Support Us

ރަފަހްގައި ޝަހީދުކޮށްލި މީހެއްގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ސަލާމަތްކޮށްފި

އިސްރާއީލު ސިފައިން ފަލަސްތީނަށް ދިން ވައިގެ ހަމަލައެއްގައި ޣައްޒާގެ ރަފަހްގައި މަރުވަމުންދިޔަ މާބަނޑު އަންހެނެއްގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ސަލާމަތްކޮށްފިއެވެ.

ބޮލަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު އަންހެންމީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ސިކުނޑި ބޭރަށް ފެންނާށެވެ. މިހެންވެ ޑޮކްޓަރުން ނިންމީ ބަނޑުގައި އޮތް އަންހެން ދަރިފުޅު ސަލާމަތް ކުރާށެވެ.

ރަފަހްގެ ހޮސްޕިޓަލެއްގައި އެމަޖެންސީ ހާލަތެއްގައި ސިޒޭރިއަން ހެދީ ސަބްރީން އަލް-ސަކާނީ ކިޔާ އަންހެނެއްގެއެވެ. އޭނާގެ ބަނޑަށް 30 ހަފުތާއެވެ. އޭނާގެ ފިރިމީހާ ޝުކްރީ އާއި އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅު މަލަކް ވެސް ވަނީ އިސްރާއީލުގެ މި ވައިގެ ހަމަލާގައި ޝަހީދުވެފައެވެ.

"އަހަރެމެންނަށް ސަލާމަތް ކުރެވުނީ ބަނޑުގައި އޮތް ދަރިފުޅު. މަންމަގެ ސިކުނޑި އޮތީ ހާމައަށް ބޭރަށް ފެންނަން. އޭނާ ދިޔައީ މަރުވަމުން،" ރަފަހްގައި ހުންނަ ކުވައިތީ ހޮސްޕިޓަލްގެ ޑޮކްޓަރު އަހްމަދު ފައުޒީ އަލް-މުގައްޔަދު ސްކައި ނިއުސް އަށް ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ދަރިފުޅު ވަނީ ކައިރީގައި ހުންނަ އިމިރާތީ ހޮސްޕިޓަލަށް ގެންގޮސް އިންކިއުބޭޓަރަކަށް ލައިފައެވެ. ދަރިފުޅުގެ އަތުގައި އަޅުވާފައިވާ ޓެގްގައި ލިޔެފައިވަނީ ޝަހީދުވި މަންމަގެ ނަމެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރު މުހައްމަދު ސަލާމާ ވިދާޅުވީ ދަރިފުޅު ގާތްގަނޑަކަށް ހަތަރު ވަރަކަށް ހަފުތާ ވަންދެން ހޮސްޕިޓަލުގައި ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެއަށް ފަހު އާއިލާއިން ހަވާލު ވާނީ މި ކުއްޖާގެ ބޮޑު ދައިތަ ތޯ ނުވަތަ ބޮޑު ބޭބެ ތޯ ނުވަތަ ކާފަ ނޫނީ މާމަ ތޯ ގޮތެއް ނިންމާނެ ކަމަށެވެ.

"މި ދަރިފުޅު ސަލާމަތް ވިޔަސް އެންމެ ހިތާމަ ހުރި ކަމަކީ ފުރަތަމައިން ވިހޭ އިރު ވެސް މިއީ ޔަތީމަކަށްވުން،" ޑރ. ސަލާމާ ނޫސް އެޖެންސީތަކަށް ވިދާޅުވިއެވެ.

ކުއްޖާގެ މާމަ މިރްވަތު އަލް-ސަކާނީ އެސޯސިއޭޓަޑް ޕްރެސް އަށް ބުނީ މި ކުއްޖާ ބަލާނީ އޭނާ ކަމަށެވެ.

"މިއީ އަހަރެންގެ ފިރިހެން ދަރިފުޅު ދުނިޔެއަށް ދޫކޮށްފައި ދިޔަ ހަނދާނެއް. އޭނާގެ ހަށިގަނޑުގެ އެތިކޮޅުކޮޅު އަދި ފެނުނީ. އޭނާގެ ފުރިހަމަ ހަށިގަނޑު ވީތަނެއް ނޭނގޭ. އަހަރެންގެ އާއިލާ އަކީ އެއްވެސް ކަމަކާ ބެހޭ ބައެއް ނޫން. މިހެންވެ އަހަރެންގެ އާއިލާ (އިސްރާއީލުގެ ސިފައިންގެ) އަމާޒުފަތްގަނޑަކަށް ހަދަންވީ ކީއްވެ؟ އަހަރެމެންނަށް ނޭނގޭ މި ވާ ގޮތަކާއި ކަންތައްތައް ވަނީ ކިހިނެތް ކަމެއް،" މިރްވަތު ބުންޏެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގެ ފަހުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރެއިން ތިންބައިކުޅަދެބަޔަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްރާއީލުން އެންމެ ފަހުން ދިން ވައިގެ ހަމަލާގައި އެއް އާއިލާއަކުން ވަނީ 17 ކުޑަކުދިންނާއި ދެ އަންހެނުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަކީ އަބްދުލް އާލްގެ އާއިލާގެ މެންބަރުން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވިއެވެ.

"ޝަހީދުކޮށްލި މީހުންގެ ތެރޭގައި އެއްވެސް ފިރިހެނެއް ދުށީމު ތަ؟ ހުރިހާ އެންމެންނަކީ ވެސް އަންހެނުންނާއި ކުޑަކުދިން. އަހަރެންގެ އަންހެނުންނާއި ދަރިންނާއި އަދި އެހެން ހުރިހާ އާއިލާ މެންބަރުންނާއެކު އަހަރެންގެ އައިޑެންޓިޓީ މި ވަނީ ނައްތާލާފައި،" އިސްރާއީލުގެ މި ވައިގެ ހަމަލާގައި ޝަހީދުވި އާއިލާގެ މެންބަރެއް ކަމަށްވާ ސަގްރް އަބްދުލް އާލް ބުންޏެވެ. އޭނާ މިހެން ބުނީ މަރުވެފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑު ފޮތިގަނޑަކުން އޮޅާލާފައި އެ ހަށިގަނޑު އޭނާގެ އުނގުގެ ތެރޭގައި ބާއްވައިގެން އިނދެ ރޮމުންނެވެ.

މުހައްމަދު އަލް-ބިހައިރީ ނަމަކަށް ކިޔާ މީހަކު ބުނީ އޭނާގެ އަންހެން ދަރިފުޅާއި ކާފަ ދަރިފުޅު އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުގައި ކަމަށެވެ.

"އަހަރެންނަށް އިހްސާސް ކުރެވެނީ މޮޅިވެރިކަމާއި ޑިޕްރެޝަން. އަހަރެމެންނަށް ރޯލަން ވެސް މިހާރު ހަޔާތުގައި ނެތް އެކައްޗެއް ވެސް. އަހަރެމެންނަށް ދެން ކޮން ކަމެއް އިހްސާސް ކުރެވޭނީ؟ ދަރިންނާއި އެންމެ ބޮޑަށް ލޯބިވާ ގާތް މީހުން ގެއްލުމުން ދެން ކުރެވޭނީ ކޮން އިހްސާސެއް؟" މުހައްމަދު ބުންޏެވެ.

ރަފަހްއަށް އެންމެ ފަހުން މި ދިން ވައިގެ ހަމަލާގައި މަރުވީ ކޮން ބައެއް ތޯ އިސްރާއީލުގެ ސިފައިންގެ ގާތުގައި ސުވާލު ކުރުމުން އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ރަފަހް ހިމެނޭ ޣައްޒާގައި އެތައް ހަނގުރާމަވެރިންނެއް މަރާލި ކަމަށެވެ.

ރަފަހް ހިމެނޭ ޣައްޒާގެ 2.3 މިލިއަން މީހުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ފަލަސްތީނު މީހުން މިހާރު ތިބީ ރަފަހްގައި ހިމާޔަތް ހޯދައިގެންނެވެ. އެއީ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާ ސުންނާފަތި ކޮށްލުމުންނެވެ.

އިސްރާއީލުން ދަނީ ރަފަހަށް އެއްގަމުން މަގުން ވަންނާނެ ކަމަށް އިންޒާރު ދެމުންނެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ވިދާޅުވީ އެ ސަރަހައްދަކީ ހަމާސްގެ ހަނގުރާމަވެރިން ތިބި ތަން ކަމަށާއި ހަމާސް އާ ދެކޮޅަށް އިސްރާއީލަށް ކާމިޔާބު ލިބޭނީ ހަމާސް ނައްތާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ރަފަހްއަށް އެއްގަމު މަގުން ވަންނާނެ ތާރީހެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ރަފަހްގައި ސަލާމަތްތެރިކަން ހޯދައިގެން ތިބި ފަލަސްތީނުގެ އާއްމުން ހިމާޔަތް ކުރާނެ ގޮތުގެ ރޭވުމެއް ނަތަންހާޔޫ ހާމައެއް ނުކުރައްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *