އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު އިންޑިއާގެ އަހްމަދުއާބާދުން ނައްޓައިލި އެއާ އިންޑިއާގެ ފްލައިޓް 171، ސަރުދާރު ވައްލައްބައި ޕާޓިލް ބައިނަލްއަގުވާމީ އެއާޕޯޓު ކައިރީގައި އޮންނަ އެ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނެވެ.
މި ހާދިސާގައި، ބޮއިންގް 787-8 މަރުކާގެ ޑްރީމްލައިނާ މަތިންދާބޯޓުގައި ތިބި 242 މީހުންގެ ތެރެއިން ސަލާމަތްވީ ހަމައެކަނި، އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ވިލާތުގެ ފަސިންޖަރެކެވެ.
އޭނާ ސަލާމަތްވީ ކީއްވެ ކަމާމެދު އެތައް ބައެއްގެ ހިތުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ސަބަބަކީ ވައިގެ ދަތުރުފަތުރާ ބެހޭ މާހިރުން ބުނަނީ ތެޔޮ އަޅައި ފުރައިފައިވާ މަތިންދާބޯޓެއް، އުމްރާނީ ސަރަހައްދަކަށް ވެއްޓިއްޖެއްޔާ އޭގެން އެއްވެސް މީހަކު ސަލާމަތްވުމަކީ "ގާތްގަނޑަކަށް ނާދިރު ކަމެއް" ކަމަށެވެ. ނަމަވެސް އުމުރުން 40 އަހަރުގެ، އަންބަކާއި އަންހެން ދަރިއެއް ހުންނަ، ވިޔަފާރިވެރިއެއް ކަމަށްވާ ވިޝްވަޝް ކުމާރު ރަމޭޝް ވަނީ ސުންނާފަތިވެފައިވާ މަތިންދާބޯޓުގެ ތެރެއިން ހުސްފަޔާ ނުކުމެފައެވެ. ލެއިން ތަތްތެޅި، އަނބުރައިގަންފައިވާ ހާލުގައެވެ.

މަތިންދާބޯޓުން ނުކުމެވުނު ގޮތެއް އެންމެ ފުރަތަމަ ނޭނގޭ
އޭނާގެ ބޭބެ ނަޔަން، ސްކައި ނިއުސްއަށް ބުނީ ފްލައިޓް ވެއްޓުނުތާ ކުޑަ ހިނދުކޮޅެއް ފަހުން ދެބެއިންގެ ބައްޕައަށް ވީޑިއޯ ކޯލެއް ކޮށްފައި ވިޝްވަޝް ބުނި ކަމަށެވެ: "އަހަރެން މި ދިރިހުރީ ކިހިނެތްވެގެން ކަމެއް ނޭނގޭ."
އެއާ އިންޑިއާ ފްލައިޓް 171 ވެއްޓުމުގައި އަނެއް ހުރިހާ 241 މީހުން މަރުވި އިރު، އަހްމަދުއާބާދުގެ ދުމުން ފުރިފައިވާ ޝާހިބައުގް އަވަށުގައި ވިޝްވަޝް ހިނގަމުން ދިޔައީ ވެއްޓެމުން ވެއްޓެމުން ކަހަލަ ގޮތަކަށެވެ. މުށި ކުލައިގެ ފަޓޫލުނަކާއި ލެއިން ފޯވެފައިވާ ހުދު ގަމީހެއްގައެވެ. އަދި ބޯޑިން ޕާސް ވެސް ހިފައިގެންނެވެ. ވާހަކަ ދެއްކެނީ ވެސް ކިރިޔަ ކިރިޔާއެވެ.
ބޮޑު އަލިފާން ގުޅައަކަށް މަތިންދާބޯޓު ބަދަލުވި މި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި ވިޝްވަޝް އިށީނދެގެން އިނީ ސީޓު ނަމްބަރު 11-އޭ ގައެވެ. އެއީ މަތިންދާބޯޓުގެ ކުރީކޮޅާ ކައިރީގައެވެ. މަތިންދާބޯޓުގެ ކުރީކޮޅު ވަނީ އުޅަނދުގެ ފަހަތު ފަޅިއާ އެއްކޮށް ވަކިވެފައެވެ. އަދި ފަހަތްކޮޅު ވަނީ، އެ މަތިންދާބޯޓު އިމާރާތެއްގެ މަތީކޮޅުގެ ތެރެއަށް ވަދެ ތާށިވުމުން، އެއްކޮށް ކަހަލަ ގޮތަކަށް އަނދައިގެން ގޮސްފައެވެ.

މަތިންދާބޯޓުގައި ކޮންމެވެސް ކަމެއް ގޯސްކަން ރޭކާލި ކަމަށް، ހޮސްޕިޓަލަށް ގެންދެވުމަށް ފަހުން ވިޝްވަޝް ހަނދާންވިއެވެ.
"ނައްޓައިލިތާ 30 ސިކުންތަށް ފަހު، ބޮޑު އަޑުފައްގަނޑެއް އިވުނު. ދެން މަތިންދާބޯޓު ވެއްޓުނީ. ހުރިހާ ކަމެއް ވެސް ހިނގީ އެހާ އަވަހަށް،" ވިޝްވަޝް ބުނި ކަމަށް އިނގިރޭސި ވިލާތުގެ ދަ ޓެލެގްރާފް ނޫހުން ރިޕޯޓުކުރިއެވެ.
އޭނާއާއެކު ފްލައިޓްގައި އިނގިރޭސި ވިލާތުގެ 53 ރައްޔިތުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާގައި "ޖާދުލެއް ކަހަލަ ޗުއްޓީއެއް" ހޭދަކުރެވުނު ކަމަށް ބުނެ ސޯޝަލް މީޑިއާއަށް ފޮޓޯ ލީ ޖޯޑަކާއި އިންޑިއާގެ ގުޖަރާތު ސްޓޭޓްގައި ތިބޭ ތިމާގެ މީހުންނަށް ޒިޔާރަތްކޮށްފައި އެނބުރި އިނގިރޭސި ވިލާތަށް ކުޑަކުދިންނާއެކު އެނބުރި ދަތުރުކުރި އާއިލާތައް ހިމެނެއެވެ. އެ ގޮތުން، ބަލިވެ އުޅޭ މާމަ ދެކިލަން މައިންބަފައިންނާއި އުމުރުން ތިން އަހަރުގެ ބޭބެއާއެކު އިންޑިއާއަށް ދަތުރުކުރި، އިނގިރޭސި ވިލާތުގެ ވެމްބްލީއަށް އުފަން އުމުރުން އެއް އަހަރުގެ އަންހެންކުއްޖަކީ މި ފްލައިޓް ވެއްޓުމުގައި މަރުވި އެންމެ ހަގު ކުއްޖާއެވެ.
މިއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި މަތިންދާބޯޓު ވެއްޓުމެއްގައި އެންމެ ގިނަ އަދަދަކަށް އިނގިރޭސި ރައްޔިތުން މަރުވި ހާދިސާއެވެ. އޭގެ ކުރިން ގްރީސްގެ ކޯފޫ ޖަޒީރާއަށް ދިޔުމަށް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ އެއާޕޯޓުން ނައްޓައިލިތަނާހެން ބްރިޓިޝް އެއާޓުއާސް ފްލައިޓެއްގައި އަލިފާން ހިފައި 55 މީހުން މަރުވިއެވެ.

ހޮސްޕިޓަލުގައި އޮވެ ވިޝްވަޝް ކިޔައިދިނެވެ: "އަހަރެން ހަނދާންވޭ ފައިމައްޗަށް ކޮޅަށް ތެދުވުނުކަން. އެއީ ކުރުގެޅިފައިވާ މަތިންދާބޯޓުގެ ކުރީކޮޅުގެ ތެރޭގައި. އަހަރެންނަށް ހުރެވުނީ މަގުމައްޗަށް ވެއްޓިފައިވާ މަތިންދާބޯޓުގެ ކުރީކޮޅުގައި. އަހަރެންނަށް ކޮޅަށް ތެދުވެވުނުއިރު އަހަރެންގެ މުޅިން ވަށައިގެން ވަނީ މީހުންގެ ހަށިތައް. އަހަރެން ހުރީ ބިރުގަންފައި. އަހަރެން ކޮޅަށް ތެދުވިން އަދި ދުއްވައިގަތިން. އަހަރެންގެ ވަށައިގެން މަތިންދާބޯޓުގެ އެތިއެތިކޮޅު އޮތް. ކޮންމެވެސް މީހަކު އަހަރެންގެ ގައިގައި ހިފައި ދަމައިގަނެ، އެމްބިއުލެންސަކަށް އަރުވައިފައި، ހޮސްޕިޓަލަށް ގެނައީ."
އޭނާއާއެކު އޭނާގެ އުމުރުން 35 އަހަރުގެ ފިރިހެން ކޮއްކޮ އަޖޭ ވެސް ދަތުރުކުރިއެވެ. އެ ދެބައިން ވަނީ ގުޖަރާތުގެ ދިއު ނަމަކަށް ކިޔާ ވިލެޖެއްގައި އުޅޭ އެ މީހުންގެ އާއިލާއާއެކު ވެސް ކުޑަ ދުވަސްކޮޅެއް ހޭދަކޮށްފައެވެ.
ހޮސްޕިޓަލަށް ގެނެވުނުއިރު ހުރީ އަލިފާންގަނޑެއްގެ ތެރެއިން ނުކުތް މީހެއްގެ ސިފައިގައި
ސިއްހީ އެހީތެރިންނާ ހަމައަށް ފޯރިއިރު، ވިޝްވަޝްގެ މޫނުގައި ވަނީ ހިކިފައިވާ ލެއާއި އަޅި ތަތްވެފައެވެ. އޭނާގެ ދެ ފައިތިލަ ވަނީ ފުންކޮށް ކަފައިގެން ގޮސްފައެވެ. އަދި ހަލާކުވެފައިވާ އެއްޗެހީގެ މަތީގައި ހުސްފަޔާ ހިނގުމުން ފައިތިލަ ދުޅަ ވެސް ވެފައެވެ. މީގެ އިތުރުން އޭނާގެ ނިތްކުރީގައި ފުންކޮށް ކަނޑައިގެން ގޮސްފައިވާ ތަނަކުން ލޭ އަންނަމުން ދިޔައެވެ. އަދި އޭނާގެ ދެ ލޯ ދުޅަވެފައިވާއިރު، ވައަތު ލޯ ވަނީ ދުޅަވުމުގެ ސަބަބުން އެއްކޮށް ކަހަލަ ގޮތަކަށް ލެއްޕިފައެވެ.

އަހްމަދުއާބާދު ސިވިލް ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފަކު ދަ ޓެލެގްރާފަށް ބުންޏެވެ: "ވިޝްވަޝް އަހަރެމެން ގާތުގައި ބުނީ ވެއްޓުނު އެ ބޯޓުގައި އޭނާ އިން ކަމަށް. ނަމަވެސް އެންމެ ފުރަތަމައިން އެއްވެސް މީހަކު އޭނާ ބުނި ވާހަކަ ގަބޫލެއް ނުކުރި. އޭނާ ހުރީ އަލިފާންގަނޑެއްގެ ތެރެއިން ނުކުމެފައިވާ މީހެއްގެ ސިފައިގައި."
ދެ ފައިތިލަ ފުންކޮށް ކަނޑައިގެން ދިއުމުގެ އިތުރުން ވިޝްވަޝްއަށް ވަނީ އިތުރު އެތައް ޒަހަމްތަކެއް ލިބިފައެވެ. އެ ގޮތުން އޭނާގެ މޭ ވަނީ "ކޮންޓޫސް"ވެފައެވެ. މާނައަކީ ހަމަށް ގެއްލުން ނުލިބި، އަދި މިހެންވެ ބޭރު ފުށުން ފެންނަން ނެތް ނަމަވެސް، އެއްޗެއް ބާރަށް ޖެހުމުން، ލޭ ހޮޅިތަކުން ލޭ ލީކުވެ، ހަންގަނޑުގެ ދަށަށް ނިކުތުމުން، މޭމަތި ނޫފައިގަންފައެވެ.
ދެ ލޯ ދުޅަ ވީ ބުރަބުރައިގެން ދިޔަ މަތިންދާބޯޓުގެ އެތިކޮޅުތައް ޖެހުމުންނާއި ދުމުގެ ސަބަބުންނެވެ. މީގެ އިތުރުން އޭނާގެ ދެ ފައި ވެސް ވަނީ ނޫފައިގެންފައި އަދި ފިހިފައެވެ.
ވިޝްވަޝްއަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރަކު ބުނީ އޭނާގެ ހާލު މިހާރު "ސްޓޭބަލް" ނުވަތަ ހަމައަކަށް އެޅިފައިވާ ނަމަވެސް ނަފުސަނީ ގޮތުން ލިބުނު ސިހުމާއި އެތެރެހަށްޓަށް އެހެން ޒަހަމްތަކެއް ވެސް ލިބިފައިވެދާނެތީ އޭނާގެ ހާލަތު މޮނިޓާކޮށް، ބަލަހައްޓަމުން ދާން ޖެހިފައިވާ ކަމަށެވެ.

ހޮސްޕިޓަލްގައި ވިޝްވަޝް ބާއްވައިފައި އޮތް މަންޒަރުގެ ފޮޓޯއަކާއި އޭނާ އިނީ ފްލައިޓްގެ ސީޓު ނަމްބަރު 11-އޭގައިކަން ކަށަވަރުކޮށްދޭ އޭނާގެ ބޯޑިން ޕާސްގެ ފޮޓޯއެއް ވެސް އިންޓަނެޓްގައިވެއެވެ.
ކައިރީގައި އިން ކޮއްކޮއަށް ވީގޮތް ނޭނގުމުން ލިބުނު ހާސްކަން
ވިޝްވަޝްއަކީ އާރް.އެމް.ވީ ފެޝަންސް ލިމިޓެޑް ނަމަކަށް ކިޔާ ހެދުން އުފައްދާ ކުންފުންޏެއްގެ ހަމައެކަނި ޑިރެކްޓަރެވެ. އެ ކުންފުނީގެ މަސައްކަތް 2022 ގައި ވަނީ ހުއްޓައިލައިފައެވެ.
އިންޑިއާގެ ހިންދުސްތާން ޓައިމްސް ނޫހަށް އޭނާ ބުނީ ކޮއްކޮ އަޖޭ އިނީ އެހެން ބަރިއެއްގައި ކަމަށެވެ.


"ދިއު ވިލެޖަށް އަހަރެމެން ޒިޔާރަތްކުރިން. އަޖޭ އަހަރެންނާއެކު ދަތުރުކުރަމުން އައީ. އެކަމަކު އަހަރެންނަކަށް އޭނާއެއް ނުފެނުނު. އޭނާ ހޯދައިދިނުމަށް އަހަރެން އާދޭސްކޮށްފައި މި ބުނީ،" އެ ނޫހަށް ވިޝްވަޝް ބުންޏެވެ.
ސިއްހީ މަސައްކަތްތެރިން އޭނާގެ ޒަހަމްތަކަށް ފަރުވާ ދެމުން އައި އިރު ވެސް ވިޝްވަޝް އެދެމުން ދިޔައީ އޭނާގެ ކޮއްކޮ އަޖޭގެ ހަބަރެއް ދިނުމަށެވެ. ކޮއްކޮ ވެސް ސަލާމަތްވި ކަމުގެ އުއްމީދުގައި ހިފަހައްޓަމުންނެވެ.
"އަހަރެމެން ދެ މީހުން އެކުގައި ގެއަށް އަންނަން އޮތީ. އަހަރެންނަކަށް ނޭނގޭ އަހަރެން ދިރިހުރި ހާލު މަތިންދާބޯޓު ތެރެއިން ނުކުމެވުނު ގޮތެއް،" ވިޝްވަޝް ހިންދުސްތާން ޓައިމްސްއަށް ބުންޏެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އިރު، އިނގިރޭސި ވިލާތުގައި ތިބި އޭނާގެ އާއިލާއާ، ވީޑިއޯ ކޯލެއްގެ ޒަރީއާއިން، އޭނާއަށް ވާހަކަ ދެއްކުނެވެ.

"ނަސީބު ދެރަކަމުން އޭނާގެ ހަށިގަނޑުގައި ހުރީ ހުސް ފާރު. އަދި ލޭ ވެސް އަންނަމުން ދިޔަ،" އިނގިރޭސި ވިލާތުގެ
ލެސްޓާ ސިޓީގައި ދިރިއުޅޭ އޭނާގެ ދެބެއިންގެދެދަރި، އުމުރުން 31 އަހަރުގެ މީހެއް ކަމަށްވާ މަހޭޝް ބުންޏެވެ.
"ވިޝްވަޝް އަހަރެމެންނާ ދިމާއަށް ބުނި: 'މީހުންނޭ، އަހަރެންނާމެދު ފިކުރު ނުކުރޭ، އަޖޭއަށް ވީ ކިހިނެތް؟'" މަހޭޝް މީޑިއާއަށް ކިޔައިދިނެވެ.
މަހޭޝް ބުނީ ވިޝްވަޝް އާއި އަޖޭގެ އަމިއްލަ ކުދި ވިޔަފާރި އިންޑިއާގައި ހުންނާތީ އިންޑިއާގައި އެ ދެބެއިން އެކުގައި ވަގުތުކޮޅެއް ހޭދަކުރީ ކަމަށެވެ.
"ވިޝްވަޝް މިހާރު ރަނގަޅު. އޭނާ ޒަހަމްވީ. އޭނާ ކަންބޮޑުވަނީ އޭނާގެ އަނެއް ކޮއްކޮ އަޖޭ އާމެދު. އޭނާ އިނީ މަތިންދާބޯޓުގެ ވައަތް ފަޅީގައި. އަޖޭ އިނީ ކަނާތްފަޅީގައި. ސަލާމަތްވީ ކިހިނެތް ކަމެއް ވިޝްވަޝްއަކަށް ނޭނގޭ. އޭނާ ވެސް އެ ކަމާ ވަނީ ސިހިފައި. އަދިވެސް ލޭ އަންނަމުން ދަނީ. އޭނާ ހަމައެކަނި ހަނދާން ވަނީ ހުރިހާ ދިމާއެއްގައި އަލިފާން އަނދަމުން ދިޔަކަން،" ވިޝްވަޝްގެ އެހެން ދެބެއިންގެދެދަރި ކުއްޖަކު، ނަން ހާމަކުރަން ނޭދެމުން، މީޑިއާއަށް ބުންޏެވެ.

ފަސިންޖަރުންނާ ލައިގެން މުޅިއަކު 294 މީހުން ފްލައިޓް ވެއްޓުމުގެ ހާދިސާގައި މަރުވި
އަހްމަދުއާބާދުގެ ފުލުސް އޮފިސަރަކު ބުނީ، ބިންމަތިން މަރުވި މީހުންނާއެކު، މި ހާދިސާގައި މުޅިއަކު 294 މީހުން މަރުވި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އޭގެ ތެރޭގައި އެ ސްޓޭޓުން ހިންގާ، ސިއްހީ ދާއިރާއިން މީހުން ތަމްރީންކުރާ ބީ.ޖޭ މެޑިކަލް ކޮލެޖްގެ ހޮސްޓެލްގައި ދިރިއުޅޭ އެތައް ދަރިވަރުން ހިމެނޭ ކަމަށެވެ. ސަބަބަކީ މަތިންދާބޯޓު ވެއްޓުނީ ހޮސްޓެލްގައި ދަރިވަރުން ކާންބޯން ދާ ސަރަހައްދުގެ މައްޗަށެވެ.
އެ މެޑިކަލް ކޮލެޖްގެ ފިރިހެން ދަރިވަރެއްގެ މަންމަ ކަމަށްވާ ރަމީލާ، އަހްމަދުއާބާދުގެ ނޫސް އެޖެންސީއަކަށް ބުނީ މަތިންދާބޯޓު ވެއްޓެން ދިމާވީ ދަރިފުޅު މެންދުރުގެ ނާސްތާއަށް ކިޔެވުން ވަގުތީ ގޮތުން މެދުކަނޑައިލައިފައި ދިޔަ ވަގުތު ކަމަށާއި ސަލާމަތްވުމަށްޓަކައި ދެ ވަނަ ބުރިން ބިންމައްޗަށް ދަރިފުޅު ފުއްމާލީ ކަމަށެވެ.

އެއާ އިންޑިއާއިން ބުނީ އިނގިރޭސި ރައްޔިތުންގެ އިތުރުން 169 އިންޑިއާ ރައްޔިތުންނާއި ކެނެޑާގެ އެއް ރައްޔިތަކާއި އަދި ޕޯޗުގަލްގެ ހަތް ރައްޔިތުން ވެސް ފްލައިޓްގައި ތިބި ކަމަށެވެ.
"މަތިންދާބޯޓުގެ އެއްކޮށް ފުރާލައިފައިވާ ތެޔޮ ޓޭންކުން އަނދަމުން ދިޔަ ތެލުން ނުކުތް ހޫނުކަން ގަދަކަމުން އެ ކަމުގެ ސަބަބުން ފްލައިޓްގައި ތިބި މީހުން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތް،" އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހު އެއިރު ވިދާޅުވިއެވެ.
މަތިންދާބޯޓު ވެއްޓުނީ ކީއްވެ ކަމެއް އަދިވެސް ނޭނގޭ
މި ހާދިސާ ހިނގި ސަބަބު އަދި ނޭނގުނަސް ވައިގެ ދަތުރުފަތުރާ ބެހޭ ތަޖުރިބާކާރުން ބުނީ އިންޖީނު ފޭލިވުމުން ނުވަތަ މަތިންދާބޯޓުގައި ދޫންޏެއް ޖެހުމުން ނުވަތަ މަތިންދާބޯޓުގެ ފިޔަގަނޑުގައި ވައި އެޅޭ ގޮތް، ހާލަތާ އެއްގޮތަށް ބަދަލުކުރެވޭ ގޮތަށް ހުންނަ "ފްލެޕް"ތައް އެ ވަގުތު ބެހެއްޓިފައިވާ ގޮތުގެ ސަބަބުން ވެސް ފްލައިޓް ވެއްޓުން އެކަށީގެންވާ ކަމަށެވެ.

ހުށަޅައިފައިވާ އިތުރު ހިޔާލުތަކުގެ ތެރޭގައި ހިމެނެނީ މަތިންދާބޯޓު ރަންވޭގައި އެ ދާން ޖެހޭ ހިސާބަށް ނުދިއުމުގެ އިތުރުން އެންމެ ރަނގަޅަށް އުދުއްސައިލަން ބޭނުންވާ ދުވެލީގައި ނުދިއުމާއި ނުވަތަ ނޭނގޭ ޓެކްނިކަލް މައްސަލައެއް ދިމާވުމާއި އަދި މަތިންދާބޯޓަށް ނުއުފެލޭ މިންވަރަށް ފްލައިޓް ބަރުކުރެވުނީ ކަމަށެވެ.
ފްލައިޓް ނައްޓާލާ މަންޒަރުގެ ވީޑިއޯއިން ފެންނަނީ ވެއްޓުމުގެ ކުރިން ވައިގެ ތެރޭގައި މަތިންދާބޯޓަށް ހޭދަކުރެވުނީ އެންމެ 30 ސިކުންތުކަމާއި ހަމަ އެ ވަގުތު ޕައިލެޓަށް އެހީ ވާން އިންނަ ކޯ-ޕައިލެޓް ވަގުތުން ކުއްލި އެހީގެ ކޯލެއް ކުރިކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.
ބުނެވޭ ގޮތުގައި ފަޅުވެރިންނަކީ މަތީ ފަންތީގައި ތަމްރީން ވެފައިވާ މީހުން ކަމަށާއި އިސް ޕައިލެޓް ނުވަތަ ކެޕްޓަން ސުމީތު 8،200 ގަޑިއިރު (341 ދުވަސް ނުވަތަ 11 މަސް)ގެ އުދުހުމުގެ ތަޖުރިބާ ހޯދައިފައިވާ ކަމަށެވެ.
ގަޑިން މެންދުރު ފަހު 1.39 ގައި ފްލައިޓް ނައްޓާލުމަށް ފަހު އޭނާ ފޮނުވި މެސެޖްގައި ބުނީ: "މޭޑޭ… ކުރިއަކަށް ނުދޭ، ހަކަތަ ގެއްލެމުން ދަނީ، މައްޗަކަށް ނާރާ"އެވެ. "މޭޑޭ" މި ބަހަކީ ހާލުގައި ޖެހުމުން ކަނޑު ބޯޓުފަހަރާއި ވައިގެ އުޅަނދުތައް ރޭޑިއޯގެ ޒަރީއާއިން ފޮނުވާ ބައިނަލްއަގުވާމީ، ހާސްކަން ބޮޑު ހާލަތެއް ދިމާވެއްޖެކަން ހާމަކުރުމަށް އިޝާރާތްކުރާ ސިގްނަލެކެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ލަންޑަންގެ މޭޔަރު ސޯދިގު ހާންގެ އިތުރުން އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް ވަނީ ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ.
"އަހަރެންނާއި ރާނީ ކެމީލާއަށް ވަނީ މާޔޫސްވާވަރުގެ ސިހުމެއް ލިބިފައި. އަހަރެމެންގެ ހާއްސަ ދުއާތަކާއި އެންމެ ފުންކޮށް ފާޅުކުރެވޭނޭ ހަމްދަރުދީ ވަނީ، އެހާ ގިނަ ގައުމުތަކަކާ ގުޅިފައިވާ މި ބިރުވެރި ހިތާމައިގެ ހާދިސާގެ އަސަރުކުރި އާއިލާތަކާއި ރަހްމަތްތެރިން، އެ މީހުންގެ ލޯބިވާ މީހުންގެ ހަބަރަކަށް އިންތިޒާރު ކުރަމުން އަންނަ މި ދަނޑިވަޅު އެ މީހުންނާއެކު،" ޗާލްސް ވިދާޅުވިއެވެ.
އިނގިރޭސި ބޮޑު ވަޒީރު ކެއާ ސްޓާމާ ވިދާޅުވީ މި ހަބަރުން އޭނާ "ހަލާކު"ވި ކަމަށާއި "ވަރުގަދަ ސިހުމަކާއި މާޔޫސްކަމާއި އަދި ހިތާމަ" ލިބިގެން ދިޔަ ކަމަށާއި މި ކަމާ ގުޅިގެން އިންޑިއާގެ ރަސްމީ އިދާރާތަކާއެކު ކެނޑިނޭޅި މަސައްކަތްކުރެއްވުން އެބަ ކުރިއަށްގެންދަވާ ކަމަށެވެ.

"ނަސީބު"ގެ ސީޓު؟
އެއާ އިންޑިއާ ފްލައިޓް 171 ގެ ސީޓު ނަމްބަރު 11-އޭގައި އިށީނދެވުމުން ވިޝްވަޝްއަށް ހިތްހަމަޖެހުމެއް ލިބުން އެކަށީގެންވެއެވެ. އެއީ ވިންޑޯ ސީޓަކަށް ވާތީ ކުޑަދޮރެއް ކައިރީގައި އިނދެގެން ބޭރުބަލައިލެވުމުގެ އިތުރުން މި މަރުކާގެ މި ގޮނޑީގައި ފައި ދަމައިލުމަށް އިތުރު ޖާގަ އޮންނާތީއެވެ. އޭނާއަށް ލިބުނު ނަމްބަރު 11-އޭ ސީޓަކީ، މިހެންވެ، އެހެން ފަސިންޖަރުން ހަސަދަވެރިވާ ވަރުގެ ކަމެކެވެ. ސަބަބަކީ ފައި އެއްކޮށް ދަމައިލައި، ސްޓްރެޗްކޮށްލަން ފުރުސަތު ލިބޭތީއެވެ.
ރަމޭޝް ފުރީ އިންޑިއާގައި ހުރި އޭނާގެ ވިޔަފާރީގެ ކަމެއް ނިންމައިލައިފައި އިނގިރޭސި ވިލާތުގެ ލެސްޓާގައި ހުރި އޭނާގެ އާއިލީ ގެއަށް އެނބުރި ދިއުމަށެވެ.
ފްލައިޓް ނައްޓާލާ ވަގުތު އޭނާގެ ކުރިމަތީގައި އިންނަ ސީޓުގައި ފަޅުވެރިއަކު އިންނާނެއެވެ. އެ ކެބިން ކްރޫ އިންނާނީ އޭނާއަށް ކުރިމަތިލައިގެންނެވެ.

ނަމަވެސް މި ސީޓަކީ ނުވަ ގަޑިއިރާއި ބައިގެ ދިގު ދަތުރެއްގައި އޭނާއަށް ހަމައެކަނި އަރާމު ލިބޭނެ ގޮނޑިއެއް ނޫނެވެ. މިއީ އޭނާގެ ފުރާނަ ސަލާމަތްވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ސީޓު ކަމަށްވުން އެކަށީގެންވެއެވެ.
ނެގިފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ނައްޓާލިތާ އެއް މިނެޓު ވެސް ނުވަނީސް ފްލައިޓު ވެއްޓުމާއެކު 60 ޓަނުގެ ތެޔޮ ވަނީ އަލިފާންގަނޑަކަށް ވެގެން މައްޗަށް އަރައިގެން ގޮސްފައެވެ.
ވައިގެ ދަތުރުފަތުރުގައި ފްލައިޓް ވެއްޓޭ މައްސަލަތައް ދިރާސާކުރާ ތަޖުރިބާކާރުން ބުނީ މިއީ "ސަލާމަތް ނުވެވޭ ޒާތުގެ ވެއްޓުމެއް" ކަމަށެވެ.
"މި އެކްސިޑެންޓަށް ބަލައިލިއަސް، އަހަރެންނަށް ހީވަނީ އެންމެ މީހަކު ސަލާމަތްވުމަކީ ވެސް މުއުޖިޒާތެއްހެން. ސަބަބަކީ ފަންނީ ގޮތުން ބަލައިފި ނަމަ މި ވެއްޓުމަކީ ސަލާމަތް ނުވެވޭނެ ވެއްޓުމެއް ކަމަށް އެކަށީގެންވާތީ،" އިނގިރޭސި ވިލާތުގެ ގްރީނިޗްގެ ޔުނިވާސިޓީގެ އަލިފާނުން ރައްކާތެރިކަން ހޯދުމުގެ އިންޖިނިއަރިންގެ ދާއިރާގެ ގްރޫޕްގެ ޑިރެކްޓަރު، ޕްރޮފެސަރު އެޑްވިން ގޭލިއާ، ދަ ޓެލެގްރާފަށް ބުންޏެވެ.

އޭނާ ބުނީ ފުދޭ ވަރެއްގެ މިންވަރުގެ މައުލޫމާތެއް މި ހާދިސާއާ ބެހޭ ގޮތުން އަދިވެސް ނުލިބޭ ކަމަށާއި ނަމަވެސް އުމްރާނީ ގޮތުން ތަރައްގީ ކޮށްފައިވާ ސަރަހައްދަކަށް، ތެޔޮ އަޅައި ފުރައިފައިވާ ވައިގެ އުޅަނދެއް ވެއްޓިއްޖެ ނަމަ، އެ ފަދަ އެކްސިޑެންޓަކުން އެކަކު ވެސް ސަލާމަތްވެ ހުރި ތަން ފެނުމަކީ އެކަށީގެން ނުވާ ކަމަކަށް ވެދާނެ ކަމަށެވެ.
"މިއީ ސަލާމަތް ނުވެވޭނެ ވެއްޓުމެއް ކަމަށް މި ބުނާ އެއް ސަބަބަކީ ފްލައިޓް ވެއްޓުނީ އިމާރާތްތަކެއް ހުރި ސަރަހައްދަކަށް ވާތީ. އަނެއް ސަބަބަކީ މުޅި މަތިންދާބޯޓަށް ވެސް ލިބޭނެ ގެއްލުން ބޮޑުކަމުން. މީގެ އިތުރުން ވެއްޓުމަށް ފަހު އެ އެރި ބޮޑު އަލިފާންގަނޑުގެ ސަބަބުން. މިހެންވެ، އެކަކު ސަލާމަތްވުމަކީ ވެސް އަހަރެންގެ ނަޒަރުގައި މުއުޖިޒާތެއް،" އެޑްވިން ބުންޏެވެ.
އޭނާ 2006 ގައި ޝާއިއުކުރި ދިރާސާއެއްގައި ހާމަވެފައިވާ ގޮތުގައި ސަލާމަތް ވުމުގެ ފުރުސަތު އޮތް ވެއްޓުމެއްގައި ސަލާމަތްވުމުގެ ފުރުސަތު އެންމެ ބޮޑީ "އެގްޒިޓް" ނުވަތަ "ނުކުންނަ" ދޮރެއްގައި ކައިރީގައި ހުންނަ ފަސް ބަރީގެ ގޮނޑިތަކުގައި ތިބޭ މީހުންނެވެ. މަތިންދާބޯޓު ވެއްޓި ބިންމައްޗަށް ޖެހިގަންނަ އިރު އަރާ އެ ލޮޅުމުގެ ސަބަބުން ފުރަތަމައިން ލިބޭ ޒަހަމްތަކާއެކު އެ ވަގުތު ސަލާމަތް ވިޔަސް އެ މީހުން ވެސް ފަހުން މަރުވުމުގެ ފުރުސަތު މާ ބޮޑު ކަމަށް މި ދިރާސާއިން ހާމަވިއެވެ.
އެޑްވިން ބުނީ އެއްވެސް މަތިންދާބޯޓެއްގައިވާ އެއްވެސް ސީޓަކީ ސަލާމަތްވާނެކަމުގެ އެންމެ ޔަގީންކަމެއް އޮންނާނެ އެއްވެސް ގޮނޑިއެއް ނޫން ކަމަށެވެ. އެ ގޮތުން، މިސާލަކަށް، މަތިންދާބޯޓެއްގެ ފަހަތުކޮޅަކީ ތަންކޮޅެއް ރައްކާތެރިކަން ބޮޑު ހިސާބެއް ކަމަށް ބުނެވުނަސް، މަތިންދާބޯޓު ވެއްޓޭ ގޮތަކުން މިހެން ވެސް ބުނެވެން ނެތް ކަމަށެވެ.

"މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތް ގަބޫލު ކުރަންޏާ، ސަލާމަތްވި މީހާ އިނީ ސީޓު 11-އޭގައި. ބޮއިންގް 787-8 މަރުކާގެ ޑްރީމްލައިނާއެއްގައި އެ ގޮނޑި އިންނަނީ ކުއްލި ހާލަތްތަކުގައި ނުކުމެވޭނެ ދެވަނަ އެމަޖެންސީ ދޮރާ ޖެހިގެން. އެހެންކަމުން 'އިމަޖެންސީ އެގްޒިޓް’އެއްގެ އެންމެ ކައިރިން ލިބޭނެ ސީޓެއްގައި އޭނާ އެ އިނީ. އެއީ އިމަޖެންސީ އެގްޒިޓާ އެންމެ ކައިރި ސީޓު. އޭނާ އެ އިނީ އެ ދޮރާ ޖެހިގެން. އަދި އޭނާ ހަގީގަތުގައި އެ އިނީ 'އޭ' ސީޓުގައި. އެއީ ވިންޑޯ ސީޓެއް. އެމަޖެންސީ ދޮރުގައި އަތް ޖެހޭ ހިސާބުގައި އޭނާއަށް އެ އިނދެވުނީ،" އެޑްވިން ބުންޏެވެ.
ވިޝްވަޝްއަށް މޫނު ޖެހޭ ގޮތަށް ކެބިން ކްރޫއެއް އިންނަ ސީޓަކީ މަތިންދާބޯޓެއްގެ އެންމެ ރައްކާތެރި ގޮނޑި ކަމަށް އެޑްވިން ބުންޏެވެ. ސަބަބަކީ އެ ސީޓަކީ މަތިންދާބޯޓަށް އަރާފާނެ އެންމެ ބޮޑު ލޮޅުންތަކުން ސަލާމަތްވާނެ ގޮތަށް ހަރުކޮށްފައިވާ ސީޓު ކަމަށް ވެސް ވާތީއެވެ.
މަތިންދާބޯޓެއްގެ ހުރިހާ ފަޅުވެރިންނަކީ އެ ފްލައިޓެއްގައި ތިބޭ އެންމެން އެންމެ 90 ސިކުންތު ނުވަތަ ދޮޅު މިނެޓުގެ ތެރޭގައި މަތިންދާބޯޓުން ނެރެން ތަމްރީންކޮށްފައިވާ ކެބިން ކްރޫންނެވެ. އެ މީހުންގެ އަސާސީ ވަޒީފާއަކީ މިއެވެ. ކެއިންބުއިމާއި އެހެނިހެން މެހެމާންދާރީކަމަކީ އިތުރު ހުނަރެކެވެ.
"އާއްމު ގޮތެއްގައި އެ މީހުން ކުރާ ކަމަކީ ދޮރުތައް ބެލެހެއްޓުން. އެހެންވީމާ އޭނާއަށް މަތިންދާބޯޓުން ނުކުމެވުނީ އޭނާގެ ގާތުގައި އިން ކެބިން ކްރޫއަށް އިމަޖެންސީ ދޮރު ހުޅުވައިދެވުމުން. އަދި އެ އަށް ފަހު އެ ކެބިން ކްރޫއިން މަރުވީ ކަމަށް ވެދާނެ. ނުވަތަ ވިޝްވަޝްއަށް އަމިއްލައަށް ވެސް އެ ދޮރު ހުޅުވުނީ ކަމަށް ވެދާނެ. ނުވަތަ އޭނާއަށް ނުކުމެވުނީ ދޮރަކުން ނޫން ކަމަށްވެދާނެ. އެ ހިނދުކޮޅައި މަތިންދާބޯޓު ހަލާކުވުމުން ލިބުނު ހުސް ޖާގައަކުން އޭނާއަށް ނުކުމެވުނީ ކަމަށް ވެދާނެ،" އެޑްވިން ބުންޏެވެ.

ބޮއިންގް 787-8 ޑްރީމްލައިނާ މަރުކާގެ މަތިންދާބޯޓުގައި ކުއްލި ހާލަތްތަކުގައި ނުކުތުމަށް އަށް ދޮރު ލައިފައިވެއެވެ. މިއިން ކޮންމެ އެގްޒިޓެއް ބެލެހެއްޓުމަށް މަދުވެގެން އެއް ކެބިން ކްރޫ ހުރެއެވެ. މީގެ އިތުރުން ސީޓު ނަމްބަރު 11-އޭ ހުންނަނީ މަތިންދާބޯޓުގެ ވަރުގަދަ "ވިންގް ބޮކްސް"ގައެވެ. މިއީ މަތިންދާބޯޓުގެ އެންމެ ވަރުގަދަ ވެސް ސަރަހައްދު މެއެވެ.
"މަތިންދާބޯޓާމެދު 'ޖިސްމާނީ' ނަޒަރަކުން ބަލާއިރު އޭގެ 'ހަށިގަނޑު’ގެ އެންމެ ވަރުގަދަ ބަޔަކީ އެ ވައިގެ އުޅަނދެއްގެ ފިޔަގަނޑު ވާ ސަރަހައްދު. މިއަށް ކިޔަނީ 'ވިންގް ބޮކްސް' ނުވަތަ ލަފުޒީ މާނައިން ނަމަ 'ވައި ފޮށި'. މިއީ ދެ ފިޔަގަނޑު މަތިންދާބޯޓާ ގުޅުވައިފައިވާ ސަރަހައްދު. މި ތަން ވައިގެ އުޅަނދެއްގެ އެންމެ ވަރުގަދަ ބަޔަށް ވަނީ އެންމެ ބޮޑު 'ސްޓަރްކަޗަރެއް' (އެއްޗެއް އަތުރައިލައިފައިވާ ގޮތް) ހުންނަނީ މި ތަނުގައި ކަމަށްވާތީ. އަދި އަހަރެން ގަބޫލު ކުރަނީ ސީޓު ނަމްބަރު 11-އޭ ހުންނަނީ އެ ވައިގެ އުޅަނދުގެ އެ ވަރަށް ވަރުގަދަ ބައިގެ ހަމަ އެންމެ ކުރިމަތީގައި،" އެޑްވިން އިތުރަށް ބުންޏެވެ.
އިނގިރޭސި ވިލާތުގެ ޔޯކްގެ ޔުނިވާސިޓީގެ ސައިންސާއި އިންޖިނިއަރިން ދާއިރާގެ ސަލާމަތީ ކަންތައް ދިރާސާކުރާ ލޮއިޑްސް ރެޖިސްޓާ ފައުންޑޭޝަންގެ ޗެއާމަން، ޕްރޮފެސަރު ޖޯން މެކްޑާމިޑް ވެސް ބުނީ، ހިޔާރު ކުރެވޭ ސީޓަކީ ވެސް މީހަކު ސަލާމަތްވުމަށް ކޮންމެހެން މުހިންމު ދައުރެއް އަދާކޮށްފާނެ ކަމެއް ކަމަށާއި ފިޔަގަނޑުގެ މަތީގައި ކަހަލަ ގޮތަކަށް ވާ ގޮތަށް ހުންނަ ގޮނޑިން އުޅަނދުގެ މައިގަނޑުގެ އެތުރިފައި ހުންނަ ގޮތުގެ ސަބަބުން އެ މަތިންދާބޯޓުގެ "ސްޓްރަކްޗަރު"ގެ އެންމެ ބާރުގަދަކަން ފޯރާނީ މި ސީޓަށް ކަމަށެވެ.
"އަދި މީގެ އިތުރުން ބޭރަށް ނުކުމެވޭ ދޮރެއް ކައިރީގައި އިނދެވުމުން ތިބާއަށް އަވަހަށް ބޭރަށް ނުކުމެވޭނެ އަދި މި ކަމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއްގައި ސަލާމަތްވުމުގެ ފުރުސަތު އިތުރުވެގެން އަންނާނީ މިހެންވެ،" އޭނާ ދަ ޓެލެގްރާފަށް ބުންޏެވެ.

ނަމަވެސް، މި ހުރިހާ ކަމަކުން ވެސް ވިޝްވަޝްއަށް ރަނގަޅު ގޮތަކަށް ކަންތައްތައް ދިމާވުމަށް ފުރުސަތު ލިބުނަސް، ފަހަރުގައި އެންމެ އެޑްވާންޓޭޖް ނުވަތަ ފައިދާއަކީ "ނަސީބު" ކަމަށް ވެދާނެ ކަމަށް އޭނާ ބުންޏެވެ.
"އޭނާއަށް ގިނަ އަދަދެއްގެ ނަސީބުތަކެއް ލިބިފައިވޭ. ސަބަބަކީ އޭނާއާ ޖެހިގެން އިން ސީޓު ނަމްބަރު 11-ބީ އަދި އެއާ ވިދިގެން އިން ސީޓު ނަމްބަރު 11-ސީ އާއި ސީޓު ނަމްބަރު 12-އޭގައި ދެން ތިބި މީހުން ސަލާމަތް ނުވީ ކީއްވެ؟" އެޑްވިން ބުންޏެވެ.
"މި ފްލައިޓް ވެއްޓުމުގެ ކަންތައްތައް ހުރި ގޮތަށް ބަލާއިރު،ވިޝްވަޝްއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާއަށް އަމިއްލައަށް ނުނުކުމެވޭ ހާލަތެއްގައި ހުރި ނަމަ، އޭނާ ސަލާމަތްވުމަކީ ފުދޭވަރެއްގެ މުއުޖިޒާތެއް. އަހަރެން މި ހުރީ ފުންކޮށް ސިހިފައި އެކަކު ވެސް ސަލާމަތްވުމުން. އަދި އޭނާ އަމިއްލަ ހާލުގައި މަތިންދާބޯޓުން ނުކުމެވޭނެ ހާލަތުގައި ހުރެމެ،" އެޑްވިން އިތުރަށް ބުންޏެވެ.



advertisment