އިންތަކަކީ ހަމައެކަނި ގައުމުތަކުގެ ދެމެދުގައި ދަމައިލައި ބޯޑަރުތަކެއް ނޫނެވެ. ކައިވެނިކުރުމަށް ފަހު ދެމަފިރިން އަމިއްލަ އާއިލާއެއް ބިނާކުރަމުން އަންނައިރު ދެމަފިރިންގެ ގެވެށި މާހައުލުގައި ވެސް ބައެއް ކަހަލަ "ރަތް ރޮނގު" ދަމައިލަންޖެހެއެވެ. މި ފާހަގަކޮށްލަނީ އެ ގޮތުން ކަނޑައެޅުން މުހިންމު 10 އިމެކެވެ.
- ދެމަފިރިންގެ ދިރިއުޅުމާ ބެހޭ ހުރިހާ ވާހަކައެއް ބޭރު މީހުންނާ ހިއްސާނުކުރާށެވެ. ބައެއް މައުލޫމާތަކީ ޒާތީ މައުލޫމާތެވެ.
- ޒަވާޖީ ހަޔާތް ފެށުމުން ދެމަފިރިންގެ އާއިލާގެ "ޕްރައިވެސީ" ހިފަހައްޓަންޖެހެއެވެ. އެ ގޮތުން ގެއަށް ވައްދާނީ ކޮން ބައެއްތޯ، ކޮން އިރަކުތޯ، އަދި ގޭގައި ބައިތިއްބާނީ ކިހާ އިރަކުތޯ ކަނޑައަޅަން ޖެހެއެވެ.
- ތިބާގެ ޒަވާޖީ ހަޔާތް ނުވަތަ ތިބާގެ ބައިވެރިޔާއާ ބެހޭ ގޮތުން ދައްކާ އިހުތިރާމެއް ނެތް ވާހަކަތަކާ ދުރަށް ދާށެވެ. އެ ކަހަލަ ނުބައި ވާހަކަ ދައްކާ މީހުންގެ ކިބައިން ދުރަށް ދާން ލަދުގަންނާނެ ކަމެއް ނެތެވެ.
- އިޖުތިމާއީ އަދި ރަހްމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓާއިރު އޭގެ ތެރެއިން އެންމެ ގާތްކޮށްގެން ގެންގުޅޭނީ ކޮން ބައެއްކަން ކަނޑައަޅާށެވެ. ސަބަބަކީ އެ މީހުންގެ ފަރާތުން ވެސް ދެމަފިރިންގެ ކައިވެންޏަށް އެކި ކަހަލަ އަސަރުކުރާނެތީއެވެ.
- ވަޒީފާ އާއި އާއިލާއަށް ދޭ ވަގުތު ހަމަހަމަކުރަން ޖެހޭނެއެވެ. ބުރަކޮށް މަސައްކަތްކުރާށެވެ. ނަމަވެސް އެއީ އާއިލާއަށް ވަގުތު ހުސްނުކުރެވޭ މިންވަރަކަށް ނޫނެވެ. އާމްދަނީ ހޯދަންކުރާ މަސައްކަތާއި އާއިލާއާއެކު ހޭދަކުރާ ވަގުތު ބެލެންސްކުރަންވާނެއެވެ.
- ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްމިތައް ހިޔާލު ލިބޭނެއެވެ. ނަމަވެސް އެއިން ކޮންމެ ހިޔާލަކީ އާއިލާ ކުރިއެރުވޭ ކަހަލަ ހިޔާލެއް ނޫނެވެ. އޭގެ ތެރެއިން ބޭނުންހިފޭ ކަހަލަ ހިޔާލުތައް ހިޔާރުކުރާށެވެ. ހާއްސަކޮށް، ދެމަފިރިންގެ ތެރެއިން އެކަކުގެ ޖިންސަކީ ނިކަމެތި ޖިންސެއްކަމަށް ދައްކަން އުޅޭ ހިޔާލުތަކާ ދުރުވާށެވެ.
- މާލީ ތަނަވަސްކަމުން ހޭދަކުރަންވާނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. އެހެން މީހުންނަށް އެހީވުމަކީ ނެތްކަމެއް ނޫނެވެ. ނަމަވެސް އެހެން މީހުންނަށް ފައިސާގެ އެހީ ދޭނީ ދެމަފިރިން އެއްބަސްކިޔައިގެން، ވިސްނުންތެރިކަމާއެކު، ވަކި ހައްދެއްގެ ތެރޭގައެވެ. އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުންވާ މާލީ ތަނަވަސްކަން ބޭކާރުނުކޮށްލައިށެވެ.
- ދެމަފިރިންގެ އާއިލާތަކުގެ މީހުންނަށް ވެސް ބައެއް ކަހަލަ އިންތަކެއް ކަނޑައަޅަންޖެހެއެވެ. ތިޔަ ދެމަފިރިންގެ "ނިއުކްލިއަ" އާއިލާއަކީ ތިޔަ ދެމަފިރިންނަށް އެންމެ މުހިންމު އާއިލާ ކަމުގައި ތިޔަ ދެމަފިރިންގެ މައިންބަފައިންނާއި ތިމާގެ މީހުންނަށް ވިސްނައިދޭށެވެ. ތިޔަ ދެމަފިރިންގެ "ގެ"އަށް އިހުތިރާމް ކުރުމަށް އިލްތިމާސްކުރާށެވެ.
- ބައިވެރިޔާއަށް ވަގުތު ނުދީ ބޭރު ތެރޭގައި އެނބުރެން ތިބާގެ ވަގުތު ބޭކާރު ނުކޮށްލައިށެވެ.
- ސްމާޓްފޯން ބޭނުންކުރުމުގައި ދެމަފިރިން ވެސް "ސްމާޓް" ނުވަތަ ވިސްނުންތެރިވާން ޖެހޭނެއެވެ. ތިބާގެ އާއިލާ އާއި ގޭތެރެ ހަލާކުކޮށްލަން ތިބާގެ ފޯނަށް ފުރުސަތު ނުދޭށެވެ. ތިބާގެ ބައިވެރިޔާއަށް ދޭން ޖެހޭ ސަމާލުކަމުން ތިބާ ބަރީއަކޮށްލަން ތިބާގެ ފޯނަށް ފުރުސަތު ނުދޭށެވެ.
މި ބަލައިލެވުނު 10 ކަންތަކުން އެނގޭ ގޮތުގައި ކައިވެންޏަށް ފަހު ދެމަފިރިންގެ "ޕްރައިވެސީ" ދަމަހައްޓަންޖެހެއެވެ. އަމިއްލަ އާއިލާ ނުވަތަ "ނިއުކްލިއަ ފެމިލީ"ގެ މަސްލަހަތަށްޓަކައެވެ.
ނޯޓު: ތަރުޖަމާއެއް
