Support Us

ކޮލަމް: މީތިނުކިޔާތި

މިޖިންގޯ: ފުޓުބޯޅަ ދަނޑެއްހާ ކުޑަ ޖަޒީރާ ރަށެއް، ދުނިޔޭގެ ރެކޯޑެއް

މިޖިންގޯގެ ބޮޑު މިނަކީ 22،000 އަކަ ފޫޓެވެ. އާބާދީއަކީ ގާތްގަނޑަކަށް 1،000 އެވެ. މިހެންވެ މިއީ ދުނިޔޭގައި އެންމެ އާބާދީ ބޮޑު އެއް ޖަޒީރާ ރަށެވެ.

މި ރަށް އޮންނަނީ ޔުގެންޑާ އާއި ކެންޔާގެ ބޯޑަރު ގުޅޭ، ދުނިޔޭގެ އެންމެ ބޮޑު ލޭކް ނުވަތަ ފެންގަނޑު ކަމަށްވާ ލޭކް ވިކްޓޯރިއާގައެވެ.

މިޖިންގޯގެ ކަންތައްތައް ބަލަހައްޓަނީ ދެ ގައުމުން ގުޅިގެންނެވެ. ނަމަވެސް އެއީ އެ ކަމާ ހިތްހަމަޖެހިގެނެއް ނޫނެވެ. މަސްވެރިކަން ރަނގަޅު ރަށެއް ކަމަށްވާތީ ޔުގެންޑާ އާއި ކެންޔާއިން ވެސް މި ރަށަކީ ރަސްމީ ގޮތުން އެ ގައުމުތަކުގެ ރަށެއް ކަމަށް ކަނޑައަޅަން ބޭނުންވެއެވެ.

އާއްމު ގޮތެއްގައި ސުލްހަވެރި ނަމަވެސް ދޭތެރެއަކުން މިޖިންގޯގައި ހަމަނުޖެހުން އުފެދެއެވެ. އެ ރަށު މީހުން މި ފަދަ ކުރިމަތިލުންތަކަށް ކިޔަނީ "އެފްރިކާގެ އެންމެ ކުޑަ ހަނގުރާމަ"އެވެ.

ކެންޔާގެ އައްސޭރިން މިޖިންގޯ ފެންނަ ގޮތް

"ބައެއް ފަހަރަށް ރައްޔިތުން ޓެންޝަނަށް އަރާނެ. ނަމަވެސް އާއްމު ގޮތެއްގައި ދިރިއުޅުމައިގެން ކުރިއަށް ދާނެ،" މިޖިންގޯގެ ޒުވާން މަސްވެރިއަކު ފްރާންސްގެ އޭ.އެފް.ޕީ ނޫސް އެޖެންސީއަށް ބުންޏެވެ.

ގަތަރުގެ އަލްޖަޒީރާއިން މި ރަށާ ބެހޭ ރިޕޯޓެއް ގެނެސްދިނުމުގެ އިތުރުން އޭ.އެފް.ޕީން ތިން މިނެޓްގެ ވީޑިއޯއެއް މި ރަށާ ބެހޭ ގޮތުން ހަދައިފައިވެއެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ ފިލްމް ހަދާ މީހަކު ކަމަށްވާ ޖޯ ހެޓަބް ވަނީ އުނދަގޫ ދަތުރެއް ކުރުމަށް ފަހު 15 މިނެޓްގެ ވީޑިއޯއެއް ވެސް މިޖިންގޯގެ ރައްޔިތުންގެ ޝައުގުވެރި ދިރިއުޅުން ހުންނަ ގޮތާ ބެހޭ ގޮތުން ހަދައިފައެވެ.

މަސްވެރިކަމުގެ ބޮޑު ނާރެހެއް ގޮތަށް މިޖިންގޯ ތަރައްގީވީ "ނައިލް ޕާޗް ފިޝް" ބާވަތުގެ މަސް ބާނަން މަސްވެރިން އެ ރަށަށް ދިއުމުންނެވެ.

މިޖިންގޯއަކީ މަސްވެރި ރަށެއް

އެހެންކަމުން ކުރިން މަޝްހޫރު ނޫން މިޖިންގޯއަށް ދުނިޔޭގެ ސަމާލުކަން ލިބެން ފެށިއެވެ. ސަބަބަކީ އެ ސަރަހައްދަކީ މަސްވެރި ހިސާބެއްކަން މީހުންނަށް އެނގެން ފެށުމުންނެވެ. މިހާ ހިސާބުން ކެންޔާ، ޔުގެންޑާ، ޓޭންޒެނިއާ، ސުމާލިއާ، އިތިއޯޕިއާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މަސްވެރިން މިޖިންގޯއަށް ޖަމާވާން ފެށިއެވެ.

ނައިލް ޕާޗް ފިޝް މަސް މިޖިންގޯގެ ވަށައިގެން އުޅޭލެއް ގިނަކަން ކުރިން އެނގެނީ ހަމައެކަނި މިޖިންގޯގެ އަސްލު ވަޒަންވެރިންނަށެވެ. ނަމަވެސް މިހާރު މި މަހަކީ އިނގިރޭސި ވިލާތާއި ފްރާންސްގެ ރެސްޓޯރަންޓްތަކުގެ މެނޫތަކުގައި ވެސް ހިމެނޭ ކެއުމެކެވެ. މި ކަމުގެ ސަބަބުން މިޖިންގޯވެފައިވަނީ މަސްވެރިންނަށް ވަރަށް ކަމުދާ ރަށަކަށެވެ.

މިޖިންގޯގައި އަންހެނަކު މަސް ކައްކަނީ

ހެޓަބް ބުނީ ނައިލް ޕާޗް ފިޝްގެ އަގު މިހާރު 50 ޕަސެންޓް ބޮޑުވެފައިވާ ކަމަށެވެ. އެ ގޮތުން ބައިނަލްއަގުވާމީ މާރުކޭޓުގައި މި މަހުގެ ކިލޯއެއް 300 ޑޮލަރު (4،619ރ.)އަށް ވިކޭ ކަމަށެވެ.

މަސްވެރިކަމަށް ލިބުނު ތަރައްގީގެ ސަބަބުން މިޖިންގޯގެ ރައްޔިތުންނަށް ވަނީ އުމްރާނީ ތަރައްގީ ވެސް ލިބިފައެވެ. އެ ގޮތުން ގެދޮރު މިހާރު ހެދުމުގައި މައުދަނެއް ކަމަށްވާ ޒިންކު ބޭނުންކުރެއެވެ.

މިޖިންގޯގައި މީހުން މިހާރު ދިރިއުޅެނީ ޒިންކު މައުދަނުން ހަދައިފައިވާ ޓިނު ގެދޮރުގައި

މިޖިންގޯގައި މިހާރު ޒަމާނީ ނަރުދަމާގެ ނިޒާމެއް ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން މިޖިންގޯގެ އަމިއްލަ ފުލުހުންގެ ފައުޖެއް އުޅެއެވެ. އަދި ސިއްހީ ގޮތުން ކުރިމަތިވާ އާދައިގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ނަރުހެއްގެ އިރުޝާދުގެ ދަށުން ކްލިނިކްތަކެއް ހިންގައެވެ. ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކަށް ފަރުވާކުރަން ދާންޖެހެނީ ކެންޔާއަށެވެ.

މިޖިންގޯ މިހާރުވެފައިވަނީ ދުނިޔޭގެ އާދަޔާ ހިލާފު ޖަޒީރާ ރަށަކަށެވެ. ކުޑަ ތަނެއްގައި ނިސްބަތުން ބޮޑު އާބާދީއެއްގެ ދިރިއުޅުން ތަރައްގީވަމުން އަންނަ ގޮތުގެ މިސާލު ފެންނަ ތަނެކެވެ. އެ ގޮތުން 1،000 އެއްހާ މީހުންގެ ހަޔާތުގެ މަރުކަޒަކަށް މިޖިންގޯވީ ގޮތެވެ.