Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 13

9 އަހަރުގެ މެދުކެނޑުމަކަށްފަހު އަނބުރާ ދިވެހިރާއްޖޭގެ އަޑަށް

އެއީ 2004 ވަނަ އަހަރުގެ ފަހުކޮޅެވެ.

ޤައުމުގެ ސިޔާސީ ޙާލަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މަލްޓި ޕާޓީ ސިސްޓަމަކަށް ތައްޔާރުވަމުން އައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން އަކީ، އެވަގުތު މުޅި ރާއްޖޭގެ ރައްޔިތުންގެ ކެތްމަދުވެފައިވާ ހިތްތަކާއި ސިކުނޑިތައް، އެންމެ ޝައުޤުވެރިކަމާއެކު، އަމާޒުކުރެވިފައިވާ މުހިންމު ދިމާއެވެ. ކޮންމެ ގަޑިއެއްގައި އާކަމެއް ރިޕޯޓްކުރެވެއެވެ. ޕާޓީތަކުގެ ފިކުރުތަކާއި ސަރުކާރުގެ ވިސްނުން ހުރި ގޮތް އެންމެ ގާތުން، އެންމެ ސާފުކޮށް އަދި އެންމެ އިތުބާރު ހިފޭ ގޮތެއްގައި ރައްޔިތުންނާ ހަމައަށް ފޮނުވައިދިނުމުގެ މުހިންމު ޒިންމާ އެޅިފައިވަނީ، ދައުލަތުގެ މީޑިއާގެ ކޮނޑުގައެވެ. އާދެ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގައެވެ.

ޤައުމަށް ކުރިމަތިވެފައިވާ މި މުހިންމު ދުވަސްވަރާ ދިމާކޮށް، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑު ހިންގުމާ ޙަވާލުވާއިރު، ބޮލުގައި މި އެޅެނީ ހަމައެކަނި ސަރުކާރުން ދެއްވި ވަޒީފާއެއްގެ ޒިންމާއެއް ނޫނެވެ؛ ޕާޓީތަކުގެ ޙައްޤުތަކެވެ. ތަފާތު ޚިޔާލާއި ފިކުރު، މިނިވަންކަމާއެކު، ރޭޑިއޯގެ އެހުންތެރިންނާ ހަމައަށް ވާޞިލްކޮށްދިނުމުގެ ޒިންމާއެވެ. ވަކި ފަރާތަކަށް ބުރަނުވެ ރައްޔިތުންނަށް، ތެދު ޙަޤީޤަތް ހާމަކޮށްދިނުމުގެ ބުރަ މަސްއޫލިއްޔަތެވެ.

އަޅުގަނޑު މަސައްކަތްކުރަން ފަށަން މިއުޅެނީ، ދައުލަތުގެ މީޑިއާގައެވެ. މިއީވެސް ވިސްނާލަންޖެހޭނެ ނުކުތާއެކެވެ. ދައުލަތުގެ މީޑިއާއެވެ. ސަރުކާރުގެ މީޑިއާއެއް ނޫނެވެ.

ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، އަނެއްކާވެސް އަނބުރާ ދިވެހިރާއްޖޭގެ އަޑަށް އަޅުގަނޑަށް އާދެވުނީއެވެ. މިފަހަރު މި އާދެވުނީ، ޑިމޮކްރަސީގެ މިނިވަން ޚިޔާލުތަކާއެކު، ކެކި އުތުރިއަރަމުންދާ ކަނޑެއްގައި ދުއްވަމުންދާ އުޅަނދެއްގެ މާލިމީއެއްގެ މަޤާމަކަށެވެ. އިސް މަޤާމަކަށެވެ. އަޅުގަނޑުގެ ހަނދާނަށް އާވެގެން އަންނަން ފެށީ، މީގެ ނުވަ އަހަރު ކުރިން، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ވަކިވީ ދުވަހު، އުތީމު އާދަމް ޢަބުދުއްރަޙުމާނު (އުތީމު އާދަމްބެ)، އަޅުގަނޑަށް ފޮނުއްވި ޅެމުގެ މަތިންނެވެ. އާދެ، އަނެއްކާވެސް މާތްﷲގެ އިރާދަފުޅާއެކު، ރައްޔިތުންނަށް ޚިދުމަތްކުރުމަށް ރޭޑިއޯއަށް އާދެވުނީއެވެ.

މިއަދު އަޅުގަނޑު އެނބުރި އައިސް މިވަނީ، ކުރީގެ ދިވެހިރާއްޖޭގެ އަޑަކަށް ނޫނެވެ. މާފަންނުގައި ހުރި ވަރަށް ހިތްގައިމު ޢިމާރާތެކެވެ. ހުރިހާ ކަމެއް އެއް ފުރާޅެއްގެ ތެރޭގައި ކުރެވޭ ގޮތަށް ޢިމާރާތް ކޮށްފައިވާ ރީތި ތަނެކެވެ.

އާ މަގާމާ ހަވާލުވެގެން ދިވެހިރާއްޖޭގެ އަޑަށް ދެވުނީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރަން ފެށި ދުވަސް، އާދެ، އަޑުގެ އަހަރީ ދުވަސް ވަރަށް ކައިރިވެފައި ވަނިކޮށެވެ.

މާފަންނުގައި އިމާރާތް ކުރެވުނު ދިވެހިރާއްޖޭގެ އަޑުގެ އާ އިމާރާތް

މި އާ ޢިމާރާތް ރަސްމީގޮތުން ހުޅުވުނީ، 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އިމާރާތްކުރަން ފެއްޓީ، 1982 ވަނަ އަހަރުއެވެ. އާދެ، އިމާރާތްކުރަން ފެށިތާ 19 އަހަރު ފަހުން މި ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލްޤައްޔޫމެވެ.

މި އިމާރާތުގައި، ހަތް ރެކޯޑިންގ ސްޓޫޑިއޯ އާއި، 250 މީހުންގެ އޮޑިޓޯރިއަމަކާއި، ކޮންޓިނިޔުޓީ ތިން ސްޓޫޑިއޯ ހުރެއެވެ. އަދި އޮފީސްތަކާއި އަދި ރެކޯޑްސް ލައިބްރަރީއެއްގެ އިތުރަށް، ފޮތުގެ ލައިބްރަރީއެއް ވެސް ހުރެއެވެ.

(ކ-ވ) އިންފޮމޭޝަން މިނިސްޓަރު އަހުމަދު އަބްދުﷲ، ޓީވީއެމް ހިންގެވުމާ ޙަވާލުވެ ހުންނެވި ޙުސެން މުޙަންމަދު، ބަދުރުއްނަސީރު

އަޑުގެ އަހަރީ ކޭކް ފަޅައިދެއްވީ މިނިސްޓަރ އަޙުމަދު ޢަބުދުﷲ އެވެ.

އާދެ މި ފުރިހަމަ ޢިމާރާތަށް ފުރަތަމަ ވަދެވުނު ދުވަހުވެސް، ތަނުގައި މަރާމާތު ކުރަންޖެހޭ ލައްކަ ބައިވަރު ތަންތަން ހުރިކަން ފާހަގަކުރެވުނެވެ. އެހާ ގިނަ ދުވަސް ވަންދެން ނުނިމި ހުރުމުގެ ސަބަބުން، ލިބޭނެ ހުރިހާ ގެއްލުމެއް ވެސް ވަނީ، ޢިމާރާތަށް ލިބިފައެވެ. އިމާރާތް ނުނިމި ލަސްވާންޖެހުނު ކިތަންމެ ކިތަންމެ ސަބަބުތަކެއް ހުއްޓެވެ. ނަމަވެސް، އަޅުގަނޑު މި އުޅެނީ އެ ވާހަކަތައް ދައްކާކަށް ނޫނެވެ.

ޕްރޮޑިޔުސަރު ނަޖްމާ ޙުސޭން

އެއް ވެރިއަކަށްފަހު އަނެއް ވެރިއަކު އައުމުން، ކުރީގައި ހުރި ވެރި މީހާއަށް ނުކުރެވިފައި ހުރި ކަންތައްތަކުގެ ބައިވަރު ވާހަކަތައް ހުންނާނެކަން ޤަބޫލުކުރަމުން، ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމްގައި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުއައްޒަފުންނާ ބައްދަލުކުރީމެވެ. ނަމަވެސް މުއައްޒަފުންގެ ފަރާތުން ކުރީގެ ވެރިމީހާ ބަދުނާމުކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި، މުޅިންވެސް ދެކެވުނީ، މިހާރު ހުރި ހިސާބުން ފަށައިގަނެގެން ކުރިއަށް ދާންޖެހޭ ވާހަކައެވެ. ކުރަންވެފައި ބައިވަރު ކަންތައްތައް ހުރި ވާހަކައެވެ.

ޕްރޮޑިޔުސަރު ޙަފްޒާ ޢަލީ (ކ)

މިފަހަރު އަޅުގަނޑު ދިވެހިރާއްޖޭގެ އަޑަށް މިއައީ، ވަރަށް ބޮޑެތި، އަދި ގިނަ ޒިންމާތަކެއް ބޮލުގައި އަޅައިގެން، ދައުލަތުގެ ރޭޑިއޯ ސްޓޭޝަނަށް ކުރިމަތިވާނެ އެންމެ މުހިންމު ވަގުތުގައެވެ. މިފަހަރު މި އައީ، ހަމައެކަނި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުން އެކަންޏެއް ނޫނެވެ. މުޅި ދިވެހިރާއްޖޭގެ އަޑުގެ ވެރިއެއްގެ ގޮތުންނެވެ. މީގެ ނުވަ އަހަރު ކުރިން، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ވަކިވެގެން ދިޔައިރު ނެތް، ގިނަ ޑިޕާޓްމަންޓްތަކަކާއި ސެކްޝަންތަކެއް ވަނީ އުފެދިފައެވެ. އަދި މުޅިން އާ މުއައްޒަފުންވެސް ވަނީ އަޅުގަނޑުމެންގެ ރޭޑިއޯ ޢާއިލާއާ ގުޅިފައެވެ.

އަޅުގަނޑަށް ދިމާވާނެ އެންމެ ބޮޑު ޗެލެންޖެއް ކަމުގައި ޤަބޫލުކުރެވުނީ، ގާތްގަނޑަކަށް ދުއިސައްތައަށްވުރެ ގިނަ މުއައްޒަފުން، ތަފާތު މަސައްކަތުގައި އުޅެމުންދާއިރު، އެންމެންގެ އެއްބާރުލުމާއި އެކުވެރިކަން، ހުރިހާ މަރުހަލާއެއްގައިވެސް ހޯދައިގެން މަސައްކަތް ކުރުމާއި، އެ މަސައްކަތުގެ ސަބަބުން އިތުރު ކުރިއެރުންތައް ހޯދޭނެ ގޮތްތަކެއް ރޭވުމެވެ.

ބަދުރުއްނަސީރު

ދިވެހިރާއްޖޭގެ އަޑަށް އަޅުގަނޑު އެނބުރި އައި ފުރަތަމަ ދުވަހުވެސް، އަޅުގަނޑަށް ހުރިހާ މުއައްޒަފުންނާއި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔެވެ. މި ރޫޙު ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުގެ ފަރާތުން ވަރަށް ބޮޑު، އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަން އަޅުގަނޑަށް ޔަޤީންވިއެވެ.

ދުވަސްކޮޅެއް ވީތަނާ، މިނިސްޓްރީ އޮފް އިންފޮމޭޝަން، އެންޑް އާޓްސްގެ މެނޭޖްމަންޓްވެސް ބަދަލުވެއްޖެއެވެ. މިނިސްޓަރ އަހުމަދު ޢަބުދުﷲ އެހެން ދިމާއަކަށް ބަދަލު ކުރައްވައިފިއެވެ.

އަލަށް މިނިސްޓްރީގެ ހިންގުމާ ޙަވާލުވެވަޑައިގަތީ، އަލްއުސްތާޒް މުޙަންމަދު ނަޝީދެވެ.

މުޅި ހަޔާތުގައިވެސް ލިބޭނެ އެންމެ މަތިވެރި އެންމެ ޝަރަފުވެރި މެސެޖު

އަޅުގަނޑުގެ ޢުމުރުން 60 އަހަރުވީ ދުވަހު، ދިވެހިރާއްޖޭގެ އަޑުގެ މުއައްޒަފުން އަޅުގަނޑަށް ދެއްވި މެސެޖް އެއީ، އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް ލިބޭނެ އެންމެ މަތިވެރި އެންމެ ޝަރަފުވެރި މެސެޖެވެ.

އަޅުގަނޑުގެ 60 ވަނަ އަހަރީ ދުވަސް، އަޑުގެ މުއައްޒަފުން ފާހަގަކޮށްދިނީ، އާއިލާގެ އެންމެ ދޮށީ ބޭބެއަކު، އާއިލާއާ ވަކިން އުޅުމަށްފަހު އެނބުރި އައުމުންވެސް، އެ އާއިލާގެ ލޯތްބާއި އިޙުތިރާމް އެ ބޭބެއަށްޓަކައި ހުރި ނިސްބަތް ފާހަގަކޮށްދޭނެ ޝުޢޫރުތަކަކުންނެވެ. ބޮޑު ހަފުލާއެއް ބާއްވައި ކޭކު ފެޅުން އޮތެވެ.

އުފަންދުވަހުގެ ކޭކު ފެޅުން: (ކ-ވ) ޓީވީއެމް ހިންގެވުމާ ޙަވާލުވެ ހުންނެވި ޙުސެން މުޙަންމަދު، މިނިސްޓަރި މުޙަންމަދު ނަޝީދު، ބަދުރުއްނަސީރު، އަޑުގެ ޑެޕިޔުޓީ ޑައިރެކްޓަރ ޢަބުދުއްލަތީފު މަހުމޫދު އަދި ސިމްލާ މުޙަންމަދު ދީދީ

އެކުވެރި ރަޙުމަތްތެރިއަކު އެތައް އަހަރެއް ވަންދެން ދުރުގައި އުޅުމަށްފަހު، ބައްދަލުވާ ފުރަތަމަ ފަހަރުގެ ހުރިހާ އިޙުސާސްތަކެއް، އަޅުގަނޑަށްވެސް، އަދި އަޅުގަނޑާއެކު "ދިވެހިރާއްޖޭގެ އަޑު"ގައި އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް ކުރިއެވެ.

ކޮންމެއަކަސް ކުރިމަތީގައި އޮތީ މަސައްކަތެވެ. ގިނަގުނަ މަސައްކަތެވެ. މިހާރު މިއީ ކުރީގެ ދިވެހިރާއްޖެއެއް ނޫން ކަމަށް އަޅުގަނޑުވެސް ހިތާ ދެކޮޅަށް ނަމަވެސް ގަބޫލުކުރަންޖެހެއެވެ. ޚިޔާލުތަކާއި ފިކުރުތައް ވަނީ، ބަދަލުވެފައެވެ. އެއް ތައްގަނޑަކަށް 30 އަހަރު ކީއްކުރަންތޯއެވެ! އޭގެ ކުރީގެ 20 އަހަރާއެކު ޖުމްލަ 50 އަހަރު، ދިރިއުޅެމުންދިޔަ ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ދެކެނީ، ރާއްޖޭގެ އުދަރެހުން ކުރިން ނުދެކޭ މިނިވަންކަމެކެވެ. އެ މީހުނަށް ދުވަނީ މިނިވަންކަމުގެ ވަހެވެ. ގައުމު ތައްޔާރުވަމުން މިދަނީ، އުދަރެހުން ފެންނަމުންދާ މިނިވަންކަމުގެ ހުޅުކޮޅާ ދިމާއަށްކަން އެންމެހާ ރައްޔިތުންނަށް އެނގެއެވެ.

އެއް ބަޔަކު އެކަމާ އުފާކުރާއިރު އަނެއް ބަޔެއްގެ އިޙުސާސްތައް ތަފާތެވެ. ހާސްކަމާއި ބިރުވެރިކަމާއި ކަންބޮޑުވުމެވެ.

ދިވެހިރާއްޖެ ޑިމޮކްރަސީއަކާ ދިމާއަށް ހަލުވިކަމާއެކުގައި ދަތުރުކުރަމުންދާއިރު، ޢާންމު ރައްޔިތުން ތިބީ، ޑިމޮކްރަޓިކް ވެއްޓަކަށް ތައްޔާރުވެގެންބާވައެވެ؟ ދައުލަތުގެ މީޑިއާގެ ޒިންމާ ހާދަބޮޑެވެ. ހޭލުންތެރި ކުރުވުމާއި ތަޢުލީމު ދިނުމާއެކު މުނިފޫހިފިލުވައިދިނުން އެއީ، ދައުލަތުގެ މީޑިއާގެ މުހިންމު ރުކުންތަކެއް ކަމުގައި ގަބޫލުކޮށްގެން ތިބި، ބްރޯޑްކާސްޓަރުންނަކީ އަޅުގަނޑުމެންނެވެ. ދައުލަތުގެ މީޑިއާއެވެ. އަޅުގަނޑުމެންނަށް ވީ ވަރަކުން، ދިވެހި މުޖުތަމަޢު، ޑިމޮކްރަސީގެ ރުކުންތަކަށް ހޭލުންތެރިކުރުވަން ޖެހެއެވެ. ނަމަވެސް، ފަށާނީ ކިހާ ހިސާބަކުން ބާވައެވެ؟ ރައްޔިތުންނާއި ސަރުކާރާ އަދި ސިޔާސީ ފިކުރުތަކާއި މި ތިން ބަޔަށްވެސް ހަމަހަމަކަމާއި އިންޞާފާއެކު، ޚިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.

އަޅުގަނޑު އަލަށް މި ހަވާލުވީ، ދައުލަތުގެ މީޑިއާގެ ތެރެއިން އޭރުވެސް އެންމެ ބާރުގަދަ، އެންމެ ގިނަ މީހުން އިތުބާރުކުރާ އަދި އެންމެ ގިނަ ބައެއްގެ ލޯތްބާއި އެކުވެރިކަން ލިބިފައިވާ މުއައްސަސާ ކަމަށްވާ ރާއްޖޭގެ ރޭޑިއޯ ސްޓޭޝަން، "ދިވެހިރާއްޖޭގެ އަޑު" ހިންގުމާއެވެ! އާދެ، ތަފާތު ނަންތަކެއްގައި ހިނގަމުން އައި، ރާއްޖޭގެ ރޭޑިއޯ ސްޓޭޝަނާއެވެ.

މުއައްޒަފުންގެ ތެރޭގައިވެސް ތަފާތު ޚިޔާލާއި ފިކުރު ހުންނާނެއެވެ. ނަމަވެސް ދައުލަތުގެ ރޭޑިއޯ ސްޓޭޝަންގައި މަސައްކަތްކުރާ މީހަކަށްވީތީ، ހަމަ ކޮންމެ މުއައްޒަފަކުވެސް ޖެހޭނީ، އަމިއްލަ އިހުސާސްތައް އެއްފަރާތް ކޮށްލުމަށްފަހު، މުޖުތަމަޢުގެ މަޞްލަހަތުގައި މަސައްކަތް ކުރާށެވެ!

ކޮންމެ ރައްޔިތަކީވެސް ދިވެއްސެކެވެ. އޭނާގެ ކުލައަކުން، އިސްކޮޅަކުން އަދި ސިފައަކުން އަޅުގަނޑުމެން ކުރިންވެސް ތަފާތެއް ނުކުރަމުއެވެ. ދެންވެސް ނުކުރާނަމެވެ. މުއައްޒަފުންނާ ވަރަށް ގިނަ ފަހަރުމަތިން ބައްދަލުކޮށް މި ޝުޢޫރު އޮޅުންފިލުވައިދިނީމެވެ. "ދިވެހިރާއްޖޭގެ އަޑު"ގެ މުއައްޒަފުން، މިހާރުވެސް، އޭރުވެސް އަދި ފަހުންވެސް ތިބޭނީ އެގޮތުގައިކަން، އަޅުގަނޑަށް އެމީހުން ޔަޤީންކޮށްދިނީ، އެމީހުންގެ މަސައްކަތުގެ އަޚުލާގުންނެވެ. ހަމައެކަނި ބުނެލާ ޖުމްލައަކުން ނޫނެވެ. ބަހާއި ޢަމަލުން، ހެއްކާއެކު ދައްކައިގެންނެވެ.

ސިޔާސީވެށި ކިތަންމެ ކިލަނބުވެގެން ދިޔަކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ އަޑުގެ މުއައްޒަފުންގެ އަޒުމަކަށް ގުޑުމެއް ނާންނާނެކަން އަޅުގަނޑަށް ޔަގީންކޮށްދިނެވެ. އެމީހުން ތިބޭނީ، ދިވެހިރައްޔިތުންގެ ޚިދުމަތުގައެވެ. އިސްލާމްދީނާއި ދިވެހި ގައުމުގެ ޙައްގުގައެވެ.

(ކ-ވ) މޫމިނާ އިބުރާހީމް، ބަދުރުއްނަސީރު، ނަޖްމާ ޙުސެއިން، މަރުޙޫމާ ޒާހިދާ އިބުރާހީމް

އޮފީހެއްގެ ވެރިއަކަށް، އޭނާ ޙާޞިލްކުރަން ބޭނުންވާ މަޤުޞަދު ކާމިޔާބު ކަމާއެކު ޙާޞިލް ކުރެވޭނީ، ހުރިހާ މުއައްޒަފުންވެސް، އެކަން ކޮށްދޭން ތިބީމައެވެ. ހިތްހަމަނުޖެހި ތިބި މުއައްޒަފުންތަކެއް ލައްވާ މަޖުބޫރުން އެއްވެސް ކަމެއް ކުރުވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.

އަޅުގަނޑަށް ހިއްޕޭނީ ވަލުގައެވެ. ބާރުލާނީ މުއައްޒަފުންނެވެ.

އަޅުގަނޑު އަވަސްވެގަތީ މުއައްޒަފުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށެވެ. ވަކިވަކިން ޑިޕާޓްމަންޓްތަކަށް ވަދެ ބަލައިލިއިރު، އެންމެ ޙާލު ބޮޑުކޮށް އޮތް ޑިޕާޓްމަންޓެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ، ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޑިޕާޓްމަންޓެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެންމެ ފުރިހަމަވާންޖެހޭނެ ޑިޕާޓްމަންޓެވެ.

ދެހާހުގެ އަހަރުތަކުގައި، ބްރޯޑްކާސްޓިންގ ސްޓޭޝަނެއްގައި ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ވަރަށް ގިނަ ކަންތައްތަކެއް އެތަނަކުން ނުފެނެއެވެ.

ހަމަ އެފަދަ ހާލެއްގައި ދެން ފެނުނީ، ރޭޑިއޯ ސްޓޭޝަނެއްގެ އެންމެ މައިގަނޑު އެއް ޑިޕާޓްމަންޓް ކަމަށްވާ، ޕްރޮގްރާމްސް ޑިޕާޓްމަންޓެވެ. އެތަނުގައި މަސައްކަތްކުރާ ޕްރޮޑިއުސަރުންނާއި އެނައުންސަރުން، އަދިވެސް ޕްރޮގްރާމް ލިޔެ އުޅެނީ، ކޮޕީކަރުދާސް ލައްވައިގެން ދެ ކޮޕީއާއި އެއް އަޞްލެވެ. ލިޔަނީ ގަލަމުންނެވެ. އަޞްލު ގަނޑު، ދެނީ އެނައުންސަރު ކިޔާށެވެ. ފުރަތަމަ ކޮޕީ ދޭނީ، ކޮންޓިނިޔުޓީ އޮޕަރޭޓަރަށެވެ. ދެވަނަ ކޮޕީ ދޭނީ ޓްރާންސްމީޓަރ އޮޕަރޭޓަރަށެވެ. އެއީ ތިން ވަނަ ކޮޕީއެވެ. ކުލަ މަޑުކަމުން، ގިނަ ފަހަރަށް، ކިޔަންވެސް ނޭނގޭނެއެވެ.

މިއީ، 1962 ގައި ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފަށައިގެންއިރުވެސް، ސްޓޭޝަންގައި ޕްރޮގްރާމުތައް ލިޔަމުންގެންދިޔަ ގޮތެވެ. ހަމަ މިގޮތަށް، ނިއުސްރޫމުން ތައްޔާރު ކުރާ ޚަބަރު މިހާރުވެސް، ތައްޔާރު ކޮށްގެން އެނައުންސަރަށް ވެސް ގެންގޮސްދެނީ، ދެކޮޕީ ލައްވައިގެން އަތުން ލިޔެފައި އޮންނަ އަސްލެވެ. ދެ ކޮޕީ ދޭނީ ދެ އޮޕަރޭޓަރުންނަށެވެ.

މިހާރު މިއީ، 2004 ވަނަ އަހަރެވެ. ދިވެހިރާއްޖޭގެ ސްޓޭޓް ބްރޯޑްކާސްޓަރުގެ ޙާލަތު މިއަށްވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އަޅުގަނޑު އެންމެ އިސްކަމެއް ދީގެން، ލިސްޓުގެ އެންމެ ކުރިއަށް ހިމަނާލީ، މި ދެ ޑިޕާޓްމަންޓްގައި، ކޮޕީ ލައްވައިގެން އަތުންލިޔުން ހުއްޓާލުމެވެ. މި ދެ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހަކީ، މިއަދުގެ ޑިޖިޓަލައިޒްޑް ދުނިޔޭގައި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި، މިއަށްވުރެ ފަސޭހައިން، ރައްކާތެރިކަމާއެކު، މަސައްކަތް ކުރަމުންގެންދާ މުއައްޒަފަކަށް ހެދުމެވެ.

ރޭޑިއޯ ޕްރޮޑިއުސަރުން މަޢުލޫމާތު ހޯދަންޖެހޭނީ، އިމާރާތުގެ އެންމެ މަތީ ފަންގެފިލާގައި، މަދު ފޮތްކޮޅަކާއެކު ހުރި ލައިބްރަރީ އަކުން ނޫނެވެ. އެ މީހުންނަށް މަޢުލޫމާތު ލިބެން ޖެހޭނީ، ވާރލްޑް ވައިޑް ވެބްގެ މާސިންގާ ޚަޒާނާއިންނެވެ.

މިއަދު އަޅުގަނޑުމެން އެންމެން މި އުޅެނީ، އިންޓަނެޓްގައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގާ ކަމެއްވެސް، ހަމަ ވަގުތުން އެނގެމުންދާ ދުނިޔެއެއްގައި، ރައްޔިތުންނަށް މަޢުލޫމާތުދީ، މުނިފޫހިފިލުވައިދީ، އަދި އުންގަންނައިދީ ހެދުމުގެ ޒިންމާ އަދާކުރާ މީހުންގެ، މައުލޫމާތުގެ ޚަޒާނާ މާ ބޮޑަށްވެސް މުއްސަނދިވެފައި ފުޅާވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

އެހެންކަމުން، ފުރަތަމަވެސް، ދިވެހިރާއްޖޭގެ އަޑުގެ އައިޓީ ޑިޕާޓްމަންޓްގެ މުއައްޒަފުންނާ ބައްދަލުކޮށް، އަޅުގަނޑުގެ ވިސްނުން ހުރި ގޮތް ކިޔައިދީފީމެވެ. އަދި މަޑުމަޑުން މި ބަދަލު ގެނައުމާމެދު ވިސްނުމަށް އެދުނީމެވެ. ފައިނޭންސް ޑިޕާޓްމަންޓާވެސް މަޝްވަރާކޮށް، ބަޖެޓް ލިބެން ހުރި ގޮތެއް ބެލުމަށްފަހު، އެންމެންވެގެން މި ބަދަލު ގެނައުމަށް އަތުކުރި އޮޅާލީއެވެ.

މާގިނަ ދުވަސްތަކެއް ނުވެ، ޕްރޮގްރާމް ޑިޕާޓްމަންޓާއި ނިވްސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓްމަންޓްގެ ހުރިހާ މުއައްޒަފުންނަށް، ކޮންމެ މުއައްޒަފަކަށް، އޭނާގެ މޭޒުމައްޗަށް، ޕަރސަނަލް ކޮމްޕިޔުޓަރާއި ޕްރިންޓަރު ހޯދައިދީ، އިންޓަނެޓް ކަނެކްޝަން ގާއިމުކޮށްދެވިއްޖެއެވެ. މަޑުމަޑުން މިތަކެތި ހޯދަމުން ގޮސް ހަމަ ހުރިހާ މުއައްޒަފުންނަށްވެސް މިކަން ފުރިހަމަކޮށްދިނީމެވެ.

ދެން އޮތީ މުއައްޒަފުން، އެ ސާމާނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ވިސްނައިދީ ބާރުއެޅުމެވެ. މިކަމުގައި، އައި.ޓީ ޑިޕާޓްމަންޓްގެ ވެރިޔާ މުޙަންމަދު ޝާހު ތަފާތު ހުނަރުތައް ބޭނުން ކުރައްވަމުން ގެންދެވިއެވެ.

ޗީފް ޓެކްނީޝިއަން ކޮނޑޭ ޢަލި މަނިކުގެ ޚިދުމަތްގެ ހަނދާން އާކުރުން

(ކ-ވ) ބަދުރުއްނަސީރު، މިނިސްޓަރ ނަޝީދު، ޢަލިމަނިކު، މައިޒާން އަހުމަދު މަނިކު
މިނިސްޓަރ ނަޝީދު ހަނދާނީ ހަދިޔާއެއް އަލިމަނިކަށް ދެއްވާއިރު ބަދުރު (ވ)
ކޮނޑޭ ޢަލި މަނިކާއި ބަދުރު (ވ)
އޮނަރަބަލް ޢުމަރު ޒާހިރާއި ބަދުރު (ކ)
ތަން ތައްޔާރު ކުރުމުގައި މުއައްޒަފުން…

9 އަހަރު ފަހަތަށް ބަލައިލުން

"ސަމަރޭ"ގެ ޚިދުމަތްތައް (1995 އިން 2004 އަށް)

އަޅުގަނޑު ރޭޑިއޯއިން ވަކިވެގެން އުޅުނު ނުވަ އަހަރެއްހާ ދުވަހު، ދިވެހިރާއްޖޭގެ އަޑު ހިންގަވަމުން ގެންދެވީ ސަމަރުބްލޫ އިބުރާހީމް މަނިކެވެ. އޭނާއަކީ، މިނިސްޓަރ އޮފް އިންފޮމޭޝަންވެސް މެއެވެ. އިންފޮމޭޝަން މިނިސްޓްރީގެ ފިޔައިގެ ދަށުގައި ހުރި ހުރިހާ ތަނަކާއި އަދި ޓެލެވިޒަން މޯލްޑްސްއާއި ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް ވެރިޔާއެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު

މި ދެންނެވި ތާރީޚުގެ ތެރޭގައި، މިނިސްޓަރ އިބްރާހީމް މަނިކު، ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭ ޚިދުމަތްތަކުގެ ވާހަކަ، ނުވަ އަހަރު ދުރުގައި އުޅެފައި އައިސް ހުރި މީހަކަށް އެއްގޮތަކަށްވެސް ދައްކަން ނޭނގޭނެ ކަމަށް އަޅުގަނޑު އެއްބަސްވަމެވެ. ނަމަވެސް، އެ މުއްދަތުގެ ގިނަ ކަންތައްތަކުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތީމާ، އަޅުގަނޑު މިއުޅެނީ، ނުވަ އަހަރު ފަހުން ނަމަވެސް، އެމަނިކުފާނު ކޮށްދެއްވާފައި ހުރި ގިނަ ކަންތައްތަކުން، އަޅުގަނޑު މިއަދު ހަނދާނަށް އަންނަ ކަންތައްތައް، ތާރީޚަށްޓަކައި ލިޔާށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ޢަމަލީ ގޮތުން އުޅުއްވި ބޭފުޅުންނާ، އަދި ޚާއްޞަކޮށް، ސަމަރޭގެ ފަރާތްޕުޅުން މަޢާފަށްވެސް އެދެމުންނެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކު، 1995 އިން ފެށިގެން ދިވެހިރާއްޖޭގެ އަޑުގައި ހާދަ މަސައްކަތެއް ކުރެއްވިއެވެ. ހާދަ ކުރިއެރުންތަކެއްވެސް ހޯދިފައި އެބަހުއްޓެވެ. އެހެން ނަމަވެސް، ހިތާމައާއެކު ދަންނަވަން ޖެހެނީ، ދިވެހިރާއްޖޭގެ އަޑުގެ ލިޔެކިޔުންތަކުން އެއްޗެއް ފެންނަން ނެތް ކަމަށް ލިޔުންތަކުގައި، ލިޔެފައިވާތީއެވެ. ކުރެވޭ ކަންތައްތައް ނޯޓްކޮށް، ތާރީޚަށްޓަކައި ރައްކާކުރާނެ ސެކްޝަނެއް ނުވަތަ އެކަމަށް ޚާއްޞަ މީހަކު ނެތުމުން ކަމަށް ވެދާނެއެވެ. ނަމަވެސް، ހަމަ ޔަޤީނުންވެސް އެ މުއްދަތުގައި ގިނަ ކުރިއެރުން ތަކެއް ޕްރޮގްރާމްތަކަށާއި، އެހެނިހެން ދާއިރާތަކަށްވެސް ލިބެމުން ދިޔަކަން، ތަނަށް ވަދެ ބަލައިލީމާ އެނގެއެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖޭގެ އަޑު ދެކެ ލޯބިވާ، ދިވެހި ރޭޑިއޯ ބްރޯޑްކާސްޓިންގ ހުރިހާ ގޮތަކުން ތަރައްޤީކުރައްވަން ބޭނުންވާނެ ވެރިއެކެވެ. ސަމަރޭ އަކީ، މިނިސްޓަރަކަށް ވުމުގެ ކުރިން ރޭޑިއޯ ޕްރޮޑިއުސަރެކެވެ. "ބާއްޖަވެރި ހެނދުނެއް"ގެ އަޅުގަނޑުގެ އެކުވެރިޔާއެވެ. "ލަންކާގެ ޖައްވުން"ގެ ޕްރޮޑިޔުސަރެވެ.

ދިވެހިރާއްޖޭގެއަޑު 2001 ވަނަ އަހަރު ވެބްކާސްޓް ކުރައްވަން ފެއްޓެވީވެސް އޭނާއެވެ. އެއާއެކު، ބްރޯޑްކާސްޓްކުރުމަށް އިތުރު ޗެނެލްތައް ތަޢާރަފު ކުރެއްވުމާއި، މުއައްޒަފުން ތަމުރީނު ކުރެއްވުމުގެ ގޮތުންވެސް ގިނަ ކަންތައްތަކެއް ކުރެވިފައި ހުރިކަން އަޅުގަނޑަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގެ އަޑުގެ ވެބްސައިޓެއް ލޯންޗްކުރެވުނީވެސް ހަމަ އެ އަހަރުގެ ތެރޭގައެވެ.

މިކަން އަޅުގަނޑަށް ޔަޤީން ކުރެވުނީ، 1995 ވަނަ އަހަރު، އަޅުގަނޑު ވަކިވުމުގެ ކުރިންވެސް މިނިސްޓަރ އިބްރާހިމް މަނިކުގެ ވިސްނުމުގައި، އަތޮޅުތެރެއަށް ރޭޑިއޯ ފުޅާކުރުން ވަރަށް ބޮޑަށް އޮތް ކަމެވެ. އޭގެ ސަބަބުން އެޓޮލް މީޑިއާ ޕްރޮޑަކްޝަން ސެންޓަރު ތަކެއް ހުރިހާ އަތޮޅެއްގައިވެސް ޤާއިމު ކުރެއްވުމަށް ޚިޔާލު ކުރައްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަން އަޅުގަނޑު ދެނަހުރީމެވެ. އަޅުގަނޑަކީ އެކަމުގައި މަސައްކަތްތަކެއް ކުރި އެކަކެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ އިތުރު ޗެނެލްތަކެއް އުފައްދަވަން ފެއްޓެވުމުގެ ގޮތުން، "އަދުގެ އަޑު"ގެ ނަމުގައި އެފް.އެމް. ޗެނެލަކުން ބްރޯޑްކާސްޓް ކުރަން ފެއްޓެވިވެސް މެއެވެ.

ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓް ކުރަމުން ގެންދަނީ، މީޑިއަމް ވޭވް ބޭންޑުންނެވެ. ނަމަވެސް 1985 ގައި، މި ބޭންޑުގެ އިތުރުން އެފްއެމް ބޭންޑުން "ރޭޑިއޯ 1″ގެ ނަމުގައި ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓް ކުރަން ފެއްޓުނެވެ.

ދިވެހިރާއްޖޭގެ އަޑުން ކުރަމުންގެންދާ އެންމެ މުހިންމު އެއް ކަމަކީ، މުހިންމު ޖަލްސާތަކާއި ރަސްމިއްޔާތުތައް ވަގުތުން ރިލޭކުރުމެވެ. އެކަން ކުރަމުން އައިސްފައިވާ ގޮތަކީ، މުނާސަބާއެއް އޮންނަ ކޮންމެ ތަނަކަށް، ޓެކްނިކަލް ޓީމެއް ސާމާނާއެކު ގޮސް، އެތަނަކުން ވަގުތުން އެކަމެއް ރިލޭކުރުމަށް ތައްޔާރުކުރުމެވެ. މިކަމުގައި، ވަރަށް ގިނަ ވަގުތާއި މަސައްކަތް އަދި ޚަރަދުވެސް ހޭދަވެއެވެ. އަދި ވަކި ރިލޭ ޓްރާންސްމީޓަރެއް ގެންގުޅެން ޖެހެއެވެ.

ދިވެހިރާއްޖޭގެ އަޑުން ހިންގާފައިވާ ބައެއް އިތުރު ހަރަކާތްތަކަށް ބަލާއިރު އަތޮޅުތަކުގައި ބޭއްވި ބޮޑު ޢީދު ކުޅިވަރުތަކާއި، މާލޭގައި ބާއްވަމުންދިޔަ ކުޑަ ޢީދު ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ނައިފަރު ދޮހޮއްކޮ އެވޯޑުގެ ނަމުގައި އާއްމުކޮށް ހުޅުވައިލައިގެން ފެށި ލަވަ މުބާރާތާއި އަތޮޅުތަކުގެ ސްކޫލް މަދަރުސާތަކަށް ހުޅުވައިލާގެން ފެށި އަތޮޅު މަދަރުސާތަކުގެ ލަވަ މުބާރާތް ފާހަގަކޮށްލެވެއެވެ.

ހަފްތާ ނިންމުމުގެ ގޮތުން ހިންގެވި މިއުޒިކް ޝޯތަކުގެ އިތުރުން ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދު ޕްރޮގްރާމަކީ ވެސް އިބްރާހީމް މަނިކުގެ ވިސްނުންފުޅެކެވެ.

ދިވެހި ފަންނާނުންގެ މިޔުޒިކީ ޢީދޫ: ސަމަރޭގެ ވިސްނުމުގެ ތެރެއިން އުފަންވި އުފަންވުމެއް

މާލޭގައި އާންމުކޮށް ރަސްމީ ޖަލްސާތައް ބާއްވާ މާލޭގެ ތަފާތު އަށް ސަރަޙައްދެއްގައި، ކޭބަލްގެ ޒަރީޢާއިން ދިވެހިރާއްޖޭގެ އަޑުގެ މާސްޓަރ ކޮންޓްރޯލް ރޫމާ ގުޅާލެވި، ފަސޭހަކަމާއެކު، ވަގުތުން އެހުންތެރިންނާ ހަމައަށް އެ ރަސްމިއްޔާތެއް ގެނެސްދިނުމަށް ޓަކައި، އެ ކޭބަލްތަކުގެ ބޭނުން ކުރަން ފެއްޓުނެވެ. މިއީ ދިވެހިރާއްޖޭގެ އަޑުގެ އޯބީ (އައުޓްޑޯރ ބްރޯޑްކާސްޓިންގ) އޮޕަރޭޝަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވުނެވެ. ސަބަބަކީ، މާލޭގެ މުހިންމު ޢިމާރާތްތައް މި ނެޓްވާކުން ގުޅާލެވުމުގެ ސަބަބުން، ސަރުކާރުގެ އެކިއެކި ރަސްމީ ޖަލްސާތަކާއި، އިސްލާމީ މަރުކަޒުގައި ކުރަ ހުކުރު ނަމާދާއި ކޮންމެ ރަމްޟާން މަހަކު އިސްލާމީ މަރުކަޒުގައި ބާއްވަވަމުން ގެންދަވާ އިޙްޔާއު ކުރުމުގެ ޕްރޮގްރާމް ރޭޑިއޯއިން ލައިވްކުރުމުގައި ފަސޭހަވުމާއި، މަސައްކަތަށް ލިބުނު ހަލުވިކަމެވެ. މި ހުރިހާ ކަމެއްގެ މޭސްތިރިއަކީ ސަމަރުބްލޫ އިބްރާހިމް މަނިކޭ ދެންނެވުން އެއީ ހަމަ ގައިމުވެސް ދޮގަކަށް ނުވާނެއެވެ. އޭނާގެ އެންމެ އަރިހުގައި ދެންވެސް ހުންނެވީ މައިޒާން އަޙުމަދު މަނިކެވެ.

އަދި 1999 ވަނަ އަހަރަކީވެސް ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ދިވެހިރާއްޖޭގެ އަޑުން ކޮށްފައިވާ އަހަރެކެވެ. އަލަށް ހަދަމުންދާ ޢިމާރާތުގެ ބައެއް ސްޓޫޑިއޯތަކުގެ އިކްވިޕްމެންޓްސް ބެހެއްޓި، އަތޮޅުތެރޭގައި ބިނާކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން، ހދ، ގދ، ޏ، އަދި ބ އަތޮޅު މީޑިއާ ސެންޓަރުތަކުގެ މަސައްކަތް ނިމި އަދި އެ ތަންތަނުގައި އިކްވިޕްމެންޓްސްވެސް އިންސްޓޯލްކުރުމުގެ މަސައްކަތް ފެއްޓުނެވެ.

މިނޫނަސް ގިނަގުނަ މަސައްކަތްތައް އެ މުއްދަތުގެ ތެރޭގައި ކުރެވިފައިވާނެކަން ހަމަ ޔަގީނެވެ. ނަމަވެސް، ލިޔެކިޔުންތަކުން ފެންނަން ނުހުރެދާނެއެވެ.

މި މަސައްކަތްތަކުގެ ތަފުޞީލެއް އަޅުގަނޑަކަށް މާ ބޮޑަކަށް ނޭނގެއެވެ. އެ ދުވަސްވަރު އަޅުގަނޑު އުޅުނީ ރޭޑިއޯއާ ދުރުގައި ކަމުންނެވެ.

މަސައްކަތައިގެން ކުރިއަށް

ދިވެހިރާއްޖޭގެ އަޑާ 2004 ވަނަ އަހަރު އަޅުގަނޑު ގުޅުނު ހިސާބުން މަސައްކަތްކުރީ، ކުރެވިފައި ހުރި ކަންތައްތައް ތަރައްޤީކުރެވޭތޯ ބެލުމަށާއި އިތުރު ކުރިއެރުންތަކެއް ގެނެވޭތޯ ބެލުމަށެވެ. އެގޮތުން އަޅުގަނޑު ބަދަލުކޮށްލި ބައެއް ކަންތައްތައް ދަންނަވައިލާނަމެވެ.

"ދީނުގެ އަޑު" އެފް.އެމް ޗެނެލަށް ގެނެވުނު ބަދަލު

ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރޫޙު އާލާކޮށް ދިރުވުމާއި، ދީން އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި، "ދީނުގެ އަޑު" ކިޔާ ޗެނެލެއް އަޑުގެ އެފް.އެމް. ފްރިކްއެންސީން، ބްރޯޑްކާސްޓް ކުރަމުން ދަނިކޮށް، އެ ޗެނެލްގެ ކޮންޓެންޓް (އެ ޗެނެލްގެ ޕްރޮގްރާމްތައް) އޭ.އެމް ޗެނެލަށް ބަދަލުކޮށްލީމެވެ. އާދެ، އެފް.އެމް ފްރިކްއެންސީ އަކީ، މާ ދުރަށް ސިގުނަލް ފޮނުވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ފްރިކްއެންސީ އަކަށް ނުވާތީ، އެ ޗެނެލުން ފޮނުވާ އެއްޗެއްގެ އަޑު ލިބޭނީ ވަރަށް ކައިރިއަށެވެ. މާލެއިން ފޮނުވާ އެފްއެމް ޗެނެލްގެ ސިގުނަލް، ގިނަ ފަހަރަށް މާލެ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ނުލިބޭނެއެވެ. އެއާ ޚިލާފަށް، އޭ.އެމް. ޗެނެލް (200 މީޓަރ)ގެ ސިގުނަލް، މުޅި ރާއްޖެއަށް ލިބޭނެއެވެ.

"ދީނުގެ އަޑު" ޗެނެލަކީ، އެކަމަށްޓަކައި ވަކި ސެކްޝަނެއް އުފައްދަވައިގެން، ރާއްޖޭގައި ތިއްބެވި ބައެއް ޝޭޚުންގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޗެނެލްގެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ، އޮލިމްޕަސް ސިނެމާގެ ތެރޭގައެވެ. ސްޓޫޑިއޯއާއި އެ ޗެނެލްގެ މުއައްޒަފުންވެސް ތިބީ، އޮލިމްޕަހުގައެވެ.

މި ޗެނެލް ހިންގުމުގައި ރިސޯސް ބޭފުޅުންގެ ގޮތުގައި އެންމެ އިސްކޮށް އުޅުއްވީ، ޝޭޚް ޢަބުދުލް ޢަޒީޒު ޙުސޭނާއި ޝޭޚް ޢަބުދުﷲ ޖަމީލެވެ. މި ބޭފުޅުންނަކީ ހަމައެކަނި ރިސޯސް ބޭފުޅުންނެއްވެސް ނޫނެވެ. ޕްރޮގްރާމާ ބެހިގެން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވީ، މި ދެ ބޭފުޅުންނެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް މިއަދު ވެސް ޝުކުރުވެރިވަމެވެ.

ޝޭޚް ޢަބުދުލް ޢަޒީޒު ޙުސޭން އަދި ޝޭޚް ޢަބުދުﷲ ޖަމީލު (ވ)

މި މުހިންމު ޕްރޮގްރާމްގެ އަޑު، ރާއްޖޭގެ އާބާދީގެ މަދު ބަޔަކަށް އިވުމުގެ ބަދަލުގައި، މުޅި ރާއްޖޭގެ އާބާދީއަށް މިޕްރޮގްރާމްތައް އާދެ! "ދީނުގެ އަޑު"، ލިބުން މުހިންމު ކަމަށް އަޅުގަނޑަށް ވިސްނިގެން، އެ ޗެނެލްގެ ޕްރޮގްރާމްތައް، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، އެއިން އެއްވެސް ޕްރޮގްރާމެއް މަދުނުކޮށް، މުޅި ރާއްޖެއަށް ލިބޭގޮތަށް ފޮނުވަން ފެށީމެވެ.

ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ

ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ އަކީ، ކޮންއެ އްޗެއްތޯ ބަލައިލަމާތޯއެވެ؟ ކޮމިނިއުޓީ ރޭޑިޔޯއަކީ ޖަމާއަތުގެ ތެރެއިން އުފަންވެގެން ޖަމާޢަތުގެ އެކިއެކި މައްސަލަތަކަށް އެޑްރެސް ކުރުމަށްޓަކައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ހިންގާ ރޭޑިއޯއެވެ.

ކޮމިޔުނިޓީ ރޭޑިއޯ އަކީ، ވަކިވަކި ޖަމާޢަތްތަކަށް އަމާޒު ކުރެވިގެން ހިންގާ އެއްޗެކެވެ. އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި އަދި އަވަށު ފެންވަރުގައި ވެސް މިކަންކުރެވިދާނެއެވެ. އަދި ކޮލެޖްތަކާއި ސްކޫލްތަކުގައިވެސް، ޖަމާޢަތުގެ ތަރައްޤީއަށްޓަކައި، ކޮމިޔުނިޓީ ރޭޑިއޯގެ ބޭނުން، ބޭރު ޤައުމުތަކުގައި ވަރަށް ބޮޑަށް ހިފައެވެ. ސަބަބަކީ، ތަރައްޤީއަށް މަސައްކަތްކުރާ ބަޔަކު، ދޭން ބޭނުންވާ މެސެޖް އެންމެ ފަސޭހައިން، އެންމެ އަވަހަށް އަދި އެންމެ އިތުބާރާއެކު އެހާ ކުޑަ ޚަރަދަކުން ފޮނުވޭ ގޮތްވުމެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ކޮމިޔުނިޓީ ރޭޑިއޯ އަކީ، ސިޔާސީ ބޭނުމަށް، ބޭނުންކުރާ އެއްޗަކަށް ނުވާކަމެވެ. މުޅި ކޮމިޔުނިޓީއަށް، އެ ކޮމިޔުނިޓީއެއްގެ ތަރައްޤީއަށްޓަކައި ބޭނުންކުރާ އެއްޗަކަށް ވާކަމެވެ.

ކޮމިޔުނިޓީ ރޭޑިއޯ ތަޢާރަފު ކުރުމުގެ މަގުސަދު

ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން ދަތުރުފަތުރުގެ ދަތިކަން އިންތިހާއަށް ދިމާވެއެވެ. މިފަދަ ޙާލަތުތަކުގައި ރޭޑިއޯ އަކީ، މިކަންކަން ޙައްލުކޮށްދޭ ވަޞީލަތަކަށް ވާހިނދު، ޖަމާއަތުގައި ހިމެނޭ މީހުންގެ މަސައްކަތާއި ދިރިއުޅުމުގެ ފާޑުވެރިކަމާއި، ވެށީގެ ކުރިއެރުމާ މެދު، އެ ޖަމާއަތެއްގައި ހިމެނޭ މީހުންގެ ވިސްނުން ޖަމާއަތުގެ މެދުގާ ހިއްސާކޮށް ޖަމާއަތުގެ އެއްބައިވަންތަކަން ވަރުގަދަ ކުރުމެވެ.

ހާސިލް ކުރެވިދާނެ މައިގަނޑު ލަނޑުދަނޑިތައް:

  • ޖަމާއަތުގައި ހިމެނޭ ދޭދޭ މީހުން އެކަކު އަނެކަކަށް އެނގި، އުފެއްދުންތެރި ގުޅުމަކަށް މަގު ތަނަވަސްކޮށްދިނުން.
  • ދިރިއުޅުމާއި، އާމްދަނީ ހޯދުމަށް މީހާގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވުން.
  • އެ ޖަމާއަތެއްގެ އާދަކާދަ ދިރުވައި ދެމެހެއްޓުން.
  • އެ ޖަމާއަތެއްގެ ބަޔަކު ވާހަކަ ދައްކާ އުޅޭ ބަހުރުވަ (މޮށެއުޅޭ ބަސް/ ރަށުބަހުރުވަ) ދިރުވުން.
  • ޖަމާއަތުގައި ހިމެނޭ ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި، ޖަމާއަތަށް ޚިދުމަތް ކުރުމުގެ ރޫހު، ޖަމާއަތުގައި ހިމެނޭ މީހުންގެ މެދުގައި އާލާކުރުން.
  • ވަކިވަކި ފަރުދުންގެ ފިކުރާއި ޚިޔާލު އެކަކު އަނެކަކާ ހިއްސާ ކުރުމުގެ ފުރުސަތު ދިނުން.
  • މުޖުތަމައުގާ ޒުވާނުންނަށް ދައުރެއް އެބައޮތްކަން ވިސްނައިދިނުމާއި، އެމީހުންނަކީ އުފެއްދުންތެރި، ޚިދުމަތްތެރި، ޖަމާއަތަށް ފައިދާ ހުރި، ކަންކަމުގައި އިސްނަގާ ބަޔަކަށްވުމަށް ހިތްވަރުދިނުން.
  • އެ ޖަމާއަތެއް ދިރިއުޅޭ ވެއްޓާމެދު ހޭލުންތެރިވެ، އަމިއްލަ މަޢުލޫމާތު އިތުރުވުން.

ކޮމިޔުނިޓީ ރޭޑިއޯއަކީ ވެސް ދިވެހިރާއްޖޭގެ އެއަރވޭވްސްގެ ތެރޭގައި ހިމެނޭ އެތައް ބައިވަރު ސިގްނަލްތަކެއްގެ ތެރެއިން ބަޔަކަށް ވުމުން، ކޮމިޔުނިޓީ ރޭޑިއޯވެސް ޤަވާޢިދުތަކަކާއި އުޞޫލު ތަކަކަށް ތަބާވާން ޖެހެއެވެ. މިގޮތުން ހެދިފައިވާ ޤާނޫންތަކާއި ޤަވާޢިދު ތަކަކީ، އެކަންކަން ތަކަށް ބޯލަބަން ޖެހޭނެ ކަންތައްތަކެވެ.

އަޅުގަނޑު "ދިވެހިރާއްޖޭގެ އަޑު" ހިންގަން އުޅުނު ދުވަސްވަރު، އަޅުގަނޑު ޚިޔާލު ކުރީ، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ކޮމިޔުނިޓީ ރޭޑިއޯ ތަޢާރަފު ކުރުމުގެ ގޮތުން، އެކަން ކުރާނެ ބަޔަކު އުފެއްދުމަށް ޓަކައި، ބޭރުގެ މާހިރުންގެ އެހީއާއެކު، ރާއްޖޭގެ އަތޮޅުތަކުން ބަޔަކު، ލީޑަރުންގެ ގޮތުގައި ތަމްރީން ކުރާށެވެ. މިގޮތުން އޭރު، މީޑިއާ ސެންޓަރުތައް ބިނާކޮށްފައިވާ ކޮންމެ އަތޮޅަކުން ދެ ލީޑަރުން (އަންހެނަކާއި ފިރިހެނަކު) ތައްޔާރު ކުރެވޭނެއެވެ. އެމީހުންގެ މަސައްކަތަކީ، ކޮމިޔުނިޓީ ރޭޑިއޯއަކީ ކޮން އެއްޗެއްކަން މުޖުތަމަޢުއަށް ތަޢާރަފްކޮށްދީ، އެކަމަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމެވެ.

ރާއްޖޭގައި އަލަށް ކޮމިޔުނިޓީ ރޭޑިއޯ ފަށައިގަތުމުގައި ހުރެދާނެ ދަތިތަކަކަށް ވިސްނުމަށްފަހު، މީޑިއާ ސެންޓަރުތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚިޔާލު ކުރެވިފައިވެއެވެ. ނަމަވެސް އޭރުން މިވަނީ، ކޮމިޔުނިޓީ ރޭޑިއޯގެ ބަދަލުގައި ކޮމިޔުނިޓީ-ބޭސްޑް ޕަބްލިކް ސާރވިސް ރޭޑިއޯ އަކަށޭވެސް ކިއިދާނެއެވެ.

މިހާރުން މިހާރަށް ބޭނުންވަނީ، ކުރިން އިޝާރާތް ކުރެވިފައިވާ ޓްރޭނަރުން ނުވަތަ ލީޑަރުންގެ ގޮތުގައި އުފައްދާނެ މީހުން ހޯދުމެވެ. މިގޮތުން ހޯދޭ މީހުންނަކީ، އެއްވެސް ޙާލެއްގައި ސަރުކާރުގެ މުއައްޒަފުންނެއް ނޫނެވެ. އެ ޖަމާޢަތަކުން، ނުވަތަ އެ އަތޮޅަކުން ނުވަތަ ރަށަކުން ކަނޑައަޅާ ބައެކެވެ. އެމީހުންގެ ހުރިހާ ކަމަކާ ޒިންމާވެ، ބަލަހައްޓާނީ، އެ މީހަކު ނިސްބަތްވާ މުޖުތަމަޢު އަކުންނެވެ.

ރާއްޖެ މިވަގުތު މިއޮތީ ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ އަށް ތައްޔާރުވެފައިބާވައެވެ؟

މި ސުވާލަކީ، ބްރޯޑްކާސްޓިންގެ ޕޮލިސީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރަމުން އައި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑުގެ ހިތުގައި އަބަދު ވެސް ކުރެވެމުންދިޔަ ސުވާލެކެވެ.

ކޯހުގެ ބައެއް އިންސްޓްރަކްޓަރުންނާއި ބައިވެރިން…

ރެއަކާއި ދުވާލުން ރާއްޖެއަށް ގެނެސްފައި މިވާ ޑިމޮކްރަސީގައި، މަލްޓި-ޕާރޓީ ސިސްޓަމަކަށް ރާއްޖޭގެ އެޑްމިނިސްޓްރޭޝަން ތައްޔާރުވަމުންދާއިރު، އެތައް ބައިވަރު ސިޔާސީ ފިކުރުތަކެއްގެ ތެރެއަށް، ރަނގަޅަށް ތައްޔާރުނުވެ، މީޑިއާ ދޫކޮށްލައިފިނަމަ ކޮމިޔުނިޓީ ރޭޑިއޯގެ ބާރުވެރިކަން، ފައިސާވެރިންނާއި ސިޔާސީ ފަރާތްތަކުން ނުނަގާނެބާވައެވެ؟ ކުރީގައި ދެންނެވި މަގުސަދުތައް ޙާޞިލް ކުރެވޭ ފަދަ، ޙަޤީޤީ ކޮމިޔުނިޓީ ބްރޯޑްކާސްޓިންގ އަށް މަގުފަހިވާނެބާވައެވެ؟

ޑިމޮކްރަސީއެއްގައި އެންމެ ބާރުގަދަ އެކައްޗަކީ މީޑިއާކަން، ހިތުގެ އަޑިން އަޅުގަނޑު ގަބޫލުކުރަމެވެ. ރައްޔިތުންނަށް ބާރު ލިބި، ރައްޔިތުން ބާރުވެރި ކުރެވޭނީވެސް މީޑިއާ ހުޅުވައިލެވިގެންކަންވެސް އެނގެއެވެ. ޒިންމާދާރުކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ރައްޔިތުންނާއި ގައުމުގެ ޙައްގުތައް ރައްކާތެރި ކުރެވޭވަރުގެ ހަރުދަނާ ބަޔަކު، (ރިޕޯޓަރުންނާއި ޕްރޮޑިޔުސަރުން) ހައިސްޕީޑްގައި އުފެއްދުމަކީ، އެކަށީގެންވާ ކަމެއް ނޫންކަން ކިތަންމެހާވެސް ރަނގަޅަކަށް އަޅުގަނޑަށް ޔަގީންވެއެވެ.

ކޮމިޔުނިޓީ ބްރޯޑްކާސޓިންގ އަށް ބަޔަކު ތައްޔާރުކޮށްފައި ބޭތިއްބުން ވަރަށް މުހިންމެވެ. އެހެންކަމުން، UNESCO އާއި IPDC އަދި UNFPA ގެ އެހީތެރިކަމާއެކު، ކޮމިޔުނިޓީ ބްރޯޑްކާސްޓިންގގެ ތަމްރީން ޕްރޮގްރާމްތަކެއް ރޭވި، ހިންގުނެވެ. މި ޕްރޮގްރާމްތައް ހިންގެވީ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން އެ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުންނެވެ. މިނިސްޓްރީގެ ފަރާތުން މިކަމުގައި އުޅުއްވީ އަޙުމަދު ޒަކީ ނާފިޒާއި ޢާއިޝަތު ފަޞޯޙާއެވެ.

އަޙުމަދު ޒަކީ ނާފިޒް އަދި ޢާއިޝަތު ފަސޯހާ

ކޮމިޔުނިޓީ ބްރޯޑްކާސްޓިންގގެ ކޯސް، ދިވެހިރާއްޖޭގެ އަޑުން ހިންގުމުގައި ޒަކީ ނާފިޒާއި ފަސޯޙާގެ އެހީތެރިކަން ލިބުނީ ހަމައެކަނި އެންމެ ދާއިރާއަކުން ނޫނެވެ. ކޯސް ޑިޒައިން ކުރުމުން ފެށިގެން، ރާއްޖެތެރޭގައި ކޯސް ހިންގުމުގެ ހުރިހާ ކަމެއްގެ ތެރޭގައިވެސް، މި ދެ ބޭފުޅުންގެ އެހީތެރިކަން ނިހާޔަތަށް ލިބެމުން ދިޔައެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ކޯހުގެ އިންސްޓްރަކްޓަރަކާއެކު ޒަކީ ނާފިޒު (ކ) އަދި ބަދުރުއްނަސީރު (ވ)

ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ތިއްބެވީ، މި ރީޖަންގެ ގައުމުތަކުގެ ތެރޭގައި ކޮމިޔުނިޓީ ބްރޯޑްކާސްޓް ކުރެއްވުމުގެ ތަޖުރިބާކާރުންނެވެ. އިންޑިއާ، ފިލިޕީންސް، ނޭޕާލް އަދި ސްރީލަންކާގައި ކޮމިޔުނިޓީ ރޭޑިއޯ ހިންގެވުމުގެ ގޮތުން ގިނަ ތަޖުރިބާތަކެއް ލިބިފައިވާ، އެކަމުގެ ތަޖުރިބާކާރުންނެވެ.

ބަދުރު (ކ) ކޮމިޔުނިޓީ ރޭޑިއޯ އާބެހޭ ތަމްރީނުތަކުގެ ތެރެއިން ކޯހުގެ ބައިވެރިންނާއި، އިންސްޓްރަކްޓަރުންނާއި އަދި އަޑުގެ މުއައްޒަފުންނާއެކު

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *