Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވަޒީފާގެ މާހައުލުގައި ސަމާލުކަންދޭންވީ 10 ކަމެއް

ރަސްމީ ތައުލީމު ކިޔަވައި ނިންމައިލުމަކީ ތިބާގެ ހުރިހާ މައްސަލައެއްގެ ނިމުމެއް ނޫނެވެ. އެއީ ހަގީގަތުގައި ތިބާގެ ހަޔާތަށް މާވަރުގަދަ ގޮންޖެހުންތައް ކުރިމަތިވާން ފަށާ މަރުހަލާއެކެވެ: ވަޒީފާ ނުވަތަ މަސައްކަތު ދާއިރާއަށް ނުކުންނަން ޖެހޭ ފޭސްއެވެ. އެ ގޮތުން މި ބަލައިލަނީ ތިބާއަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވެދާނެ 10 މައްސަލައަށެވެ.

  1. ތިބާގެ ބޮސްއަކީ ތިބާގެ ރަހްމަތްތެރިއެއް ނޫނެވެ. ކިތައްމެ ގާތް ގުޅުމެއް އޮތަސް، އެ ގުޅުން ބާއްވަންވާނީ މަސައްކަތު ދާއިރާގެ "ޕްރޮފެޝަނަލް" ގުޅުމެއްގެ ގޮތުގައެވެ.
  2. މީހެއްގެ ގާތުގައި ސިއްރެއް ބުނަން ހިތަށްއަރާ ނަމަ އެ ކަމާމެދު ފަރުވާތެރިވާށެވެ. އެ މީހާގެ ދުލުން ފަރުވާ ކުޑަ ގޮތަކަށް ތިބާގެ ސިއްރު ބޭޒާރުކޮށްލަފާނެއެވެ.
  3. ތިބާއަށް ވަޒީފާ ދިން މީހާގެ ކަންބޮޑުވުމަކަށްވާނީ ހަމައެކަނި ތިބާގެ ފަރާތުން ފެންނަ ނަތީޖާތަކަށެވެ. ނަތީޖާ ނެރޭނެ ގޮތެއް ހޯދައި، ކަނޑައެޅުމަކީ ތިބާގެ ކަމެކެވެ. އެއަކު ބަހަނާއެއް ނުދެއްކޭނެއެވެ.
  4. ބޮސްއަށް މައުލޫމާތު ދޭ އެކަކު ނުވަތަ ގްރޫޕެއް ކޮންމެ މަސައްކަތު މާހައުލެއްގައިވެސް އުޅޭނެއެވެ. އެ މީހުން ކިޔައިދޭނީ ހަމައެކަނި ރަސްމީ މަސައްކަތުގެ ވާހަކައެއް ނޫނެވެ. މި ކަމުން އިސްތިސްނާވާނީ މަސައްކަތްތެރިންގެ ޒާތީ ކަންތައްތަކާ ބެހޭ ވާހަކަތައް ދެއްކުން މަނާކޮށްފައިވާ މާހައުލުތަކުގައެވެ.
  5. ތިބާ މަސައްކަތްކުރަމުން އަންނަ މަޝްރޫއަކުން ތިބާ އެކަހެރިކޮށްފި ނަމަ، ނުވަތަ ތިބާ އަދާކުރާ ރޯލަށް އެހެން މުވައްޒަފަކު ކުއްލިއަކަށް ހަމަޖައްސައިފި ނަމަ، ނުވަތަ އެކަށީގެންވާ ސަބަބެއް ނުދައްކައި ތިބާ ޑިމޯޓްކޮށް، ވަޒީފާގެ ރޭންކް ދަށްކޮށްލައިފި ނަމަ، އޭގެން ދޭހަވަނީ ތިބާ ވަޒީފާއިން ހަމަ ކުއްލިއަކަށް ވަކިކޮށްފާނެކަމެވެ.
  6. އެކުގައި މަސައްކަތްކުރާ ކޮލީގުންނާ ތިބާގެ ޒާތީ ވާހަކަތައް ހިއްސާނުކުރާށެވެ. ތިބާއަށް ފަރުދީ ގޮތުން ލިބޭ ކޮންމެވެސް ކާމިޔާބެއް، ތިބާއަށް ނޭނގި، ތަހުގީގުކުރަން ފަށައިފައިނެއެވެ.
  7. ބައެއް ކޮލީގުންނަށް ތިބާ ކަމުނުގޮސްފާނެއެވެ. ތިބާގެ ސިފަ ހުންނަ ގޮތުން، ލާ ހެދުމެއްގެ ގޮތުން، ތިބާ ވާހަކަދައްކާ ގޮތުން، ތިބާގެ ގާބިލިއްޔަތާއި މަސައްކަތުގައި ހޯދާ ކާމިޔާބީ އާއި ތިބާގެ ފަރިކަމާއި ނުވަތަ ކޮންމެވެސް ގޮތްނޭނގޭ ސަބަބުތަކަކާ ހުރެއެވެ. މިއީ އެންމެ ރަނގަޅު ކަމެކެވެ. އެންމެންނަކަށް ތިބާ ކަމަކުނުދާނެއެވެ. އެ ކަން ހަޖަމުކޮށްލާށެވެ.
  8. ތިބާގެ ޓީމް މެންބަރުންނާއި ކޮލީގުންނާއި އަދި ބޮސްގެ "ބޮޑީ ލެންގުއެޖް" ނުވަތަ ހަށިގަނޑުގެ ހަރަކާތްތައް ހުންނަ ގޮތަށް ބަލާށެވެ. އެ ކަމުން، އެ މީހުން ސީދާ ނުބުނެ ހުންނަ "ވާހަކަތައް" ފާޅުވާނެއެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި ކަމުދިޔުމާއި ކަމުނުދިޔުމާއި ޖަޒުބާތުތައް ފަދަ ކަންކަމުގެ ތެރެއިން 38 ޕަސެންޓަކީ ބުނާ އެއްޗަކަށްވުރެ ބުނާ ގޮތުން މާނަ ނުކުންނަ ކަންތައްތަކެވެ. އޭގެ އިތުރުން 55 ޕަސެންޓަކީ ބަސް ނުބުނެ އަމަލުން ފެންނަ ކަންތައްތަކެވެ. ސީދާ ބަސް ބުނެގެން މުއާމަލާތް ހިނގަނީ ހަތް ޕަސެންޓް މިންވަރަށެވެ.
  9. އާދަޔާހިލާފަށް މޮޅު ކޮލީގުން އަބަދުވެސް އުޅޭނެއެވެ. އެ މީހުން ނަތީޖާ ނެރޭނެއެވެ. އެ މީހުންގެ މަސައްކަތް ބަލައިގަންނާނެއެވެ. އަދި އެ މީހުންނަށް ތައުރީފު ލިބޭނެއެވެ. ނަމަވެސް މީގެ ސަބަބުން ތިބާ އެ މީހުންނަށްކުރާ އިހުތިރާމާއި ގަދަރު ކުޑަނުކޮށްލާށެވެ. ތިބާއަކީ ފެންވަރެއް، ގާބިލިއްޔަތުކަމެއް ނެތް މީހެއްގެ ގޮތުގައި އަމިއްލަ ނަފުސާމެދު ނުދެކޭށެވެ. މޮޅު މީހާ ކަންތައްކުރާ ތަފާތު ގޮތަކީ ކޮބައިކަން ދެނެގަންނާށެވެ. އެ ކަންތައް ކުރަނީ ކިހިނެތްކަން ދެކި، އެ ކަމުން ފިލާވަޅު ލިބިގަންނާށެވެ. ތިބާގެ ހުނަރު ތަރައްގީވާނެއެވެ. ކޮންމެ ކަމަކުންވެސް ފިލާވަޅެއް ހޯދައިގަތުމަށް ސިކުނޑި ހުޅުވައިފައި ބަހައްޓާށެވެ.
  10. ވަޒީފާގެ މާހައުލުން ރަނގަޅު ގުޅުންތަކެއް އުފެދުނަސް، ތިބާގެ ފުރަތަމަ އަމާޒަކަށް ވާންވާނީ މަސައްކަތުގެ ނަތީޖާ ނެރެފައި ގެއަށް ދިއުމެވެ. އެ ކަން ހަނދާން ނައްތައިނުލައިށެވެ.

ވަޒީފާގެ މާހައުލަކީ އެ މާހައުލުން އަލަށް ލިބޭ ރައްޓެހިންނާ ސަކަރާތްޖަހަން ލިބޭ ފުރުސަތެއް ނޫނެވެ. ވަޒީފާއަކީ ހަޔާތުގެ އެންމެ ސީރިއަސް އެއް ދާއިރާއެވެ. އެ ދާއިރާގައި ހަރަކާތްތެރި ވާންވާނީ މާލީ ގޮތުންނާއި ނަފުސާނީ ގޮތުން ހިތްހަމަޖެހުން ލިބޭ ގޮތަކަށެވެ.

ނޯޓު: ތަރުޖަމާއެއް