Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އޭނާގެ ފުރާނަ ސަލާމަތްވީ މުއުޖިޒާތެއް ފަދައިން

މިއީ މަހުގެ ވިޔަފާރި ކުރާ ފެކްޓްރީއެއްގައި މަސައްކަތް ކުރާ އަންހެނަކު މަރު ނުވެ ކިރިޔާ ސަލާމަތް ވި ގޮތުގެ ވާހަކައެވެ.

އެއް ދުވަހަކު އޭނާ އާދައިގެ މަތިން ކުރަން ޖެހޭ މަސައްކަތް ނިންމާލައިފައި ކުޑަ ކަމެއް ޗެކު ކޮށްލަން ފެކްޓްރީގައި ހުންނަ މަސް ގަނޑުކުރާ ކޮޓަރިއަށް ވަނެވެ. ފިނިކަން ހުންނަނީ މައިނަސް އެތައް ޑިގްރީ ސެލްސިއަސްއެއް ގައެވެ.

އަންހެން މީހާގެ ނަސީބު ދެރަކަމުން އައިސް ކޮޓަރީގެ ދޮރު ކޮންމެވެސް ގޮތަކުން ލެއްޕުނެވެ. އެއްވެސް މީހެއްގެ އެހީއެއް ނުލިބޭ ގޮތަށް އެ ފްރީޒަރުގެ ތެރޭގައި އޭނާ ބަންދުވެފައި ހުންނަން ޖެހުނެވެ.

އޭނާ ފިނިވެ، ގަނޑުވަނީއެވެ. ސަލާމަތްވުމަށްޓަކައި އަޑުން އަޑު ނަގާ ހަޅޭއްލަވަން ފެށިއެވެ. އަދި ދޮރުގައި ތަޅަމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް ބޭރަކަށް ނުފޯރައެވެ. މިހެންވެ ފްރީޒަރު ތެރޭގައި އޭނާ އެހީއަށް އެދި ކުރަމުންދާ އާދޭސްތައް އެކަކަށް ވެސް ނީވެއެވެ. އެ ވަގުތު ކަންދިމާކުރި ގޮތުން ގިނަ މީހުން މަސައްކަތް ނިންމާލާފައި ވަނީ އެނބުރި ގެއަށް ގޮސްފައެވެ. ދިރިހުރުމުގެ އުންމީދު ގެއްލި އޭނާ މަރަށް ތެޅެނީއެވެ.

އޭގެ ފަސް ގަޑިއިރު ފަހެވެ. އޭރު އޭނާ ވަނީ ގަނޑުވެގެން މަރުގެ ތުންފަތްމައްޗަށް ވެއްޓެން ކައިރިވެފައެވެ. އެހެން ތުރުތުރުއަޅައަޅާ ހުއްޓައި ފްރީޒަރުގެ ދޮރު ކޮންމެވެސް މީހަކު ހުޅުވައިފިއެވެ. ބަލައިލި އިރު އެއީ ފެކްޓްރީގައި މަސައްކަތް ކުރާ ސެކިއުރިޓީ ގާޑެވެ. މުއުޖިޒާތެއް ފަދައިން އަންހެން މީހާގެ ފުރާނަ އެ ދުވަހު ސަލާމަތްވިއެވެ.

ފަހުން އޭނާ ސެކިއުރިޓީ ގާޑު ގާތުގައި އެހިއެވެ: ފްރީޒަރުގެ ދޮރު ހުޅުވަން ހިތަށް އެރީ ކީއްވެ ހެއްޔެވެ؟ އެއީ ސެކިއުރިޓީ ގާޑުގެ ވަޒީފާގެ ބައެއްގެ ގޮތުގައި ހިމެނޭ ކަމެއް ނޫނެއް ނޫން ހެއްޔެވެ؟

ސެކިއުރިޓީ ގާޑު ކިޔައިދިނެވެ:

"އަހަރެން މި ފެކްޓްރީގައި މަސައްކަތް ކުރާތާ 35 އަހަރު ވެއްޖެއެވެ. މި ފެކްޓްރީގައި ވަޒީފާގައި އުޅޭ އެތައް ސަތޭކަ މަސައްކަތްތެރިން ކޮންމެ ދުވަހަކު މި ފެކްޓްރީއަށް ވަދެ ނިކުމެ އުޅޭ މަންޒަރު ފެންނަނީ އަހަރެންނަށެވެ. ތިބާއަކީ އޭގެ ތެރެއިން އަހަރެންނާ ސަލާންގަލާން ކުރާ މަދު މުވައްޒަފުންގެ ތެރެއިން އެކަކެވެ.

"ތިބާ ކޮންމެ ދުވަހަކު ހެނދުނު މަސައްކަތަށް އައިސް 'ހެލޯ' އޭ ބުނަމުއެވެ. އަދި މަސައްކަތް ނިންމާލާފައި ރޭގަނޑު ގެއަށް ދިއުމުގެ ކުރިން އަހަރެންނާ ދިމާއަށް 'ގުޑް ނައިޓް' (’ބާއްޖަވެރި ރޭގަނޑެއް') ކިޔަމުއެވެ. ގިނަ މުވައްޒަފުންނަށް އަހަރެން މިއީ އެ މީހުންނަށް ނުފެންނަ މީހެއް ފަދައެވެ.

"މިއަދު މަސައްކަތަށް ނުކުމެފައި އާދައިގެ މަތިން އެހެން ދުވަސްތައް ފަދައިން ތިބާ އަހަރެންނާ ދިމާއަށް 'ހެލޯ' ކިޔާފައި ސަލާން ކޮށްލިއެވެ. ނަމަވެސް މިއަދު ހުރިހާ މުވައްޒަފުން މަސައްކަތް ނިންމާލައިފައި ގެއަށް ދިޔައިރު ވެސް ތިބާ އަހަރެންނާ ވަދާއީ ސަލާން ނުކުރާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ތިބާ ކޮންމެ ދުވަހަކު އަހަރެންނާ ކުރާ 'ހައި' އަދި 'ބައި’ގެ ސަލާމަކީ އަހަރެން ކޮންމެ ދުވަހަކު ތަޖުރިބާކުރާ ހިއްވާ ސަލާމެކެވެ. ސަބަބަކީ އެ ކަމުން އަހަރެންނަށް އިހުސާސް ކުރެވެނީ އަހަރެންނަކީ ވެސް ކޮންމެވެސް މީހަކަށް މުހިންމު މީހެއް ކަމެވެ.

"އެހެންކަމުން އަހަރެން ނިންމީ ފެކްޓްރީ ތެރެއިން ތިބާ ފެނޭތޯ ބަލައިލުމަށެވެ. ތިބާގެ ސަލާން މިއަދު އަހަރެންނަށް ނުލިބުމުން އަހަރެންނަށް ޔަގީން ކުރެވުނީ ކޮންމެވެސް ކަމެއް ވެއްޖެ ކަމަށެވެ. މިހެންވެ އަހަރެން ފެށީ ފެކްޓްރީ ތެރޭގެ ހުރިހާ ތަނެއް ބަލައި ޗެކް ކޮށްލުމަށެވެ."

މި ހާދިސާއިން ދޭހަވަނީ ހިތްތިރި ކަމާއި ލޯތްބާއި އިހުތިރާމަކީ ކޮންމެ މީހަކު ވެސް އަނެކާ އަށް ދޭންޖެހޭ ކަންކަން ކަމެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އެ މީހެއްގެ ހަޔާތުގައި ކޮންމެ ދުވަހަކު ދިމާވާ މީހުންގެ ހަޔާތަށް އަލިކަމެއް ގެނެސްދިނުން މުހިންމެވެ. ސަބަބަކީ މާދަމާ ވާނީ ކިހިނެތް ކަމެއް ނޭނގޭނެއެވެ.