށް ފަލަސްތީނުގެ ރެފިއުޖީން ހޯދުމަށް ކުރާ މަސައްކަތް ހަމާސްއިން ކުރަނީ ސިއްރުންނެވެ. ލުބުނާންގެ ސަރުކާރާ މައްސަލަ ޖެހިދާނެތީއެވެ. އަދި ލުބްނާނުގައި ހުރި ފަލަސްތީނު ރައްޔިތުންގެ ރެފިއުޖީ ކޭމްޕް އިސްރާއީލު ސަރުކާރުގެ އަމާޒުފަތްގަނޑަކަށް ވެދާނެތީއެވެ. މިހެންވެ ފަލަސްތީނުގެ ރެފިއުޖީ ޒުވާނުން މިހާރު ހަމާސްއަށް ކުރާ ތާއީދުގެ ފައިދާ ހަމާސްއަށް ނަގަން ޖެހިފައިވަނީ އަޑިއަޑިންނެވެ.

ލުބްނާނުގެ ދެކުނު ސަރަހައްދުގައިވާ ސާއިދާ ނަމަކަށް ކިޔާ ސިޓީއަކީ ލުބްނާނުގައި ހުރި ފަލަސްތީނުގެ މި ރެފިއުޖީ ކޭމްޕް ކަމަށްވާ އައިން އަލް-ހިލްވާ ހުންނަ ސިޓީއެވެ. އެ ސިޓީގައި ދިރިއުޅުއްވާ ހަމާސްގެ އޮފިޝަލަކު ވިދާޅުވީ މިވީ މަސްތަކުގެ ތެރޭގައި އޭނާއާ ފަލަސްތީނުގެ އެތައް ޒުވާން ރެފިއުޖީން ބައްދަލުކޮށް، އިސްރާއީލާ ދެކޮޅަށް ހަތިޔާރު ނަގަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެ ޒުވާނުން ބޭނުންވަނީ ލުބްނާންގެ ދެކުނު އިމުން އިސްރާއީލު ތެރެއަށް ވަދެ އިސްރާއީލުގެ ޒަޔަނިސްޓް ސަރުކާރާ ހަނގުރާމަ ކުރަން. މިހެންވީ ފަލަސްތީނު ރައްޔިތުން ޝަހީދު ކުރަމުން އަންނަތަން އެ ޒުވާނުންނަށް ފެނިފައިވާތީ،" ހަމާސްގެ އޮފިޝަލް ހަސަން ޝަނާ ވިދާޅުވިއެވެ.

އައިން އަލް-ހިލްވާގެ ބޮޑު މިނުގައި ބައި އަކަ ކިލޯމީޓަރު ވެސް ނުހުރެއެވެ. ނަމަވެސް އެ ތަނުގައި ތޮއްޖެހިގެން 120،000 ފަލަސްތީނު ރެފިއުޖީން އުޅެއެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާ ދޭން ފެށުމާއެކު މި ކޭމްޕުން ގިނަ ޒުވާނުންތަކެއް ވަނީ ހަމާސްއާ ގުޅިފައެވެ.

"ހަތިޔާރު ރޫޅާލައި ރާވާނެ ގޮތް ވެސް އަހަރެމެންނަށް ދަސްކޮށްދިން. އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަން ދިއުމަކީ ޝަރަފެއް،" ހަމާސްއާ ގުޅުނު ޒުވާން ރެފިއުޖީއެއް ބުންޏެވެ.

ހަމާސްއާ އަލަށް ގުޅޭ ފަލަސްތީނުގެ ޒުވާން ރެފިއުޖީން ހަނގުރާމައިގެ މައިދާނަށް ނިކުންނަން އެތައް އަހަރެއް ނަގާ ކަމަށްވެއެވެ. ފުރަތަމަ ދަސްކޮށްދެނީ އިސްލާމް ދީނެވެ. އެއަށް ފަހު އަސްކަރީ ތަމްރީންތައް ދެނީ ހިޒްބުﷲއާ ގުޅިގެންނެވެ.

ފާޅުގައި ހަމާސްއާ ގުޅުމުގައި އޮތް ނުރައްކާތެރި ކަމަކީ ލުބްނާނުގައި ތިބި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ހަމަލާ ދީފާނެތީއެވެ. ސަބަބަކީ ލުބްނާނުގެ އަހުލީ ހަނގުރާމައިގައި އެއްކޮޅުން ލުބްނާނުގެ މުސްލިމުންނާއެކު ހަނގުރާމަ ކުރީ ފަލަސްތީނުގެ ރެފިއުޖީންނެވެ. އެއީ އިސްރާއީލުގެ ތާއީދު ލިބިފައިވާ ލުބްނާނުގެ ކަނާތުފިޔައިގެ ނަސޯރާއިންނާ ދެކޮޅަށެވެ.

ލުބްނާނުގެ މުޖުތަމައާ ފަލަސްތީނުގެ ރެފިއުޖީން ގުޅުމާމެދު ލުބްނާނުގެ ސަރުކާރުގެ ތެރޭގައި ހިޔާލުތަފާތު ވެފައިވެއެވެ. ސަބަބަކީ ލުބްނާނުގެ ސަރުކާރަކީ މުސްލިމުންނާއި ނަސޯރާއިން ފަދަ އެކި ދީންތައް ރަމްޒު ކުރާ ސަރުކާރަކަށް ވާތީއެވެ. މިހެންވެ ލުބްނާނު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހަމާސްއާ ފަލަސްތީނު ރެފިއުޖީން ގުޅުމަށް ހުރަސްއެޅުމަށެވެ.

"މި މައްސަލާގައި ހަމާސްއާ ވަރަށް ގިނަ ފަހަރު މަޝްވަރާ ކޮށްފިން. ނަމަވެސް ފަލަސްތީނުގައި ފަލަސްތީނުގެ ރައްޔިތުން ބަރުދާސްތު ކުރަމުންދާ އަނިޔާވެރިކަމަށް މިހާރު ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ،" ލުބްނާނުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންގެ ކަންތައްތައް ބަލަހައްޓާ ލުބްނާނު ސަރުކާރުގެ ލެބަނީޒް ޕަލަސްޓީނިއަން ޑައިލޮގް ކޮމިޓީގެ މުސްތަޝާރު ބާސިލް އަލް-ހަސަން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *