"ދިވެހިރާއްޖޭގެ އަޑު"
އެއީ 1980 ވަނަ އަހަރެވެ. ދުވަހަކީ، ހިޖުރީ ގޮތުން ރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހެވެ. އެ ދުވަހު ދިވެހި ރޭޑިއޯއަށް ލިބުނު އެންމެ ފަޚުރުވެރި މަޤާމަކީ، މީގެ ކުރިން އިނގިރޭސި ނަންތަކެއްގައި ހިނގަމުން އައި، ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނަށް، ދިވެހި ނަމެއް ލިބުމުގެ ފަޚްރެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުނީ، ހއ. އުތީމުގައެވެ. އެ ރަސްމިއްޔާތުގައި، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބުދުލް ޤައްޔޫމް، ދިވެހި ޤައުމާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރޭޑިއޯގެ ނަން "ރޭޑިއޯ މޯލްޑިވްސް"ގެ ނަމުން "ދިވެހިރާއްޖޭގެ އަޑު" މިނަމަށް ބަދަލު ކުރެއްވިކަން އިޢުލާން ކުރެއްވިއެވެ. އެ ތާރީޚީ ބަދަލަށްފަހު، ބާރަށް ހަލުވިކަމާއެކު، ދިވެހިރާއްޖޭގެއަޑު ކުރިއަށްދާން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އަޑަށް ފުރަތަމަ ހޯދުނު އެފް.އެމް ޓްރާންސްމީޓަރަކީ މައިޒާން އަޙުމަދު މަނިކުގެ އަތްޕުޅުން ދިވެހިރާއްޖޭގެ އަޑަށް ހޯދުނު އެއްޗެކެވެ. އެއީ "މޯލްޑިވްސް މިޔުޒިކް ބްރޯޑްކާސްޓިންގ ސެންޓަރު"ގެ ނަމުގައި، އެފް.އެމް ބޭންޑުން އަޙުމަދު މަނިކު އަމިއްލަފުޅަށް މިޔުޒިކް ބްރޯޑްކާސްޓް ކުރައްވަމުން ގެންދެވި ސްޓޭޝަނެކެވެ. އާދެ މިކަން ހިނގީ، 1980 ވަނަ އަހަރުއެވެ.
މުޅި ރާއްޖެއަށް ރޭޑިއޯގެ ސިގްނަލް ލިބެންފެށުން
1980 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ އަޑަށް ތަފާތު ކުރިއެރުންތައް ލިބެމުންދިޔަ އަހަރެކެވެ. "ވޮއިސް އޮފް މޯލްޑިވްސް އިންފްރާސްޓްރަކްޗަރ"ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް އުފެދި، އޭރު ބްރޯޑްކާސްޓް ކުރަމުން ގެންދިޔަ ޓްރާންސްމީޓަރާއި އެންޓެނާ ސިސްޓަމްގެ ބަދަލުގައި އިތުރު އާ އެންޓެނާ ސިސްޓަމަކާއި މީޑިއަމްވޭވްގެ އިތުރު ދެ ޓްރާންސްމީޓަރ ADAB (އޮސްޓްރޭލިއަން ޑިވަލޮޕްމަންޓް އެސިސްޓަންޓް ބިޔުރޯ)ގެ އެހީގައި، ދިވެހިރާއްޖޭގެ އަޑަށް ހޯދުނެވެ. ހަމަ އެއާއެކު، ސްޓޫޑިއޯ އިކްވިޕްމަންޓްސްވެސް އެ އެހީގައި ވަނީ ހިމެނިފައެވެ. މި ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ކުރީ، އޮސްޓްރޭލިޔާގެ ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެންނެވެ. މަސައްކަތް ކުރަމުން ގެންދިޔައީ، އޮސްޓްރޭލިޔާ އިން ފޮނުވި އެކްސްޕާޓުންނާއި ދިވެހިރާއްޖޭގެ އަޑުގެ ހީވާގި މުއައްޒަފުންނެވެ. ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުން އޮސްޓްރޭލިޔާ ސަރުކާރުން ފޮނުއްވާފައި ހުރީ، މިސްޓަރ ޑި ލާ ހާރޕް ނަމަކަށް ކިޔާ ބްރޯޑްކާސްޓިންގ އިންޖިނޭރެކެވެ.
މީނާއާ އެކުގައި ދިވެހިރާއްޖޭ އަޑުގެ ޓެކްނިކަލް ޓީމް މަސައްކަތް ކުރަމުންގެންދިޔައީ ވަރުބަލިކަމެއް، ކަންނެތް ކަމެއްނެތި، ގާތްގަނޑަކަށް ރެއާއި ދުވާލުއެވެ. އެންޓެނާތައް އިންސްޓޯލްކުރުމާއި، ލޮނުޒިޔާރަތްކޮޅުގައި އެންޓެނާތައް ބަހައްޓަން ކަނޑައެޅި ހިސާބުގެ ބިމުން ހަތަރު ފޫޓަށް ބިންގަނޑު ކޮނެ، ލޯނަރުގެ ދާގަނޑެއް ބޭއްވުމުގެ މަސައްކަތުގައެވެ. ސްޓޫޑިއޯ ތައްޔާރުކޮށް، އިންސްޓްރޫމެންޓްތައް ބަހައްޓާ، ޕްރޮޖެކްޓްގެ ފަރާތުން އަލަށް ގެނައި 200 މީޓަރުގެ ދެ ޓްރާންސްމީޓަރ ބެހެއްޓުމުގައެވެ. ސިގްނަލްގެ ފެންވަރު ބެލުމަށް ކަނޑުމަތީގައި އެތަންމިތަނަށް ދަތުރުކޮށް، ދުރު ރަށްރަށާ ގުޅައިގެން އަޑު ލިބޭ މިންވަރެއް ބެލުމުގައެވެ.

މިސްޓަރ ހާރޕްގެ ލީޑަރޝިޕްގެ ދަށުން ހިންގި، ADAB ގެ ޕްރޮޖެކްޓްގައި ތިން ބައެއް އެކުލެވިގެންވެއެވެ.
އެންޓެނާތައް އިންސްޓޯލްކުރުމާއި، މީޑިއަމްވޭވްގެ ދެ ޓްރާންސްމީޓަރ އިންސްޓޯލްކޮށް، ސްޓޫޑިއޯ އިކްވިޕްކޮށްދިނުމުގެ އިތުރުން، މުޅި ރާއްޖެއަށް ސިގްނަލް ފޯރުކޮށްދިނުމާއެކު، ޓްރާންސްމީޓަރ ޓެކްނީޝަނުންގެ ގޮތުން ބަޔަކު ތަމްރީން ކޮށްދިނުމެވެ.
އެންޓެނާތައް އިންސްޓޯލް ކުރުމަށް ޕްރޮޖެކްޓްގެ ފަރާތުން އައިސް ތިބީ، ދެބަފައިންނެވެ. އެއީ، މިސްޓަރ ބިލް އާއި މިސްޓަރ ގްރާންޓެވެ. މި މީހުންވެސް މަސައްކަތްކުރަމުން ގެންދިޔައީ މިސްޓަރ ޑި ލާ ހާރޕްގެ މަޝްވަރާގެ މަތިންނެވެ.

މި މަސައްކަތުގެ ތެރެއިން، ފާހަގަކޮށްލާހިތްވާ އިތުރު މަސައްކަތެއްވެސް އިސްމާޢީލް ޢަބުދުﷲ އަޅުގަނޑަށް ހަނދާންކޮށްދެއްވިއެވެ. (އިސްމާލު އުޅުއްވީ އެ ޕްރޮޖެކްޓްގެ ޖޫނިއަރ ޕްރޮޖެކްޓް އޮފިސަރަކަށެވެ.) އެއީ، މިސްޓަރ ހާރޕް ދިރިއުޅުއްވާގެ ބެހެއްޓުމުގެ ވާހަކައެވެ. މިސްޓަރ ހާރޕްއަކީ، ADAB ގެ މިކަހަލަ ތަފާތު ޕްރޮޖެކްޓްތަކުގައި އެކިއެކި ގައުމަށް ދަތުރުކުރައްވަމުން ގެންދަވާ ބޭކަލެކެވެ. އޭނާ މާލެއަށް މިދުރުވީ، ބަނގްލާދޭޝްގައި ވެސް މިފަދަ މަޝްރޫޢެއް ހިންގަވާފައެވެ.

މިސްޓަރ ހާރޕްގެ އެކޮމޮޑޭޝަންވެސް ފޮނުއްވީ އޮސްޓްރޭލިޔާ އިންނެވެ. އާދެ، އެއީ ރާވާ ގެއެކެވެ. އެ "ރާވާގެ" ބޯޓުން ގެނެސް ކަސްޓަމާ ހަމައިން ދެން ޙަވާލުވީ، ދިވެހިރާއްޖޭގެ އަޑުގެ މުއައްޒަފުންނާއެވެ. އެ ހިސާބުން އެކުރި މަސައްކަތާއި "އަޑު"ގެ މުއައްޒަފުން އެކުރި ހިތްވަރު އެއީ، ހަމަ ދިވެހިރާއްޖޭގެ އަޑުގެ މުއައްޒަފުން ނޫނީ ނުކުރާނެ މަސައްކަތަކާއި ނުލާނެ ހިތްވަރެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި ގެ ކަސްޓަމްސްއިން ނެރެގެން ގެނެސް ބެހެއްޓީ، ޓީވީ މޯލްޑިވްސްގެ ގޯތިތެރޭގައެވެ. އެތަނަށް ވެއްދީ، ޓީވީ މޯލްޑިވްސްގެ ފާރު ތަޅާލައިގެންނެވެ. އޭރު ހުރި ޓީވީގެ ޢިމާރާތުގެ ފުރަގަހުގައި އޮންނަ ހުސްތަނުގައި، މި ގެ ބަހައްޓައި އެ ގެއަށް ކަރަންޓާއި ފެން ވައިރުކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގެ މުއައްޒަފުންނެވެ.

މި ޕްރޮޖެކްޓްގެ އެންމެ މުހިންމު މަސައްކަތަކީ ދިވެހިރާއްޖޭގެ އަޑުގެ ދެ މުއައްޒަފުން ޓްރާންސްމީޓަރ ތަކަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކެއް ADABގެ ފަރާތުން ކުރިއަށްގެންދިއުމެވެ. މިކަމަށް ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ތަމްރީން ކުރެވުނީ، އެކަމަށް އިޢުލާންކުރުމުން ޝައުޤުވެރިކަން ފާޅުކުރި ކުދިންތަކުގެ ތެރެއިން ހޮވާލެވުނު ދެ ކުދިން ކަމުގައިވާ، އަޙުމަދު ޝަފީޢު، މ. ހުދުއަސުރުމާގެ (މެސްކޯ އަޙުމަދު) އަދި މ. އުނިމާގޭ މުހަންމަދު ރަޝީދު (އުނިމާ ރަޝީދު) އެވެ. މި ދެ ބޭފުޅުންގެ ތެރެއިން، އަޙުމަދު ޝަފީޢު މާ ގިނަ ދުވަހެއްނުވެ، ވަކިވެލައްވައިފިއެވެ. ނަމަވެސް މުޙަންމަދު ރަޝީދު، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން، ދިވެހިރާއްޖޭގެ އަޑަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ.

ދައުލަތުގެ ރޭޑިއޯ ސްޓޭޝަން ހިންގަމުން ގެންދަނީ، ހެންވޭރުގައި އިމާރާތް ކުރެވިފައިވާ ދިވެހިރާއްޖޭގެ އަޑުގެ ޢިމާރާތުގައެވެ. އިމާރާތަކީ އެއްބުރިއަށް ހުރި ޢިމާރާތެކެވެ. ޢިމާރާތުގެ މެދުގައި ދެބުރިއަށް ހުރިބައި ޚާއްޞަ ކުރެވިފައި ހުރީ، އެޑްމިނިސްޓްރޭޝަންއަށެވެ. އިމާރާތުގެ އެއްކޮޅުގައި ހުންނަނީ ހުރިހާ ޓްރާންސްމީޓަރތަކެވެ. އަނެއް ކޮޅުގައި ހުންނަނީ، ސްޓޫޑިއޯއާއި ޕްރޮގްރާމް ސެކްޝަނެވެ. ޚަބަރު ތައްޔާރުކުރަނީ، ތަންކޮޅެއް އެތެރޭގައި ހުންނަ ކުޑަ ކޮޓަރިއެއްގައެވެ. އިމާރާތުގެ ވައަތްފަރާތުގައި ވަނީ، ސްޓޫޑިއޯ ތަކާއި، ޕްރޮގްރާމް ސެކްޝަނެވެ. އެދުވަސްވަރު ހުންނަނީ ހަމައެކަނި ކޮންޓިނިޔުޓީ ދެ ސްޓޫޑިއޯއެވެ.
ADAB ގެ އެހީގައި ލިބުނު މީޑިއަމްވޭވްގެ ދެ ޓްރާންސްމީޓަރ އިންސްޓޯލްކުރީ، ހެންވޭރުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގައެވެ. ޓްރާންސްމީޓަރުތައް އިންސްޓޯލްކޮށް ނިމިގެން، ސިގްނަލްގެ ބާރުމިނާއި، ސިގްނަލް ފޯރާ ދުރުމިން ބަލާ ޓެސްޓްތައް ހެދުމަށްފަހު، އެ ޓްރާންސްމީޓަރ ތަކުން، މީޑިއަމްވޭވް 200 މީޓަރ ބޭންޑުން، ދިވެހިރާއްޖެއަށް ޚިދުމަތްދޭން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ރޭޑިއޯގެ މި މުހިންމު މުނާސަބާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބުދުލްޤައްޔޫމެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ތެރޭގައި، ސްޓޭޝަންގެ އިންފްރާސްޓްރަކްޗަރގެ ބައެއް މަސައްކަތާއެކު، ޓްރޭނިންގ ރޫމެއްވެސް ތައްޔާރު ކުރެވުނެވެ. ކުރިން ފާހަގަކުރެވުނު ޕްރޮޖެކްޓްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގޮސް، 1980ގެ ތެރޭގައި، އިކްވިޕްމެންޓްތައް އިންސްޓޯލް ކުރެވުނެވެ. ގާތްގަނޑަކަށް މުޅި ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިވެހި ޤައުމީ ރޭޑިއޯ "ދިވެހިރާއްޖޭގެ އަޑު" ފޯރުކޮށްދެވެން ފަށައިފިއެވެ.
މި ޕްރޮޖެކްޓް ފެށުމާއެކު، ދިވެހިރާއްޖޭގެ އަޑުގެ ސިގްނަލް ކުރިން ލިބޭ ހިސާބުތަކަށްވުރެ މާދުރަށް ލިބެންފެށިއެވެ. ރާއްޖޭގެ މަސްވެރިން ދަތުރުކޮށް އުޅޭ މަސްކަނޑުތަކުގެ ތަފާތު ހިސާބުތަކުގައި މަސްވެރިކަން ކުރަންއުޅޭ މަސްވެރިންނަށްވެސް، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް، ސާފުކޮށް އަޑު ގަދަކޮށް، އަދި އެއްވެސް ކަހަލަ ޖައްވީ އިންޓަރފިއަރެންސެއް ނެތި، ލިބެން ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އަޑަކީ، ފުރަތަމަ ފަހަރަށް ހަމަ ދިވެހިރާއްޖޭގެ އަޑު ކަމުގެ އިޙުސާސް އަޅުގަނޑުމެނަށްވެސް ކުރެވެން ފަށައިފިއެވެ. އަދި ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ރަށްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ދިވެހިރާއްޖޭގެ އަޑަކީ ހަމަ އެބޭފުޅުންގެ އަޑު ކަމުގެ އުފާވެރި އިޙުސާސް ކުރެވެން ފަށައިފިއެވެ.

ދިވެހިރާއްޖޭގެ އަޑު ހިންގުމަށް އިތުރު އިމާރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރިއަށްދިޔައެވެ. އޭރު މާލޭގެ ބިން ހިއްކާ ހިސާބުން ހުސް ތަނެއް ލިބޭތޯ ކުރި މަސައްކަތުން، ދިވެހިރާއްޖޭގެ އަޑުގެ އާ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ބިމެއް ދެއްވިއެވެ. މިހާރު ދިވެހިރާއްޖޭގެއަޑު އެ ހުރީ އެތަނުގައެވެ.

ޓްރާންސްމީޓަރ ހުޅުހުވުމުގެ ރަސްމިއްޔާތުގެ ތެރެއިން…




މާފަންނު "އަޑު"ގެ ޢިމާރާތުގެ ބިންގާ އެޅުއްވުން
"ވޮއިސް އޮފް މޯލްޑިވްސް އިންފްރާސްޓްރަކްޗަރ" ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ދިވެހިރާއްޖޭގެ އަޑުގެ ސްޓޫޑިއޯތަކާއި އޮފީސް ޢިމާރާތެއް އެޅުމަށް ހަމަޖެހިފައި ވުމާއެކު، އެ މުހިންމު މަސައްކަތް 1982 ވަނަ އަހަރުގެ ތެރޭގައި ފެއްޓުނެވެ. މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބުދުލް ޤައްޔޫމެވެ.
ދިވެހިރާއްޖޭގެއަޑުގެ އާ ޢިމާރާތެއް މާފަންނުގައި ބިނާކުރުމުގެ ފުރުޞަތު ލިބިގެން ދިއުމުން، އޭރު ދިވެހިރާއްޖޭގެ އަޑުގެ ވެރިއެއްގެ ގޮތުން ހުންނެވި، ސަމަރުބުލޫ އިބްރާހިމް މަނިކުގެ ހުރިހާ ސަމާލުކަމަކާއި، އަދި ހުރިހާ ވަގުތެއް އެކަމަށް ހުސްކޮށްލެއްވިއެވެ. ސަމަރޭއާއި މައިޒާން އަޙުމަދު މަނިކު، އެ މަސައްކަތުގައި ރެއާއި ދުވާލު ކުރައްވަމުން ގެންދެވި ބުރަ އަދި ފުރިހަމަ މަސައްކަތް އަޅުގަނޑު ދެލޮލުން ދުށީމެވެ.
މި މަސައްކަތްތަކަކީ، އަޅުގަނޑު (ޕްރޮގްރާމް ޑިރެކްޓަރެއްގެ) މާބޮޑު ހިއްޞާއެއް ބޭނުންވާނެ މަސައްކަތެއް ނޫން ކަމުން، ޢިމާރާތް ކުރެވެމުން ދިޔަ ދުވަސްކޮޅު އަޅުގަނޑަށް އެކަމުގެ ތެރޭގައި ވަރަށް އުޅެވިފައިނެތެވެ. ނަމަވެސް، ކަންތައްތައް ހިނގަމުންދާ ގޮތް، ހަމަ ދުވަހުން ދުވަހަށް އެނގެމުންދެއެވެ. މަޝްހޫރު އާރކިޓެކްޗުރަލް އިންޖިނިއަރ މައިޒާން ހަސަންމަނިކު އަދި ޕާރޓްނަރ އަޙުމަދު ޢައްބާސްއާ ދެބޭފުޅުން، މަސައްކަތްކުރައްވަމުން ގެންދެވީ، އެ ޕްރޮޖެކްޓްގެ އާރކިޓެކްޓުންގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ އަޑުގެ މާފަންނު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއިރު، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވީ، އަލްމަރުހޫމް ހަސަން އަޙުމަދު މަނިކެވެ. އާދެ ކޮލި ޙަސަންމަނިކެވެ.
ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓް ކުރަން ފަށައިގެންފައި ވަނީ، ވަރަށް އާދައިގެ ގޮތަކަށް ކުޑަކުޑަ ކޮޓަރިއެއްގެ ތެރެއިންނެވެ. އެހެންނަމަވެސް، އެކަމަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުންވެސް ދިން އަހުމިއްޔަތުގެ ބޮޑުކަމުން، ދުވަހެއް ދުވަހަކަށް ރޭޑިއޯ އައީ ތަރައްޤީވަމުން، ފުޅާވަމުންނެވެ. ރޭޑިއޯގެ އިމާރާތަށްވެސް ލިބެމުންދިޔަ ތަރައްޤީގެ ތެރެއިން، މިހާރު މިވަނީ، ފުރިހަމަވެފައިވާ، ރޭޑިއޯ ބްރޯޑްކާސްޓިންގ ސްޓޭޝަނެއް، ދިވެހި ގައުމުގައި ބިނާކުރެވިފައެވެ. މި އުފާވެރި މުނާސަބާގައި، ދައުލަތުގެ ވަރަށް ގިނަ އިސްބޭފުޅުންނާއި، ރޭޑިއޯގައި އެވަގުތު މަސައްކަތްކުރަމުން ގެންދިޔަ ހުރިހާ މުއަށްޒަފުންވެސް ބައިވެރިވިއެވެ.
މާފަންނުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން




1984 ވަނަ އަހަރު، ޕްރޮޖެކްޓް ފުޅާވެގެން ދިއުމުގެ ސަބަބުން، ސަޢޫދީ ސަރުކާރުން އިތުރު ފަންޑު ލިބި، އެ ފަންޑްގެ އެހީގައި މަސައްކަތް ކުރިއަށް ގެންދެވުނެވެ.
މި ކުރިއެރުން ތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތަކަށްވެސް ތަފާތު ބަދަލު ގެނެވެމުން ދިޔައެވެ. މީގެ ތެރޭގައި އިސްލާމީ ރީތި އާދަކާދަތައް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރު އެޅުމުގެ ގޮތުން، ކޮންމެ ޕްރޮގްރާމެއް ފެއްޓުމުގައި ކިޔަމުން ގެންދާ "އައްސަލާމް ޢަލައިކުމް" ކިޔުމުގެ ކުރިން "ބިސްމި" ކިޔާ ގޮތަށް ހަމަޖެއްސުމާއި، ނަމާދު ވަގުތަށް މެދު ކަނޑާލުމުގެ ގޮތުން، ބަންގި އާއި ބަންގި ދުޢާއަށް ފަހު 10 މިނިޓް ވަންދެން ކީރިތި ޤުރުއާން ކިޔަވާ ގޮތަށް ހަމަޖެހިގެން ދިޔައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ސިޓީފުޅެއް ހިފައިގެން، ސަޢޫދީ ޢަރަބިއްޔާއަށް ދިޔައީ، އަޅުގަނޑެވެ. އަޅުގަނޑު ދިޔައީ، ރާއްޖޭގެ އެއާޕޯޓަށް އެހީ ހޯދުމަށް ފޮނުއްވި ވަފުދަކާއެކުގައެވެ. އެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، ހެޑް އޮފް ޑެލިގޭޝަންއެއްގެ ގޮތުން، އަލްމަރުޙޫމް ސިއްކަގޭ ހުސެން މަނިކުފާނެވެ. ދެން ގަދަގޭ އަޙުމަދު ސަލީމް، މުޙަންމަދު ސަޢީދު ގ. ރޯޒަރީއެވެ. ދެން އަޅުގަނޑެވެ.

ސަޢޫދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ސްޓޫޑިއޯތަކާއި އޮފީސް ޢިމާރާތް ހެދުމަށް ދެއްވި ފައިސާއިން ނުފުދިގެން، އެކަން ނުކުރެވި މެދުކެނޑިފައި 13 އަހަރު ހޭދަވި ފަހުން، ދިވެހި ސަރުކާރުން ޚަރަދު ކުރައްވައިގެން ޢިމާރާތް ނިންމަވަން ހަމަޖެއްސެވިކަން ސަރުކާރުން ހާމަކުރެއްވިއެވެ.
މި ޢިމާރާތް ނިމި، ރަސްމީ ގޮތުން ޢިމާރާތް އިފްތިތާޙު ކޮށްދެއްވީ، 2001 ޑިސެމްބަރ މަހުގެ 29 ވަނަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމެވެ.
1984 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލްޤައްޔޫމް، ޗައިނާއަށާއި ސައުތު ކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ.
ރައީސް މައުމޫނުގެގެ އަރިހުގައި ޗައިނާއަށާއި ސައުތު ކޮރެއާއަށް ކުރި ދަތުރުގެ ހަނދާންތައް- 1984

ރޭޑިއޯ ބްރޯޑްކާސްޓް ކުރާތާ 25 އަހަރު ފުރުން
ދިވެހިރާއްޖޭގައި ފުރަތަމަ ރޭޑިއޯ ބްރޯޑްކާސްޓްކުރަން ފެއްޓުނު ތާރީޚަށް ބަލާ ކަމުގައި ވާނަމަ، 1987 ވަނަ އަހަރުގެ ޑިސެމްބަރ 29 ވަނަ ދުވަހަކީ، ރޭޑިއޯ މޯލްޑިވްސްގެ ޙަޔާތުން 25 އަހަރު ފުރިހަމަވީ އަހަރެވެ. އެ މުނާސަބާ ރޭޑިއޯއިން ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ.
އެ މުނާސަބާގެ ރަސްމީ ޖަލްސާ ބޭއްވުނީ، ދާރުލްޢުލޫމް ހޯލްގައެވެ. ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމެވެ.

ދައުލަތުގެ އިސްވެރިންނާއި، ވުޒާރާތަކުގެ ކަމުވޮށިވެގެންވާ ވަރަށް ގިނަ ބޭފުޅުންނަށް ދަޢުވަތު އެރުވިގެންނެވެ. ރޭޑިއޯގެ އެންމެ މުހިންމު އެއް ބައެއް ކަމުގައިވާ އެހުންތެރިންގެ ތެރެއިންވެސް، މާލޭގައި ތިއްބެވި ގިނަ ބޭފުޅުން ތަކަކަށް ދަޢުވަތު އެރުވުނެވެ.
ހަމަ އެއާއެކު، ރާއްޖެތެރެއަށް އަޑުފޯރުކޮށްދިނުމަށްޓަކައި، މިޖަލްސާ ފެށުނީއްސުރެ ދިޔައީ ލައިވްކުރަމުންނެވެ. އެހެން ނަމަވެސް، އެ ދުވަސްވަރުގެ ހާލަތު ހުރި ގޮތުން ހުރިހާ ހިސާބަކަށް އަޑު ފޯރާކަމުގެ ޔަޤީންކަމެއް ނެތެވެ.


(ނުނިމޭ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 9



advertisment