ރޭޑިއޯ ޕްރޮގްރާމްތަކުގެ ތެރެއިން…
ރޭޑިއޯ ޑްރާމާ
ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް ޚިދުމަތްކުރުމުގައި "ރޭޑިއޯ މޯލްޑިވްސް"ގެ ނަމުގައި ދިވެހިރާއްޖޭގެ ރޭޑިއޯ، 11 އަހަރު ހޭދަކުރިއެވެ. އެ ދުވަސްތަކުގެ ތެރޭގައި، ތަފާތު ޕްރޮގްރާމްތަކުގެ އެހީގައި، ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ކަހަލަ ގޮތަކަށް، ރައްޔިތުންނަށް ޚިދުމަތްދެމުން ގެންދެވުނެވެ. ގައުމީ ރޫޙެއްގައި ރައްޔިތުންނަށް ޚިދުމަތްކުރަމުން ގެންދިޔަ ރޭޑިއޯގެ ޕްރޮގްރާމް ތަކުގެ ތެރެއިން އެންމެ މަޤުބޫލު އެއް ވައްތަރަކީ، އަދި ބައެއްގެ ސިކުނޑިއަށް އެންމެ އަވަހަށް އަސަރު ކުރުވައިދޭ މެސެޖެއް ފޮނުވައިދެވެނީ، ރޭޑިއޯ ޑްރާމާއިން ކަމަށްވާތީ، ދިވެހިންގެ ތެރޭގައިވެސް ރޭޑިއޯ ޑްރާމާއަކީ، އަބަދުވެސް އެންމެ ގިނަ ބަޔަކު އަޑުއެހަން ބޭނުންވާ، ރޭޑިއޯ ފޯމެޓް ކަމަށްވާތީ، ރޭޑިއޯ ޑްރާމާ ދަސްކުރުމަށާއި ދަސްކޮށްދިނުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެވިގެން، ރޭޑިއޯ ޕްރޮގްރާމް ޕްރޮޑިއުސަރުން ތަމްރީނު ކުރެވެމުން ދިޔައެވެ. ރާއްޖެއިން ބޭރަށް ފޮނުވައިގެންނާއި އަދި ރާއްޖެއަށް ބޭރުގެ އެކްސްޕާޓުން ގެނެސްގެން އެކަން ކުރެވެމުން ދިޔައެވެ.
ރޭޑިއޯ ޑްރާމާއަކީ، އަޅުގަނޑުމެންގެ ސްޓޭޝަނުންވެސް އެންމެ އިސްކަމެއްދޭ ކަންތައް ކަމުގައިވާތީ، ރޭޑިއޯ ޑްރާމާ ދަސްކުރުމަށް އަޅުގަނޑު ފޮނުއްވިއެވެ. އަޅުގަނޑަށް އެ ކޯސްވެސް ލިބުނީ، ނެދަލޭންޑްސް އިންނެވެ. އެއީ، 1984 ގައެވެ. ހަމަ "ނެދަލޭންސް ޓްރޭނިންގ ސެންޓަރ" RNTC ގައެވެ.
އަޅުގަނޑު ފުރިހަމަކުރި ކޯހަކީ، "ޑްރެމަޓައިޒޭޝަން އޮފް އިންފޮރމޭޝަން" ކިޔާ، ރޭޑިއޯ ޑްރާމާ ތައްޔާރުކުރުމުގެ ހަ މަސްދުވަހުގެ ކޯހެކެވެ.
މި ކޯސް ފުރިހަމަ ކުރަމުންދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑަށް ޔަޤީންވީ، އިންސާނާގެ ދިރިއުޅުމުގެ ތެރެއިން އޭނާއާ ކޮންމެވެސް ގޮތަކުން ދިމާވެދާނެ ކަހަލަ ޙާދިސާއެއް، ނުވަތަ އޭނާގެ މާހައުލުގެ ތެރެއިންވެސް ދިމާވެދާނެ ކަހަލަ ޙާދިސާ ތަކެއްގެ މައްޗަށް ހިމެނިގެން ޑްރާމާ އުފެއްދިއްޖެނަމަ، އެހުންތެރިން މާބޮޑަށް ވެސް އަޑުއަހާހިތްވާނެ ކަމަށެވެ.
މިއީ އަޅުގަނޑަށް އެކަނި ކުރެވުނު އިޙުސާސެއް ނޫނެވެ. ދުނިޔެ ތަޖުރިބާކޮށް، ދިރާސާތައް ހެދިފައިވާ ކަންކަމެވެ. މިއަދު އަޅުގަނޑު މިބައި ދަސްކުރަން އުޅުނީމާ، އަމިއްލައަށް ވިސްނޭ ހިސާބަށް ދިޔައީއެވެ. އަނެއްކާ އަނެއް ޙަޤީޤަތަކީ، ޑްރާމާ– ރޭޑިއޯއިން ނަމަވެސް، ޓީވީން ނަމަވެސް- އަޑުއަހާ ނުވަތަ ބަލާ ހަދަނީ ގިނައިން ކަނބަލުންކަމެވެ.
އާދެ، ރޭޑިއޯ ޑްރާމާގެ އެހުންތެރިން އެ އޮތީ ކަނޑައެޅި ނިމިފައެވެ. އެހުންތެރިން ހޯދާކަށް މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެއެވެ. ދުނިޔޭގެ ހުރިހާ ދިމާލެއްގައިވެސް މިކަން އޮތީ ހަމަ މިހެންނެވެ. ރާއްޖޭގައި ގައިމުވެސް ތަފާތެއް ނުވާނެއެވެ.
ޚާއްޞަކޮށްލެވޭ ދެ ޑްރާމާއެއް
ރޭޑިއޯއިން ފޮނުވުނު ޑްރާމާތަކުގެ ތެރެއިން ދެ ޑްރާމާއެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުމެވެ. އެއް ޑްރާމާއަކީ، އަޅުގަނޑުމެން ތެރޭގައި މިއަދުވެސް ބައެއް ބޭފުޅުންގެ ހަނދާންތަކާ ގުޅިފައިވާ "ގިތެޔޮ ގުޅި" އެވެ. އަނެއް ޑްރާމާއަކީ ސިއްޙީ ދާއިރާގައި (ޕަބްލިކް ހެލްތް ޑިޕާޓްމަންޓްގެ ކުދިންގެ ފުރަތަމަ ބެޗް) ކިޔަވަން އުޅުނު ކުދިންތަކެއް، ތައްޔާރުކޮށްފައިވާ ޑްރާމާ، "ނިއޯނޭޓަލް ޓެޓްނަސް" އޭ ކިޔާ ޑްރާމާއެކެވެ. އަޅުގަނޑުމެންގެ ތެރެއަށް އެ ޑްރާމާ މަޝްހޫރުވެގެން ދިޔައީ، "އަލިފުތާ ބެއްޔާ"ގެ ނަމުންނެވެ.

ގިތެޔޮ ގުޅި
ރޭޑިއޯ މޯލްޑިވްސްގެ ހަޔާތުގައި އުފެއްދިފައިވާ ކާމިޔާބު ރޭޑިއޯ ޑްރާމާ ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޑްރާމާއަކީ، އައްޝޭޚުލް އުސްތާޒު އަލްމަރުހޫމް މުޙަންމަދު ޖަމީލުދީދީ ލިއުއްވައި އަޅުގަނޑު ޕްރޮޑިއުސްކުރި ރޭޑިއޯޑްރާމާ "ގިތެޔޮ ގުޅި" އެވެ. އެ ޑްރާމާއަކީ، ދިވެހިންގެ މާޒީގެ ސަޤާފަތް ވަރަށް ރަނގަޅަށް ދައްކުވައިދޭ، އަދި ބަސްމޮށުންތެރިކަމާއި، އަދަބު އަޚުލާޤުވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވާ ޑްރާމާއެކެވެ. ފޮރުވިފައިވާ ކޮންމެވެސް ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް، ޝޭޚް ޖަމީލު ލިއުއްވާފައިވާ، އެމަނިކުފާނުންގެ އަމިއްލަފުޅު ޚިޔާލީ ކަންތައް ތަކެއް ދައްކުވައިދޭ ޑްރާމާއެއް ކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.
އަޅުގަނޑު އެ ޑްރާމާގެ ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކުރަމުން ގެންދިޔައިރު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައީ، ޝޭޚް ޖަމީލު ލިއުއްވާފައިވާ ވާހަކައިގައި ވާގޮތަށް، އެ އަސަރާއި، އެ ހިތާމަ އަދި އެ މަޖަލާއި ރުޅިވެރިކަން އެހުންތެރިންނަށް ގެނެސްދެވޭތޯ ކުރަމުން ގެންދިޔަ މަސައްކަތެވެ.
ޑްރާމާގެ ކާސްޓްގެ ގޮތުގައި، އެކި ކެރެކްޓަރުންގެ ބައިތަކަށް އެންމެ އެކަށީގެންވާ އަޑުތައް ހޮވުމުގައި، ޝޭޚް ޖަމީލު އަޅުގަނޑާއެކު ސްޓޫޑިއޯގައި މަސައްކަތް ކުރެއްވިއެވެ. އަދި ޑްރާމާ ރެކޯޑް ކުރަމުން ދިޔައިރު، ހަމަ ކޮންމެ ރެއަކު އެމަނިކުފާނު އަޅުގަނޑާއެކު ސްޓޫޑިއޯގައި އިންނަވައެވެ.
ޑްރާމާ "ގިތެޔޮގުޅި"ގެ ބައިތައް ކުޅެދިން ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ބައި ކުޅެފައިވަނީ، އެ ދުވަސްވަރު ލިބިފައި ހުރި ތަމްރީނަކާއެކު، އެމީހަކަށް އެކަން ކުރެވުނު އެންމެ ރަނގަޅަށް ކަމަށް އަޅުގަނޑު ޕްރޮޑިއުސަރުގެ ޙައިސިއްޔަރުން ގަބޫލު ކުރަމެވެ.
އެކަމަށްޓަކައި ޚާއްޞަ ޝުކުރެއް އެ ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް ކޮންމެ ރެއަކު، ސްޓޫޑިއޯއަށް ވަޑައިގެން، އަޅުގަނޑާއެކު، ޑްރާމާ ޕްރޮޑިއުސް ކުރުމުގެ ބޮޑު ބައެއް އަދާކޮށްދެއްވީތީ، އަޅުގަނޑުގެ ޢާއިލާގެވެސް ރަޙުމަތްތެރި، އަދި އަޅުގަނޑުގެ އުސްތާޒެއް ކަމުގައި ދެކޭ، އައްޝޭޚުލް އުސްތާޒު މަރުޙޫމް މުޙަންމަދު ޖަމީލްދީދީއަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ﷲގެ ތަނަވަސް ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރަމެވެ.

ޑްރާމާގެ ބައިތައް މިހާ ފުރިހަމައަށް ކުޅެދިން ޓީމްގައި ހިމެނޭ ހަމަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމެވެ. އޭގެ ތެރޭގައި، ޒުހޭރާ ޢުމަރު، ސަމަރުބުލޫ އިބްރާހިމް މަނިކު، މިންނާ ވަޖީހު، މޫމިނާ އިބްރާހީމް އަދި މަރުޙޫމާ ޒާހިދާ އިބުރާހީމް ފަދަ ބޭބޭފުޅުންނަށް، އަޅުގަނޑު މިއަދު ދަރަނިވެރިވާ ވާހަކަވެސް ދަންނަވަމެވެ. ތައްޚާނުގެ ބައިގައި ސަމަރޭ އެ ގެންގުޅުއްވި ސިފަތަކަކީ، ހަމަ ސަމަރޭއަށް ނޫނީ، ނުގެނެވޭނެ ސިފަތަކެކެވެ. ހެއްވުމާއި މަޖަލާއި ސީރިއަސް ކަމެވެ.
އާދެ، ރޭޑިއޯ ޑްރާމާ "ގިތެޔޮގުޅި" އަޅުގަނޑު މިހާ ބޮޑަށް މި ފާހަގަކޮށްލީ، އެ ޑްރާމާގައި އަޅުގަނޑު ލަވަކިޔަންވެސް ޖެހުނީމައެވެ. ޝެއިޚް ޖަމީލު ވިދާޅުވީ "ހަމަ ކޮންމެހެންވެސް ބަދުރު ލަވައިގައި ބައިވެރިވާން ޖެހޭނެ" ކަމުގައެވެ.
ޑްރާމާގައި "ގިތެޔޮގުޅިން ނެގި ލޯބި" މިލަވަ، ކީ މީހުންގެ ތެރޭގައި އެކަކީ އަޅުގަނޑެވެ. އެއީވެސް ހަމަ ކޮންމެހެންވެސް އަޅުގަނޑު އެލަވަ ކިޔުމުގައި ބައިވެރިވާން ޖެހޭނެ ކަމަށް ޖަމީލު ގަދައަޅާ ވިދާޅުވުމުންނެވެ. އަޅުގަނޑަކީ ލަވަ ކިޔާމީހެއްވެސް ނޫންމެއެވެ.
"ގިތެޔޮގުޅި" އެއީ، ރޭޑިއޯ މޯލްޑިވްސްގެ ޑްރާމާ ސިލްސިލާގެ އެއް ޑްރާމާއެވެ. އެކަހަލަ ކިތަންމެ ޑްރާމާއެއް، ރޭޑިއޯ މޯލްޑިވްސް ދުނިޔޭގައި ފިޔަޖެހި 11 އަހަރު ދުވަހުގެ ތެރޭގައި ވަނީ އުފެއްދިފައެވެ.
ނިއޯނޭޓަލް ޓެޓަނަސް (އަލިފުތާބެއްޔާ)
ރާއްޖޭގެ ސިއްޙީ ނިޒާމަށް 1960 ގެ ތެރޭގައި ވަރަށް ބޮޑު ބަދަލު ގެނެވި، ސިއްޙީ ގޮތުން ޢާންމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަން ފެއްޓެވިއެވެ. ރާއްޖޭގެ ހުރިހާ ދިމާއަކުން ކަހަލަ ގޮތަކަށް ހެލްތު އެސިސްޓެންޓުން ތަމްރީނު ކުރައްވާ، ރާއްޖެއަށް ސިއްޙީ ޚިދުމަތް ދެއްވަން ފެއްޓެވިއެވެ. ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ދަރިންގެ ޢަދަދު ރެކޯޑް މިންވަރެއްގައި ހުއްޓާ، މި ޚިދުމަތް ރާއްޖޭގައި ފެއްޓުނުކަން އެއީ، ވިހެއުމުގެ ތެރޭގައި ކުދިން މަރުވާ ރޭޓް ރެކޯޑް އަދަދަކަށް ތިރިކޮށްލެވުނު ކަމެކެވެ.
ހަމަ އެއާއެކު، ރޭޑިއޯ މޯލްޑިވްސް ވެގެންދިޔައީ، ސިއްޙީ ގޮތުންވެސް މުޅި ރާއްޖެއަށް ހޭލުންތެރިކަން ފޯރުކޮށްދިން ހަމައެކަނި، ވަޞީލަތަށެވެ.
އެލައިޑް ހެލްތް ސާރވީސަސް ޓްރޭނިންގ ސެންޓަރުގައި 1974 ވަނައަހަރު ކިޔަވަމުންދިޔަ ދަރިވަރުންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައިއޮތީ، ވިހެއުމުގެ ތެރޭގައި މި ދިމާވާ ހިތާމަވެރި ކަންތައްތައްތަކާ މެދު، މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހެލްތް އެސިސްޓެންޓުން ޙަރަކާތްތެރިވުމުގެ އިތުރުން، ރޭޑިއޯއާއި އަދި ސްޓޭޖް ބޭނުންކޮށްގެން މަޢުލޫމާތު ފެތުރުނެވެ. ނިއޯނޭޓަލް ޓެޓަނަސް ނުވަތަ ތުއްތު ދަރިފުޅަށް ޖެހޭ އިދިފުށަށް ދަމާބަލި ޖެހޭ ގޮތާއި، އެކަމުން ސަލާމަތް ވާނެގޮތުގެ އިރުޝާދުތައް ދެމުން ގެންދެވުނެވެ.
އެ ޑްރާމާއަކީ، ޙަޤީޤަތުގައި ސްޓޭޖް ޝޯއެކެވެ. ދިވެހިންގެ ތެރޭގައި އެ ދުވަސްވަރު ޞިއްޙީ ހޭލުންތެރިކަން ކުޑަކަމުގެ ސަބަބުން، ޢާންމު ގޮތެއްގައި ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމުގެ ސަބަބުން، މި ދެންނެވި ހެލްތް އެސިސްޓެންޓުންގެ ފުރަތަމަ ބުރުގައި ކިޔެވިކުދިން ގަޞްދުކުރީ، މައްސަލަ ޢާންމުންގެ ތެރެއަށް ތިލަކޮށްލުމަށެވެ. އެގޮތުން، އެކުދިން ސްޓޭޖް ޝޯވްއެއް ރާވައިގެން އެ ޝޯވް އެކި ތަންތަނުގައި ބާއްވަމުން ގެންދިޔައެވެ.
މި ސްޓޭޖް ޝޯވް، ރޭޑިއޯ ޑްރާމާއަކަށް ބަދަލުކުރާކަށް މާބޮޑު ސްކްރިޕްޓެއް ލިޔަން ޖެހުނުހެނެއް ހިއެއް ނުވެއެވެ. ތަމްސީލުގެ ބައިވެރިންގެ ލައިންތައް އެމީހުން ތިބީ ހިތުދަސްކޮށްގެނެވެ.
ސިއްޙީ ދާއިރާއިން މުޖުތަމަޢު ހޭލުންތެރި ކުރުވުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި ރޭޑިއޯ މޯލްޑިވްސްއާ ގުޅިގެން، ރޭޑިއޯ ޕްރޮގްރާމްތަކާއި އަދި ތަފާތު ޑްރާމާތައްވެސް ބްރޯޑްކާސްޓް ކުރީމެވެ. ގައިންގަޔަށް އަރާ ޒާތުގެ ބަލިތަކާއި، އެކި ވައްތަރުގެ ނުރައްކާ ރޯގާތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުންނާއި، ނުރައްކާތެރި ބަލިތައް ފެތުރުނަ ނުދީ ހިފޭއްޓުމަށާއި ހަށިގަނޑަށް ގެއްލުންދޭ ކަހަލަ ނުބައި އާދަކާދަތަކުން ދިވެހިން ސަލާމަތް ކުރުމަށް ތަފާތު މަސައްކަތްތައް ދެފަރާތް ގުޅިގެން، ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ކުރެވުނެވެ.
ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި ރޯގާ ކަމަށްވާ، ޝިގެއްލާގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް، ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގައި ވެސް ރޭޑިއޯ މޯލްޑިވްސް ގަދައަށް މަސައްކަތްކުރިއެވެ. ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ޕަބްލިކް ހެލްތްގެ ޓީމްތަކާއެކު، ރޭޑިއޯ މޯލްޑިވްސްގެ ޓީމްތައްވެސް ޙަރަކާތްތެރިވަމުން ގެންދިޔައެވެ. ރޯގާއިން ސަލާމަތްވެ ތިބޭނެގޮތުގެ އިރުޝާދު، ރޭޑިއޯ މެދުވެރިކޮށް، ރައްޔިތުންނަށް ފޮނުވުމާއި، އަދި ހެލްތްގެ ޓީމްތަކާއެކު، ރަށްރަށަށް ދަތުރުކޮށް، ރޭޑިއޯ މެދުވެރިކޮށް ކޮށްދެވެން ހުރި ކަންތައްތައް ދިރާސާ ކުރެވުނެވެ.
އެ ދުވަސްވަރު ރޭޑިއޯއިން ކުރެވިފައި ހުރި ކަންތައްތައް ހަނދާނަށް ގެންނައިރު، އަޅުގަނޑު ކޮންމެހެންވެސް ފާހަގަކޮށްލުން ބޭނުންވާ އެއް ކަމަކީ، ރޭޑިއޯ މޯލްޑިވްސްއާއި އެލައިޑް ހެލްތް ސާރވިސަސް ޓްރޭނިންގ ސެންޓަރާ ގުޅިގެން 1974 ގައި ރޭޑިއޯއިން ބްރޯޑްކާސްޓްކުރި ޑްރާމާއެކެވެ. ޑްރާމާގެ ނަމަކީ، "ނިއޯނޭޓަލް ޓެޓަނަސް" ނުވަތަ "އަލިފުތާ ބެއްޔާ"އެވެ.
މިއަދުވެސް އެ ޑްރާމާ އަޑުއަހާލައިފައި އެއީ، އެކަމަށް ހަމަ އެންމެ މޮޅުމީހުން ތައްޔާރުކޮށްފައިވާ ޢިބުރަތްތެރި، ބިނާކުރުވަނިވި، އަދި އަޑުއަހާހިތްވާ ގޮތަށް ބައްޓަންކުރެވިގެން ތައްޔާރު ކުރެވިފައިވާ ޑްރާމާއެއް ކަމުގައި އެންމެންވެސް ޤަބޫލު ކުރާނެއެވެ.
މި ޑްރާމާ ދިވެހި ޖައްވަށް އުފަން ކުރުމުގައި އެދުވަސްވަރު ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުންގެ އެއްބާރު ލެއްވުމާއި އެހީތެރިކަން ލިބުނެވެ. (ޙަޤީޤަތުގައި މިއީ، ސްޓޭޖްޝޯވ އަކަށް ތައްޔާރުކޮށްފައިވާ ޑްރާމާއެއް ކަމުގައި، ފަހުން ޢަބުދުﷲ ޙިލްމީ ވިދާޅުވިއެވެ.)
ޚާއްޞަ ނަންތަކެއް މިއަދުވެސް އަޅުގަނޑު ހަނދާންވެއެވެ. އެއް ބޭފުޅަކީ، ގދ. ތިނަދޫ ބޭފުޅެއް ކަމުގައިވާ ޢަބުދުﷲ ޙިލްމީއެވެ. އަނެއް ބޭފުޅަކީ، މަޝްހޫރު "ފުޅު" ނުވަތަ މއ. މާފުނަ، މުޙަންމަދު އިސްމާއީލްފުޅެވެ. އެހެން ބޭބޭފުޅުންނަކީ، އޭރުގެ ހެލްތް އެސިސްޓެންޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ. އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވާފައި ވަނީ މުޙަންމަދު އިސްމާއީލް ފުޅެވެ. އަދި ޑްރާމާގެ ލީޑް ރޯލު، އަލިފުތާބެއްޔާގެ ބައި ކުޅުއްވީ ތިނަދޫ ޢަބުދުﷲ ޙިލްމީއެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޑްރާމާގެ މިޞްރާބު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި، ސްކްރިޕްޓެއް އޮތެއް ކަމަކު، ހުރިހާ ޑަޔަލޯގެއް ވަނީ އެ ބައެއް ކުޅޭ ފަންނާނަކަށް ދޫކުރެވިފައެވެ.
ޑްރާމާ ރެކޯޑް ކުރަމުން ދިޔައިރު، އެބައިތަކަށް އެބޭފުޅުން ފަރިތަވެފައިވާ މިންވަރު ހިތަށް ގެނެވުނެވެ. އަޅުގަނޑުމެން ރޭޑިއޯ ޑްރާމާ ދަސްކުރަން ބޭރުގައި އުޅުނު ދުވަސްވަރު، މި ވައްތަރުގެ ޑްރާމާ ކުޅެން ދަސްކޮށްދިނެވެ. ނަމަވެސް، މިކަހަލަ ޑްރާމާއަކީ، ޕްރޮޑިއުސަރުގެ އަތުން ކޮންޓްރޯލް ގެއްލި، އާރޓިސްޓް ނުވަތަ އެކްޓަރު އަތަށް ކޮންޓްރޯލް ދޫކޮށްލެވޭ ވައްތަރަކަށްވާތީ، މިވައްތަރުގެ ޑްރާމާއަކީ މާބޮޑަށް ރޭޑިއޯ ޕްރޮޑިއުސަރުން ގަބޫލުކުރާ ވައްތަރެއް ނޫނެވެ.
ނަމަވެސް ބައްލަވާށެވެ! ރޭޑިއޯ ޑްރާމާ ނުވެސް ދަންނަ، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބަޔަކު، އެއޮތީ ޕްރޮޑިޔުސަރު ބިރުގަންނަ ވައްތަރުގެ ޑްރާމާ ރޭޑިއޯއިން ކުޅެ، ބޭނުންވާ މެސެޖް ނުލާހިކު މޮޅަށް މުޖުތަމަޢުއަށް ފޯރުކޮށްދީފައެވެ. އަދި އޭގެ ފައިދާވެސް ވަރަށް ހަލުވިކަމާއެކު ފެނިގެންދިޔައެވެ. އަދި އެ ޑްރާމާގެ ކާމިޔާބީގެ ސަބަބުން ރޭޑިއޯ އެހުންތެރިންގެ މަޤުބޫލުކަން ހޯދިއެވެ.
އަޅުގަނޑު ޑްރާމާ ޕްރޮޑިޔުސަރެއްގެ ޙައިސިއްޔަތުން ކޮށްދިންހާ ވެސް ކަމަކީ، ރެކޯޑް ކުރަމުން ގެންދިޔަ ޑްރާމާގެ ރެކޯޑިންގ އަށް ވީހާ އުނދަގުލެއް ކުރުންކަން މިއަދު ހަނދާންވެއެވެ. އެއީ، ހަމަ ނުހިފެހެއްޓިގެން، ދުރުގައި ހުރެގެން ހެވޭތީއެވެ. އަޅުގަނޑަށް ވާގޮތް އެތެރޭގައި ޑްރާމާ އަޅަން ތިބި ފަންނާނުންނަށް ފެނުނީމާ، އެމީހުންވެސް ގަދަކަމުން ހިފަހައްޓައިގެން ތިބޭ ހިނިގަނޑު، ފަޅައިގެން ދަނީއެވެ. އެކަހަލަ ކޮންމެ ހިނިގަނޑަކާއެކު، ރެކޯޑިން މެދުކަނޑާލަން ޖެހުމެވެ. މިއީ ޕްރޮޑިއުސަރެއްގައި ހުރެގެންވާނެ ސިފައެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އެކަން އެގޮތަށް އެފަހަރުވީއެވެ.
"އަލިފުތާބެއްޔާ" އަކީ، ކުރިން މިދެންނެވި އެލައިޑް ހެލްތް ސަރވިސަސް ޓްރޭނިންގ ސެންޓަރގެ ފުރަތަމަ ޓްރޭނިން ގްރޫޕްގެ މޮޅު އުފެއްދުމެކެވެ. މިއަދުވެސް އެ ޑްރާމާ މެދުވެރިކޮށް، ދިވެހި ޤައުމަށް ދެވިދާނެ، ކިތަންމެ ކިތަންމެ ތަފާތު މެސެޖްތަކެއް ވެއެވެ. ސިއްޙީ ގޮތުންނެވެ. ދިރިއުޅުމުގެ އާދަކައިދައިގެ ގޮތުންނެވެ. ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރަންވާނެ ކަންތައްތަކާއި ކުރަން ނުވާނެ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
ރޭޑިއޯ ޑްރާމާ "އަލިފުތާބެއްޔާ" އާ ބެހޭގޮތުން ލައްކަ ވާހަކަ ދެއްކިދާނެއެވެ. އެ ޑްރާމާގައި އެކި ބައިތައް ކުޅޭ އެކިއެކި ފަންނާނުންގެ ޑަޔަލޯގްތައް ތަރުތީބު ކޮށްފައި ހުންނަ ގޮތުންނާއި، އެމީހުންގެ ވާހަކަދެއްކުމުގެ ހުނަރު ހުރިގޮތުން، މުޅި ޑްރާމާއަކީވެސް ހެއްވާ މަޖާ ޑްރާމާއެއްގެ ގޮތުގައި ސިފަކުރެވެއެވެ. އެ ޑްރާމާއަކީ، ދިވެހި މުޖުތަމަޢަށް އެވަގުތަށް ވަރަށްބޮޑަށް ބޭނުންވެފައިވާ މެސެޖެއް، ކާމިޔާބުކަމާއެކު ދެވުނު ޑްރާމާއެކެވެ.
"އަލިފުތާބެއްޔާ" ރެކޯޑް ކުރުމަކީވެސް ބޮޑު ކަންތައްގަނޑަކަށް ވިއެވެ. ޑްރާމާ ކުޅޭ މީހުންގެ ސަބަބަކުންނޫނެވެ. އަޅުގަނޑުމެން ރޭޑިއޯ މޯލްޑިވްސްގެ ރެކޯރޑިންގ ޓީމްގެ ސަބަބުންނެވެ. ރޭޑިއޯ ޑްރާމާ "އަލިފުތާބެއްޔާ" އަކީ، މިއަދުވެސް އަޅުގަނޑުގެ ހަނދާނުގައި އެ ޑްރާމާގެ ބައެއް ޑަޔަލޮގް ބިންވަޅު ނެގިފައިވާ ޑްރާމާއެކެވެ.
އަޅުގަނޑުމެންގެ އެންމެ މަޤުބޫލު އެއް ޕްރޮޑިއުސަރު ޢަލީ ޢަބުދުﷲގެ ހިތުގައި މުޅި ޑްރާމާ ލިޔެވި، ކަނޑާ ނެގިފައި ހުންނަ ކަހަލައެވެ. އިރުއިރުކޮޅުން، "އަލިފުތާ ބެއްޔާ"ގެ ޑަޔަލޯގުން ބައެއް ރާގާއެކީ އޭނާ ކިޔުއްވާނެއެވެ.
ޚާއްޞަ ގޮތެއްގައި ފަންޑިތަވެރިޔާ އަލިފުތާބެއްޔާގެ ބައި ކުޅުއްވި، ޙިލްމީގެ ހުނަރާއި ޤާބިލްކަން ފިސާރި ރަނގަޅަށް އެ ޑްރާމާއިން ފެނިގެން ދިޔައެވެ. ޢަލިފުތާބެއްޔާ އެހާ މަޝްހޫރުވީ ވެސް، ޙިލްމީގެ ރޯލު އަދާކުރެއްވިލެއް މޮޅުކަމުންނެވެ.
"އަލިފުތާބެއްޔާ"ގެ ލީޑް ރޯލު، "އަލިފުތާބެއްޔާ"ގެ ބައި ކުޅުއްވާފައިވާ ޢަބުދުﷲ ޙިލްމީގެ، އެފަދަ ދެވަނަ ޑްރާމާއެއް ދިވެހިރާއްޖޭގެއަޑުން ނުގެނެވޭނެބާވައޭ ހިތަށްއަރައެވެ. މިކަހަލަ ފަންނާނުންނަކީ މަދުބައެކެވެ. އެމީހުންގެ ބޭނުން، ރަނގަޅު ގޮތުގައި ހިފައިގެން، މުޖުތަމައުގައި ހުރި ކިތަންމެ ބައްޔެއް، ރޭޑިއޯއިން ފަސޭހަ ކުރެވިދާނެއެވެ.
އަޅުގަނޑު އެކަންކުރެވޭތޯ ބެލީމެވެ. މި ކުޅަދާނަ ގްރޫޕް އެއްތަނަކަށް ގެނެސް، އަދިވެސް އެފަދަ ބިނާކުރުވަނިވި މަސައްކަތެއް ރޭޑިއޯ މެދުވެރިކޮށް ޤައުމަށް ކޮށްދެވޭތޯ ބެލީމެވެ. ޢަބުދުﷲ ޙިލްމީއާ ރަށުން ބައްދަލުވީ ފަހަރަކު، މިޚިޔާލު ހުށައެޅުމުން، ޙިލްމީ ހުންނެވީ އެކަން ކޮށްދެއްވާށެވެ. ނަމަވެސް، ހުރިހާ ބޭފުޅުން އެއްތަނަކަށް އެއް ނުކުރެވިގެން، އެކަން ނުކުރެވުނީއެވެ.
މި ދެޑްރާމާ އެކަނި އަޅުގަނޑު ފާހަގަކުރީތީ، ބައެއް ބޭޅުންގެ ނަޒަރު އަޅުގަނޑާ ދިމާލަށް ހުއްޓިދާނެއެވެ. ނަމަވެސް އެ ދެ ޑްރާމާ އަޅުގަނޑު މިފާހަގަކުރީ، ދެ ޑްރާމާވެސް ޙަޤީގަތުގައި އަޅުގަނޑުމެންގެ މަސައްކަތެއް އަމުދުން ނެތިފައި، ޑްރާމާގެ މަޤުބޫލުކަން އެހުންތެރިންގެ ތެރޭގައި ހުރިވަރުންނެވެ.
އަޅުގަނޑުމެންގެ ތެރެއިންވެސް ބައެއް ޕްރޮޑިއުސަރުން، ވަރަށް ރަނގަޅު ޑްރާމާ ތައްޔާރުކޮށްދެއްވާފައި އެބަހުއްޓެވެ. އެގޮތުން، ތަންކޮޅެއް ފަހުގެ ދައުރެއްގައި، ޔޫސުފު ރިޔާޒް އުފައްދަވައިދެއްވި "ނެގިގާގަނޑު" މީވެސް ވަރަށް ކަމުދިޔަ ޑްރާމާއެކެވެ. "ނެގިގާގަނޑު" މީ އަޅުގަނޑުމެންގެ ސްޓޭޝަނުން އުފައްދަން ފެއްޓި ފުރަތަމަ ސިލްސިލާ ޑްރާމާއެވެ. އަދިވެސް ނިމުނުހެނެއް ހިއެއްނުވެއެވެ. ވަކި ހިސާބަކުން، ހުއްޓާލަން ޖެހުނީއެވެ.

"ބާއްޖަވެރި ހެނދުނެއް"
ރޭޑިއޯ މޯލްޑިވްސްގެ އުމުރުގެ ވަކި ހިސާބަކުން ޕްރޮގްރާމްތަކަށް އަނެއްކާވެސް އާބޮޅެއް އިތުރުވިއެވެ. އެއީ، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީއެއްގެ މަގާމަށް ސަމަރުބުލޫ އިބްރާހިމްމަނިކު ފޮނުއްވުމުން، އޭނާގެ ޝައުގުވެރިކަން ރޭޑިއޯ ޕްރޮގްރާމިންގ އަށް ހުރިކަން ފާޅުކުރެއްވި ހިސާބުންނެވެ. އެ ހިސާބުން އަޅުގަނޑު ހިތަށްއެރީ، ޕްރޮގްރާމް ތަކަށް އަހުލުވެރި ކުރުވާށެވެ. ޕްރޮގްރާމް ޕްރޮޑަކްޝަންގެ ބޭސިކް ކޮންމެވެސް ވަރަކަށް އެނގިލެއްވުމުން، ޕްރޮގްރާމެއް އުފެއްދެވުމުގެ ޚިޔާލު ސަމަރޭ ފާޅުކުރައްވައިފިއެވެ. އެގޮތުން ފުރަތަމަ އުފެއްދެވީ، ލަވަ ޕްރޮގްރާމެކެވެ. ސިންގަޅަ ލަވައިގެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ނަމަކަށް އޭނާ ދެއްވީ، "ލަންކާގެ ޖައްވުން"ނެވެ.
މިތަންކޮޅު އަޅުގަނޑު މި ފާހަގަކޮށްލީ، މި ނަމާއި މި ޕްރޮގްރާމަކީ، އަޅުގަނޑުމެން ދެ މީހުން ވަރަށް މަޖާކޮށް ހީނ އުޅުނު ކަމަކަށް ވާތީއެވެ. "ސަމަރޭ" ޕްރޮގްރާމްގެ ތެރެއަށް ދުރުވުމުން، ޕްރޮގްރާމްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔައެވެ. "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމަކީ، އައު ދުވަހަކަށް އެހުންތެރިޔާ ހޭލައްވާލަދިނުމުގެ މަޤްޞަދުގައި ތައްޔާރުކުރި ޕްރޮގްރާމެކެވެ. ރިވެތި ދިރިއުޅުމުގެ ތެރެއިން ކޮންމެހެން ކުރުން ބޭނުން އަދި ރަނގަޅު ގިނަ ކަންތައްތަކެއް ހަނދާންކޮށްދިނުމާއި، އެ ދުވަހުގެ މުހިންމު އެޕޮއިންޓްމެންޓްތައް، އަދި ބިލްތައް ދެއްކުން ފަދަ ކަންތައްތައް ހަނދާންކޮށް ދިނުމަކީ، ޕްރޮގްރާމް ބައްޓަންކޮށްފައި އޮންނަ ގޮތުން ހަމަ ކޮންމެ ދުވަހަކުވެސް ކުރާ ކަންތައްތަކެވެ. އަދި އޭގެ އިތުރުން، ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންތައްތަކަށް އަލިއަޅުވާލަމެވެ. މިސާލަކަށް، މަގުމައްޗަށް ފެންފައިބާ ގޮތަށް ހުންނަ ދިޔަދޮވިތައް ރަނގަޅު ކޮށްލެއްވުމާއި، ދޮށީ އުމުރުގެ މީހުނަށް އިޙުތިރާމު ކުރަން ހަނދާން އާކޮށްލަދެމެވެ.
ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުންނަށާއި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ލަވައާއި މަޖަލާއި ސަމާސާ އަދި މައުލޫމާތު، ހިމެނޭ ގޮތުން މިޕްރޮގްރާމް ގެނެސްދިނީ، ދިވެހި ސަޤާފަތުގެ ތަފާތު އަސަރުތަކާވެސް އެކުގައެވެ.
ޕްރޮގްރާމަކީ، ލައިވްކޮށް ގެންދާ ގޮތަށް ބައްޓަންކޮށްފައި އޮންނަ ޕްރޮގްރާމެއް ނަމަވެސް، އަޅުގަނޑުމެން ދެ މީހުންގެވެސް ވަގުތު ހުންނަ ގޮތުން، ކުރީރޭ އެ ޕްރޮގްރާމް ރެކޯޑްކުރަނީއެވެ.
މިޕްރޮގްރާމް އުފެއްދުމުގައި އަޅުގަނޑުމެން އެންމެ ބޮޑު އަހަންމިއްޔަތެއް ދިނީ، އެހުންތެރިޔާގެ ގާތް އެކުވެރިއެއްގެ ބައި، ޕްރޮގްރާމްގައި ގެނެވޭތޯ ބެލުމަށެވެ. ޕްރެޒެންޓަރުން ވާހަކަދައްކާ ރާގާއި އަޑުންނެވެ. ގެނެސްދޭ މަޢުލޫމާތު ތަކުންނެވެ. އަދި ހުށަހަޅައިދޭ ސަމާސާތަކުގެ ތެރެއިންވެސް މެއެވެ.
އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން ދެމުން ގެންދިޔައީ، ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ، އެކުވެރި ރައްޓެއްސެއްގެ ރާގާއި ބަހުރުވައިގެ ގޮތުގައި ގެންގުޅުމަށެވެ. ޙަޤީޤަތުގައި ރޭޑިއޯއަކީ، އެހުންތެރިޔާގެ ރަޙުމަތްތެރިއެކެވެ.
"ބާއްޖަވެރި ހެނދުނެއް" އެއީ އަޅުގަނޑާއި ސަމަރޭގެ ހަޔާތުގެވެސް ވަރަށް ގިނަ ކަންތައްތަކެއް ގުޅި ލާމެހިފައިވާ ޕްރޮގްރާމެކެވެ. ދެމީހުންގެ ފަރާތުން، ރައްޓެހިންނަށާއި އެކުވެރިންނަށް، ޢާންމުކޮށް ދިވެހި މުޖުތަމަޢުއަށް ޚިދުމަތްތަކެއް ކޮށްދެވޭތޯ އަޅުގަނޑުމެން ބެލީ، އެ ޕްރޮގްރާމް މެދުވެރިކޮށްގެންނެވެ. ޕްރޮގްރާމްގައި ދައްކާ ވާހަކަތަކުގެ ތެރެއިންނެވެ. ކުރާ ސަމާސާތަކުގެ ތެރެއިންނެވެ. ޙިއްސާކުރާ މަޢުލޫމާތުތަކުގެ އަލީގައެވެ. އަދި ޚާއްޞަކޮށް އަޅުގަނޑުމެން ގެންގުޅޭ ރާގާއި މިޒާޖުގެ ސަބަބުންނެވެ.
މިއަދުވެސް މި ޕްރޮގްރާމް "ބާއްޖަވެރި ހެނދުނެއް" ރޭޑިއޯއިން ކުރިއަށް އެބަގެންދަވައެވެ. މީހުނާއި މައުޟޫޢުއަށް ބަދަލު އައި ނަމަވެސް، މަޤްޞަދަކީ ހަމަ އެކައްޗެކެވެ. އެކަމަށްޓަކައި، އެޕްރޮގްރާމް އުފެއްދުމުގައި ފުރަތަމަ ހަރަކާތްތެރިވި މީހެއްގެ ޙައިސިއްޔަތުން އަޅުގަނޑު ދައުލަތުގެ ރޭޑިއޯ "ދިވެހިރާއްޖޭގެ އަޑަށް" ޝުކުރުވެރިވަމެވެ.
ރޭޑިއޯ ތަރައްޤީގެ މަގުން ހަލުވިކަމާއެކު ކުރިއަށް ދާންފެށުން
ރޭޑިއޯ ތަރައްޤީގެ މަގުން ހަލުވި ކަމާއެކު ކުރިއަށް ދާންފެށީ 1979 އާ ހިސާބުންނެވެ. ދާއިރާއިން ތަޢުލީމް ޙާޞިލްކޮށްގެން މީހުން އަންނަން ފެށުމާއެކު، އޭގެ އެދެވޭ އަސަރު ރޭޑިއޯގެ ޕްރޮގްރާމް ތަކުންނާއި، ސްޓޭޝަނަށް ގެނެވޭ ތަފާތު ބަދަލު ތަކުގެ ސަބަބުން އެނގެން ފެށިއެވެ.
ދުވަހަކަށްފަހު ދުވަހެއް މާޒީވަމުން ދިޔައެވެ. ރޭޑިއޯ މޯލްޑިވްސްގެ ނަމުގައި، ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަން 11 އަހަރުގެ ދިގު މުއްދަތެއްގައި ދިވެހިންނަށް ޚިދުމަތް ކުރަމުން ގެންދިޔައީ، ވަރަށް އިޚްލާޞްތެރިކަމާ އެކުގައެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއް ޙައްލުކުރުމުގެ އެއްކޮޅުގައި ރޭޑިއޯ މޯލްޑިވްސްގެ މުއައްޒަފުން ޙަރަކާތްތެރިވަމުން ދިޔައީ، ހިތާއި ރޫޙުންނެވެ.
ތިމާއަށް ލިބޭ އެއްޗަކަށްވުރެ، ތިމާގެ ފަރާތުން ދެވޭ އެއްޗެއްގެ އަގު، މާ މަތިވެރި ކަމުގައި ހިތުގެއަޑިން ގަބޫލުކޮށްގެނެވެ. ދިމާވި ކޮންމެ ދައްޗަކާ ކެއްތެރިކަމާއެކު ކުރިމަތިލަމުން ގެންދިޔައީ އުފަލުންނެވެ. ތިމާކުރާ ކަމެއް، އެކަމުގައި އޮންނަ އެންމެ ރަނގަޅަކަށް ކުރެވޭތޯ ބެލުން އެއީ ޢަޒުމެއް ކަމަށް ކަނޑައަޅައިގެންނެވެ. އެހެން އެކަންވުމުގެ އެންމެ ބޮޑު ސަބަބަކީ، އެދުވަސްވަރު، ރޭޑިއޯ މޯލްޑިވްސް އަށާއި އަދި އެ ތަނުގައި މަސައްކަތް ކުރަމުން ގެންދާ މީހުނަށް، ދިވެހިރައްޔިތުން ކުރައްވާ މަތިވެރި އިޙުތިރާމަކާއި، ދެއްވަމުން ގެންދެވި އިތުބާރެއްގެ ބޮޑުކަމުންނެވެ. އަދި ވެރިންނާއި މުއައްޒަފުންގެ ހުރި ގުޅުމުގެ ސަބަބުންނެވެ.
އަޅުގަނޑު ރޭޑިއޯ މޯލްޑިވްސްއަށް ފުރަތަމަ ވަންދުވަހުން ފެށިގެން، ދެގޮތެއްނުވެ އަޅުގަނޑުގެ އެކުވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅެއްގެ ނަން އަޅުގަނޑު މިވަގުތު ފާހަގަކޮށްލަން ވަރަށް ބޭނުމެވެ. އާދެ، އެ ދެބޭފުޅުންނަކީ، އަލްމަރުޙޫމް ޢ.ދ. އަޙުމަދު ފުޅާއި މާދޫގޭ އާދަމްމަނިކެވެ.

ޢ.ދ. އަޙުމަދު ފުޅަކީ އަޅުގަނޑު ރޭޑިއޯއާ ގުޅުނުއިރު އެތަނުގެ ސަރުދާރެވެ. އޭގެ އެތަކެއް އަހަރު ފަހުން، އަޅުގަނޑު ކޮންމެވެސް ކޯހެއްގައި ރާއްޖެއިން ބޭރުގައި ހުއްޓާ، އަޙުމަދުފުޅު ނިޔާވި ޚަބަރު ލިބުމުން، ވަރަށް ދެރަވިއެވެ. ޢަޙުމަދު ފުޅާއި އާދަމްމަނިކަކީ، ފަހުން ސަމަރޭ ރޭޑިއޯއާއި ގުޅިލެއްވި ހިސާބުން، ސަމަރޭގެވެސް އެންމެގާތް އެންމެ އިޚްލާޞްތެރި ދެބޭފުޅުންނެވެ. ސަރުދާރު ނިޔާވިއިރު އެންމެ ގާތުގައި ހުންނެވީ، ސަމަރޭއެވެ. ފަހުން އަޅުގަނޑަށް ޚަބަރު ލިބުނު ގޮތުގައި، ސަރުދާރު ނިޔާވީވެސް، ދިވެހިރާއްޖޭގެއަޑުގެ ވަރަށް ބުރަ މަސައްކަތެއްގެ މެދުތެރެއިންނެވެ.
ސަރުދާރު އ.ދ.އަހުމަދު ފުޅަކީ، އަޅުގަނޑާ ސަމަރޭގެ އިތުރުން ދިވެހިރާއްޖޭގެ އަޑުގައި އޭރު އުޅުނު ހަމަ ކޮންމެ މީހަކުވެސް، އިޙުތިރާމްކުރި، އަދި ލޯބިވި ދެ މުއައްޒަފުންނެވެ.

1979 ވަނަ ރަހަރު އެމް.އައި.ބީ.އެސް. ގެނަމަށް ރޭޑިއޯ ބަދަލުވުމަށްފަހު، ރޭޑިއޯ ހިންގަވަމުން ގެންދެވީ ވުޒާރަތުލް މާލިއްޔާގެ ދަށުން ކަމުގައިވިއަސް، ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ އުފެދި، އެ ޑިޕާރޓްމަންޓްގެ ދަށުށް ރޭޑިއޯ މޯލްޑިވްސް އާއި ޓެލެވިޒަން މޯލްޑިވްސް ހިންގަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޑިޕާޓްމަންޓްގެ ވެރިއެއްގެގެ ގޮތުގައި ހުންނެވީ، ކޮލި ޙަސަން އަޙުމަދު މަނިކެވެ. އަދި ޙަސަން އަޙުމަދު މަނިކު ވަކވެވަޑައިގަތުމުން، ދެން އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރަކަށް ހުންނެވީ މަޑުލު މުޙަންމަދު ވަޙީދެވެ.
ސާހިބުއްދައުލާ ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރުގެ ވެރިކަން ނިމި، އަލްއުސްތާޒު މައުމޫން ޢަބުދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިސްވެވަޑައިތުމުންވެސް، ރޭޑިއޯ އަކީ، މައުމޫންގެ ސަރުކާރުންވެސް، ގާތުން ބައްލަވަމުން، ލަފައާއި އިރުޝާދު ދެއްވަމުން ގެންނެވި ސްޓޭޝަނެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަކީ، ގިނަ މުއައްސަސާތަކުގެ ހިންގުމަށާއި މަސައްކަތަށްވެސް ބަދަލުތަކެއް އަންނަ ކަމެކެވެ. ރޭޑިއޯގެ ތަރައްޤީގެ މި ހިސާބުން، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަނަށް ބަދަލުތަކެއް ގެނެވި، ރޭޑިއޯ މޯލްޑިވްސް އާއި ޓެލެވިޒަން މޯލްޑިވްސް އަކީ، ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ދަށުގައި އޮންނަ ދެ މުއައްސަސާ ކަމުގައިވިއެވެ. އެއާއެކު، ރޭޑިއޯ ސްޓޭޝަންގެ އެތެރޭގެ އޮނިގަނޑަށް ހިސާބަކަށް ބަދަލުގެނެވުނެވެ. ރޭޑިއޯ މޯލްޑިވްސް ބައިކޮށްލެވުނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިޕާރޓްމަންޓާއި، ޕްރޮގްރާމިންގ ޑިޕާރޓްމަންޓާއި އަދި އިންޖިނިއަރިންގ ޑިޕާރޓްމަންޓެވެ.
ތިން ޑިޕާރޓްމަންޓްގެ ވެރިންގެ ގޮތުގައި ހަމަޖެހުނީ:
- ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން، އިބްރާހިމް މަނިކު، ސަމަރުބުލޫ
- ޑިރެކްޓަރ އިންޖިނިއަރިންގ، އަޙުމަދު މަނިކު، މައިޒާން
- ޑިރެކްޓަރ ޕްރޮގްރާމިންގ، ބަދުރުއްނަޞީރު

މަގާމުތަކަށް ބަދަލުތަކެއް އައިކަމުގައިވީ ނަމަވެސް، ސްޓޭޝަންގެ މަޤްޞަދަކަށް ބަދަލެއްނާދެއެވެ. މަސައްކަތް ހުރީ ހަމަ އެއްގޮތަކަށެވެ. ރޭޑިއޯ ސްޓޭޝަނެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެހުންތެރިންނަށް ރޭޑިއޯ މެދުވެރިކޮށް މައިގަނޑު ތިން ކަމެއް ކޮށްދިނުމެވެ.
އެއީ:
- ކިޔަވައިދިނުން
- ހޭލުންތެރި ކުރުވުން
- މުނިފޫހި ފިލުވައިދިނުން. މި ތިން ކަންތަކެވެ.
މިއިން ކޮންމެ ކަމަކީވެސް، އެތަކެއް ބައިތަކެއްގެ މައްޗަށް ބެހިގެންދާ ކަންތައްތައް ކަމަށްވާތީ، މިއިން ކޮންމެ ކަމަކާ ގުޅިގެންވެސް، އެކަށީގެންވާ ޕްރޮގްރާމް ތަކެއް ގެނެސްދިނުން އެއީ އަޅުގަނޑުމެންގެ އެންމެ އިސް މަޤުޞަދު ކަމަށްވާތީ، ދެންނެވުނު ތިން ޑިޕާރޓްމެންޓްގެ ތެރެއިން މައިގަނޑު ޑިޕާރޓްމެންޓެއްގެ ގޮތުގައި އޭރުއްސުރެ ބެލެމުންއައީ، ޕްރޮގްރާމް ޑިޕާރޓްމެންޓެވެ. އަނެއް ދެ ޑިޕާރޓްމެންޓަކީ، ޕްރޮގްރާމް ޑިޕާރޓްމެންޓަށް ސަޕޯރޓްދޭ، ދެ ޑިޕާރޓްމަންޓް ގޮތުގައި ޙަރަކާތްތެރި ވާންޖެހޭ ދެ ޑިޕާރޓްމެންޓެވެ.
ޕްރޮގްރާމްތަކަށް ތަފާތު ބަދަލާއި އިޞްލާހު ގެނެވެމުން، އާ ޕްރޮގްރާމްތައް އުފެއްދެމުން ދިޔައީ، އެހުންތެރިންގެ ފާޑުކިޔުންތަކަށާއި ލަފާތައް އަޑުއަހަމުންނެވެ.

ރޭޑިއޯގެ އަހަރީ ދުވަސް ފާހަގަކުރުން
ރޭޑިއޯގެ ކޮންމެ އަހަރީ ދުވަހަކީ ވަރަށް ކުލަގަދަކޮށް އަޅުގަނޑުމެން ފާހަގަކުރާ މުނާސަބާއެކެވެ. ހުރިހާ މުއައްޒަފުންނަށްވެސް އަންނަ އުފާވެރި ޢީދެކެވެ. ޚާއްޞަކޮށް އެނައުނަސަރުން ވަރަށް ބުރަކޮށް އެދުވަހަށްޓަކައި މަސައްކަތްކޮށް ނިމިގެން، އުފަލާއި ފަޚުރުވެރިކަމާއެކު ބައްދަލުކުރާ މުނާސަބާއެކެވެ. ދިވެހިރާއްޖޭގެއަޑުގެ ޢިމާރާތް ކުލަބޮކިން ދިއްލާ މުޅި ޢިމާރާތުގެ ކުލަވެސް އާކޮށްލާ ދުވަހެކެވެ.

މި މުނާސަބާ އިތުރަށް ފުރިހަމަގެންދިޔައީ، އެނައުންސަރުން ގުޅިގެން އެއްކުލައިން ހެދުންލުމުގެ ޚިޔާލު ތަކެއް އުފަންވީ ހިސާބުންނެވެ. މިކަމުގައި އެންމެ އިސް ސަފުގައި ހުންނެވީ ސަމަރޭއެވެ. އަދި މަރުޙޫމާ ޒާހިދާ، މިންނާ، ނަޖުމާވެސް މިކަމުގައި ވަރަށް އެއްބާރުލުން ދިނެވެ.

ސިސްޓަމެޓިކް އުޞޫލްތަކެއްގެ މަތިން ޕްރޮގްރާމްތައް އުފައްދަން ފެށުން
ދުވަހެއް ދުވަހަކަށް ރާއްޖޭގެ ރޭޑިއޯ ތަފާތު މަރުޙަލާތަކުގައި ދިޔައީ ކުރިއަށެވެ. ރޭޑިއޯ ސްޓޭޝަން ބައިތަކަކަށް ބަހައިލެވި، ސިސްޓަމެޓިކް އުޞޫލް ތަކެއްގެ މަތިން ޕްރޮގްރާމްތައް އުފައްދަން ފެށުނެވެ. ވަރަށް ކުރީއްސުރެ ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޔަތުގައި ބްރޯޑްކާސްޓް ކުރަމުން ގެންދެވުނު ކްރިސްޓިއަން ދީނުގެ ހުރިހާ ޕްރޮގްރާމް ތަކެއް ހުއްޓައިލުމަށް، އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމް ހަމަޖެއްސެވިއެވެ. އެ ޕްރޮގްރާމްތައް ހުއްޓައިލުމަކުން ދިވެހިންނަށް، ފޮނުވަމުންގެންދާ އެއްވެސް ޕްރޮގްރާމަކަށްވެސް އަދި ގަޑިއަކަށްވެސް، އެއްވެސް ބަދަލެއް ނާދެއެވެ. އެ ޕްރޮގްރާމްތައް ފޮނުވަމުން ގެންދަނީ، ކުރިން ދަންނަވާލެވުނު ފަދައިން ޝޯރޓްވޭވް މީޓަރަކުން ކަމަށްވާތީއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވި ނިންމެވުމަކީ، މުސްލިމް ޤައުމެއްގެ ބްރޯޑްކާސްޓިންގ ސްޓޭޝަނަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދެކިވަޑައިގަންނަވައިގެން، ނިންމެވި ނިންމެވުމެއް ކަމަށް އަޅުގަނޑުމެން އެންމެންވެސް ޤަބޫލު ކުރަމެވެ.

އަސާސީ ތަޢުލީމުގެ މަޝްރޫޢު
ދިވެހިރާއްޖޭގެ ތާރީޚްގައި އަދި ރޭޑިއޯ މޯލްޑިވްސްގެ ތާރީޚްގައިވެސް، އެ ދުވަސްވަރާ ބަލާފަ އެންމެ ކުލަގަދަކޮށް އަދި އެންމެ ކާމިޔާބުކަމާއެކު ހިންގުނު އެންމެ ބޮޑު އެއް މަޝްރޫޢަކީ، 1980 ވަނައަހަރުގެ ޖެނުއަރީން ފުރަތަމަ ދުވަހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބުދުލްޤައްޔޫމު ޢިއުލާން ކުރެއްވި، "އަސާސީ ތަޢުލީމުގެ މަޝްރޫޢު"އެވެ. އާދެ އެ ޕްރޮގްރާމަކީ، މުޅި ދިވެހިރާއްޖެއިން، ލިޔަންކިޔަން ނުދަތުން އެއްކޮށް ފޮހެލެއްވުމަށް ޓަކައި، ހަ އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅުއްވައިގެން ފެއްޓެވި މަޝްރޫޢެކެވެ.
މި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ވަރަށް ދުރާލާ، ރޭޑިއޯ މޯލްޑިވްސް ދިޔައީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. މި ބޮޑު ޕްރޮޖެކްޓަށް ދިވެހި މުޖުތަމަޢު އަހުލުވެރި ކުރުވާ، ހޭލުންތެރި ކުރުވުމާއި، ޕްރޮޖެކްޓަށް އެހީތެރިން ހޯދުމަށް އިޝްތިހާރު ކުރުމާއި، ކްލާސްތަކަށް ބަރާބަރަށް ޙާޒިރުވުމަށް ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ތަފާތު ޕްރޮޕަގެންޑާ ހިންގުމުގައެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން ގެންދިޔައީ، އަތާއިއަތް ގުޅަލައިގެން މަސައްކަތް ކުރަމުންނެވެ.
މިކަހަލަ ބިޔަ ވަރުގަދަ ޕްރޮޖެކްޓެއް މުޅި ރާއްޖެއަށް ހިންގާއިރު، މީޑިއާގެ މުހިންމުކަން، ވަރަށް ފުރިހަމައަށް އެނގިވަޑައިގެން ހުންނަވައިގެން، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ އުސްތާޒު މުހަންމަދު ޒާހިރު ޙުސޭން، މަސައްކަތް ކުރައްވަމުން ގެންދެވީ، ޕްރޮޖެކްޓްގެ ހުރިހާ ހިސާބެއްގައިވެސް ރޭޑިއޯ މޯލްޑިވްސްއާ ގާތްގުޅުމެއް ބާއްވައިގެން، ޕްރޮޖެކްޓްގައި އެންމެ ގާތް ބައިވެރިއަކީ، ރޭޑިއޯ ކަމަށް ދެކިވަޑައިގެންނެވެ.

ރޭޑިއޯގައި މަސައްކަތްކުރާ މުއައްޒަފުންނާއި، އަދި ބޭރުން ގެނެވޭ ތަފާތު ފަންނުގެ ބޭފުޅުންގެ އެހީތެރިކަމާއެކު، ރެއެއް ދުވާލެއް، އަތްވަކަށް ވާރެއަކަށް ބެލުމެއްނެތި މަސައްކަތްކުރަމުން ގެންދިޔައީ، ސަރުކާރުގެ މި އަމާޒަށް ވާޞިލްވުމަށެވެ. އަސާސީ ތައުލީމުގެ މި ޕްރޮޖެކްޓަކީ، ހަމަ ކޮންމެ ދިވެއްސަކަށްވެސް، ފަރުދީ ފޯރުންތެރިކަމެއް ހޯދައިދިނުމުގެ ވަރުގަދަ އުންމީދާއި މަތިވެރި މަޤުޞަދު ގައި ހިންގުނު މަޝްރޫޢެކެވެ.
އަޅުގަނޑުމެން ރޭޑިއޯގެ ވެރިންނާއި ޕްރޮޑިއުސަރުންނާއި އެނައުންސަރުން މަސައްކަތް ކުރަމުން ގެންދިޔައީ، ތަޢުލީމުގެ މުހިންމުކަމާއި، ތަޢުލީމު ހާސިލްކޮށްގެން މެނުވީ، އަމިއްލަ ފޯރުންތެރިކަމާއި، ފަރުދީ މިނިވަންކަން ޙާޞިލް ނުކުރެވޭނެކަން، ރައްޔިތުންނަށް، ތަފާތު ގޮތްގޮތުން ބުނެދީ، އަސާސީ ތަޢުލީމުގެ މަޝްރޫޢު މުޅިރާއްޖޭގައި އިޝްތިހާރު ކުރަމުންނެވެ.
އެ ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގެ ޕްރޮގްރާމް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އިސް މީހެއްގެ ހައިސިއްޔަތުން، ރޭޑިއޯގެ ފަރާތުން ޝުކުރު ދަންނަވަންޖެހޭ ޚާއްޞަ ދެބޭފުޅަކު އަޅުގަނޑުގެ ހަނދާނުގައި މިހާރުވެސް އެބަވެއެވެ. އެ ދެބޭފުޅުންނަކީ، އަސާސީ ތަޢުލީމުގެ މަޝްރޫގައިވެސް، ރޭޑިއޯ މޯލްޑިވްސްއިން ދެމުންދިޔަ އެއްބާރުލުމުގެ ތެރެއިން ފޮނުވަމުން ގެންދިޔަ ލަވަތައް ހައްދަވައިދެއްވި، އަލްމަރުޙޫމް ޔޫސުފު މުޙަންމަދުފުޅު (އެދުރުބޭ) އާއި، އެ ލަވަތައް އެހާ ފަށުވިކޮށް ކިޔުއްވައިދެއްވި މަޝްހޫރު ލަވަކިޔުންތެރިޔާ އަލްމަރުޙޫމް ޢަބުދުﷲ ޙަސަން (ހޮޅުދޫ ޢަބުދުﷲ) އެވެ.
ޢަބުދުﷲ އާއި އެދުރުބޭ، ރާއްޖޭގެ ރޭޑިއޯއަށް ޚިދުމަތް ކޮށްދެއްވާފައިވަނީ ހަމައެކަނި އަސާސީ ތަޢުލީމުގެ ހަރަކާތްތަކުގެ ތެރެއަކު ނޫނެވެ. ޢަބުދުﷲ އަބަދުހެން އުޅުއްވާނީވެސް ރޭޑިއޯގެ ސްޓޫޑިއޯގެ ތެރޭގައި އަޅުގަނޑުމެނާ އެކުގައެވެ. ހޮޅުދޫ ޢަބުދުﷲ އަކީ، ސަމާސާ މިޒާޖެއްގެ ސާދާ ބޭފުޅެއް ކަމުން، އަޅުގަނޑާއި އިބުރާހިމް މަނިކުގެ ވަރަށް ގާތުން ޢަބުދުﷲ މަސައްކަތް ކުރެއްވިއެވެ. ވަރަށް ގިނަގިނައިން ސަމާސާ ކުރައްވާނެއެވެ. އެއާ ޚިލާފަށް އެދުރުބޭ ސްޓޫޑިއޯއަށް ދުރުވާނީ ރޭގަނޑުއެވެ. ދުރުވާގޮތަށް، ބައެއް ރޭރޭ ރެކޯރޑިންގ ނިމެންދެންވެސް ސްޓޫޑިއޯގައި އިންނަވާނެއެވެ. އެދުރުބޭގެ މަޑުމައިތިރި މިޒާޖުގެ ސަބަބުން، ޢަބުދުﷲ އާ ކުރަމުންދާ ސަމާސާ ތަކުގައި މާބޮޑަށް ބައިވެރިވެއެއް ނުލައްވާނެއެވެ.
އެދުރުބޭގެ ލަވަހެއްދެވުންމީ ހަމަ އަޖައިބެއް ކަހަލަ ކަމެކެވެ. އަޅުގަނޑުމެން ރާގެއް ހޮވާފައި އެދުރުބެއަށް އިއްވާލަންޖެހޭނީ ދެތިން ފަހަރަކުއެވެ. ކަރުދާސްގަނޑަކާ ގަލަން ހިއްޕަވައިގެން، ސްޓޫޑިއޯގެ ގޯތިތެރޭގައި (އެދުވަސްވަރު ސްޓޫޑިއޯ ހުންނާނީ ފަރީދީ ސިނަމާގައެވެ.) ހިންގަވާލައްވަން ފައްޓަވަފާނެއެވެ. ބައެއް ފަހަރު ޢަބުދުﷲ އަށް ގޮވާލައްވާނެއެވެ. އެއީ، ރާގު އަދި ކުޑަކޮށް އައްސަވާލައްވާށެވެ. ލަވަ ހައްދަވާއިރު އަބަދުވެސް ހުންނަވާނީ، ސިނގިރޭޓެއް ރޯކޮށްލައްވައިގެންނެވެ. ގޯތިތެރޭގައި ވަށައި ބުރެއް ޖައއްސަވާ ނިމޭއިރު، ހުންނާނީ ލަވަހައްދަވާނިމިފައެވެ.

އަޅުގަނޑު ޚާއްޞަ ގޮތެއްގައި މި ދެބޭފުޅުން މި ފާހަގަކުރީ، އެ ބޭފުޅުންގެ މަސައްކަތް "ލޮލުން ދެކި އަތުން ހިފާފައި" ހުރި މީހަކަށް ވާތީއެވެ. އެބޭފުޅުން މަސައްކަތް ކުރައްވާކަށް ވަކިވަގުތެއް، ވަކިތަނެއް ނޯވެއެވެ. ހަމަ ކަމެއް ޖެހިގެން ދެންނެވުމާއެކު އެބޭފުޅުން ތިއްބަވާނީ ތައްޔާރަށެވެ. އެ ދެބޭފުޅުންގެ ފުރާނަފުޅަށް މާތް ﷲގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
އަޅުގަނޑުމެން ރޭޑިއޯގެ ޓީމްތައް، މި މަޝްރޫޢުގެ ތެރޭގައިވެސް، އަތޮޅުތެރޭގައި ވަރަށް ބުރަކޮށް ޙަރަކާތްތެރިވެ އުޅުނީމެވެ.
(ނުނިމޭ)
–
އެޑިޓަރުގެ ނޯޓު:
މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.
"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.
ޝުކުރިއްޔާ!
އެހެނިހެން ލިއުންތައް:
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 1
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 2
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 3
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 4
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 5
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 6
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7
- ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 8



advertisment
One Response
ގިތެޔޮގުޅި ލިންކެއް ލިބެދާނެތާ ބަދުރާ؟