Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 11

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލައިގައި އަޅުގަނޑު

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހަކީ ޢާންމު ގޮތެއްގައި ދިވެހިރާއްޖޭގެ އަޑު ހަލަބޮލިވާ މަހެކެވެ. އެއީ، ނޮވެމްބަރު 11 ވަނަ ދުވަހު ދިވެހި ޖުމްހޫރީ ދުވަހުގެ މުނާސަބާގެ ޚާއްޞަ ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް ޕްރޮޑިއުސަރުންނާއި އެނައުންސަރުންނާއި، އެ ޕްރޮގްރާމްތަކުގެ އިދާރީ ކަންތައްތައް ހަމަޖެއްސުމަށް އެޑްމިން ދާއިރާގެ ބޭފުޅުންނާއި، ޚާއްޞަ ގޮތެއްގައި ފައިނޭންސް ޑިޕާޓްމަންޓް ވެސް ވަރަށް ކުރީއްސުރެ ތައްޔާރުވާން ފަށާނެތީއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި ޕްރޮގްރާމް ޑިޕާޓްމެންޓްގެ ހަމަ ހުރިހާ އެންމެންހެން އުޅޭނީ ހޭބޯނާރާ ކަހަލަ ގޮތަކަށެވެ. ޕްރޮގްރާމް ޑިޕާޓްމަންޓް ހަލަބޮލިވެއްޖެނަމަ، ދެން އަނެއް ދެ ޑިޕާޓްމަންޓްވެސް ހަލަބޮލިވާނެއެވެ. ޕްރޮގްރާމްތަކަށް މެހެމާނުން ހަމަޖެއްސުމާއި، ޓެކްނިކަލް ޓީމްތައް ރޭވުމާއި، ބޭރަށް ޓީމްތައް ފޮނުވައިގެން ރެކޯޑްކުރާ ޕްރޮގްރާމްތައް ރެކޯޑް ކުރުމާއި، މެހެމާނުންގެ ގޮތުގައި ޕްރޮގްރާމްތަކަށް ގެންނަ ބޭފުޅުންނަށް ސައިފޮދު އަރުވާ އިންތިޒާމް ހަމަޖެއްސުމާއި، މިކަހަލަ އެތައް ކަމެއްގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑު އޮންނާނީ ވަރަށް ހަލަބޮލިވެފައެވެ.

ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ އަޑުގެ މިފަދަ މުހިންމު މުނާސަބާ ތަކުގައި، އަޑުގެ ޢިމާރާތް ރީތިކުރުމާއި، ކުލަބޮކިން މުޅި އިމާރާތް ދިއްލުން ފަދަ ބޮޑަތި މަސައްކަތްތައްވެސް ކުރަނީ ހަމަ އަޑުގެ މުއައްޒަފުންކަމެވެ. ރެއާއި ދުވާލު ހޭލާ ތިބެގެން، ގަޑިޖެހެންވާއިރަށް ހުރިހާ ކަމެއް ތައްޔާރުކޮށް، ނިންމާ ރަސްމީ ހަފްލާއަށްވެސް އެންމެން ހާޒިރުވާނެއެވެ.

ނޮވެމްބަރު 11ގެ ޚާއްޞަ ޕްރޮގްރާމް ރައީސް އޮފީހުން ފޮނުއްވީމާ އަދި ދެން މާ ބޮޑަށް މުޅި ސްޓޭޝަންތެރެ، ހަލަބޮލިވާނެއެވެ. ދުވަހާ ގުޅޭ ޚާއްޞަ ރަސްމިއްޔާތުތައް އޮންނަ ތަންތަނަށް ޓީމްތައް ހަމަޖެއްސުމާއި، އެ ޓީމްތަކުގެ ޓެކްނިކަލް މީހުނާއި ޕްރޮގްރާމިންގ ސްޓާފާ ގުޅިގެން ހިންގަންޖެހޭ އެކިއެކި މުޢާމާލާތްތަކުގެ ކަންތައްތައް ދެން އެ ފެށުނީއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ނިވްސްރޫމަކީ، ސްޓޭޝަންގެ އެންމެ މުހިންމު އެއް ގުނަވަން ކަމުގައި ވާހިނދު، އެތަނުގެ މުއައްޒަފުންނަށް އަދި މާބުރަވާނެއެވެ. ޙަޤީޤަތުގައި، ނިވްސްރޫމަކީވެސް ޕްރޮގްރާމް ޑިޕާޓްމަންޓްގެ ސެކްޝަނެކެވެ. އެހެން ނަމަވެސް، އެތަން ހިންގާނީ، ވަރަށް މިނިވަންކޮށް، އެތަނަށް ވަކި މުއައްޒަފުންތަކެއް ކަޑައެޅިގެން، ވަކި އެޑިޓަރުންތަކެއްގެ ޒިންމާގެ ދަށުންނެވެ.

މިކަހަލަ ޚާއްޞަ މުނާސަބާއަކަށް، ނިއުސް ޑިޕާޓްމަންޓް ތިބޭނީ އަދި ވަކިން އިތުރަށް ތައްޔާރުވެފައެވެ.

ކޮންމެއަކަސް، ނޮވެމްބަރު މަސް ފެށުމާއެކު، ދިވެހިރާއްޖޭގެ އަޑުގެ ވިންދު ޑަބަލް އަވަސްވާނެއެވެ. އެކަހަލަ ޙާލަތެއްގައި މަސައްކަތުގައި އުޅުމަށްފަހު، ނޮވެމްބަރ ދެ ވަނަ ދުވަހުގެ ރޭ، އަޅުގަނޑުވެސް މަސައްކަތް ނިންމާލާފައި ގެއަށް ހިނގައްޖައީމެވެ.

ޒާތީ ވާހަކައެއް

މި ހިސާބުން ދެން ދަންނަވާލަން ޖެހޭނީ އަމިއްލަ ޒާތީ ވާހަކައެކެވެ. އެއީ، އަޅުގަނޑުގެ ދެ އަނބިން ތިބޭތީ، އަޅުގަނޑު ދެ ގެއަށް ދާންޖެހޭ ވާހަކައެވެ. އެރޭ އަޅުގަނޑު ދިޔައީ، އަޅުގަނޑުގެ އަމިއްލަގެ، މއ. ތިބުރޯޒުގެއަށެވެ. އެ ގޭގައި އިންނާނީ އަޅުގަނޑުގެ ދޮށީ އަންހެނުން ގ. ގްރޭވިލާ، ފާތިމަތު ފާޒިރާ އާއި އެ ބަނޑުގެ ކުދިންނެވެ. އަޅުގަނޑުގެ ހަގު އަންހެނުން، މއ. ބެލްޖިއަމްގެ ވަޙީދާ މޫސާއާއި ކުދިން، ތިބޭނީ އަޅުގަނޑުގެ މަންމަ ކައިރީގައި، ގ. ފިތުރޯނުވިލާގައެވެ.

އެރޭ އަޅުގަނޑު ތިބުރޯޒުގޭގައި ނިދައިފައި އޮއްވާ ފަތިހު، މާލޭގެ ކޮންމެވެސް ހިސާބަކުން ބަޑި ޖަހާއަޑު އިވޭހެން ހީވެގެން އަޅުގަނޑުމެންގޭ މީހުން ހޭލާ އުޅޭ އަޑަށް އަޅުގަނޑުވެސް ތެދުވީމެވެ.

އެންމެން ހާސްވެ، ކަންބޮޑުވެގެން އުޅޭތީ އަޅުގަނޑުވެސް ނިކުމެއްޖައީމެވެ. މަގުމަތީގައި އެއްވެސް ކަމެއް ހިނގާތޯ ބަލައިލުމުގެ ނިޔަތުގައި، އަޅުގަނޑު މަގުމައްޗަށް ނިކުމެއްޖައީމެވެ. އަޅުގަނޑުމެންގެ ގެ ހުންނަނީ، މައްޗަންގޮޅީ ސަހަރާ ކައިރީގައެވެ. އެއީ، މާލޭގެ ދެކުނު ފަޅިއެވެ. އެހެންކަމުން މަގުމަތިން މާ ތަފާތު މަންޒަރެއް ނުފެނުނެވެ. ތަންކޮޅެއް ދުރުން، މަޖީދީމަގާ ވީ ފަޅިން، ފަތިހުގެ އެ ވަގުތާ ބަލާފައި ތަންކޮޅެއް މީހުން ގިނަ ކަމަށް ފެނެއެވެ. އެނޫން އެހެން ކަމެއް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ.

ވެގެން އުޅޭ ގޮތް ކަމަށް އަޅުގަނޑަށް ސިފަކުރެވުނީ، މާލޭގެ ވަރަށް ގިނަ އެހެން ބޭފުޅުންނަށްވެސް އެ ރޭ ހީފުޅުވެވަޑައިގެން ގޮތަށެވެ. ކުރިމަތިވަމުން އަންނަ ޖުމްހޫރީ ދުވަހަށް ސިފައިން ކޮންމެވެސް ކަހަލަ އައިޓަމެއްގެ ތަމްރީން ޕްރޮގްރާމެއް ހިންގަނީ ކަމަށެވެ. އެކަމަކުވެސް، ބަޑިޖަހާ އަޑު އިވޭ ކަމަށް ބުނާތީ، ހުރެވުނީ ފާޑެއްގެ ޝައްކެއްގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ހިލަމެއްވެސް ނެތް

ވާގޮތެއް އެނގޭތޯ، ރޭޑިއޯ އަޑުއަހާލުމުގެ ނިޔަތުގައި ރޭޑިއޯ ހުޅުވާލީމެވެ.

ރޭޑިއޯއިން، ދިވެހިރާއްޖޭގެ އަޑުގެ ހިލަމެއްވެސް ނެތެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. ފަތިހު 5.30 ގައި ދިވެހިރާއްޖޭގެ އަޑު ޓްރާންސްމިޓް ކުރަން ފަށާނެއެވެ. މައްސަލައެއް ދިމާވެގެން ފަހަރެއްގައި ޓްރާންސްމިޓް ކުރުން ލަސްވިނަމަވެސް، އަޅުގަނޑާ ގުޅާނެއެވެ. ވެގެން އުޅޭ ގޮތް ބުނެދޭނެއެވެ.

މިރޭ އެކަހަލަ އެއްވެސް ޚަބަރެއް ނުވެއެވެ. އެކަމަކު ދިވެހިރާއްޖޭގެ އަޑުގެ ހިލަމެއްވެސް ނެތެވެ.

ގޭގައި ހުރި ފޯނުން ދިވެހިރާއްޖޭގެ އަޑާ ގުޅޭތޯ ޑަޔަލް ކޮށްކޮށްވެސް، އެއްވެސް މީހަކު ފޯނެއް ނުނެގިއެވެ. އާދަޔާ ޚިލާފު ކަންތައްތަކެއް ދިމާވެއްޖެ ކަމަށް އެ ހިސާބުން އަޅުގަނޑަށް ޝައްކު ކުރެވެންފެށިއެވެ. ގަޑިން އޭރު ހަތެއްޖަހާ ބޮޑުވަނީއެވެ.

ކުއްލިއަކަށް އަޅުގަނޑު ކޮޓަރީގައި ހުރި ފޯނު ރިންގްވާން ފެށިއެވެ. އަޅުގަނޑު ފޯނު ނަގައިފީމެވެ. ފޯނުން ވާހަކަ ދެއްކި މީހާ ބުނީ، އަދިވެސް ދިވެހިރާއްޖޭގެ އަޑު ނުހުޅުވާ ކަމަށާއި، ބަނޑޭރިގެއިން ތަޅުދަނޑި ގެންނަ 1 ނަންބަރު އޮޕަރޭޓަރ އިސްމާޢީލް ހަލީމް، ބަނޑޭރިގެއިން (ސިފައިންގެ މަރުކަޒުން) ތަޅުދަނޑި ހިފައިގެން އަދިވެސް ނާންނަ ކަމަށެވެ.

އޭނާ ގުޅައިގެން މި އުޅެނީ، ދިވެހިރާއްޖޭގެ އަޑުގެ ބޭރު ފާރުން ކުޑަ ގޮޅިއެއް ކަނޑާފައި، އެ ގޮޅި ތެރޭގައި ބަހައްޓާފައި ހުންނަ އިމަރޖެންސީ ފޯނުން ކަމުގައި ބުންޏެވެ. ފަހުން އެނގުނު ގޮތުގައި، އެ ދުވަހު ފޯނު އެ ކުރެއްވީ އަޑުގެ ސީނިއަރ ޓެކްނީޝަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޢާޒިމްއެވެ.

އިބްރާހީމް ޢާޒިމް

ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރަކީ ސަމަރުބުލޫ އިބްރާހިމް މަނިކެވެ. އަޅުގަނޑަކީ އެސިސްޓެންޓް ޑިރެކްޓަރެވެ. ޑިރެކްޓަރަށް ދަންނަވައިފިންތޯ އަޅުގަނޑު ސުވާލުކުރީމެވެ.

އާޒިމް ބުނީ، ޑިރެކްޓަރާ ގުޅޭތޯވެސް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވާ ކަމުގައި ބުންޏެވެ. އަދި އޭނާ ބުނީ، މާލެއަށް ބޭރު ބަޔަކު އަރައިގެން އެތައް ބަޔަކު މަރާ، ސިފައިންގެ ހެޑްކްއާޓަރުވެސް މިހާރު އެމީހުން ހިފައިފި ކަމަށެވެ.

"ބޭރު ބަޔަކު މާލެއަށް އަރާ އަދި އެތައް ބަޔަކު މަރައިފި!…" މީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟ ހިތަށް އަރުވަންވެސް ނޭނގެއެވެ. ވެދާނެ ކަމެއް ކަމަށް ގަބޫލު ކުރަންވެސް ދައްޗެވެ. ނަމަވެސް އެ ބުނަނީ، އެހެންނެވެ.

ދިވެހިރާއްޖޭގެ އަޑު ކައިރީގައި ތިބީ ކޮން ބައެއްތޯ އަޅުގަނޑު އަހައިލީމެވެ. އޭނާ ބުނީ އޮފީހުގެ މުއައްޒަފުންގެ ތެރެއިން އެ ގަޑީގެ ޑިޔުޓީއަށް އަންނަންޖެހޭ ގިނަ މީހުން އަތުވެއްޖެ ކަމަށާއި، އޮފީސް ނުހުޅުވިގެން މިއުޅެނީ، އޮފީސް ހުޅުވާ އޮޕަރޭޓަރ އިސްމާއީލް ޙަލީމުގެ ޚަބަރެއް ނުވެގެން ކަމަށެވެ. އަދި އެ ހިސާބުގަނޑުގެ ގިނަ ބައެއްވެސް އެތާ ތިބި ވާހަކަ ބުންޏެވެ. އަދި މިނިސްޓަރު ޢަބުދުﷲ ޙަމީދުގެ ބޭފުޅުންވެސް އެބައުޅުއްވައޭ އޭނާ ބުންޏެވެ. އިސްމާޢީލު ޙަލީމުގެ ޚަބަރެއް ބަލައިލަން ދާން ނުކެރިގެން މިއުޅެނީ، މާލެތެރޭގެ ކަންތައްތައް ހުރި ގޮތުން ކަމުގައި އާޒިމް ބުންޏެވެ.

"އިބްރާހިމް މަނިކު ވިދާޅުވީ ބަދުރު ކުރިއަށް ގެންދާށޭ"

އިބްރާހިމް މަނިކާ ގުޅޭތޯ އަޅުގަނޑު ބަލާނަމޭ ކިޔާފައި، އިސްމާއިލް ހަލީމު ވަޑައިގަތީމާ އޮފީސް ހުޅުވަން މަޑުކުރާށޭ ބުނެފައި އަޅުގަނޑު ފޯނު ކަނޑާލީއެވެ. އަދި އިބުރާހިމް މަނިކުގެ ނަންބަރަށް ގުޅައިފީމެވެ. ފޯނު ނެންގެވީވެސް އިބުރާހިމް މަނިކެވެ. ހުންނެވީ ވަރަށް ހާސްވެފައެވެ. ބޭރުން ބަޔަކު އަރައި، ރައީސް މައުމޫނާއި އިލްޔާސް އިބްރާހީމާ ހޯދަން އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި އެ ހޯދާ މީހުންގެ ތެރޭގައި އިބުރާހިމް މަނިކުވެސް ވެދާނެ ކަމަށާއި ދެން ހައްދަވާނެ ގޮތެއްވެސް އަދި ނޭނގޭ ކަމަށް ވިދާޅުވެފައި ވިދާޅުވީ ބަދުރު ކުރިއަށް ގެންދާށޭއެވެ. ދެން ތިމަންނައަކާވެސް ނުގުޅޭނެއޭއެވެ. އެހެން ވިދާޅުވެފައި ފޯނު ކަނޑުއްވާލައްވައިފިއެވެ.

އަޅުގަނޑުވެސް ވަރަށް ހާސްވެއްޖެއެވެ. ހަދާނެ ގޮތެއްވެސް ނޭނގިގެން މަގުމައްޗަށް ނިކުމެއްޖައީމެވެ. ވަކި މީހަކު ފެންނާނެ ކަމަކަށް ނުވަތަ ހަދާނެގޮތެއް އެނގޭނެ ކަމަކަށް ނޫނެވެ. މަގުމައްޗަށް ނިކުތްތަނުން ފެނުނީ، ޑިފެންސް މިނިސްޓަރުގެ ނާއިބު ޢަންބަރީ ޢަބުދުއްސައްތާރު، ހުދު ކުލައިގެ ގަންޖުފަރާހެއް ލައްވައިގެން، މުންޑެއް އަންނަވައިގެން، އަޅުގަނޑުމެންގޭ ދޮރުމަތިން ބައިސްކަލެއްގައި ދުރުވަނިކޮށެވެ. އެއްޗެކޭ އަހާލެވޭ ވަރެއް ނުވިއެވެ. ހުރަސް ކަނޑުއްވާ އަނެއް މަގަށް ގޮސް އޮބާލައިފިއެވެ.

އަޅުގަނޑު އެތެރެއަށް ވަދެއްޖައީމެވެ. ގޭތެރޭގައި ތިބި އެންމެން އެކި ފާޑުގެ ވާހަކަ ދައްކައެވެ. މަގު ހިނގާ މީހުންގެ ފަރާތުންނާއި، ގޭދޮށު އަވަށްޓެހިންގެ ފަރާތުން ލިބޭ ޚަބަރުތައް ގޮތްގޮތަށް ފެތުރެމުން ދެއެވެ. އަޅުގަނޑަށް ދެން ކުރެވޭނީ ކޮން ކަމެއްކަންވެސް ނޭނގިގެން، ގޭތެރޭގައި ފިކުރުކުރަން އިންދާ، ބޭރުން މީހަކު އައިސް ހުރި ވާހަކަ އަޅުގަނޑު ގާތުގައި ކުއްޖަކު ބުނުމުން ބަލައިލިއިރު، އަޑުގައި އުޅުއްވާ ޔޫސުފު ރިޔާޒް ދުރުވެ ހުންނެވިއެވެ.

ފާރުމަތިން އަރައިގެން ދިވެހިރާއްޖޭގެ އަޑުު ހުޅުވަން މީހުން ތިބީ ތައްޔާރަށް 

އިސްމާއިލް ޙަލީމުގެ ޚަބަރެއް ވެގެން ދިވެހިރާއްޖޭގެ އަޑު ހުޅުވުނީ ކަމުގައި ހީކޮށް، ހުރިހާ އެންމެންގެ ތެރޭގައި ޔޫސޭއާ ވާހަކަ ނުދައްކާންވެގެން، ޔޫސޭ ގޮވައިގެން އަޅުގަނޑު ކޮޓަރިއަށް ވަދެ، ޚަބަރު އަހައިލައިފީމެވެ.

ޔޫސޭ ބުނުއްވީ، އިސްމާއިލްގެ ޚަބަރެއް ނުވާ ކަމަށާއި، އަދިވެސް ދިވެހިރާއްޖޭގެ އަޑު ނުހުޅުވޭ ކަމަށެވެ. އެކަމަކު އަޅުގަނޑު ބުނެފިއްޔާ ފާރުމަތިން އަރައިގެން އެތަން ހުޅުވަން މީހުން ތައްޔާރަށް ތިބި ވާހަކަ ބުނުއްވިއެވެ.

އިސްމާއިލް ޙަލީމަކީ، އެ ދުވަހު ޓްރާންސްމީޓަރ އޮޕަރޭޓަރެވެ. އިމާރާތް ހުޅުވިއަކަސް ޓްރާންސްމީޓަރެއް ނުދިއްލޭނެ ކަމާއި، އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ނުކުރެވޭނެ ނޫންހޭ ޔޫސޭ ގާތު އަޅުގަނޑު ބުނީމެވެ. ދެން ޔޫސޭ ބުނުއްވީ، ދިވެހިރާއްޖޭގެ އަޑު ހުޅުވައިގެން ހުރިހާ ދިވެހި ރައްޔިތުން އެތަނަށް ޖަމާވާން ގޮވައިދޭން އެތަނަށް އެއްވެ ތިބި ބަޔަކު އެދޭ ވާހަކައެވެ. އޭރުން މާލެ އަރާ އެއުޅޭ ބަޔަކުގެ ކިބައިން ދިފާޢުވުމަށް ކޮންމެވެސް ހަރަކާތެއް ރޭވިދާނެ ކަމަށް ޔޫސޭގާތު އެ ބަޔަކު ބުނެގެން، އަޑުގެ ފާރުމަތިން އަރާ، އެތަން ހުޅުވުމުގެ ހުއްދައެއް އަޅުގަނޑު އަތުން ހޯދަން، ފޮނުވީމާ ދުރުވީ ކަމަށް ޔޫސޭ ބުނުއްވިއެވެ.

މާލެއަށް އަރައިގެން ތިޔަ އުޅޭ ބަޔަކު ދިވެހިރާއްޖޭގެ އަޑު ކައިރިއަށް އަތުވެއްޖިއްޔާ ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ ނޫންހޭ، އެމީހުން އުޅެނީ ބަޑި ހިފައިގެންނޭ ތިޔަ ބުނީ ނޫންހޭ އަޅުގަނޑު ބުނީމެވެ. ދެންވެސް، ޔޫސޭ ބުނުއްވީ، ކަލާފާނު ސްކޫލް އިމާރާތް ކުރަމުން ގެންދާ ޖަޕާން މީހުނާ ގުޅައިގެން، ދިވެހިރާއްޖޭގެ އަޑު ކައިރިއަށް ދެވެން ހުރި މަގުތައްވެސް މިހާރު ހުރީ، ހުސް ފީފާ އާއި، ފިލާ އަތުރައިގެން، ބަންދުކޮށްފައި ކަމުގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ ފާރުމަތިން އަރައިގެންވެސް އަދި އެނޫން ގޮތަކަށް ވެސް އެތަން ހުޅުވުމުގެ ހުއްދަ ދޭކަށް އަޅުގަނޑުގެ ސިކުނޑި ތަނެއް ނުދިނެވެ. މަގުތައް ބަންދުކުރި ވާހަކަ ބުނުމުން ހިތަށް އެރީ، ބަޑި ހިފައިގެން މީހުން މަރަމުން އަންނަ ބަޔަކަށް، ހުސް ދެތިން ފީފާއަކާއި ފިލާކޮޅެއްގެ އެހީގައި މަގުތައް ހަމަ ބަންދު ކުރެވިދާނެބާވައެވެ؟

އަޅުގަނޑު ޔޫސޭ ގާތު ބުނީ، ޔޫސޭވެސް އަވަހަށް ދެން ގެއަށް ދުރުވުމަށެވެ. ދިވެހިރާއްޖޭގެ އަޑަށް ދެން އަނބުރާ ނުދުރުވާށޭއެވެ! އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ އަޑު ހުޅުވަން ހުއްދަދޭނީ، ހަމައެކަނި ތިން ބޭފުޅަކު ވިދާޅުވެއްޖިއްޔާ އެވެ. އެއީ، ރައީސުލް ޖުމްހޫރިއްޔާ، ނުވަތަ ޑިފެންސް މިނިސްޓަރުގެ ނާއިބު ނުވަތަ ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރެވެ.

ގޭގެ ފޯނު ކަނޑާލުން

ޔޫސޭ ދުރުވުމުން، ދެން އަޅުގަނޑަށް ކުރެވުނީ ކީއްކަންވެސް ނޭނގެއެވެ. ޢާއިލާ މައިތިރިކުރުމަށް މަސައްކަތް ކުރަމުންވެސް، ފޯނުން އިތުރަށް މީހަކު ގުޅައިގެން ދިވެހިރާއްޖޭގެ އަޑު ހުޅުވަން އުޅެފާނެތީ، ފޯނު ކަނޑާލައިފީމެވެ. ފޯނު ފާރާ ގުޅާފައި ހުރި ތަނުން، އެއް ނަރު ވަކިކޮށްލީއެވެ.

ތަފާތު ފިކުރުތަކާއި ވިސްނުންތަކުގައި ގޭތެރޭގައި ހާސްކަން އިތުރުވަމުން ދެއެވެ. އެކަކަށްވެސް ވެގެން މިއުޅޭ ގޮތެއްގެ ތަފުސީލެއް ނޭނގެއެވެ. މަޖީދީ މަގުގައި ބަޔަކު ބަޑި ހިފައިގެން މީހުން މަރަމުން ގެންދާ ވާހަކަވެސް ދެކެވެއެވެ. އަދި އެތަނަށް މީހުން އެއްވާ ވާހަކަވެސް ދެކެވެއެވެ.

މިނިސްޓަރު އަޙުމަދު މުޖުތަބާ ޙުސޭނާއި އޭނާގެ އަނބިކަބަލުން، ދަމަމުން ކަހަލަ ގޮތަކަށް އެމީހުން ގެންދިޔަ ވާހަކަ އާއި، އަޅުގަނޑުގެ ބޮޑުބޭބެ އަލްމަރުހޫމް ބޯގަންވިލާ އިސްމާޢީލް ނަޞީރުވެސް ގެންދިޔަ ވާހަކަ ކޮންމެވެސް މީހަކުގެ ފަރާތުން އިވިގެން، ގޭތެރޭގައި ދެކެވެމުން ދެއެވެ.

ތިބުރޯޒުގެ މި ހުންނަނީ، މަޖީދީ މަގުން އައިސް މއ. ދިލްބަހާރު ގޯޅިއަށް ވަދެގެން ގޮސް، މައްޗަންގޮޅި ސަހަރާގެ އަނެއް ކަންމަތީގައެވެ. އެއީ، އަލަށް ހިއްކި ހިސާބު ފެށޭ ތަނާ ވަރަށް ކައިރިއެވެ. ގޭ ދޮރުމައްޗަށް ނުކުމެ ވައަތް ފަރާތަށް ބަލައިލީމާ މަޖީދީ މަގު، ވަރަށް ދުރުން ފެންނާނެއެވެ. އަޅުގަނޑުވެސް މަޖީދީމަގުގައި ހިނގާ ކަމެއް ފެނޭތޯ ބަލައިލުމުގެ ނިޔަތުގައި އަނެއްކާވެސް، ދޮރޯށިދޮށަށް ނިކުމެއްޖައީމެވެ.

ކޮޅުކޮޅަށް ހިނގާ މީހުނާއި ބައިސްކަލުގައި ދުއްވާ މީހުންތައް ވަރަށް ގިނައެވެ. ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ، ހާސްކަމާއި ކަންބޮޑުވުމެވެ. ދޮރާށިދޮށުގައި ހުއްޓާ، އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ނަޞީރު، އަތިރިމަތީ މަގުން އައިސް ގެއަށް ވަދެއްޖެއެވެ.

"އޭ! ބަދުރުބޭ ފޯނު ކަނޑައިލައިގެން އުޅެނީތަ؟ ގުޅާގުޅާ ނުގުޅިގެން މިއައީ!" ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވެފައި ހުރެގެން ކޮއްކޮ ބުންޏެވެ.

"ފޯނު ކަނޑާ ނުލާ!"

އަޅުގަނޑު އޭނާ ގޮވައިގެން އެތެރެއަށް ވަދެ، ވެގެން އުޅޭގޮތް ކިޔައިދީފައި، ފޯނު ކަނޑާލީ ކީއްވެގެންކަން ވެސް ބުނެފީމެވެ.

"ފޯނު ކަނޑާ ނުލާ!" އިބްރާހިމް ނަޞީރު ބުންޏެވެ. "ބަދުރުބޭ ވާހަކަ ދައްކަން ބޭނުން ނުވެއްޖިއްޔާ ވާހަކަ ނުދައްކާ! މަށަށް ފެންނަނީ އަވަހަށް ފޯނު ގުޅަން!" އިބްރާހީމް ނަޞީރު އެބުނީވެސް ރަނގަޅު ވާހަކައެއްކަން އަޅުގަނޑަށް ކުރިއަކުން ރޭކައެއް ނުލިއެވެ.

"އޭ! ބަދުރޫ! ކަލޭ ހޯދަން މިގެއަށް ބަޑި ހިފައިގެން ތިބި ބަޔަކު އަތުވެއްޖެ!"

ފޯނުގެ ވަކިކޮށްލާފައި ހުރި ނަރު ގުޅަންވެގެން ދެކޮޅު ޖައްސާލިއިރު، މިއޮއް ރިންގް ވަނީއެވެ. އަޅުގަނޑު ފޯނު ނަގީމެވެ.

"އޭ! ބަދުރޫ! ކަލޭ ހޯދަން މިގެއަށް ބަޑި ހިފައިގެން ތިބި ބަޔަކު އަތުވެއްޖެ!" ފޯނު މިކުރީ، ފިތުރޯނުވިލާގައި އިން އަޅުގަނޑުގެ އަންހެނުން ވަޙީދާ މޫސާއެވެ. އަޅުގަނޑު ވަކި އެއްޗެއް ނުބުނެ އުޅެނިކޮށް، އެހެން މީހަކު އެ ފޯނު ވަޙީދާ އަތުން އަތުލައިފިއެވެ.

"ބަދުރު! ދެންމެ މި ގެއަށް ބަޑި ހިފައިގެން ބަޔަކު އައިސް ބަދުރު އެބައުޅޭހޭ އަހައިފި!" މިފަހަރު ވާހަކަ ދެއްކީ، އަޅުގަނޑުގެ ކޮއްކޮ ފާތުމަތު ނަޞީރުގެ ފިރިމީހާ އަޙުމަދު ނަޖާޙެވެ. "އަޑުގައި އުޅުއްވާ އިސްމާއިލް ޙަލީމުގެ ގަޔަށްވެސް ބަޑިޖަހާ މަރާލައިފިޔޯ! އެ ނޫންވެސް އެތައް ބަޔަކު ހޯދައިގެން އެބަގެންދެޔޯ! އަވަހަށް ފާޒިރާއާއި ކުދިންނާ ގޮވައިގެން ތިޔަގެއިން އެހެން ތަނަކަށް ދޭ!" ނަޖާޙު ވަރަށް ހާސްވެގެން ހުރެ ބުންޏެވެ.

"ބަޑި ހިފައިގެން އައީ ކޮންބައެއް؟" އަޅުގަނޑު ނަޖާޙު ކައިރީގައި އަހާލީމެވެ.

"ނޭނގެ! ބަދުރު ކޮބައިހޭ އެހީ ދިވެއްސެއް! ދެން ތިބީ ކޮންބައެއް ކަމެއް ނޭނގެ. ހީވަނީ އެއީ ދިވެހިންނެއް ނޫންހެން. ތިން މީހަކު ތިބި!" ނަޖާޙު ބުންޏެވެ.

އެ ހިސާބުން އަޅުގަނޑު ފޯނު ބާއްވައިފީމެވެ. އަޅުގަނޑުގެ ކޮއްކޮ އިބްރާހިމް ނަޞީރާއި އަންހެނުން ފާޒިރާއާ ގެނެސް، އަލަށް މި ހިނގި ކަންތައް ކިޔައިދީފީމެވެ.

ގެއިން ނުކުމެގެން އެހެން ގެއަކަށް

އެންމެނަށްވެސް އެއްބަސްވެވުނީ، އަޅުގަނޑު އެހެން ތަނަކަށް ދާށެވެ! ކޮއްކޮ އިބުރާހިމް ނަޞީރު ބުނީ، އޭނާގެ ގެއަށް އަވަހަށް ހިނގާށޭއެވެ. އެއްވެސް މީހަކު ބަދުރުބޭ ހޯދަން އެ ގެއަކަށް ނާންނޭނެ ނޫންހޭ ބުންޏެވެ. އަންހެނުން ފާޒިރާ ގާތުގައި ކުދިން ގޮވައިގެން ފާޒިރާގެ ގެއަށް، ގ. ގްރޭވިލާއަށް ދިއުމަށް ބުނެފީމެވެ. ފާޒިރާއާއި ކުދިން ގެއިން ފޮނުވާލުމަށްފަހު، އިބްރާހީމް ނަޞީރާއެކު، އޭނާގެ ގެއަށް އަޅުގަނޑު ދިޔައީއެވެ.

އެ ދުވަސް ނިމި، އެރޭވެސް ނިމި، އެރޭގެ ފަތިހު އިންޑިޔާ ސިފައިން މާލެ އައިސް، ބޭރުން އަރައިގެން އުޅުނު މީހުން މާލެ ދޫކޮށް ހިނގައްޖެކަމުގެ މަޢުލޫމާތު ލިބުމުން، އެރޭ ފަތިހު އަދި ރަނގަޅަށް އަލިވެސް ނުވަނީސް، އަޅުގަނޑާއި އިބްރާހިމް ނަޞީރާއި އަދިވެސް އަޅުގަނޑުމެންގެ ރައްޓެއްސަކާއެކު، ބައިސްކަލުގައި ގ. ފިތުރޯނުވިލާއަށް ދިއުމަށް ނިކުމެއްޖައީމެވެ. އަޅުގަނޑުމެން ދަތުރުކުރީ ސިފައިންގެ ދޮށުން ދާށެވެ. ނަމަވެސް އެތަނުގައި މަރުވެގެން ވެއްޓިފައި އޮތް މީހަކު ފެނުމުން، ބަނޑޭރިގޭ ކުރިމަތިން ދިއުމަށް އަނބުރާލައިފީމެވެ.

އިސްލާމީ މަރުކަޒާ އަރާހަމަވީ ތަނާ، އައި ނައި ތަނެއްވެސް ނޭނގި އަޅުގަނޑުމެންގެ ކުރިމައްޗަށް ހުއްޓުނީ، ބަޑި ހިފައިގެން، ޔުނީފޯމްގައި ތިބި ބައެކެވެ. ގަތް ބިރުން ތިން މީހުން ބައިސްކަލުން ފައިބައިފީމެވެ. އެވަގުތު ތަންކޮޅެއް ދުރުން ދިވެހި ސިފައިންގެ އޮފިސަރެއް އަތުވެއްޖެއެވެ.

އެ ބޭކަލަކު އަނެއް މީހުނަށް އިޝާރާތެއް ކޮށްލުމުން، އަޅުގަނޑުމެން ދާން ހުއްދަ ލިބިއްޖެއެވެ. ކޮންމެއަކަސް އަޅުގަނޑުމެން ގ. ފިތުރޯނުވިލާއަށް ދިޔައިރު، އެ ގޭތެރޭގައިވެސް ވަރަށް ހާސްކަމާއި ކަންބޮޑުވުން އޮތެވެ. އިންޑިއާ ސިފައިން އައުމާއެކު، ޓެރަރިސްޓުން މިހާރު މާލޭގެ އެކި ތަންތަނުގައި ފިލައިގެން އުޅެފާނެ ކަމުގެ ބިރު އިންތިހާއަށް އޮތީ ބޮޑުވެފައެވެ. އެ ގެއަށްވެދެ، މަންމައާއި އަދި އަޅުގަނޑުގެ އަންހެނުން ވަޙީދާއާ ބައްދަލުކޮށްފައި ހާލު އަޙުވާލު ބަލައިލުމަށްފަހު ދެން ދިޔައީ ގ. ގްރޭވިލާއަށެވެ. އެ ހިސާބުން ދެން އެ ދުވަހު އޮތީ މުޅިންވެސް ވާހަކަ އޮޅުންފިލުވުމާއި، ވާހަކަ ދެއްކުމާއި ކަންތައްތައް ވެގެން މިއުޅޭ ގޮތެއް ސާފުނުވެގެން ޚަބަރު ހޯދުމެވެ.

އިސްމާއީލް ޙަލީމު: ކުޑައިރުއްސުރެ ވަރަށް ގާތް، އަދި ޢާއިލާގެ ރަޙުމަތްތެރިއެއް

އަޅުގަނޑުގެ ކުޑައިރުއްސުރެ ވަރަށް ގާތް، އަދި ޢާއިލާގެ ރަޙުމަތްތެރިއެއް، އޮފީހުގެ އެކުވެރިއެއް ކަމުގައިވާ، ދިވެހިރާއްޖޭގެ އަޑުގެ ސީނިއަރ އޮޕަރޭޓަރެއްގެ މަޤާމުގައި ހުންނެވި، އަޚް އިސްމާއީލް ޙަލީމުވެސް، ޓެރަރިސްޓުންގެ ވަޒަނަކުން، އަޅުގަނޑުމެނާ އަބަދުގެ އަބަދަށް ވަކިވެވަޑައިގެންފިކަމުގެ ހިތާމަވެރި ޚަބަރުވެސް ލިބިއްޖެއެވެ. އިސްމާއީލް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

މަރުޙޫމް އިސްމާޢީލް ޙަލީމް

އާދެ އެ ބިރުވެރި ސައުވީހަކަށް ގަޑިއިރަށްފަހު، އަޅުގަނޑު އޮފީހަށް ނިކުންނަން ފަށައިފީމެވެ. ނަމަވެސް މިހާރު އޮފީހަށް ދަނީ، ސިފައިންގެ ވެހިކަލެއްގައެވެ. ގެއަށް އަންނަނީވެސް ސިފައިންގެ ވެހިކަލެއްގައެވެ. އަޅުގަނޑަށް ހީވަނީ، އެއީ އަޅުގަނޑަށް ދައުލަތުން އެ ދުވަސްކޮޅަށް ދެއްވި ސެކިޔުރިޓީއެއް ހެންނެވެ.

މަތީގައި އެވަނީ، ޢުދުވާނީ ޙަމަލާއާ ގުޅިގެން، އެކަމުގައި ބައިވެރިވި މީހުންގެ ތަޙުޤީޤުގައި އެމީހުން ދީފައިވާ ބަޔާނުގެ ސޮފުޙާއެކެވެ. އަޅުގަޑުގެ ނަން ހިމެނިފައިވާތީ މި ލިޔުން މުހިންމު ކަމަށް ފެނިގެން މިތަނުގައި ޝާއިޢުކުރީއެވެ. ކޮންމެއަކަސް، 3 ނޮވެމްބަރުގައި އަޅުގަނޑަށް ދިމާވި ޙާދިސާ މި ދަންނަވާލެވުނީއެވެ. ޓެރަރިސްޓުން އަޅުގަނޑު ހޯދަން އުޅެންޖެހުނު ގޮތާއި، އަދި އެމީހުނަށް އަޅުގަނޑު އެދުވަހު ފެނުނުނަމަ ވާނެގޮތާ ދޭތެރޭ މިހާރު ވިސްނާކަށް ބޭނުމެއް ނޫނެވެ. އެ ދުވަސް މާޒީވެ ދިޔައީއެވެ.

މިއަދު އަޅުގަނޑު މި ފޮތުގައި މިވާހަކަ ލިޔުމުގެ އިތުރަށް މިވާހަކަ އެހެން ގޮތަކުން ޝާއިއުކޮށްފައެއް ނުވާނެއެވެ. އަދި އެއްވެސް އެހެން ފަރާތަކުން، އަޅުގަނޑާ ސުވާލުކޮށް، އެއްވެސް އެއްޗެއް އަހައިލައިފައެއްވެސް އަދި ނެތެވެ. ޓެރަރިސްޓުންގެ ތަޙުޤީޤުތައް ހިނގަމުން ދިޔައިރު، މިވާހަކަ ދެކެވުނުކަން އެނގެއެވެ. މާތް ﷲގެ އިރާދަފުޅުން އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިނުވެ، މިއަދާ ހަމައަށް އަޅުގަނޑަށް ހުރެވުނީތީ މާތް ﷲގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަމެވެ.

ދިވެހިރާއްޖޭގެ އަޑު، ޖައްވުން ގެއްލިގެން އޭރު އަތޮޅުތެރޭގެ ރައްޔިތުންނާއި އަދި މާލޭގެވެސް ވަރަށް ގިނަ ބަޔަކު ތިބީ، މި ވަނީ ކިހިނެއް ކަމެއް، ދިވެހިރާއްޖޭގެ ވެރިން ކޮބައިކަމެއް ނޭނގި، އެއްވެސް ޚަބަރެއް ނުލިބި ހާސްކަމުގައެވެ.

ޖެހިގެން އައި ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމު ދިވެހި ގައުމާ މުޚާތަބު ކުރައްވާ ދެއްވި ޚިތާބެއް ރޭޑިއޯއިން ބްރޯޑްކާސްޓް ކުރުމަށްފަހު، ރޭޑިއޯގެ އާދައިގެ ޕްރޮގްރާމް ތަކައިގެން ކުރިއަށް ދާންފެށީއެވެ.

3 ނޮވެމްބަރު 1988 އަޅުގަނޑަށް ފެނުނު ގޮތް މި ދަންނަވައިލީއެވެ. 

ޕްރެޒެންޓަރ ޕްރޮޑިޔުސަރ މޫމިނާ އިބްރާހީމް، ހ. ނޫމާގެ

ފުޓްބޯޅަ ކޮމެންޓްރީ ދުނިޔޭގެ ތާރީޚުގެ ތެރެއަށް

އަޅުގަނޑަށް ހީވާ ގޮތުން، ދުނިޔޭގެ އެއްވެސް ގައުމެއްގައި ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ މަސައްކަތުގައި އަންހެން ބޭފުޅަކު އުޅުއްވާފައެއް ނެތެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރ ޕްރޮޑިޔުސަރ މޫމިނާ އިބުރާހީމް ވަނީ، ރާއްޖޭގެ ވަރަށް ގިނަ ގައުމީ ފުޓްބޯޅަ މެޗްތައް ވަގުން އެހުންތެރިންނާ ހަމައަށް ގެނެސްދެއްވާ، އެ ރެކޯޑް ހައްދަވާފައެވެ.

1984 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 12 އަހަރު ވަންދެން މޫމިނާ މިކަން ދިވެހިރާއްޖޭގެ އަޑަށް ކޮށްދެއްވިއެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމަށް އަންހެން ކުދިން ހޮވަންވެގެން ކުރި މަސައްކަތުގައި، ޝަރުމީލާ އާއި ޝިރުމީން ވެސް ކުޑަކޮށް ތަމްރީންތަކުގައި ބައިވެރިވިއެވެ. ނަމަވެސް، ކުރިން ދެންނެވިހެން، އަމިއްލަ ޝައުޤުވެރިކަމަކާއެކު އެކަން ކުރައްވާ ހިތުންނާއެކު އެކަން ކުރެއްވީ ހަމަ މޫމިނާއެވެ.

އަތޮޅުތެރޭގައި ބޭއްވި ބައެއް މެޗްތަކުގެ ރަނިން ކޮމެންޓްރީ ދެއްވުމުގެ އިތުރަށް ރާއްޖެއިން ބޭރުގެ މެޗެއްގައިވެސް މޫމިނާ ވަނީ ކޮމެންޓްރީ ދެއްވާފައެވެ.

މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތަކުގެ ފެށުން

ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން، 1993 ގައި، އަޅުގަނޑާއި އަދި ޓެކްނިކަލް ޑިޕާޓްމެންޓުން މުޙަންމަދު ޙާޝިމާ ދެ މީހުން އައްޑު އަތޮޅުގައި، ޓްރޭނިންގ ޕްރޮގްރާމެއް ހިންގީމެވެ. އައްޑު އަތޮޅުގައި ވަނީ، މީޑިއާ ޕްރޮޑަކްޝަން ސެންޓަރުގެ ނަމުގައި، ކުރީގެ އަތޮޅުގެ ހުރި ޢިމާރާތުގެ ކޮޓަރިއެއްގައި ސެންޓަރެއް ގާއިމް ކޮށްފައެވެ. އެތަނުގައި މަސައްކަތް ކުރަނީ، ހަމަ އެންމެ މުއައްޒަފެކެވެ. ޢަލީ ފާއިޒެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އަޑުން ނިންމެވީ، ފުރަތަމަ ސ. އަތޮޅު މީޑިއާ ސެންޓަރުގެ މުއައްޒަފުންގެ ދަތިކަން ނައްތާލެއްވުމަށެވެ. އެގޮތުން ރޭޑިއޯ ބްރޯޑްކާސްޓިންގ އަކީ ކޮން އެއްޗެއްކަން ދަންނަ ބަޔަކު އެ ސެންޓަރުގައި އުފައްދަން ޖެހެއެވެ. މުޅި އަތޮޅަށް އިއުލާންކޮށްގެން ކޯހުގައި ބައިވެރިވާނެ ކުދިން ހޯދީއެވެ. އަޅުގަނޑު ރޭޑިއޯ ޕްރޮގްރާމިން އެންޑް މެނޭޖްމަންޓާ ބެހޭގޮތުން، ޓްރޭނިންގ ކުރިއަށް ގެންދިޔައިރު، ހާޝިމް ކުރިއަށް ގެންގޮސްދެއްވީ، ބްރޯޑްކާސްޓިންގެ ޓެކްނިކަލް ޓްރޭނިންގއެވެ.

މުޙަންމަދު ޙާޝިމް

އެއް މަސް ދުވަހުގެ އެ ޓްރޭނިންގައި، ދެ ޖިންސުން 12 ވަރަކަށް ޕްރޮޑިއުސަރުން ތައްޔާރު ކުރެވުނެވެ. ގެސްޓް ސްޕީކަރެއްގެ ގޮތުގައި ޙުސެން މުޙައްމަދު ވެސް އެއް ދުވަހުގެ ސެޝަނެއް ނަންގަވައިދެއްވިއެވެ. ކޯހުގެ މޮޑިޔުލްގެ ތެރޭގައި ރޭޑިއޯ އަކީ ކޮން ކަހަލަ ވަޞީލަތެއް ކަމާއި ރޭޑިއޯގެ ފައިދާއާއި ގެއްލުން އަދި ރޭޑިއޯ ފޯމެޓްސް އާއި ރޭޑިއޯ ޑްރާމާ ކިޔަވައިދެވުނެވެ.

ކޯހުގެ ކިޔަވައިދިނުން ނުނިމިގެން އުޅެނިކޮށް، ރައީސުލް ޖުމްހޫރިއްޔާ އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި، ކޯހުގެ ކުދިންނާ ބައްދަލު ކޮށްލެއްވުމަށް ކޯސް ހިންގާ ތަނަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެ ކުދިންނާއެކު، ފޮޓޯ ސެޝަންއެއްގައި ބައިވެރިވެވަޑައިގަތެވެ.

ކޯހުގެ ބައިވެރިންނާއެކު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމު އަދި ބަދުރުއްނަސީރު

އައްޑުއަތޮޅުގައި މީޑިއާ ސެންޓަރު އަޕްގްރޭޑްކުރުމުގެ ވާހަކަ މެދުކެނޑިފައި އޮތުމަށްފަހު، އަނެއްކާވެސް 1995 ގައި "އެޓޮލް މީޑިއާ ޕްރޮޑަކްޝަން ސެންޓަރ"ގެ ނަމުގައި އިތުރު ބައެއް އަތޮޅުތަކުގައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ އަޑުން ނިންމެވިއެވެ. އެ މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތަކަކީ އަތޮޅުތަކުގެ ޚަބަރާއި މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމުތަކުގައި ހިމަނައި، ދިވެހިރާއްޖޭގެ އަޑަކީ ހުރިހާ ދިވެހިންގެ އަޑެއްގެ ގޮތުގައި ހެދުމަށް ފެށިފައިވާ މަސައްކަތެކެވެ. އައްޑުއަތޮޅުގެ މީޑިއާ ސެންޓަރުގައި ބޭއްވި ޓްރޭނިންގ ނިމި، ދުވަސްތަކެއް ވަންދެން އިތުރު ކުރިއެރުމެއް ނުލިބި އެތަން ހިނގަމުން ދިޔައެވެ. ކުރިންވެސް އެ ސެންޓަރާ ޙަވާލުވެ ހުންނެވި، ޢަލީ ފާއިޒުގެ ބެއްލެވުމުގެ ދަށުންނެވެ. ޓްރޭންކުރެވުނު އެއްވެސް ކުއްޖަކަށް އެތަނުންވެސް އަދި ދިވެހިރާއްޖޭގެ އަޑުންވެސް ވަޒީފާއެއް ހަމަޖެހުނު ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ.

ކުޑަކުދިންގެ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރަން ހއ. ބާރަށަށް ދިޔަ ޓީމާއެކު ބަދުރުއްނަސީރު (މ)

ކުޑަކުދިންގެ ބްރޯޑްކާސްޓް ދުވަސް- 1994، ހއ. ބާރަށުގައި

ރޭޑިއޯގެ ފަރާތުން އިންތިޒާމްކޮށްގެން، މަދުވެގެން އަހަރަކު އެއްފަހަރު އަތޮޅުތެރޭގެ ކޮންމެވެސް ރަށަކުން، ކޮންމެވެސް މުނާސަބާއެއްގެ ހަރަކާތްތަކެއް ސީދާ ވަގުތުން ގެނެސްދިނުމުގެ މަސައްކަތްތަކެއްވެސް އަޅުގަނޑުމެން ދިވެހިރާއްޖޭގެ އަޑުން ކުރީމެވެ. އެގޮތުގެ މަތިން މާލެއަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެވުނެވެ. ރޭޑިއޯއިން ދަތުރުކުރަނީ، ކޮންމެވެސް ބޮޑު މުނަސަބާއެއް ލައިވްކުރާށެވެ. މިސާލަކަށް އަޟުޙާ ޢީދު ދުވަހާއި ކުޑަކުދިންގެ ދުވަސް ރާއްޖޭގެ މާލެ ނޫން އިތުރު ރަށްރަށުންވެސް ގެނެސްދެމުއެވެ.

"ކުޑަކުދިންގެ ބްރޯޑްކާސްޓް ދުވަސް" މީ އަދި ކުޑަކުދިންގެ ދުވަހުގެ އިތުރަށް ކުޑަކުދިންނަށްޓަކައި ޚާއްޞަ ކުރެވިގެން ކުރިއަށް ގެންދެވުނު ދުވަހެކެވެ. އެދުވަހު، ރޭޑިއޯގެ ހުރިހާ ޕްރޮގްރާމެއް ހުށައަޅައިދޭނީ ކުޑަކުދިންނެވެ. ޚަބަރު ކިޔުމަކަސް، އިންޓަރވިޔު ކުރުމަކަސް ހަމަ ކުޑަކުދިންނެވެ.

ހއ. ބާރަށުގައި ކުޑަކުދިންގެ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރިއިރު، ރަށުގެ ވަރަށް ގިނަ ކުޑަކުދިން އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވިއެވެ. އަދި ރަށުގެ ދެ އަވަށުންވެސް ތަފާތު ޙަރަކާތްތައް ލައިވްކުރެވުނެވެ. މި މަސައްކަތުގައި ޕްރޮގްރާމް ޑިޕާޓްމަންޓާއި ޓެކްނިކަލް ޑިޕާޓްމަންޓްގެ ޓީމެއް ޙަރަކާތްތެރިވިއެވެ. އެ ކަންތައްތަކަށް ކުޑަކޮށް ބަލައިލާނަމެވެ.

ބާރަށުގެ މި މުނާސަބާ އަޅުގަނޑު މި ފާހަގަކުރީ، އަޅުގަނޑު އަތުގައި ބައެއް ފޮޓޯވެސް ހުރީމައާ އެކުގައެވެ. ގިނަ ފޮޓޯ ލިބުނީ ދަތުރުގެ ބައިވެރިއެއް ކަމަށްވާ އަޅުގަނޑުމެންގެ ޕްރެޒެންޓަރ/ ޕްރޮޑިއުސަރު މޫމިނާ އިބްރާހީމްގެ އަތްޕުޅުންނެވެ. މޫމިނާއަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ޕްރޮގްރާމް ޑިޕާޓްމަންޓުން:

  1. މަރުޙޫމާ ޒާހިދާ އިބްރާހީމް
  2. މަރުޙޫމާ ނަސީމާ އަޙުމަދު
  3. މޫމިނާ އިބުރާހީމް
  4. ޢާއިޝަތު ޢަބުދުﷲ
  5. ފާތިމަތު ޝިމްލާ
  6. ނަޞްރުﷲ އިދުރީސް

ޓެކްނިކަލް ޑިޕާޓްމަންޓުން:

  1. މުޙަންމަދު ޙާޝިމް
  2. އަޙުމަދު ރަމީޒް
  3. މުޙަންމަދު ޝަރީފް އެވެ.

ޓީމްގެ ލީޑަރެއްގެ ގޮތުން އުޅުނީ އަޅުގަނޑެވެ.

އަޅުގަނޑުމެން ދަތުރުކުރީ، މިފްކޯގެ އެހީފުޅާއެކު، މިފްކޯގެ "ސްކިޕްޖެކް" ކިޔާ ކަލެކްޓިންގ ބޯޓްތަކުގެ ތެރެއިން ބޯޓެއްގައެވެ. ދަތުރުގެ ވަކި ހިސާބަކުން މޫސުންވެސް ވަރަށް ގޯސްވިއެވެ. އެހެން ނަމަވެސް، ޓީމްގެ އެއްވެސް ބޭފުޅަކަށް މާބޮޑު ކަމެއްނުވެ، ބާރަށަށް ދެވިއްޖެއެވެ.

ކުޑަކުދިން ލައްވާ ވަރަށް ގިނަ ޕްރޮގްރާމް އުފައްދާ، އެ ޕްރޮގްރާމްތައް ރޭޑިއޯއިން ލައިވް ކުރެވުނެވެ. މިހާރު އަޅުގަނޑު އެ ހުރިހާ ކުޅިވަރު ހަނދާނެއް ނެތެވެ. މި ދަތުރުގެ ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން ޖެހުނީ، މިހާ ވަރުގަދަ ޕްރޮޖެކްޓެއް ދިވެހިރާއްޖޭގެ އަޑުން އެ ހިސާބަށް ކުރެވިފައި ނެތީމައެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރަށަކުން، މުޅިން އަލަށް ކުޑަކުދިން ތަމްރީންކޮށްގެން މިކަހަލަ ޕްރޮގްރާމެއް އެހެން ރަށެއްގައި ބޭއްވިފައި ނެތީމައެވެ.

މޫމިނާގެ ކްރޭޝް ކޯސް އަކަށްފަހު، ބައިވެރިއަކާ އިންޓަރވިޔުއެއް ކުރުވަނީ
"އަޑު"ގެ ޓީމްއާއި ރަށުން ހޮވާލެވުނު އެނައުންސަރުން
އިސް ރަށްވެހިންނާއެކު ބަދުރުއްނަސީރު (މ) ޖޯލިފަތީގައި
(ކ-ވ) ނަޞްރު، މޫމިނާ، ނަސީމާ އަދި ޒާހިދާ ޖޯލީގައި ކުރުނބާ ހިއްޕަވަނީ
ތަމްރީންކުރި ކުޑަކުއްޖަކު، މޫދުގެ ކުޅިވަރުތަކުގެ ކޮމެންޓްރީ ދެނީ
މޫމިނާ (މ) އިތުރު ކުޑަކުއްޖަކު ތައްޔާރުކުރުވަނީ
(ކ-ވ) ބަދުރު، ޝިމްލާ، ނަޞްރު، މޫމިނާ އަދި ޢާއިޝާ ޢަބުދުﷲ، ފަހަތުގައި ޒާހިދާ
"ކަނދިކަމަނާގެ މަސް ތެއްލުން" ސްޓޭޖް ޝޯވްއެއް
ދަނޑުމަތީގެ ކުޅިވަރުތަކުގެ ޕްރެސެންޓަރުންނާއެކު ބަދުރު

ޕްރޮގްރާމް ސެކްޝަން ހަކުރާ ފެއާގައި

ހ. ހަކުރާގެ (ފަހުން ހަކުރާ ފެއަރ) ތެރެއަށް ދިވެހިރާއްޖޭގެ އަޑުގެ ރެކޯޑިންގ ސްޓޫޑިއޯ ބަދަލުކޮށްގެން، އެތަނުގައިވެސް އަޅުގަނޑުމެން، ދުވަސްކޮޅަކު މަސައްކަތް ކުރީމެވެ. ރެކޯޑް ކުރުމުގެ އިތުރަށް، އެޑްމިނިސްޓްރޭޓިވް މަސައްކަތް ތަކެއްވެސް އެތަނުގައި ހިންގެވިއެވެ. ހަކުރާފެއަރގައި ތައްޔާރު ކުރެވުނު ސްޓޫޑިއޯ ތައްޔާރު ކުރެވިފައި ހުރީ، ސައުންޑް ޕްރޫފް ކުރަންވެގެން އެތެރޭގައި ގޯނި ޖަހައި، އޭގެ ބޭރުން ފޮތިފަރުދާ ދަމައިގެންނެވެ. ފުދޭ ވަރަކަށް ރަނގަޅެވެ. ދުވަސްތަކެއް ވަންދެން އެތަން ގެންގުޅެވުނެވެ.

އަޅުގަނޑުމެން ސްޓޫޑިއޯ އަކަށް ބަދަލުކުރީ، "ހަކުރާ ފެއަރ"ގެ ނަމުގައި އެ ގޭގައި ކާނިވަލެއް ހިންގިއިރު، ބައިސްކޯފް ދައްކަން ބޭނުންކުރި ކޮޓަރިއެކެވެ.

ހަކުރާފެއަރ ސްޓޫޑިއޯގައި ޕްރޮޑިޔުސަރ ހަފްޒާ ޢަލީ (ވ) އިންޓަރވިޔުއެއްގައި

"އަޑު"ގެ ބައެއް ކުލަ ހަނދާންތައް

ސްޕޯރޓްސް އެއިޑްގެ ޙަރަކާތްތައް (ކ-ވ) އިސްމާއިލް އަބްދުﷲ، މޫމިނާ، ޝަރުމީލާ ހަސަން އަދި މިންނާ ވަޖީހު (ކުރީ ސީޓުގައި)
ނަޖުމާ ހުސެއިން (ކ) އަދި ޙުސެއިން މުޙަންމަދު ސްޓޫޑިއޯގައި
ސުންގަޑީގައި އަހަރީ ދުވަހެއްގެ ކޭކް ފެޅުން…
ރޭޑިއޯ މޯލްޑިވްސްގެ ބައެއް މުއައްޒަފުންނާއެކު ބަދުރު (ކުރީ ސަފުގެ ވާތް ފަރާތުގައި)
އޯޑިއޯންގައި ބޭއްވި ސްޓޭޖްޝޯވއެއްގެ ތެރެއިން ސަމަރޭ އާއި މިންނާ ވަޖީހު
އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމް
ދިވެހިރާއްޖޭގެ އަޑުގެ އާ އިމާރާތުގެ ބިންގާ އެޅި ދުވަހު ބައެއް މުވައްޒަފުންނާއެކު ބަދުރު (މެދުގައި ފަހަތުގައި)

ބޭ އޮފް ބެންގޯލް ޕްރޮގްރާމް

މި ޕްރޮގްރާމަކީ، ޔުނައިޓެޑް ނޭޝަންސްސްގެ ފުޑް އެންޑް އެގްރިކަލްޗުރަލް އޯގަނައިޒޭޝަންގެ ތެރެއިން، ބޭ އޮފް ބެންގޯލް ރީޖަންގައި ހިމެނޭ ގައުމުތަކުގެ ސަރުކާރުތައް ގުޅިގެން، ހިންގަމުން ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އަމާޒަކީ، ސަރަޙައްދުގައި ހިމެނޭ ގައުމުތަކުގައި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރިއަރުވާ، އެކަމަށް ބޭނުންވާ ޓެކްނިކަލް ދާއިރާއާއި، މެނޭޖްމަންޓް ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން ލަފާދިނުމެވެ. ބޭ އޮފް ބެންގޯލް ޕްރޮގްރާމްގައި ހިމެނޭ ގައުމު ތަކަކީ އިންޑިއާ، ސްރީ ލަންކާ، ދިވެހިރާއްޖެ، އަދި ބަނގްލާދޭޝް އެވެ.

މި ޕްރޮގްރާމް ދިވެހިރާއްޖޭގައި ފެށިގެންދިޔައިރު، ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މި ޕްރޮގްރާމްގައި ހުންނެވި އެންމެ އިސް ވެރިއަކީ، މަރުޙޫމް މައިޒާން ޙަސަން މަނިކެވެ. އޭނާއަކީ އޭރު ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ، މެރިން ރިސާރޗް ސެކްޝަންގެ ޑިރެކްޓަރެވެ. އެ ދުވަސްވަރު ފިޝަރިޒް މިނިސްޓަރަކީ މަރުޙޫމް އޮނަރަބަލް ޢަބުދުއްސައްތާރު މޫސާ ދީދީއެވެ. އަޅުގަނޑު ހަނދާންވާ ގޮތުން މަރުޙޫމް އަލްއުސްތާޒް ނ.ތ. ހަސަންދީދީ ހުންނަވަނީ، ފިޝަރީޒް މިނިސްޓްރީގެ ވަކީލެއްގެ މަޤާމުގައެވެ. ބީ.އޯ.ބީ.ޕީ.ގެ ވަރަށް ގިނަ ދަތުރުތަކުގައި އަޅުގަނޑުމެނާއެކު ހަސަންދީދީ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ އަޑާއި ބޭ އޮފް ބެންގޯލްގެ ޕްރޮގްރާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެއީ، ދިވެހިރާއްޖެއިން އެ ޕްރޮގްރާމްގައި ބައިވެރިވާ މަންދޫބުންގެ ތެރޭގައި ރޭޑިއޯގެ މީހަކު ބައިވެރިވުމަށް ފިޝަރީޒް މިނިސްޓަރު އެދިވަޑައިގަތުމުން، އެ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ހުންނާނީ، އަޅުގަނޑު ކަމުގައި، ޑިރެކްޓަރ ސަމަރުބްލޫ އިބްރާހިމް މަނިކު ހަމަޖެއްސެވުމުންނެވެ.

ބީ.އޯ.ބީ.ޕީގެ ފަރާތުން ޢާންމުކޮށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަނީ، ސްވިޑްންގެ އަންހެނެކެވެ. އާދެ، މިއާ ހަގްލަންޑް ހީލާސް އެވެ. މީނާގެ އިތުރުން، މިސްޓަރ ރަތިން ރޯއި ކިޔާ އިންޑިއާގެ މީހަކުވެސް ބައެއް ދަތުރުތަކުގައި ބައިވެރިވެއެވެ. މިސްޓަރ ރަތިން ރޯއީ އަކީ، ބޭ އޮފް ބެންގޯލް ޕްރޮޖެކްޓްގެ އިދާރީ ބައިގެ މުއައްޒަފެކެވެ.

މިއާ ހަގްލަންޑް ހީލާސް A.M. Haglund Heelas Socioeconomist (ބީއޯބީޕީ)

ބީއޯބީޕީގެ ޕްރޮޖެކްޓް ހިންގަމުންގެންދަނީ، މ. ވ. އަދި ފ. އަތޮޅުގައެވެ. ފިޝަރީޒް މިނިސްޓްރީ، ދިވެހިރާއްޖޭގެ އަޑު އަދި އެޓޯލްސް މިނިސްޓްރީގެ ބޭފުޅުން ވަޑައިގަންނަވާނެއެވެ. އާންމު ގޮތެއްގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެލައްވާނީ މަރުޙޫމް މައިޒާން ޙަސަންއެވެ. އަދި މިނިސްޓްރީގެ އެ ޕްރޮޖެކްޓާ ބެހޭ ބައެއް މުއައްޒަފުންނެވެ. ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ބައިވެރިވާނީ އަޅުގަނޑެވެ. އެޓޯލްސް މިނިސްޓްރީން ފޮނުއްވާފައި ހުންނަނީ އާދަމް މޫސާއެވެ.

(ކ-ވ) މުޙަންމަދު ނަޞީރު (ފިޝަރީޒް)، މިއާ ހަގްލަންޑް (ބީއޯބީޕީ)، ބަދުރު (އަޑު)، އާދަމް މޫސާ (އެޓޯލްސް) (މި ފޮޓޯއަކީ، މަރުޙޫމް މައިޒާން ހަސަންމަނިކު ނެންގެވި ފޮޓޯއެކެވެ.)

މި ދަތުރަކީ، މ. އަތޮޅަށާއި ވ. އަތޮޅަށް ކުރި ދަތުރެކެވެ. މަތީގައިވާ ފޮޓޯއަކީ، މ. މުލީގައި ނަގާފައިވާ ފޮޓޯއެކެވެ.

މިސިޒް މިއާ ހަގްލަންޑް (ކ) އާއި ބަދުރު މުލީ ސްކޫލް ކުދިންކޮޅަކާއެކު… ފޮޓޯގެ ވައަތްފަރާތުގައި އަޙުމަދު ޙާފިޒް (ފިޝަރީޒް)

އެ ޕްރޮޖެކްޓްގެ މެނުއަލެއްގައި، މިސިޒް މިއާ ހަގްލަންޑް ހީލާސް ލިޔެފައިވާ އާޓިކަލެއްގެ ބައެއްގައި އަޅުގަނޑުގެ ވާހަކަ ޝާއިޢު ކޮށްފައިވާތީ އާއި، ދިވެހިރާއްޖޭގެ އަޑުން ޕްރޮޖެކްޓްގައި ބައިވެރިވަމުންދާ ގޮތުގެ ބައެއް މައުލޫމާތު ހިމެނިފައިވާތީވެ، އެ އާޓިކަލްގެ އެ ތަންކޮޅު ތިރީގައި ނަކަލު ކޮށްލާނަމެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. 2003 ވަނަ އަހަރުގެ ތެރޭގައި، ބޭ އޮފް ބެންގޯލް ޕްރޮގްރާމްގައި ހިމެނުނު ސޮއިކުރުމުގެ ރަސްމިއްޔާތެކެވެ. ފިޝަރީޒް މިނިސްޓަރ އޮނަރަބަލް ޢަބުދުއްރަޝީދު ޙުސޭނާއި އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އަޙުމަދު ހާފިޒު އިންޑިޔާގެ ޗެންނާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

އިންޑިއާގެ ޗެންނާއީގައި ބޭއްވި ބައްދަލުވުމުގައި ބޭ އޮފް ބެންގޯލް ޕްރޮގްރާމެއްގެ އެގްރީމަންޓުގައި ސޮއިކުރެއްވުމަށްފަހު ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ ވަޒީރުން ފޮޓޯއަކަށް މަޑުކޮށްލައްވައިގެން. ފިޝަރީޒް މިނިސްޓަރުު އަބްދުއްރަޝީދު ހުސެއިން (އިށީނދެގެން މެދުގައި) އަދި އަހުމަދު ހާފިޒު (ކ)- 26 އެޕްރީލް 2003

ބޭ އޮފް ބެންގޯލް ޕްރޮޖެކްޓަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމަށް ތަފާތު ކަންތައްތަކެއް ތަޢާރަފުކޮށްދިން ޕްރޮޖެކްޓެކެވެ. އޭގެ ތެރޭގައި، އޮއިވާލި ކަނދުފަތި ތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމާއި، މަހުގެ ތަޙުލީލުތަކެއް ހިންގުމަށް މަހުގައި "ޓެގް" ހަރުކުރުމާއި، އަދިވެސް އެ ޕްރޮގްރާމުގެ ފަރާތުން މި ރީޖަންގައި ގިނަ މަޝްރޫޢުތަކެއް ހިންގެވިއެވެ.

ބީއޯބީޕީގެ ފަރާތުން ރޭޑިއޯ ބޭނުންކުރެއްވީ، ރާއްޖޭގެ މަސްވެރިންނަށް ބީއޯބީޕީގެ ހަރަކާތްތައް ސާފުކޮށްދިނުމަށާއި އަދި ދިވެހި މަސްވެރިން އެ ޙަރަކާތްތަކަށް އަހުލުވެރި ކުރުވުމަށެވެ.

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *