Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 12

އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ވަކިވުން: "އެއްގޮތަކަށްވެސް ވަކިވާ ހިތަކުންނޫން"

އަޅުގަނޑު ލިޔަމުން މި ގެނައި ވާހަކައިގެ މިބައި، މިހާ ހިސާބުން މި ޖެހެނީ ނިމުމަކާ ދިމާލަށް މިޞްރާބު ޖަހާށެވެ. ސަބަބަކީ، 1995 ވަނަ އަހަރު، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ވަކިވެ، އަދި ބްރޯޑްކާސްޓިންގ ދާއިރާއާވެސް ދުރަށް ދިއުމުގެ ސަބަބުންނެވެ. މަސައްކަތުގެ މާހައުލުން ދިމާވި ކަންތައްތަކެއްގެ ސަބަބުން، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން އިސްތިއުފާ ދީ، މަސްވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދިޔަ އަމިއްލަ ކުންފުންޏެއް ކަމުގައިވާ "ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށް، އަޅުގަނޑުގެ ޚިދުމަތް ބޭނުންވުމުން، އެ ކުންފުނީގެ ވަޒީފާއަކަށް ބަދަލުވީއެވެ.

އަޅުގަނޑު ރޭޑިއޯއާ ވަކިވީ، އެއްގޮތަކަށްވެސް ވަކިވާ ހިތަކުންނޫނެވެ. ނަމަވެސް އެ ދުވަސްވަރު ކަންތައްތައް ދިމާވަމުން ދިޔަގޮތުން، އެ ނޫން ގޮތެއް ނެތިގެން، އެހެން ހަދަން މަޖުބޫރުވީއެވެ.

ދިވެހި ރޭޑިއޯއާ ގުޅިފައިވާ ކުލަ ހަނދާންތަކުގެ ތެރެއިން…

ސީނިއަރ ޕްރޮޑިޔުސަރުންނާއެކު ބަދުރ
ހޮޅި ކޮޓަރި: (ކ-ވ) މުހަންމަދު ރަމީޒް، ހަފްޒާ ޢަލީ، މަރުހޫމް މޫސާ ހަސަން
ބަދުރު، ނ. ކެނދިކުޅުދޫގައި
ސާރކްގެ SAVE ގެ ޖަލްސާއެއްގައި- ކަތުމަންޑޫ، ނޭޕާލްގައި

ޚިދުމަތުގެ 25 އަހަރުގެ އިނާމު ދެއްވުން

އަޅުގަނޑުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވާކަމުގެ ރަމްޒީ ހަނދާނީ ލިޔުމެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ލިބުނުކަންވެސް އެއީ، އަޅުގަނޑުގެ ބްރޯޑްކާސްޓިންގ ޙަޔާތުގައި ކުލަގަދަކޮށް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

އަދި އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާ ވަކިވުމުން، ހއ. އުތީމު، އަލްއަޚް އާދަމް ޢަބުދުއްރަޙުމާނު (ޅެންވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ޝާޢިރު) އަޅުގަނޑަށް ސިޓީއެއް ފޮނުއްވިއެވެ. މިއަދާ ހަމައަށްވެސް އެ ސިޓީ އަޅުގަނޑު ބޭއްވީ ސިއްރުކޮށްފައެވެ. ނަމަވެސް މިއަދު އެ ސިޓީ އަޅުގަނޑު މިތަނުގައި މި ޝާއިޢު ކުރަނީ، އާދަމް ޢަބުދުއްރަޙުމާނުގެ އަރިހުން މަޢާފަށް އެދެމުންނެވެ. ސަބަބަކީ، އެމަނިކުފާނުގެ ފަންނީ މަސައްކަތެއް އަޅުގަނޑުގެ އަމިއްލަ ކަންތައްތަކެއް ހިމެނޭތީ، މިހާ ގިނަ ދުވަހު ފޮރުވާފައި ބޭއްވުނީތީއެވެ. އާދަމްބެ، އަޅުގަނޑާ ދޭތެރޭ ތިޔަ ފާޅުކުރެއްވި އިހުލާސްތެރި ޝުޢޫރުތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ.

އަޅުގަނޑު ރޭޑިއޯއާ ދުވަހަކުވެސް ވަކިވާނެ ކަމަށް ހިތަށްވެސް ނާރައެވެ. ނަމަވެސް، "ތަދުބީރުގެ ކުރިމަތީގައި ތަޤުދީރު ހުންނަނީ ހީނލަހީނލައޭ" ބުނާ ބުނުމާ އެއްގޮތަށް، ތަޤުދީރުގައި ވާގޮތަށް، އަޅުގަނޑު ރޭޑިއޯއާ ވަކިވާން ޖެހުނީއެވެ. ކިތަންމެ ވަރަކަށް ތަދުބީރު ކުރިނަމަވެސް، ތަޤުދީރުގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން މެނުވީ، ދުނިޔޭގެ އެއްވެސް ކަމެއް ނުހިނގާނެއެވެ.

ޕްރައިވެޓް ސެކްޓަރުގައި

ދިވެހިރާއްޖޭގެ ރޭޑިއޯގައި އަޅުގަނޑުގެ ތަޖުރިބާތައް ލިޔަމުންދާ ތަނެއްގައި، އެތަނާ ދުރުގައި އުޅުނު ދުވަސްތަކުގެ ވާހަކަ ގެންނާކަށް ނުޖެހެއެވެ. ނަމަވެސް…. ކުރުކޮށް ނަމަވެސް ދަންނަވާލާނަމެވެ.

ދިވެހިރާއްޖޭގެ އަޑުން ވަކިވެގެން މާ ގިނަ ދުވަހު ހުހަށް ހުންނާކަށް ނުޖެހުނެވެ. އަޅުގަނޑުގެ ރަޙުމަތްތެރިއެއް ކަމަށްވާ މަރުހޫމު މައިޒާން ހަސަންމަނިކު، އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި، އޭނާގެ އަމިއްލަ އޮފީހުން އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައިދެއްވައިފިއެވެ.

ޙަސަން އާއި އަޅުގަނޑަކީ، ވަރަށް އެކުގައި އުޅެމުން އައި ދެ މީހުން ކަމުން، އަޅުގަނޑު ރޭޑިއޯއާ ވަކިވާން ދިމާވި ސަބަބުތައް އެންމެ ރަނގަޅަށް އެނގިލައްވާނެ އެއް ބޭކަލަކީ ޙަސަން މަނިކެވެ. ރޭޑިއޯގައި އަޅުގަނޑު މަސައްކަތްކުރި ދުވަސްވަރު، ސެކްޓަރުން ބޭރުން އަޅުގަނޑާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވީވެސް ޙަސަންއެވެ.

ޕޭން-އޯޝަން އިންޓަރނޭޝަލް ޕްރައިވެޓް ލިމިޓެޑާ ގުޅުން

މައިޒާން ހަސަން މަނިކުގެ އޮފީހުގައި މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވީތަނާ، އެއް ދުވަހު ހަސަން އަޅުގަނޑު ގާތު ބުނުއްވީ، ސިއްކަ އަޙުމަދު އިސްމާޢީލް މަނިކު އަޅުގަނޑާ ބައްދަލު ކޮށްލެއްވުމަށް އެދިލައްވާތީ، މިރޭ "އެސްޖެހި ގެލެރީ"އަށް ދުރުވުމަށް ސިއްކައަށް ނަންގަނެފައިވާނެ ކަމުގައެވެ. އެސްޖެހި ގެލެރީ އަކީ، އެ ދުވަސްވަރު ހަސަން އާއި ޢަހުމަދު ޢައްބާސް މަސައްކަތްކުރައްވަމުން ގެންދަވާ ސްޓޫޑިއޯ އަދި އޮފީސްވެސް މެއެވެ.

ސިއްކަ އަޙުމަދު އިސްމާޢީލް މަނިކު، ބަދުރާ ބައްދަލު ކުރައްވަން ބޭނުންވެލައްވަނީ، ސިއްކަގެ ކުންފުނީގެ ވަޒީފާއެއް ބަދުރަށް ދެއްވަން ކަމަށާއި، ސިއްކައާ ބައްދަލުކުރަން އަޅުގަނޑު ބޭނުންތޯއާއި އެ ވަޒީފާ ބޭނުންތޯ ހަސަން އެއްސެވިއެވެ. އަޅުގަނޑު ނަންގަތީ ބައްދަލުކޮށް ވާހަކަ ދައްކާލުމަކުން މާބޮޑު ގޯހެއް ނުވާނެ ކަމަށާއި، ވަޒީފާއަށް ދާން އެނގޭނީ، ވަޒީފާގައި ކުރަންޖެހޭނެ މަސައްކަތެއް އެނގިގެން ކަމުގައެވެ.

ސިއްކަ އަޙުމަދު އިސްމާޢިލް މަނިކުގެ ކުންފުނި، ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ، ވިޔަފާރީގެ ތެރެއަށް އަލަށް ނިކުންނަމުންދާ ޒުވާން ކުންފުންޏެކެވެ. އަޅުގަނޑު މިކަހަލަ ވިޔަފާރި ކުންފުންޏެއްގައި ކުރާނީ ކޮން ކަމެއްތޯ ޚުދު އަޅުގަނޑުވެސް ހިތާހިތާ ސުވާލު އުފެދުނެވެ.

އެރޭ، ހެންވޭރު "އެސްޖެހި ގެލެރީ"ގައި އަޅުގަނޑާ ބައްދަލުކުރެއްވީ ސިއްކަ އަޙުމަދު އިސްމާޢީލް މަނިކެވެ. އޭނާ ބުނުއްވީ، އޭނާގެ ކުންފުނިން ގަޞްދުކުރަނީ، "މަލްޓި-ޑޭ ފިޝިންގ ވެސަލްސް" (ގިނަ ދުވަހު މަސްވެރިކަމުގައި އުޅެވޭ ކަހަލަ އުޅަނދު) ރާއްޖެއަށް ތަޢާރަފު ކުރުމާއެކު، މަސްވެރިކަމުގެ ތެރެއަށް ވަނުމަށް ކަމަށެވެ. އަޅުގަނޑަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާލުމުން ސިއްކަ ބުނުއްވީ، ބަދުރަކީ ވަރަށް ގިނަ މީހުން ދަންނަ، ބަދުރުގެ ބަސް ގަބޫލުކުރާ މީހަކަށް ވީކަން އެއީ، ސިއްކަ ދެއްވަން ބޭނުންވާ މަޤާމަށް ޝަރުތު ހަމަވާ ކަމެއް ކަމުގައެވެ. މަސްވެރިކަމާއި އަޅުގަނޑާ ގުޅުމެއް ނެތް ނަމަވެސް، މަސްވެރިންނާއި ބަދުރާ ގުޅުން އޮންނަކަން އޭނާއަށް އެނގިލައްވައެވެ. އެވަރުން ތިމަންނައަށް ފުދެއެވެ.

އަނެއްކާވެސް ރޭޑިއޯގެ ސަބަބުން، އަޅުގަނޑަށް ލިބުނު ފައިދާއެކެވެ.

ކޮންމެއަކަސް، ސިއްކަ އަޅުގަނޑަށް މި ކުރެއްވި އިތުބާރު ދެމެހެއްޓޭތޯ ބަލަންޖެހޭނެކަން އެރޭގެ އެ ވަގުތުވެސް އަޅުގަނޑަށް ޔަޤީންކުރެވުނެވެ. އަދި ވަށައިގެން ލިބޭނެ އެއްބާރުލުމަކާއި އެކުވެރިކަމެއްގެ އުންމީދުގައި، އަޅުގަނޑު އާދޭހޭ ދަންނަވާ، ސިއްކަގެ ކުންފުނީގައި މަސައްކަތްކުރުމަށް އެއްބަސްވެއްޖައީމެވެ.

އިބްރާހީމް މުޙަންމަދު ޞާލިޙު

ކޮންމެއަކަސް އަނެއް ދުވަހު ހެނދުނު އަޅުގަނޑު ޕޭން-އޯޝަންގައި މަސައްކަތް ކުރަން ފަށައިފީމެވެ. އެތަނުގައި މާގިނަ މުއައްޒަފުންނެއް ނޫޅެއެވެ. މެނޭޖަރަކީ އިބްރާހީމް މުޙަންމަދު ޞާލިޙެވެ. (އެމަނިކުފާނަކީ 17 ނޮވެންބަރ 2018 އިން ފެށިގެން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އެވެ.) ސެކްރެޓަރީއެއްގެ ދައުރު އަދާކުރައްވަނީ ޢަބުދުﷲ އަޚުތަރުއެވެ. އަދި ފައިނޭންސް ބައި ބަލަހައްޓަވަނީ މުޙަންމަދު ޝަރީފާއި މުޙަންމަދު ރާމިޒެވެ. މިހައި މަދު މުއައްޒަފުންކޮޅެކެވެ.

އަޅުގަނޑުގެ މަސައްކަތަކީ، ދިވެހި މަސްވެރިކަމަށް މުޅިން އާ ކަމެއް ކަމުގައިވާ މަލްޓިޑޭ ފިޝިންގ ރާއްޖެއަށް ތައާރަފު ކުރުމެވެ. މި މަސައްކަތަކީ، އަޅުގަނޑަށް އެކައްޗެއްވެސް އެނގޭ މަސައްކަތެއް ނޫނެވެ. ނަމަވެސް ރޭޑިއޯގެ ތަޖުރިބާގެ އަލީގައި، ގިނަ ފަރާތްތަކަކުންނާއި، އަދި ބޭރުގެ އެކިއެކި ތަޖުރިބާކާރުންގެ އެހީގައި، މި މަސައްކަތާ އަޅުގަނޑު ކުރިމަތިލީއެވެ. މި ޕްރޮޖެކްޓް އަޅުގަނޑާ ޙަވާލުވީ ހިސާބުން އެންމެ ބޮޑު އެހީއެއް ލިބުނީ، އަޅުގަނޑުގެ އަޚެއް ކަމުގައިވާ އަޙުމަދު ވަޖީހުގެ ފަރާތްޕުޅުންނެވެ. ރޭގަނޑުގެ ވަރަށް ގިނަ ވަގުތުތަކެއްގައި، އަޅުގަނޑުމެން ޕްރޮޖެކްޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އޮފީސްތެރޭގައި ހޭދަކުރީމެވެ. އަދި ޚާއްޞަކޮށް، އަޅުގަނޑުގެ އެންމެ ބޮޑު އެކުވެރިޔާ މައިޒާން ހަސަންމަނިކު ހުންނެވީ، އޭނާގެ ފަރާތުން ދެއްވެން ހުރި ހުރިހާ އެހީއެއް އަޅުގަނޑުމެނަށް ދެއްވާށެވެ.

ބައެއް ރޭރޭ ހަސަންގެ ގޭގައިވެސް އަޅުގަނޑުމެން މި ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައިމެވެ. އެ ރޭރޭ ޢަދުނާން ޢަލީ ވެސް އެހީތެރިވެދެއްވުމަށް އެގެއަށް ވަޑައިގަންނަވާނެއެވެ. އޭރު ޢަދުނާން އުޅުއްވަނީ، މިފްކޯގައެވެ.

އަޅުގަނޑުމެންގެ ޕްރޮޕޯސަލް، ސިއްކަ އަޙުމަދު އިސްމާޢީލް މަނިކު އެޕްރޫވް ކުރައްވާ، ބަޖެޓް ލިބި މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވިއްޖެއެވެ.

ފިޝަރީޒް މިނިސްޓަރު އޮނަރަބަލް ޙަސަން ޞާބިރު

މިފްކޯގެ ދައުވަތު ލިބުން

މި މަސައްކަތުގައި އަޅުގަނޑު އުޅެނިކޮށް، އޭރުގެ މިނިސްޓަރ އޮފް ފިޝަރީޒް އޮނަރަބަލް ޙަސަން ޞާބިރާއެކު، ފޯނުން ކުރެވުނު މުޢާމަލާތެއްގެ ތެރޭގައި ވިދާޅުވީ، ސަރުކާރުގެ މަސްވެރި ކުންފުނި މިފްކޯއަށް ދާން ބޭނުންނަމަ، އެތަނުގައި ބަދުރަށް ޖާގައެއް އޮތް ވާހަކައެވެ. އޭރު މިފްކޯގެ މެނޭޖަރަކީ، މަރުޙޫމް މުޙައްމަދު ޝަކީބެވެ. ޕޭން-އޯޝަންގެ މިހާ ބޮޑު ޕްރޮޖެކްޓަކާ ހަވާލުވެ ހުރެފައި ހަމަ ކުއްލިއަކަށް އެހެން ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފެންނާތީ، އަޅުގަނޑު ސޯބިރަށް ދެންނެވީ އަދި މިވަގުތު އެހެން ތާކަށް ބަދަލުވުމުގެ ޚިޔާލެއް ނުގެންގުޅެން ކަމަށެވެ.

އަޅުގަނޑު ކުރިމަތިލާން މިއުޅެނީ، ރާއްޖޭގެ މަސްވެރިން މިއަދާ ހަމައަށްވެސް އުޅެފައި ނެތް ދިރިއުޅުމެއް އެމީހުންނަށް ތަޢާރަފުކޮށްދޭށެވެ. ރާއްޖޭގެ މަސްވެރިންނަކީ، ދުވާލު މަހަށް ގޮސް ލިބުނު އެއްޗެއް ހިފައިގެން ރޭގަނޑަށް ރަށަށް އައުމަށް ފަރިތަވެފައިވާ ބައެކެވެ. ބައެއް ރަށްރަށުގެ މަސްވެރިން، އެހެން އަތޮޅުތަކަށް ގޮސް ބައެއް ރަށްރަށުގައި "ބަނޑަހަ" ޖަހައިގެން މަސްވެރިކަން ކޮށް އުޅުނެވެ. ޢާއިލާއާ ދުރުގައި ދުވަސްތަކެއް ހޭދަކުރިއެވެ. ނަމަވެސް އެއީ، ހިކިފަސް ތަނެއްގައެވެ.

މަސްވެރިކަމުގެ އިންގިލާބީ ޕްރޮޖެކްޓެއް

މިއަދު "ޕޭން-އޯޝަން"ގެ ފަރާތުން އަޅުގަނޑުމެން މި އުޅެނީ، ރަށްރަށުގައި "ބަނޑަހަ" ޖެހުމުގެ ބަދަލުގައި، ސީދާ މަސްކަނޑުގައި "ބަނޑަހަ" ޖެހުން ތަޢާރަފު ކުރާށެވެ. މަސް ދޯނިފަހަރު ތައްޔާރު ކުރަންޖެހޭނީ، ގިނަ ދުވަހު ކަނޑުމަތީގައި ތިބެވޭ ގޮތަށް، ހުރިހާ ކަމެއްވެސް ފުރިހަމަކުރެވިފައިވާ އުޅަނދުތަކެއް ގޮތަށެވެ. އެއީ މަސްވެރިކަމުގެ އިންގިލާބީ ޕްރޮޖެކްޓެކެވެ.

ޕޭން-އޯޝަންގެ ފުރަތަމަ މަލްޓިޑޭ ފިޝިންގ އުޅަނދު، "ޕޭން 503″ އަކީ، ރ. ކަނދޮޅުދޫ މުހަންމަދު ޒަހީންގެ އަތްޕުޅުން، ގަނެގެން ގެނައި ހަލް އަކުން، އުފައްދާފައިވާ އުޅަނދެކެވެ. އިންޓީރިއަރ ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދިޔައީ، ރ. އަލިފުށީގައެވެ. އަލިފުށީގައި މި މަސައްކަތް ކުރަމުން ދިޔައިރު، ހަމަ އެ ރަށުގައި މިފްކޯގެ ފަރާތުން، ޒަމާނީ ފެންވަރަށް މަސްދޯނި ބަނދެ، ވިއްކުމުގެ މަޝްރޫޢެއްވެސް ހިނގަމުންދެއެވެ. އެތަނުގެ ބޯޓްޔާޑްގެ އިސް ވެރިއަކަށް، އަދި މާވަޑިއަކަށް އުޅުއްވަނީ، މާލޭގައި އެވަގުތު ހުންނެވި ހަމައެކަނި ނޭވަލް އާކިޓެކްޓް މ. ހަޒާރުމާގޭ އަޙުމަދު ވަޖީހެވެ. އަޙުމަދު ވަޖީޙަކީ މި ޕްރޮޖެކްޓްގެވެސް އިސް ބައިވެރިއެކެވެ.

އަޙުމަދު ވަޖީހު

ޕޭން-އޯޝަންގެ މަސްދޯނި އެއީ، ބަނދެ ނިންމާފައިވާ ހަލް އެކެވެ. ކަނދޮޅުދޫން އެ ހަލް، ޕޭން-އޯޝަނަށް ބައްލަވައިގަނެގެން، އަލިފުއްޓަށް ގެންދިޔައީއެވެ. އަޙުމަދު ވަޖީހުގެ ބެލެނިވެރިކަމުގެ ދަށަށެވެ. އަލިފުށީގައި ދުވަސްތަކެއް ހޭދަކޮށް، މަސްދޯނީގެ އިންޓީރިއަރ ޒަމާނީ ފެންވަރަށް (މަލްޓި-ޑޭ ފިޝިންގ) އަށް ކަމުދާ ފެންވަރަށް ހެދުމަށްފަހު، ކެޔޮޅަކާ ޙަވާލުކޮށް، މަސްވެރިކަމަށް ދޫކޮށްލީއެވެ. ދެ ވަނަ އަދި ތިން ވަނަ ދޯންޏެއް ބަނުމުގެ ޚިޔާލު ވެސް ކުންފުނިން ގެންގުޅުއްވިއެވެ. ނަމަވެސް އެ ދެ ދޯނި ފަރުމާކޮށް ބަނީ ސްރީލަންކާގެ "ނީލް މެރިން" ގައެވެ.

އަލިފުށީގައި އަޅުގަނޑު މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު، އަޅުގަނޑަށް އެހީތެރިވުމަށާއި އަދި ޕްރޮޖެކްޓްގެ މެންބަރެއްގެ ގޮތުން، މ. ޖަވާހިރުވާދީ އިބްރާހީމް ރަޝީދު (ބިގޭ) މަސައްކަތްކޮށްދެއްވިއެވެ. ("ބިގޭ" އަކީ މިހާރު މަޖްލިސް މެންބަރެކެވެ.)

ދޯނިފަހަރުގެ މަސައްކަތް ނިމި، ތިން ދޯންޏަށް ފަޅުވެރިން ހަމަކޮށްގެން، މަހަށް ދުއްވާދުއްވާ ހުއްޓާ، ކުއްލިއަކަށް ސިއްކަ އަޙުމަދު އިސްމާއިލް މަނިކު ވަރަށް ބޮޑު އާލާސްކަންފުޅެއްގައި ސްރީ ލަންކާގައި ގިނަ ދުވަސްތަކެއް ހޭދަކުރަންވަން ޖެހިވަޑައިގަތެވެ. އަދި ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ވެސް ވަޑައިގަތެވެ. މިކަން މެދުވެރިވީ، ޕޭން-އޯޝަންގެ އުންމީދީ މަސްވެރި ޕްރޮޖެކްޓް ހުއްޓާލަން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަށެވެ.

މިހާ ހިސާބުން ޕްރޮޖެކްޓް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިއްކަ އަޅުގަނޑު ގާތުގައި ބުނުއްވިއެވެ. ޕްރޮޖެކްޓްގައި ގެންގުޅުނު ތިން އުޅަނދު، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ބަޔަކަށް ވިއްކަވައިލެއްވީ ކަމަށް ލަފާކުރެވެއެވެ.

އެމެރިކަން ބަޔޮގްރަފިކަލް އިންސްޓިޓިޔުޓްގެ "މޭން އޮފް ދި އިޔަރ-1995″ގެ ސެޓްފިކެޓް

އެމެރިކަން ބަޔޮގްރަފިކަލް އިންސްޓިޓިޔުޓްގެ "މޭން އޮފް ދި އިޔަރ-1995″ގެ މަގާމު ލިބުން

ޕޭން-އޯޝަން އިންޓަރނޭޝަނަލް ކުންފުނީގައި އަޅުގަނޑު މަސައްކަތްކުރަނިކޮށް، އެމެރިކަން ބަޔޮގްރަފިކަލް އިންސްޓިޓިޔުޓްގެ ސިޓީއެއް އަޅުގަނޑަށް ލިބުނެވެ. އެ ސިޓީގައި ބުނެފައިވަނީ، އެ ޖަމުޢިއްޔާއިން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ނެރެމުންގެންދާ "ހޫޒް ހޫ" ނަމަކަށް ކިޔާ ބަޔޮގްރަފީއެއްގެ 1996 ވަނަ އަހަރުގެ ޢަދަދުގައި، އަޅުގަނޑުގެ ނަން ޝާއިޢުކޮށްފައިވާނެ ކަމަށާއި، އަދި އެ އިންސްޓިޓިޔުޓްން ދޭ ހަނދާނީ ޕްލާކެއް އަޅުގަނޑަށް ލިބޭ ކަމަށެވެ. އަޅުގަނޑު އެދޭ ކަމަށް ވާނަމަ، އެ ދޭތިވެސް ރާއްޖެ ފޮނުވައިދޭނެ ކަމަށެވެ.

އަޅުގަނޑަށް އެ ފޮތާއި ޕްލާކް، އެމެރިކާއިން ގެނެސްދެއްވީ އަޅުގަނޑުގެ އެ ދުވަސްވަރުގެ ބޮސް، ސިއްކަ އަޙުމަދު އިސްމާޢީލް މަނިކެވެ. މާލެއަށް ގެނެސް އަޅުގަނޑާ ޙަވާލުކޮށްދެއްވީ، ސިއްކަ އާއި އިބުރާހިމް މުޙަންމަދު ޞާލިޙެވެ. އަޅުގަނޑަށް ލިބުނު އެވަރުގެ ޝަރަފުވެރި އިނާމެއް އަޅުގަނޑާ ހަމައަށް ގެނެސްދެއްވި ކަމަށްޓަކައި މި ދެ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ.

އަދި އެމެރިކަން ބަޔޮގްރަފިކަލް އިންސްޓިޓިޔުޓްގެ "މޭން އޮފް ދި އިޔަރ-1995″ގެ ޝަރަފު އަޅުގަނޑަށް މި ލިބުނީ، ދިވެހިރާއްޖޭގެ ރޭޑިއޯގެ އަހުލުވެރިން އަޅުގަނޑަށް ކުރެއްވި އިތުބާރަކާއި، އެ އަހުލުވެރިން އަޅުގަނޑަށް ދެއްވި ތަރުޙީބެއްގެ ބޮޑުކަމުންކަން، މިއަދުވެސް އަޅުގަނޑު ހަނދާންކުރަމެވެ.

ޕޭން-އޯޝަންގައި އެންމެ އިސްކޮށް އަޅުގަނޑުމެން ގޮވައިގެން އުޅުއްވި ސިއްކަ އަޙުމަދު އިސްމާއީލް މަނިކަށާއި އިބްރާހިމް މުޙަންމަދު ޞާލިޙަށް މިއަދުވެސް އަޅުގަނޑު ޝުކުރުވެރިވަމެވެ. އެއީ، ވިޔަފާރި ކުންފުންޏަކުން، ދިވެހިރާއްޖެއަށް މުޅިން އާ، ދިވެހި މަސްވެރިން އެއްގޮތަކަށްވެސް ފަރިތަވެފައިނުވާ ބާވަތެއްގެ މަސްވެރިކަމަކަށް އިންވެސްޓް ކުރައްވައިގެން، އަޅުގަނޑު ކަހަލަ، މަސްވެރިކަމާ ބީރައްޓެހި މީހަކު ގޮވައިގެން، މި މަސައްކަތް ކުރެއްވީތީއެވެ. އެކަމުގެ ސަބަބުން، އަޅުގަނޑަށް ގިނަ ތަޖުރިބާތަކެއް ލިބި، ރާއްޖޭގެ އެތައް ހިސާބަކަށް ދަތުރުކޮށް، މަސްވެރިންނާ އަދި އެމީހުންގެ ޢާއިލާތަކާވެސް ގުޅުން ބަދަހިވުމުގެ ނަސީބު ލިބުނެވެ.

މިފްކޯއާ ގުޅުން

ޕޭން-އޯޝަން ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަކިވުމަށްފަހު، އަޅުގަނޑު ދިވެހިރާއްޖޭގެ މަޝްހޫރު މަސްވެރި ކުންފުނި މިފްކޯއާ ގުޅުނީމެވެ. އެ ކޯޕަރޭޝަންގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 2004 ވަނަ އަހަރުގެ ނިމުމަކާ ހަމައަށް ހުރީމެވެ.

މިފްކޯގެ ވަޒީފާއެއްގައި ރަސްމީ ގޮތުން މަސައްކަތްކުރަން ފެއްޓީ، މިފްކޯގެ އޭރުގެ ތިން ސައިޓް ކަމުގައިވާ، ޅ. ފެލިވަރުގައި ހުންނަ ކޭނިންގ ފެކްޓަރީ އާއި ލ. މާންދުގައި ހުރި މަސްފިނިކުރާ ފެކްޓަރީ އާއި ކ. ކަނޑުއޮތްގިރީގައި ހުރި ކާރުޚާނާގައި ތަމްރީންތަކެއް ހޯދުމަށްފަހު، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި، އެސިސްޓެންޓް ޖެނެރަލް މެނޭޖެރެއްގެ މަޤާމުގައެވެ.

މާލަހެއް ނުވެ އަޅުގަނޑު ކޫއްޑޫއަށް ފޮނުއްވައިފިއެވެ. ކޫއްޑޫގެ ޖެނެރަލް މެނޭޖަރެއް ކަމުގައި ހުންނެވީ، މިފްކޯގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއްބޭފުޅެކެވެ. އާދެ މަޝްހޫރު މުޙަންމަދު "ދީދީ" އެވެ. އެއީ، އައްޑޫ ބޭފުޅެކެވެ.

(ކ-ވ) މަނިކު، މުސްތާޤް، ދީދީ

ކޫއްޑޫގައި އަޅުގަނޑު މަސައްކަތް ކުރަމުން ދިޔައިރު، ޕޭން-އޯޝަނުން އަޅުގަނޑަށް ލިބުނު ތަޖުރިބާތަކުގެ ފައިދާ ވަރަށް ބޮޑަށް ކުރިއެވެ. ކޫއްޑޫގައި، ދީދީގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބެމުންދިޔަ އެއްބާރުލުމާއި އެހީތެރިކަމަކީ، ހަމަ އެއްބަނޑުއެއްބަފާ ބޭބެއެއްގެ ފަރާތުން ވެސް ލިބޭނެ ކަހަލަ އެކުވެރިކަމަކާއި އެހީތެރިކަމަކާއި އެއްބާރުލުމެކެވެ. އަޅުގަނޑާ ހަވާލުކުރެއްވީ، ކޫއްޑޫގެ ދެ ޑިޕާޓްމަންޓެކެވެ. އެއީ، ހިޔުމަން ރިސޯސަސް ޑިޕާޓްމަންޓާއި ފައިނޭންސެވެ.

ރައީސް މައުމޫން ފެލިވަރު މަސްފެކްޓަރީއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ބަދުރާ ސަލާމްކުރައްވަނީ…

އަޅުގަނޑަކީ، މި ދާއިރާއަށް މުޅިން އަލަށް އައިސް އުޅޭ މީހަކަށް ވާތީ، ދީދީގެ އަރިހުގައި، ދީދި ވަޑައިގަންނަވާ ހަމަ ކޮންމެ ތަނަކަށް އަޅުގަނޑު ގޮވައިގެން ނޫނީ ވަޑައެއްނުގަނެއެވެ. ކޫއްޑޫގެ އެކިއެކި ޑިޕާޓްމަންޓްތަކާއި، އެ ޑިޕާޓްމަންޓްތަކުގެ މުއައްޒަފުންނާ ބައްދަލު ކުރައްވާއިރު، އަޅުގަނޑު އަބަދުވެސް ބައިވެރިކުރައްވައެވެ. ރަސްމީ މަސައްކަތެއްގައި އެހެން ރަށަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތަސް އަޅުގަނޑު ނުލާ ދީދީ ވަޑައެއްނުގަންނަވާނެއެވެ. މި ފުރުސަތުގައި ވެސް ހިތުގެ ފުންމިނުން ދީދީ އަށް ޝުކުރު ދަންނަވަމެވެ.

އައު ވަޒީފާއަށް ތައާރަފުވުމަށް ދުވަސްކޮޅެއް ނެގިއެވެ. ދެން އަޅުގަނޑުގެ ވަޒީފާގެ މަސައްކަތަށް އަޅުގަނޑު ދޫކޮށްލައްވައިފިއެވެ. ދެން ދީދީ ހުންނެވީ އަޅުގަނޑުގެ މެންޓޯރ (އިރުޝާދާއި ލަފާދެއްވާ ބޭފުޅެއް)ގެ ގޮތުގައެވެ.

ކޫއްޑޫގައި އަޅުގަނޑު ވަޒީފާ އަދާކުރިއިރު ގއ. އަދި ގދ.ގެ ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށް، މަސްވެރިންނާ އަދި އެހެނިހެން ރައްޔިތުންނާވެސް ބައްދަލުކޮށް ވާހަކަ ދައްކާލާ އުޅުމުގެ ނަޞީބު ލިބުނެވެ.

އެނަމާ ބޯޓު ބަންޑުން ޖަހައިލުން

އެ ދުވަސްވަރު ހިނގި ވަރަށް ބޮޑު ހިތާމަވެރި ޙާދިސާއެއް ކަމަށްވާ، "އެނަމާ ބޯޓް"ގެ ޙާދިސާ ހިނގީވެސް އަޅުގަނޑު ކޫއްޑޫގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރަކަށް ހުއްޓައެވެ. މާޗު 17، 2004 ގައި އެ ހާދިސާ ހިނގައިގެން އުޅޭ ޚަބަރު ކޫއްޑޫއަށް ވަރަށް އަވަހަށް ލިބިއްޖެއެވެ. ހަމަ އެރޭ އެ ވަގުތުން، މަސްބޯޓެއް ތައްޔާރުކޮށްގެން، އެ ހާދިސާ ހިނގައިގެން އުޅޭ ހިސާބަށް އަޅުގަނޑުމެން ދިޔައީމެވެ. އެއީ ކުދިބޮޑު 21 މީހުން ނިޔާވެ، ދެ މީހަކު ގެއްލުނު ހިތާމަވެރި ހާދިސާއެކެވެ. ނިޔާވި އަދި ގެއްލުނު މީހުންގެ ފުރާނައަށް މާތްﷲ، ހެޔޮ ރަހުމަތް ލައްވާށިއެވެ! އާމީން!

ކޫއްޑޫގައި ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްކޮޅަކީވެސް، ވަރަށް އުފާވެރި، މަޖާ ދުވަސްކޮޅެކެވެ. އެތަނުގެ މުއައްޒަފުންނާ ދޭތެރޭ އުފެދުނު ގުޅުމަކީވެސް، ވަރަށް ހިތްހަމަޖެހޭ ގުޅުމެކެވެ.

މިފްކޯގެ ބައެއް ހަރަކާތްތަކުގެ ތެރެއިން…

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރާ ވަރަށް ގިނަ މުއައްޒަފުން ތިބެއެވެ. ބައެއް މުއައްޒަފުން ހަފްތާގެ ބަންދުގައި ރަށަށް ދިޔަނަމަވެސް، ގިނަ މުއައްޒަފުން ތިބޭނީ ތަނުގައެވެ. އެ މުއައްޒަފުންގެ ރެކްރިއޭޝަން ކަންތައްތައް ބެލެހެއްޓުން، އެޑްމިން ދާއިރާ ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން، އެޅިފައި އޮންނަނީ އަޅުގަނޑުގެ ބޮލުގައެވެ.

ކޫއްޑުގައި ވަޒީފާ އަދާކުރަމުން ގެންދާތާ މާ ގިނަ ދުވަހެއްނުވެ، މުއައްޒަފުންގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ބައެއް މައްސަލަތައް އަޅުގަނޑަށް ފާހަގަކުރެވެން ފަށައިފިއެވެ.

ޑިޕާޓްމަންޓްތަކުގެ ވެރިން ތިއްބަވަނީ، ކޫއްޑޫގެ އެއްކޮޅުގައި ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށްފައިވާ ކުދިކުދި ބަނގަލޯ ވައްތަރުގެ ތިން ކޮޓަރީގެ ގެތަކެއްގައެވެ. ކޮންމެ އެޗް.އޯ.ޑީ އަކަށް މިކަހަލަ ބަނގަލޯއެއް ހުރެއެވެ.

މިފްކޯގެ ބައެއް ހަރަކާތްތަކުގެ ތެރެއިން…

ސްޓާފުންގެ ގިނަ މީހުން ތިބެނީ، ރަށުގެ އެހެން ހިސާބެއްގައި ތައްޔާރުކޮށްފައިވާ އެކޮމޮޑޭޝަން ބްލޮކްތަކެއްގައެވެ.

ސްޓާފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކްތަކުގެ މެދުގައި އޮތް ހުސްބިމުގައި، ބެޑްމިންޓަން ކޯޓެއް އެޅުމުގެ ޚިޔާލު އަޅުގަނޑުގެ ބޮލުތެރޭގައި އެނބުރެން ފެށުމުން، ހެޑް އޮފީހުގައި ދަންނަވައިގެން ކޯޓް އެޅުމުގެ ހުއްދަ ލިބިއްޖެއެވެ. އެ ހުއްދައިގެ ދަށުން، ޖެހިޖެހިގެން ދެކޯޓް އަޅައިފީމެވެ. އަދި ދެކޯޓަށް ބޭނުންވާ ރެކެޓާއި ބޯޅަ، އަދި ކޯޓްގެ ދާގަނޑުތައްވެސް މާލެއިން ގެނުވައިގެން ކޯޓް ނިންމާލައިފީމެވެ.

ސްޓާފް ކޯޓަރުގައި އެމީހުން ބެޑްމިންޓަން ކުޅެން ދެކޯޓް އަޅާ ފުރިހަމަ ކުރެވުމާއެކު، އަޅުގަނޑުމެން ސީނިއަރ ސްޓާފުންވެސް އެ ކޯޓްތަކުގައި ކުޅެން ފަށައިފީމެވެ. ޖޫނިއަރ ސްޓާފުންނާއި ސީނިއަރ ސްޓާފުން މަސައްކަތުގެ ބޭރުން އެކުވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަ ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީއެވެ. އަޅުގަނޑުމެން ވެރިންނަށް ލިބޭ މޮޅެއްވެސް، ދެރައެއްވެސް ލިބެނީ ހަމައެކަނި އަޅުގަނޑުމެން ކުރާކަމެއްގެ ސަބަބަކުން ނޫންކަމުގައި އަޅުގަނޑު ގަބޫލުކުރާތީއެވެ. އޮފީހެއްގައި ވިއަސް، އަދި މަސައްކަތުގެ މާޙައުލު ކަމުގައިވިއަސް، އެ އުޅޭ އެންމެނަކީ، އެކައްޗެއް ކިޔާ، އެއް ކަމަކަށް މަސައްކަތްކުރާ ބަޔަކަށް ވުމުގެ އެންމެ ބޮޑު ސިއްރަކީ، ވެރިންނާއި މުއައްޒަފުންނާ ދޭތެރޭ އޮންނަ ވަރުގަދަ ގުޅުންކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

މި ދެ ކޯޓް އެޅުމުގެ ކުރިން، ކޫއްޑޫގައި އޮންނަނީ ކުރިން ދެންނެވި އެޗް.އޯ.ޑީންނަށްޓަކައި، އެބޭފުޅުންގެ ސަރަހައްދުގައި އަޅާފައި އޮންނަ އެންމެ ކޯޓެކެވެ. ސްޓާފުންނަކަށް އެތަނަކަށް ނާދެވެއެވެ.

މިފްކޯގެ ބައެއް ހަރަކާތްތަކުގެ ތެރެއިން…

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އަޅުގަނޑުގެ ދިރިއުޅުން ކުރިއަށްދާ ދިއުމުގެ ތެރެއިން، ދޭތެރެދޭތެރެއިން މާލޭގައި ބާއްވާ އެކިއެކި ޖަލްސާތަކަށާއި، ހެޑް އޮފީހުން ހިންގަވާ އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް މާލެއަށް އާދެވެއެވެ.

ޚާއްސަ ޝުކުރެއް

މިފްކޯގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައިރު އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު އަޅުގަނޑަށް ވަރަށް ބޮޑަށް ލިބެމުން ދިޔައެވެ. މިގޮތުން ބައެއް ބޭފުޅުން މިތާ ފާހަގަކޮށްލަންވެސް ބޭނުމެވެ.

(ކ-ވ) އިބްރާހިމް ޢާތިފް ޝުކޫރު، ޢަލީ ޚާލިދު، ޢާދިލް ސަލީމް

އެއް ބޭފުޅަކީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އާތިފް ޝުކޫރެވެ. ހަމަ އެފަދައިން ޢަލީ ޚާލިދު، ޢާދިލް ސަލީމް، އަދި ފާތުން އާއި ރީޝަމް ޢަބުދުއްރަޝީދު، ސައިޓްތަކުން ސޮލާޙު، ޙަބީބު، މަޑޭ އަކީވެސް ވަރަށް ގާތް ބޭފުޅުން ކަމަށް ވެފައި، އެބޭފުޅުންގެ ފަރާތްޕުޅުން ގިނަގުނަ ފިލާވަޅުތަކެއް ލިބުނު ބޭފުޅުންނެވެ. މި ހުރިހައި ބޭފުޅުންނަށް ވެސް ފަށްފަށުން ޝުކުރިއްޔާއެވެ.

މިފްކޯގެ ކޯހަކަށް ތައިލެންޑަށް

މިފްކޯގެ ވަޒީފާއަށް އަޅުގަނޑު ދިޔައީ، 2002 ވަނައަހަރުއެވެ. އަދި 2004 ވަނައަހަރުގެ ސެޕްޓެމްބަރު މަހު، އަޅުގަނޑު ތައިލޭންޑްގައި އޮތް ކޯހެއްގައި ބައިވެރިވުމަށް މިފްކޯގެ ފަރާތުން ފޮނުއްވިއެވެ. އެ ކޯހަކީ ސެޕްޓެމްބަރ 9 ން 17 އަށް ހިންގި "ހިޔުމަން ރިސޯސަސް ޑިވަލޮޕްމަންޓް ސްކިލްސް ފޯރ ފަންކްޝަނިންގ މެނޭޖަރޒް" ކޯހެވެ.

ތައިލެންޑު ކޯހުގެ ބައިވެރިންނާއެކު ބަދުރު (މ)

ތައިލޭންޑްގައި ހުއްޓާ ޢާތިފް ޝުކޫރުގެ މެއިލްއެއް

މިކޯހުގައި ތައިލޭންޑްގައި އުޅެނިކޮށް، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޢާތިފް ޝުކޫރުގެ މެއިލްއެއް އަޅުގަނޑަށް ލިބުނެވެ.

"ކޯސް ނިމިގެން މާލެ އައިސް، އަޅުގަނޑާ ބައްދަލުނުކޮށް، ކޫއްޑޫއަށް އެނބުރި ނުދިއުން އެދެން. އިންފޮމޭޝަން މިނިސްޓަރު ބަދުރު އެބަހޯއްދަވާ. ހީވަނީ، އަހަރުމެނަށް ބަދުރު ގެއްލެނީހެން،" މިކަހަލަ ޢިބާރާތެކެވެ.

މެއިލް ކިޔާލުމަށްފަހު، އަޅުގަނޑުގެ ސިނކުޑިއަށް މި މެސެޖް، މާނަކުރާނެ އެއްވެސް ގޮތެއް ނޭނގުނެވެ. ޢާތިފަށް ފޯނު ކުރަންވެސް ހިތަށްއެރިއެވެ. ކޯސްވެސް ނިމެނީއެވެ. މާލެ ގޮސް ބައްދަލުކުރީމާ، މި ވެގެން އުޅޭ ގޮތެއް އެނގޭނެތާއޭ ހިތާ ފޯނެއް ނުކުރަމެވެ.

ކޯސް ނިމިގެން މާ ގިނަ ދުވަހެއްނުވެ، އަޅުގަނޑު މާލެ އަތުވެއްޖައީމެވެ. އަދި އަނެއް ދުވަހު، މިފްކޯގެ ހެޑް އޮފީހަށް ގޮސް، މެނޭޖިންގ ޑައިރެކްޓަރ ޢާތިފް ޝުކޫރާ ބައްދަލުކުރީމެވެ.

އިންފޮމޭޝަން މިނިސްޓަރާ ބައްދަލުކުރަންޖެހުން

ޢާތިފު ބުނުއްވީ، މާދަމާ ހެނދުނު 10 ޖަހާއިރަށް ބަދުރު އިންފޮމޭޝަން މިނިސްޓްރީއަށް ފޮނުވުމަށް އެތަނުން އެދިވަޑައިގެންފައި އޮތީމާ، މާދަމާ މިނިސްޓްރީ އޮފް އިންފޮމޭޝަން އަށް ގޮސް، މިނިސްޓަރާ ބައްދަލު ކުރާށޭއެވެ. އަދި ދެން ތިމަންނަމެން ކުރިއަށްދާނީ، ތިޔަ މީޓިންއިން ނިމޭ ގޮތަކުން ކަމަށެވެ. މިނިސްޓްރީން ނިމިގެން މިފްކޯއަށް އަންނަންވާނެ އިނގޭއޭ ބުނުއްވިއެވެ.

ވެގެން މިއުޅެނީ ކީއްކަން ކޮންމެވެސް ވަރަކަށް ޢާތިފަށް އެނގިލައްވާކަމުގެ ޝައްކެއް އަޅުގަނޑަށް ވިއެވެ. ނަމަވެސް އިތުރު ސުވާލެއް ނުކުރަމެވެ.

އަނެއް ދުވަހު ހެނދުނު 10 ޖެހިއިރު އަޅުގަނޑު ހުރީ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާރޓްސްގައެވެ. މާލަހެއްނުވެ، މިނިސްޓަރުގެ ކޮޓަރިކޮޅަށް އައުމަށް ސެކްރެޓަރީއަކު އަޅުގަނޑަށް އިޝާރާތް ކުރައްވައިފިއެވެ. އިންފޮމޭޝަން މިނިސްޓަރަކީ ޢަހުމަދު ޢަބުދުﷲ އެވެ. އަޅުގަނޑު މިނިސްޓަރުގެ ކޮޓަރިކޮޅަށް ވަންއިރު، އެތަނުގައި މައިޒާން އަޙުމަދު މަނިކުވެސް އިންނެވިއެވެ. ސަލާންގަލާންކޮށް، ޙާލުއަހުވާލު އޮޅުންފިލުވާލުމަށްފަހު، ސީދާ ޕޮއިންޓަށް މިނިސްޓަރު ވަޑައިގެންފިއެވެ.

އިންފޮމޭޝަން މިނިސްޓަރު ޢަހުމަދު ޢަބުދުﷲ

އަނެއްކާވެސް "ދިވެހިރާއްޖޭގެ އަޑަށް" ދިއުމުގެ ދައުވަތު

"ބަދުރަށް މި ދަންނަވާލީ، އަނެއްކާވެސް "ދިވެހިރާއްޖޭގެ އަޑު" ބަދުރާ ޙަވާލު ކުރަންވެގެން، އެވާހަކަ ދައްކާލަން ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑަށް ދަންނަވާނެ އެއްޗެއްވެސް ނޭނގުނެވެ. އަނެއްކާ އަނބުރާ "އަޑަށް" އަޅުގަނޑު ދާއިރު އެތަން އޮންނާނެ ގޮތެއްވެސް، އުޅޭނެ މީހުނެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް، އިންފޮމޭޝަން މިނިސްޓަރު މި ދައްކަވަނީ، އަޅުގަނޑު އަނބުރާ ރޭޑިއޯގެ ޚިދުމަތަށް ދިއުމާބެހޭ ވާހަކައެވެ. އެއީ، އަޅުގަނޑުގެ މުޅި ހަޔާތުގެ މަސައްކަތެވެ. ކުރަމުން އައި އުންމީދުތަކެވެ. ދުވަހަކުވެސް ވާނެ ކަމަށް ސިކުނޑި ޤަބޫލުނުކުރާ ހަޤީޤަތެވެ.

މަޤާމުން އަމިއްލައަށް އިސްތިޢުފާދީފައި ގޮސް، އެހެން މަޤާމެއްގައި ނުލާހިކު އުފަލުގައި ދިރިއުޅުން ހަމަޖެހިފައި ހުއްޓާ، އަލުން އަނބުރާ ދިވެހިރާއްޖޭގެ އަޑުގައި ކުރިން އަޅުގަނޑު އަދާކުރި މަޤާމު، "ޑިރެކްޓަރ ޖެނެރަލް"ގެ މަޤާމާ ހަވާލުވުމަށް، ސަރުކާރުން އަޅުގަނޑު ގާތުގައި އެދިވަޑައިގަތީއެވެ.

ގަނޑުވެފައި ކުޑަ އިރުކޮޅަކު އިނދެވުނު ކަންނޭނގެއެވެ. ތަޤުދީރު ރާވާ ރޭވުންތަކުގެ ކުޑަވެސް ހަޤީޤަތެއް، ނޭނގޭނެއެވެ. އުފާވެސް ވިއެވެ. ދެރަވެސް ވިއެވެ.

އެއްޗެއް ނުދަންނަވައި އިރުކޮޅަކު އިނުމަށްފަހު، އަޅުގަނޑަށް ދެންނެވުނީ، "އަޅުގަނޑު އަނެއްކާ އަޑަށް ދާންވީތޯއެވެ؟"

ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ ކަމެއް އޭރު ބަލަހައްޓަވަނީ ސަމަރުބުލޫ އިބްރާހިމް މަނިކެވެ. އަޅުގަނޑުގެ އެކުވެރިޔާ އެވެ. ބާއްޖަވެރި ހެނދުނެއްގެ ބައިވެރިޔާއެވެ. އިންފޮމޭޝަން މިނިސްޓަރެވެ!…

"އިބްރާހިމް މަނިކު ކޮބައިތޯއެވެ؟" މި ސުވާލު އަޅުގަނޑު ކުރާކަށް ނުވެސް ޖެހެއެވެ. އިބުރާހިމް މަނިކުގެ ބަދަލުގައި މިއަދު އެ މަޤާމުގައި މި އިންނެވީ، މިނިސްޓަރު އަޙުމަދު ޢަބުދުﷲ އެވެ.

"އިބުރާހިމް މަނިކު އެހެން މިނިސްޓްރީއަކަށް ބަދަލުކުރެއްވީއެވެ!" ޢަހުމަދު ޢަބުދުﷲ ވިދާޅުވިއެވެ. އަދި މާ ބޮޑަކަށް އެ މައުޟޫއަކަށް ނުގެންދަވައެވެ.

"ބަދުރު މި ހުށައެޅުމަށް ބުނަނީ، ކީކޭ ހެއްޔެވެ؟" މިނިސްޓަރު އެއްސެވިއެވެ.

"އަޅުގަނޑު ވިސްނާލަން ވަގުތުކޮޅެއް ބޭނުމެވެ!" އަޅުގަނޑު ދެންނެވީމެވެ.

"މާ ލަސްނުކޮށް ޖަވާބެއް ދޭންވާނެއެވެ!" މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑު ކައިރީގައި މައިޒާން އަޙުމަދު މަނިކު ހަމަ އެކައްޗެއްވެސް ނުބުނުއްވާ އެބައިންނަވައެވެ. މިކަންތަކުގެ އަޑީގައި މައިޒާން އަހުމަދު މަނިކުގެ އަތެއް ވާނެކަން އަޅުގަނޑަށް ޔަޤީނެވެ. މިނިސްޓަރުގެ އޮފީހުން ބޭރަށް ނުކުތުމާއެކު، އަހަންމަދޭ ބުނުއްވިއެވެ.

"ގަބޫލުކުރަންވާނެ އިނގޭ! ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ! މިފްކޯއިން ލިބޭ މުސާރަވެސް ލިބޭނެ! މާދަން ނިންމަންވާނެ އިނގޭ!"

އަޅުގަނޑުގެ ދެ ޢާއިލާ އޮންނާތީ، އަވަހަށް ގޮސް އެމީހުނާ މަޝްވަރާކުރަން ފަށައިފީމެވެ. ދެ އާއިލާއިންވެސް އެއްބަސްވާ އެއް ކަމެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެއީ، އާއިލާއާ ދުރުގައި ރަށުން ބޭރުގައި ވަޒީފާ އަދާކުރާކަށް އެއްވެސް ޢާއިލާއަކުން ބޭނުމެއް ނޫންކަމެވެ.

ކޮންމެ ޢާއިލާއަކުންވެސް، އުފަލާއެކު ބުނީ، ބަދުރު އެންމެ ބޭނުންވާ ތަނަށް އަނެއްކާވެސް އާދެވެނީ ނޫންހެއްޔޭއެވެ. ވަޒީފާ ގަބޫލު ކުރާށޭއެވެ.

ދެން އަޅުގަނޑު ދިޔައީ މިފްކޯއަށެވެ. އަޅުގަނޑުގެ އޮފީހަށެވެ. މެނޭޖިންގ ޑައިރެކްޓަރާ ބައްދަލުކުރާށެވެ. ޢާތިފު އޮފީހުގައި އިންނެވިއެވެ. އަޅުގަނޑު ކޮޓަރިއަށް ގެންދަވާ މަރުހަބާ ވިދާޅުވުމުން، ކުރިންވެސް ޢާތިފަށް މިކަން ކޮންމެވެސް ވަރަކަށް އެނގިފައިވާ ކަމަށް އަޅުގަނޑަށް ކުރެވުނު ޝައްކު، ޔަޤީނަކަށް ބަދަލުވެއްޖެއެވެ.

އިންފޮމޭޝަން މިނިސްޓަރު ދެއްކެވި ވާހަކަ އަޅުގަނޑު ޢާތިފަށް ދެންނެވުމަށްފަހު، މާދަމާ އިންފޮމޭޝަން މިނިސްޓަރަށް ޖަވާބެއް ދޭންޖެހޭ ކަމަށް ދެންނެވީމެވެ. އަދި އަޅުގަނޑަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން، މިކަމުގައި ޢާތިފަށް ފެނިލައްވާ ލަފައެއްވެސް ދެއްވުމަށް އަޅުގަނޑު އެދުނީމެވެ.

އާތިފު ބުނުއްވީ، އަޑުގެ ވަޒީފާއަށް ދާން ފެންނަ ކަމުގައެވެ. ބަދުރާ ގުޅެނީ އަޑާ ކަމުގައެވެ. އެހެންވީމާ މިނިސްޓަރުގެ ހުށައެޅުއްވުމަށް އިޖާބަދޭށެވެ! ކޫއްޑޫގައި ހުރި އަޅުގަނޑުގެ ޕާރސަނަލް ބައެއް ސާމާނު ގެނައުމުގެ އިންތިޒާމް ތިމަންނާ ހަމަޖައްސަވާނަމެވެ. އެކަމާ ހާސްނުވާށޭ ބުނުއްވިއެވެ.

މިނިސްޓަރުގެ ހުށައެޅުއްވުން ގަބޫލުކޮށް އެނބުރި އަޑަށް

އަނެއް ދުވަހު ހެނދުނު އިންފޮމޭޝަން މިނިސްޓަރުގެ އެޕޮއިންޓްމެންޓެއް ވަރަށް ފަސޭހައިން ލިބިއްޖެއެވެ. އަދި އަޅުގަނޑު މިނިސްޓަރ އަރިހަށް ގޮސް، ބައްދަލުކޮށްފީމެވެ.

"ކޮބާ ނިންމައިފިން ހެއްޔެވެ؟" މިނިސްޓަރ ސުވާލުކުރެއްވިއެވެ.

"އާދެ! މިނިސްޓަރު ހުށައެޅުއްވި ހުށައެޅުއްވުން އަޅުގަނޑު ގަބޫލުކޮށްފީމެވެ. އެކަމަކު، އަޅުގަނޑުވެސް ދަންނަވާލަން ބޭނުން ކަމެއް އެބައޮތެވެ." އަޅުގަނޑު ދެންނެވީމެވެ.

"ކޮންކަމެއް ހެއްޔެވެ؟"

"އެކަމަކީ، އަޅުގަނޑު ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާ ގަބޫލުކުރާނީ، ދިވެހިރާއްޖޭގެ އަޑު ހިންގުމުގައި، އަޅުގަނޑުގެ މައްޗަށް، ސީދާ މިނިސްޓަރު ފިޔަވާ އެހެން ބޭފުޅަކު، ނުހުންނަ ކަމަށް ވާނަމައެވެ. މިއީ، ތަޖުރިބާގެ މައްޗަށް ބުރަވެހުރެ ދަންނަވާ ދެންނެވުމެކެވެ."

މިނިސްޓަރ ވިދާޅުވީ، މިހާރުން ފެށިގެންވެސް ތިޔަގޮތަށް ހަމަޖެހޭނެއެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނާނީ ބަދުރެވެ. ބަދުރުގެ މައްޗަށް އެއްޗެއް ބުނާނެ އެހެން މީހަކަށް ހުންނާނީ މިނިސްޓަރެވެ.

އެ ހިސާބުން އަނެއްކާ ވެސް ދިވެހިރާއްޖޭގެ އަޑަށް އަނބުރާ އަޅުގަނޑު ދިޔައީއެވެ. އިތުރު ޗެލެންޖްތަކަކާއި ބަދަލުވެފައިވާ މާޙައުލަކަށެވެ.

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "އަޅުގަނޑު ރޭޑިއޯއާ ވަކިވީ، އެއްގޮތަކަށްވެސް ވަކިވާ ހިތަކުންނޫނެވެ. ނަމަވެސް އެ ދުވަސްވަރު ކަންތައްތައް ދިމާވަމުން ދިޔަގޮތުން، އެ ނޫން ގޮތެއް ނެތިގެން، އެހެން ހަދަން މަޖުބޫރުވީއެވެ". ތަފްސީލު ބޭނުން އަހަރުމެން ކަހަލަ ޒުވާނުންނަށް ބަދުރާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *