Support Us

އެއާ އިންޑިއާ ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ، ވިޝްވަޝް ކުމާރު ރަމޭޝްއާ އިންޑިއާގެ ދާހިލީ ވަޒީރު އަމިތު ޝާހު ބައްދަލުކުރައްވަނީ އަދި މަތިންދާބޯޓު އިންޑިއާގެ އަހްމަދުއާބާދުގެ ހޮސްޓެލްއަށް ވެއްޓިފައި

އެއާ އިންޑިއާ ފްލައިޓް ވެއްޓުނު މައްސަލާގައި ދުވަހަކު ވެސް ދައުވާ ނުކުރުމަށް އާއިލާތަކަށް ފައިސާ

އެކަކު ފިޔަވާ އެންމެން މަރުވި އެއާ އިންޑިއާ ފްލައިޓް ވެއްޓުނު ހާދިސާގައި އަސަރުކޮށްފައިވާ އާއިލާތަކުން އެއާލައިނާއި މަތިންދާބޯޓު އުފެއްދި ބޮއިންގް ކުންފުންޏާ ދެކޮޅަށް ދުވަހަކު ވެސް ދައުވާނުކުރަން ފައިސާ ހުށަހަޅައިފިއެވެ.

މި ދިޔަ އަހަރުގެ ޖޫން 12 ގައި އިންޑިއާއިން އިނގިރޭސި ވިލާތަށް ނައްޓައިލިތަނާހެން ހޮސްޓެލްއަކަށް ވެއްޓި ފްލައިޓުން މަރުވި 241 މީހުންނާއި ބިންމަތިން މަރުވި 19 މީހުންގެ އާއިލާތަކަށް ހުށަހަޅައިފައިވަނީ 11،042 ޑޮލަރު (170،598ރ.) އާއި 22،077 ޑޮލަރު (341،089ރ.)އާ ދޭތެރޭގެ ފައިސާއެވެ.

އެއާ އިންޑިއާއިން ބުނީ ކުރިން ވެސް ބަދަލުދީފައިވާ ކަމަށާއި މި ފަހަރު މި ހުށަހެޅި އަދަދަށްވުރެ އިތުރަކަށް ނުދޭނެ ކަމަށެވެ.

"މިއީ އިންސާފުވެރި އަދި ގާނޫނާ އެއްގޮތް އަދަދެއް. އަސަރުކޮށްފައިވާ ކޮންމެ އާއިލާއަކަށް އަހަރެމެން އެހީތެރިވާނަން،" އެއާ އިންޑިއާއިން ބުންޏެވެ.

މި ނިންމުމާ ދެކޮޅުހެދި ފަރާތްތަކުން ބުނީ މި ފަދަ ގޮތަކަށް މައްސަލަ ނިންމަން އަދި މާ އަވަސް ކަމަށެވެ.

"މިހެން ހެދުމުން ތަހުގީގު ނުނިމެނީސް އާއިލާތައް ގާތުގައި މި އެދެވެނީ އެ މީހުންނަށް ލިބިފައިވާ ހުރިހާ ގާނޫނީ ހައްގުތަކެއް ދޫކޮށްލަން،" މަރުވި މީހެއްގެ އާއިލާގެ ގާނޫނީ ވަކީލަކު ބުންޏެވެ.

ހަތަރު ގައުމު ކަމަށްވާ އިންޑިއާ، އިނގިރޭސި ވިލާތް، ޕޯޗުގަލް އަދި ކެނެޑާގެ ރައްޔިތުން މި ހާދިސާގައި މަރުވެފައިވާތީ އެއާ އިންޑިއާގެ މި ނިންމުމުގެ ސަބަބުން އެ ގައުމުތަކުގައި ވަނީ އެއާ އިންޑިއާއާ ދެކޮޅަށް އަލުން ދައުވާތައް ހުށަހަޅައިފައެވެ. އަދި އެއާ އިންޑިއާއިން މި ހާދިސާގެ ޒިންމާ ރަނގަޅު ގޮތުގައި ނަންގުވަން ބަހުސް ވަނީ އުފެދިފައެވެ. އެއާ އިންޑިއާ އާއި ބޮއިންގްއާ ދެކޮޅަށްކުރާ ދައުވާތަކުގައި ފްލައިޓްގެ ސަލާމަތީ ކަންތައްތައް ދޯދިޔާކަމަށް ވެސް ވަނީ ތުހުމަތުކުރެވިފައެވެ.

ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހަކީ އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ އިންޑިއާ ދަރިކޮޅުގެ ވިޝްވަޝް ކުމާރު ރަމޭޝްއެވެ. އޭނާ ސަލާމަތްވި ނާދިރު ގޮތަކީ މުއުޖިޒާތެއް ކަމަށް ވައިގެ ދަތުރުފަތުރާ ބެހޭ މާހިރުން ދެކެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *