Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އިޖުތިމާއީ ގުޅުން ދެމެހެއްޓުމަށް މުހިންމު 22 ކަމެއް

އިޖުތިމާއީ ގުޅުންތައް ރަނގަޅު ގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ތިބާ ވާނީ މުޖުތަމައުން ބާކީކޮށްލެވިފައިވާ މީހަކަށެވެ.

މި ބަލައިލަނީ މުޖުތަމައުން އެކަހެރި ނުވުމަށް ކުރެވިދާނެ 22 ކަމަކަށެވެ.

  1. މީހަކަށް އެއް ވާނެއްގައި ދެ ފަހަރު ނުގުޅާށެވެ. އޭނާ ޖަވާބު ނުދޭ ނަމަ، ކޮންމެވެސް މުހިންމު ކަމެއްގައި އުޅެނީކަމަށް ވެދާނެއެވެ.
  2. މީހެއްގެ އަތުން ނަގައިފައިވާ ދަރަންޏެއް އޭނާ ނުބުނަނީސް އަވަހަށް އަދާކޮށް ހަލާސްކޮށްލާށެވެ. އޭގެން ދައްކައިދޭނީ ތިބާގެ ނަޒާހަތްތެރިކަމާއި ގޮތެއްގައި ހުރި މީހެއްކަމެވެ. އެއީ ކިތައްމެ ކުޑަ "ދަރަންޏެއް" ވިޔަސްހެވެވެ. މިސާލަކަށް، މީހެއްގެ އަތުން ހޯދައިފައިވާ ކުޑައެއް، ގަލަމެއް، ތަށިބަރިއެއްވިޔަސްމެއެވެ.
  3. މީހެއްގެ ދައުވަތަކަށް ކާން ގޮސްފައި މެނޫގައި ހުރި އެންމެ އަގުބޮޑު ކާބޯތަކެތި ނުގެންނާށެވެ.
  4. މީހަކު ލަދުގަތްފާނެ ޒާތުގެ ސުވާލުތައް ނުކުރާށެވެ. މިސާލަކަށް، "ކޮބާ، އަދިވެސް މީހަކާ ނީންނަންތަ؟" ނުވަތަ "އަދިވެސް ދަރިން ހޯދާކަށް ނޫޅެންތަ؟" ނުވަތަ "ގެއެއް ގަންނާކަށް ނޫޅެންތަ؟" ނުވަތަ "ކާރެއް ގަންނާކަށް ނޫޅެންތަ؟"، މި ކަހަލަ ސުވާލުތަކެވެ. މިއީ ތިބާއާ ބެހޭ މައްސަލަތަކެއް ނޫނެވެ.
  5. ތިބާގެ ފަހަތުން ވަންނަ މީހާއަށް އަބަދުވެސް ދޮރު ހުޅުވައިދޭށެވެ. އެއީ ފިރިހެނަކަށް ވިޔަސް ނުވަތަ އަންހެނަކަށް ވިޔަސް ނުވަތަ ތިބާއަށްވުރެ ދޮށީ މީހަކަށް ވިޔަސް ނުވަތަ ހަގު މީހަކަށް ވިޔަސްމެއެވެ. އާއްމުންނަށް ފެންނަ ތަންތާނގައި މި ކަހަލަ ކަންތައްތައް ކުރިޔަސް ތިބާގެ ހައިބަތަކަށް އަސަރެއް ނުކުރާނެއެވެ.
  6. އެއް ބުރުގައި ތިބާގެ ރަހްމަތްތެރިޔާ ޓެކްސީއަށް ފައިސާ ދައްކައިފި ނަމަ، ދެން ޖެހޭ ބުރުގައި ތިބާ ޓެކްސީއަށް ފައިސާ ދައްކާށެވެ.
  7. އެކި ހިޔާލުތަކަށް އިހްތިރާމްކުރާށެވެ. ތިބާއަށް "6″ގެ ގޮތުގައި ފެންނަ ނަންބަރެއް އަނެކާއަށް "9″ގެ ގޮތުގައި ފެނިދާނެއެވެ. ތަފާތު ހައްލުތައް ބޭނުންވާ ފަހަރުގައި ދެވަނަ ވިސްނުމަކަށް ދިޔުމަކީ ވެސް ރަނގަޅު ކަމެކެވެ.
  8. މީހަކު ވާހަކަދައްކަމުން އަންނައިރު އޭނާގެ ވާހަކަ މެދުކަނޑައިނުލައިށެވެ. އޭނާގެ ހުރިހާ ވާހަކައެއް ބޭރުކޮށްލަން ފުރުސަތު ދޭށެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހާށެވެ.
  9. މީހަކާކުރާ ސަމާސާއެއް އޭނާއަށް ކަމުނުގޮސްފި ނަމަ ދެވަނަ ފަހަރަށް އެ ސަމާސާނުކުރާށެވެ.
  10. މީހަކު އެހީވެދީފި ނަމަ ތިބާ އޭނާއަށް ޝުކުރުއަދާކުރާށެވެ.
  11. ތައުރީފުކުރާނީ ހާމަ ތަންތާނގައެވެ. ފާޑުކިޔާނީ ސިއްރިޔާތުގައެވެ.
  12. މީހެއްގެ ބަރުދަނާމެދު އެއްޗެކޭ ބުނުމުގެ އެއްވެސް ސަބަބެއް ނޯންނާނެއެވެ. ބުނަންޏާ ބުނަންވާނީ "ތިބާ ހާދަ ރީއްޗޭ"އެވެ. އޭނާ އޭނާގެ ބަރުދަން ލުއިކުރަން ބޭނުން ނަމަ، އޭނާ އަމިއްލައަށް އިސްވެ ތިބާގެ ގާތުގައި އެ ވާހަކަދައްކާނެއެވެ.
  13. މީހަކު އޭނާގެ ފޯނުގައިވާ ފޮޓޯއެއް ތިބާއަށް ދައްކައިލައިފި ނަމަ، ވައަތަށް ނުވަތަ ކަނާތަށް ސްވައިޕް ނުކޮށްލައިށެވެ. ދެން ފެންނާނީ ކޮން ފޮޓޯއެއްކަން ތިބާއަކަށް ނޭނގޭނެ ނޫން ހެއްޔެވެ.
  14. ތިބާއާ އެކުގައި މަސައްކަތްކުރާ މީހަކު އޭނާ ޑޮކްޓަރަށް ދައްކަން ދާން އެޕޮއިންޓްމެންޓެއް އެބައޮތްކަމަށް ބުނެފި ނަމަ އެއީ ކީއްކުރަންތޯ ސުވާލު ނުކުރާށެވެ. އޭގެ ބަދަލުގައި "ތިބާގެ ހާލު ރަނގަޅުކަމަށް އުއްމީދުކުރަމޭ" އޭނާއާ ދިމާއަށް ބުނާށެވެ. އޭނާގެ ބަލިހާލަތު އޮޅުންފިލުވަން އުޅެވިދާނެ ކަހަލަ ހާލަތަކަށް އޭނާ ވައްޓާނުލާށެވެ. އޭނާއަށް ޖެހިފައިވަނީ ކޮން ބައްޔެއްކަން ތިބާއަށް އަންގަން ބޭނުން ނަމަ އޭނާ އަމިއްލައަށް އިސްވެ ތިބާގެ ގާތުގައި އެ ވާހަކަ ބުނާނެއެވެ. ތިބާ އަމިއްލައަށް އެ ކަންތައްތައް ހޯދަން އުޅެގެން ނުވާނެއެވެ.
  15. މަސައްކަތުގެ މާހައުލުގައި ތަން ސާފުކުރާ މީހާ އާއި ކުންފުނީގެ ވެރިޔާއަށް ވެސް އެއް އުސޫލަކުން އިހުތިރާމް އަދާކުރާށެވެ. ތިބާއަށްވުރެ ދަށު ފަންތީގެ މީހުންނާމެދު ތިބާ އިހާނެތިކޮށް ހިތާ ނަމަ އެހެން މީހުންގެ ނަފުރަތު ތިބާއަށް އަމާޒުވާނެއެވެ. އެއާ ހިލާފަށް އެ މީހުންނާމެދު އިހުތިރާމާއެކު އަމަލުކުރުމުން އެހެން މީހުންގެ ކުރިމަތީގައި ތިބާގެ އަގުއަރާނެއެވެ.
  16. ތިބާއާ މީހަކު ސީދާ ވާހަކަދައްކަމުން އަންނައިރު ތިބާ ތިބާގެ ފޯނަށް ގެއްލިފައި އިނުމަކީ އަނެކާއާމެދު ކުޑައިމީސްކޮށް އަމަލުކުރުމެވެ.
  17. މީހަކު ނާހާ ހިނދަކު ތިބާ އިސްވެ އޭނާއަށް ނަސޭހަތް ނުދޭށެވެ.
  18. ގިނަ ދުވަސްތަކަކަށް ފަހު މީހަކާ ބައްދަލުވާއިރު، އޭނާ އަމިއްލައަށް ނުބުނާ ނަމަ، އޭނާގެ އުމުރާއި އޭނާއަށް ލިބޭ އާމްދަނީއާ ބެހޭ ގޮތުން ތިބާ އޭނާއާ ސުވާލުނުކުރާށެވެ.
  19. ތިބާއާ ނުބެހޭ ކަންތައްތަކާ ތިބާ ނުބެހޭށެވެ.
  20. މަގުމަތީގައި މީހަކާ ވާހަކަދައްކާ ނަމަ ތިބާގެ އަވިއައިނު ނާޅާށެވެ. އެއީ އަނެކާއަށް އިހުތިރާމްކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، ވާހަކަދެއްކުމާ އެއްވަރަށް ހަތަރުކަޅިހަމަކުރުމަކީ ވެސް މުހިންމު ކަމެކެވެ.
  21. ފަގީރުންތަކެއްގެ ތެރޭގައި ހުންނައިރު ތިބާގެ މުއްސަނދިކަމުގެ ވާހަކަ ނުދައްކައިށެވެ. ހަމަ އެ ގޮތަށް، ދަރިން ނުލިބޭ މީހެއްގެ ގާތުގައި ހުންނައިރު ތިބާގެ ދަރިންގެ ވާހަކަ ނުދައްކައިށެވެ.
  22. ތިބާއަށް ރަނގަޅު މެސެޖެއް މީހަކު ފޮނުވައިފި ނަމަ، އެ ކަމަށް ޝުކުރުއަދާކުރާށެވެ.

މި ބަލައިލެވުނު 22 އިޖުތިމާއީ ގަވައިދުގައި ފާހަގަ ކުރެވޭ މުހިންމު އެއް ކަމެއް ވެއެވެ. އެއީ ތިބާގެ އަތުގައި ނެތް އެއްޗެއް ހޯދުމަށް އެންމެ މުހިންމީ ކަންތައްތައް ބަލައިގަނެ، އެ ކަންތައްތަކަށް ޝުކުރުވެރިވުންކަމެވެ.

ނޯޓު: ތަރުޖަމާއެއް