އެންމެ ރަނގަޅު ބައިވެރިޔާ ލިބިފައިވިޔަސް ތިބާގެ ހިތް ރައްކާތެރިނުކޮށްފި ނަމަ އެހެން މީހަކާ ހިތާވެ، ތިބާގެ ޒަވާޖީ ހަޔާތް ކުދިކުދިވެގެން ހިނގައިދާނެއެވެ.
ކައިވެންޏެއް ކުރަނީ ދިރިއުޅުމެއް ފަށާއިރު ބޭވަފާތެރިވުމުގެ ނިޔަތެއްގައި ނޫންކަމަށް ވިޔަސް ފަސް ހިއްސަށް ސަމާލުކަން ނުދިނުމުގެ ސަބަބުން މިއަދު އެތައް ބަޔަކު އުޅެނީ ޒަވާޖީ ބައިވެރިޔާ ނޫން އެހެން މީހުންނާ ރައްޓެހިވެގެންނެވެ.
މި ބަލައިލަނީ ކައިވެނިން ބޭރުން ޖަޒުބާތީ އަދި ޖިންސީ ގުޅުމެއް ނުބޭއްވުމަށް ކުރެވިދާނެ 15 ކަމެކެވެ.
- އިދިކޮޅު ޖިންސާ މާ ގާތް ގުޅުމެއް ނުބާއްވާށެވެ. މިއީ ކައިވެނިކޮށްގެން އުޅޭ މީހުންނަށް އެންމެ ގިނައިން ލިބޭ ލަނޑެވެ. ޒަވާޖީ ހަޔާތުގައި އުޅޭ މީހުންނަށް އިދިކޮޅު ޖިންސުގެ މީހުންނާ ގާތްވެގެން އުޅުމަކީ ނުރައްކަލެކެވެ. ސަބަބަކީ މިއީ ހިތާއި ހިތުގެ ގުޅުންތަކަކަށްވާތީއެވެ. މިހެންވެ އިދިކޮޅު ޖިންސުގެ މީހުންނާ ދެމެދު ބޯޑަރެއް ގާއިމުކުރާށެވެ. އަހުލާގީ މިންގަނޑެއްގެ ފާރެއް ރާނާލައިށެވެ. ނަމަވެސް އަނެކުންނަށް އާއްމު ގޮތެއްގައި އިހުތިރާމްކޮށް އާދައިގެ ރަހްމަތްތެރިކަމެއް ބޭއްވިޔަސް އެންމެ ރަނގަޅެވެ.
- ޒާތީ މައްސަލަތައް އިދިކޮޅު ޖިންސުގެ މީހުންނާ ހިއްސާނުކުރާށެވެ. ހިއްސާކުރާ ނަމަ އެ މީހުންނާ ގާތް ގުޅުމެއް އުފެދޭނެއެވެ.
- ތިބާ ހިތްކިޔާ އިދިކޮޅު ޖިންސުގެ މީހުންނަށް ނުގުޅައިށެވެ.
- އިދިކޮޅު ޖިންސުގެ މީހުންނާ މާ ގިނައިރު ހަތަރުކަޅިހަމަކޮށްގެން ނުހުންނާށެވެ.
- އިދިކޮޅު ޖިންސުގެ މީހެއްގެ ގާތުގައި ތިބާއަކީ އިޝްގީ މީހެއްކަމަށް ނުބުނާށެވެ. އެ ވާހަކައަކީ ތިބާގެ ޒަވާޖީ ބައިވެރިޔާއަށް އެކަނި ހިއްސާކުރަންވާ މައުލޫމާތެވެ.
- ތިބާ ވަރުބެލިވެފައި ނުވަތަ ދެރަވެފައި ނުވަތަ ނިދިއައިސްފައި ނުވަތަ ސިއްހީ ގޮތުން ބަލިވެފައިވާ ވަގުތެއްގައި އިދިކޮޅު ޖިންސުގެ މީހުންނާ މާގިނަ ވާހަކަ ނުދައްކައިށެވެ. ސަބަބަކީ ތިބާގެ ސިކުނޑި ހުންނާނީ ހަމަޖެހޭ ޒާތުގެ ނިންމުންތަކެއް ނިންމިދާނެ ހާލަތެއްގައެއް ނޫނެވެ. އަދި މިހެންވެ މޮޔަ ވާހަކަ ދެއްކިދާނެއެވެ. މި ކަހަލަ ދަނޑިވަޅުތަކުގައި ތިބާގެ ޒަވާޖީ ބައިވެރިޔާއާ ވާހަކަ ދައްކައިށެވެ.
- އިދިކޮޅު ޖިންސުގެ މީހަކަށް ކޮންމެހެން ކުރަން ނުޖެހޭ ތައުރީފެއް ނުކުރާށެވެ.
- އިދިކޮޅު ޖިންސުގެ މީހުންނާ ދިމާއަށް، ސާފު އަދި ހެޔޮ ނިޔަތެއްގައި ނަމަވެސް، "ތިބާ ދެކެ ލޯބިވަމޭ" ފަދަ ބަސްތައް ނުބުނާށެވެ. ބުނަންވީ ކީއްކުރަން ހެއްޔެވެ؟
- ތިބާގެ ޒަވާޖީ ހަޔާތް ހަރުދަނާކުރެވޭތޯ މަސައްކަތްކުރާށެވެ. ޒަވާޖީ ހަޔާތުގައި އެކުލެވޭ ލޯތްބާއި ދިރުން ދަމަހައްޓައިށެވެ.
- ތިބާގެ އާއިލާ ރައްކާތެރިކުރައިށެވެ. ތިބާގެ ކައިވެނީގައި ޖެހޭ މައްސަލަތައް އިދިކޮޅު ޖިންސުގެ ރައްޓެހިންނާ ހިއްސާނުކުރާށެވެ. އެ ކަހަލަ ވާހަކަތައް އިދިކޮޅު ޖިންސުގެ ރަހްމަތްތެރިންގެ ގާތުގައި ދެއްކުމުން އެ މީހުންނާ ތިބާއާ ދެމެދު ގާތްކަމެއް އުފެދޭނެއެވެ.
- އިދިކޮޅު ޖިންސުގެ މީހަކާ އެއް އިރެއްގައި ވެސް "ފްލާޓް" ނުވަތަ ޖިންސީ ސަމާސާ ނުކުރާށެވެ.
- ސޯޝަލް މީޑިއާއަށް ތިބާ ލާ ތިބާގެ ފޮޓޯތަކާމެދު ސަމާލުވާށެވެ. އެ ފޮޓޯތަކުން ތިބާގައި ހުރި ޖިންސީ ސިފަތައް ހާމަވެގެން ނުވާނެއެވެ.
- ކައިވެނިކުރުމަށްފަހު ތިބާ ކުރިން ރައްޓެހިވެގެން އުޅުނު އެއްވެސް މީހަކާ ގުޅުން ބަހައްޓައިގެން ނުވާނެއެވެ.
- ޖިންސީ އެދުން ފެންމަތިވެފައި ހުންނަ ދުވަސްތަކުގައި އިދިކޮޅު ޖިންސުގެ މީހުންނާ ވާހަކަދައްކައިގެން ނުވާނެއެވެ.
- ތިބާގެ ޒަވާޖީ ބައިވެރިޔާގައި ހުރި ނިކަމެތި ސިފަތަކަށް ބެލުމުގެ ބަދަލުގައި އޭނާގައި ހުރި ހަރުދަނާ ކަންތައްތަކަށް ބަލައިށެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ ނުރަނގަޅު ސިފަތަކަށް ބަލަން ފަށައިފި ނަމަ ތިބާގެ ގާތަށް އަންނާނީ ރުޅިއެވެ. އިހުސާސްކުރެވޭނީ ހިތިކަމެވެ. އޭނާއާ ދިމާއަށް ކިޔޭނީ ފާޑެވެ.
މި ބަލައިލި 15 ކަންތަކުން ހާމަވާ ގޮތުގައި ޒަވާޖީ ހަޔާތެއް ވޭތުކުރަމުން ތިބާގެ ހަޔާތަށް އިދިކޮޅު ޖިންސުގެ މީހުން ގާތްކުރަން ފެށުމުން ފުރަތަމަ ފެށޭނީ އެ މީހުންނާއެކު ޖަޒުބާތީ ގުޅުމެއް ބާއްވައިށެވެ. ދެން އެ ކަން ބަދަލުވެގެންދާނީ ޖިންސީ އެދުން އެކުލެވޭ ބޭވަފާތެރިކަމަކަށެވެ. އެއް އިރެއްގައި މާތް އަދި ބަރަކާތްތެރިކޮށް އޮތް ކައިވެންޏެއްގެ ނިމުމަކަށެވެ. ތިބާ ކާން ހެޔޮނުވާ އެއްޗެއްގެ ވަސް ވެސް ޖެހޭ ހިސާބަށް އެ އެއްޗެއް ގެނެސްގެންނުވާނެއެވެ.
ނޯޓު: ތަރުޖަމާއެއް
