މި ދިޔަ އަހަރު ޖޫން 12 ގައި އެއާ އިންޑިއާ ފްލައިޓް ވެއްޓުމުގެ ހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ދެ ޕައިލެޓުންގެ އާއިލާތަކުން އެދެފިއެވެ.
ޕައިލެޓުން ތަމްސީލުކުރާ ގްރޫޕްތަކާއި އާއިލާތަކުން ބުނީ ފްލައިޓް ވެއްޓުނީ ޕައިލެޓުންގެ ކުށުގެ ސަބަބުން ކަމަށް ތުހުމަތުކުރުމަކީ އެ ޕައިލެޓުންގެ އަގު ވެއްޓޭނެ ކަމެއް ކަމަށެވެ.
ކެޕްޓަން ސުމީތު ސަބްހަރްވަލްގެ ބައްޕަ ޕުޝްކަރް ރާޖް ސަބްހަރްވަލް މިހާރު ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
"އެއްވެސް އަސާސެއް ނެތް ޝަރީއަތެއް އަހަރެންގެ ދަރިފުޅާ ދެކޮޅަށް މީޑިއާއިން ދަނީ ކުރަމުން،" އޭނާ ބުންޏެވެ.
ބޮއިންގް 787 މަރުކާގެ މަތިންދާބޯޓު ވެއްޓުމުގައި ކެޕްޓަން ސުމީތުގެ އިތުރުން ފަސްޓް އޮފިސަރު ކްލައިވް ކަންޑާގެ ބޮލުގައި ވެސް މީޑިއާއިން ދަނީ އިލްޒާމް އަޅުވަމުންނެވެ.
ސަރުކާރުން ބުނީ ރަސްމީ ގޮތުން ހިންގަމުންދާ ތަހުގީގަކީ އިންސާފުވެރި ތަހުގީގެއް ކަމަށާއި އެދެނީ ތަހުގީގުގެ އާހިރު ރިޕޯޓް ނެރެންދެން އެންމެން ވެސް މަޑުކޮށްލަދިނުމަށް ކަމަށެވެ.
ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކުން އެއާ އިންޑިއާ އާއި ބޮއިންގް ކުންފުންޏާ ދެކޮޅަށް ދުވަހަކު ވެސް ދައުވާ ނުކުރުމަށް މި މަހު ފައިސާ ހުށަހެޅިއެވެ. އެ ކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނީ އެއީ ތަހުގީގު ނުނިމެނީސް އާއިލާތަކަށް ލިބިފައިވާ ހުރިހާ ގާނޫނީ ހައްގުތަކެއް ދޫކޮށްލަން އެއާ އިންޑިއާ އާއި ބޮއިންގުން އެދެނީ ކަމަށެވެ.
އިނގިރޭސި ވިލާތަށް ދާން އިންޑިއާގެ އަހްމަދުއާބާދުން ނައްޓައިލިތަނާ ކުޑަކޮށް މައްޗަށް އަރައިފައި އިރުކޮޅަކުން ސިއްހީ ތަމްރީން ދޭ ކޮލެޖަކަށް ފްލައިޓް ވެއްޓުނު ހާދިސާގައި ފްލައިޓުން ސަލާމަތްވީ އެންމެ މީހެކެވެ. ބާކީ 241 މީހުންނާއި ބިންމަތިން 19 މީހުން ވަނީ މަރުވެފައެވެ. ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ ވިޝްވަޝް ކުމާރު ރަމޭޝް ސަލާމަތްވުމަކީ މުއުޖިޒާތެއް ގޮތަށް ވައިގެ ދަތުރުފަތުރާ ބެހޭ މާހިރުން ސިފަކުރެއެވެ.



advertisment