Support Us

އެއާ އިންޑިއާ ފްލައިޓް ވެއްޓުން: ނައްޓައިލިތަނާ ތެޔޮ ހޮޅި ބަންދު ކުރެވުނީ ކޮން ޕައިލެޓަކަށް؟

މުއުޖިޒާތެއް ފަދައިން އެންމެ މީހަކު ސަލާމަތްވި މި ދިޔަ މަހުގެ އެއާ އިންޑިއާ ފްލައިޓް ވެއްޓުނު ހާދިސާގައި، ފްލައިޓް ނައްޓައިލިތަނާހެން، ކޮންމެވެސް އެއް ޕައިލެޓަކަށް ތެޔޮ އަޅާ ހޮޅީގެ ސްވިޗް ނިންވައިލެވުނުކަން ހާމަވެއްޖެއެވެ.

މި ދިޔަ މަހު 12 ވަނަ ދުވަހު އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދާން އެއާޕޯޓުން ނައްޓައިލިތަނާހެން، ބޮއިންގް 787-8 ޑްރީމްލައިނާ މަރުކާގެ މަތިންދާބޯޓު މައްޗަށް އެރި ގޮތަށް އަލުން ތިރިވެ، ޖެހިގެން އޮތް މީހުން ދިރިއުޅޭ ސަރަހައްދަކަށް ހިނދުކޮޅެއްގެ ތެރޭގައި ވެއްޓުނީ މަތިންދާބޯޓުގައި ތެޔޮ ހިންގާ ހޮޅީގެ ސްވިޗް "އޮފް"ކޮށްލެވިފައިވާތީ ކަމަށް، އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އެކްސިޑެންޓްތައް ތަހުގީގުކުރާ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭ.އޭ.އައި.ބީ)ގެ "ޕްރިލިމިނަރީ ފައިންޑިންގްސް" ނުވަތަ "ފުރަތަމަ ހޯދުންތަ"ކުން އެނގިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެއާ އިންޑިއާ ފްލައިޓް ވެއްޓުމުން، އެކަކު ފިޔަވާ އޭގައި ތިބި 241 މީހުން މަރުވިއެވެ. އަދި ޑޮކްޓަރުން ތަމްރީންކުރާ މެޑިކަލް ކޮލެޖެއްގެ މައްޗަށް މަތިންދާބޯޓު ވެއްޓުނީ މެންދުރު ކާން ކިޔަވާކުދިން އެ ތާނގައި ތިއްބާ ކަމަށް ވާތީ ބިންމަތިން 19 މީހުން މަރުވިއެވެ.

އޭ.އޭ.އައި.ބީއިން ބުނީ ފްލައިޓްގެ ދެ "ކަޅު ފޮށި" ކަމަށްވާ، ޕައިލެޓުން ތިބޭ ކޮކްޕިޓްގައި ވާހަކަ ދައްކާ އަޑާއި ފްލައިޓްގެ އެހެނިހެން ޑޭޓާ ނުވަތަ މައުލޫމާތު ރެކޯޑުކުރާ މި ދެ އާލާތުން އެނގުނީ ދެ ޕައިލެޓުން އެކަކު އަނެކަކާ، ތެޔޮ އަޅާ ސްވިޗް ނިއްވައިލެވިފައިވަނީ ކީއްވެ ކަމާމެދު ސުވާލު ބަދަލުކުރަމުން ދިޔަ އަޑު ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

"އެއް ޕައިލެޓު އެހީ ތެޔޮ ބަންދުކޮށްފައިވަނީ ކީއްވެހޭ. އަނެއް ޕައިލެޓު ބުނީ އޭނާ ތެޔޮ ސްވިޗާ ނުކުޅެމޭ،" އޭ.އޭ.އައި.ބީއިން ބުންޏެވެ.

އެ އިދާރާގެ ރިޕޯޓުގައި ބުނީ، ފްލައިޓް ނައްޓައިލިތާ ސިކުންތުކޮޅެއްގެ ތެރޭގައި، ދެ އިންޖީނަށް ވެސް ތެޔޮ ފޮނުވާ ސްވިޗް ވަނީ "ރަން" ގައި ހުރެފައި "ކަޓްއޮފް"އަށް "ޝިފްޓް"ވެފައި ނުވަތަ "ބަދަލުވެފައި" ކަމަށެވެ.

"މި ކަމުގެ ސަބަބުން ތެޔޮ ދައުރު ކުރުން ހުއްޓުނު. އަދި ހަމަ ކުއްލިއަކަށް މަތިންދާބޯޓުގެ ދުވެއްޔަށް ހުއްޓުން އެރި،" އެ ރިޕޯޓްގައި ބުންޏެވެ.

"އޭގެ ފަހުން ސްވިޗްތައް އަލުން އަނބުރާ 'ރަން’ގެ މަގާމަށް ބަދަލުވި. އެ ކަމުގެ ސަބަބުން އެއް އިންޖީން އަލުން ހިނގައިގަތް ކަމަށް ބެލެވޭ. ނަމަވެސް އެއިރު މަތިންދާބޯޓު ހުރީ އަލުން މައްޗަށް އެރޭނެ ވަރަށް ވުރެ ތިރީގައި،" އެ ރިޕޯޓްގައި ބުންޏެވެ.

ތެލުގެ "ކޮލިޓީ" ނުވަތަ ފެންވަރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެފައިވާއިރު ރިޕޯޓަށް ހެކި ދިން ތަޖުރިބާކާރުން އާރުލާ ބުނީ މަތިންދާބޯޓުގެ "ފަރުމާގައި ތަޅުއެޅުވޭ ނިޒާމު" ނުވަތަ "އިން-ބިލްޓް ލޮކިން ސިސްޓަމް" ހުންނާތީ އެ ސްވިޗް އޭގެ ޒާތުގައި އަމިއްލައަށް "އެކްސިޑެންޓަ"ކުން ހަރަކާތް ނުކުރާނެ ކަމަށެވެ.

އޭ.އޭ.އައި.ބީއިން މިހާރު ތަހުގީގު ކުރަމުން އަންނަނީ ފްލައިޓް ވެއްޓުނީ "ހިއުމަން އެރާ" (އިންސާނުންނަށް ގޯސް ހެދިގެން)، "ޓެކްނިކަލް މެލްފަންކްޝަން" (ފަންނީ މައްސަލައެއް ޖެހިގެން) ނުވަތަ "ޑިރެކްޓް އެކްޝަން އެޓް ޕްލޭ" (ގަސްދުގައި މީހަކު ނުވަތަ ބަޔަކު ކުރި ކަމެއް)ތޯއެވެ.

"ފުރިހަމަ ރިޕޯޓު ނެރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު،" އެ އިދާރާއިން ބުންޏެވެ.

އޭ.އޭ.އައި.ބީގެ ރިޕޯޓް، އިންޑިއާއާ ގުޅިގެން، އިނގިރޭސި ވިލާތާއި އެމެރިކާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ވެސް މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *