މި ޒަމާނުގެ އިޖުތިމާއީ އިލްމްގައި އެންމެ ގަދައަށް ބަހުސްކުރެވޭ އެއް މައުލޫއަކީ އަދުގެ ފިރިހެނުންގެ ފިރިހެންވަންތަކަން ގެއްލިފައިވާ މައްސަލައެވެ. މި ކަމުގެ ސަބަބުން މުޖުތަމައުގައި ފިރިހެނުން ނިކަމެތިވެފައިވާ މިންވަރެވެ. މި ބަލައިލަނީ ފިރިހެންވަންތަކަން ދެމެހެއްޓުމަށް އަމަލުކުރެވިދާނެ 14 ގޮތަކަށެވެ.
- ތިބާއަށް ބޭވަފާތެރިވި އަންހެނެއްގެ ގާތަށް އެނބުރި ނުދާށެވެ. އޭނާގެ ހަގީގީ ސިފަ އޭނާ އެ ވަނީ ތިބާއަށް ދައްކައިފައެވެ. ތިބާއަކީ ތިބާގެ އަމިއްލަ ހަޔާތުގެ ރަސްގެފާނެވެ. ތިބާ ތިބާގެ އަމިއްލަ ނަފުސަށް އިހުތިރާމްކުރާށެވެ. ފަހަތަށް އެނބުރި ނުބަލާށެވެ.
- ތިބާއަށް އިހުތިރާމް ނުކުރުމުގެ ފުރުސަތު އަންހެނަކަށް ނުދޭށެވެ. އެހެން ހަދާ ވަގުތު ތިބާގެ ބާރު ކެނޑޭނެއެވެ. ތިބާއަކީ ވެސް އަގެއް ހުރި މީހެކެވެ. އޭނާއަށް އެ ކަން އެނގެންޖެހޭނެއެވެ. ވަކި އުސޫލުތަކެއް ހިފަހައްޓާށެވެ. ނުވަތަ އޭނާއާ ދުރަށް ދާށެވެ.
- އިށީނދެގެން އިނދެ އަތާއި އަތް ޖޯޑުކޮށް ސަލާން ނުކުރާށެވެ. އެއީ ނިކަމެތިކަމާއި ކަންނެތްކަމުގެ ނިޝާނެކެވެ. ކޮޅަށް ތެދުވާށެވެ. ހަތަރުކަޅި ހަމަކުރާށެވެ. އަދި އޭނާގެ އަތުގައި ރަނގަޅަށް ހިފާށެވެ. ސަލާން ކުރުމަކީ ތިބާ ބުނާ ބަހެއް ފަދަ އެއްޗެކެވެ. އެއަށް އިހުތިރާމް ހޯދާށެވެ.
- ސަލާންކުރާއިރު އަތުގައި ރަނގަޅަށް ބާރަށް ހިފާށެވެ. އެއީ ބާރާއި ޔަގީންކަމާއި އިހުތިރާމް ދެއްކޭނެ ފުރަތަމަ ފިޔަވަޅެވެ. ނިކަމެތި ގޮތަކަށް އަތުގައި ހިފައި ސަލާންކޮށްފި ނަމަ އެ ދައްކައިދެވެނީ ތިބާއަކީ ނިކަމެތި މީހެއް ކަމެވެ. ސަލާންކުރުމަކީ ތިބާ ބަސް ބުނުމުގެ ކުރިން ތިބާގެ ފަރާތުން ބުނާ ބަހެކެވެ.
- އެހެން މީހުންނަށް ދެއްކެން ފައިސާ ހަރަދު ނުކުރާށެވެ. ވަގުތީ އިހުތިރާމެއް ހޯދަން ތިބާގެ ކުރިމަގު ގުރުބާންކުރާނީ މޮޔައެކެވެ. ހަގީގީ ބާރު ލިބޭނީ މާލީ އަހުލާގާއި މާލީ މިނިވަންކަން ދަމަހައްޓައިގެންނެވެ. ކިބުރުވެރިކަން ކުރިއަށް ނެރެން އެހެން މީހުން މަސައްކަތް ކުރަމުންދިޔަސް ތިބާގެ މުއްސަނދިކަން ތިބާ ތަރައްގީކުރާށެވެ.
- އެހެން މީހަކު ގަތް އެއްޗެއްގެ އެންމެ ފަހު ބައި ތިބާ ނުކާށެވެ. މިއީ އިހުތިރާމާ ގުޅިފައިވާ ކަމެކެވެ. އެ އެތިކޮޅު އެ ގަތް މީހާ ކާން ދޫކޮށްލައިށެވެ. ކުރިއަށް ނުވަތަ ފަހަތަށް ފިޔަވަޅު އަޅަން ވީ ވަގުތު ތިބާއަށް އެނގެންވާނެއެވެ. ވަކި ހިފެހެއްޓުމެއްގެ ތެރޭގައި އަމަލުތައް ބަހައްޓައިށެވެ. އިހުތިރާމް އަދާކުރާށެވެ. އެއްޗެއް ނުދީ އެއްޗެއް ނާތުލައިށެވެ.
- ކުރިއެރުމަށް އަބަދުވެސް މަސައްކަތްކުރާށެވެ. ކޮންމެ ދުވަހަކީ ވެސް އޭގެ ކުރީ ދުވަހަށްވުރެ ބޮޑަށް ނަފުސުގެ ތަރައްގީއަށް މަސައްކަތްކުރެވޭނެ ދުވަހެކެވެ. އަމާޒުފަތްގަނޑުތަކެއް ކަނޑައަޅައިށެވެ. ތިބާގެ ނަފުސު ތަރައްގީ ކުރުމުގައި މަޑުނުޖެހޭށެވެ.
- އެހެން ފިރިހެނުންގެ ކުރިމަތީގައި ފައިތިލަ ސާބިތުކޮށްގެން ހުންނާށެވެ. އެހެން މީހަކު ތިބާގެ ހަޔާތާ ހަވާލުވެއްޖެ ނަމަ ތިބާއަށް ނާކާމިޔާބުވީއެވެ. ހަޔާތުގެ ނިންމުންތައް ތިބާ ނިންމައިށެވެ. ތިބާ އެހެން މީހެއްގެ ފަހަތުން ނުދުވާށެވެ. ހަރުދަނާކަމަކީ ފަހަތަށް ޖެހިގެން ނުވަތަ ކަންތައްތައް ދޫކޮށްލައިގެން ލިބޭނެކަމެއް ނޫނެވެ.
- ސުވާލެއް ކުރިމަތިކޮށްފި ނަމަ އެއަށް ޖަވާބު ދިނުމަށް ސިކުންތުކޮޅެއް މަޑުކޮށްލައިށެވެ. އެ ކަމުން ދައްކައިދެނީ ތިބާ ކޮންޓްރޯލްގައި ހުރި ކަމެވެ. ސިކުނޑި ހަލުއިކޮށް މަސައްކަތްކުރިއަސް ދޫ ހަލުއިކުރާކަށް ނުޖެހެއެވެ. ވިސްނުން ބޭނުންކުރާށެވެ. ދެން ބާރު ލިބިފައި ހުރެމެ ވާހަކަދައްކައިށެވެ. އެ ކަމުން އިހުތިރާމް ލިބޭނެއެވެ. ބަސް ނުބުނެ މަޑުކޮށްލައިފައި ދެން ބަސް ބުނުމުން ތިބާގެ ދުލުން ބޭރުކޮށްލާ ބަސްތަކުގައި ބަރުދަނެއް ހުންނާނެއެވެ.
- ލޯތްބެއް ހޯދުމަށް އާދޭސް ނުކުރާށެވެ. އެހެން ހަދައިފި ނަމަ އެ ހިސާބުން ތިބާގެ އަގު ވެއްޓުނީއެވެ. ތިބާގެ އަގު އަނެކުންނަށް ނުފެންނަ ނަމަ، އަޅާނުލާ އޭނާ ދޫކޮށްލައިށެވެ. ތިބާގެ އަގު ހިފަހައްޓައިށެވެ. ތިބާއަކީ އިނާމެކެވެ. އެ ކަން އަބަދު ވެސް ދަންނާށެވެ.
- މަދުވެގެން ހަފުތާއަކު ހަތަރު ފަހަރު ކަސްރަތުކުރާށެވެ. ވަރުގަދަ ހަޔާތެއްގެ ބިންގަލަކީ ހަރުދަނާ ހަށިގަނޑެކެވެ. ސިއްހަތު ހުންނަން ވާނީ އަބަދުވެސް އެންމެ ފުރިހަމަކޮށެވެ.
- ކޮންމެ ވަގުތެއްގައިމެ ނަލަހެދިގެން ހުންނައިށެވެ. ތިބާ ބޭރުފުށުން ފެންނަން ހުންނާނެ ގޮތަކީ ތިބާގެ ނަފުސުން ދޭ ފުރަތަމަ ބަޔާނެވެ. ރީތިކޮށް ހުރުމުން އިހްތިރާމް ލިބޭނެއެވެ. އަދި ތިބާއަކީ އެހެން މީހުންނާ ތަފާތު މީހެއްކަން ދޭހަކޮށްދޭނެއެވެ. ސްޓައިލެއް ގެންގުޅުމަކީ ބާރުވެރިކަން ދައްކައިދޭ ކަމެކެވެ.
- އަމިއްލަ ނަފުސު ދިފާއުކުރަން ދަސްކުރާށެވެ. އެހެން ނޫނީ ތިބާ ވާނީ އެހެން މީހުންނަށް ބަރޯސާކުރަން ޖެހިފައިވާ މީހަކަށެވެ. ބާރާއި ހުނަރާއި އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ދަމަހައްޓައިށެވެ. ތިބާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހެން މީހުންގެ ފަރާތުން ނޭދޭށެވެ.
- ބަރަހަނާ ފިލްމާއި ފޮޓޯ ބެލުން ހުއްޓައިލައިށެވެ. "ޕޯން" ބެލުމުން ނަފުސަށް ލިބޭ ގެއްލުންތަކާމެދު މީހުން ވާހަކަ ދައްކަނީ އަދިވެސް މަދުންނެވެ. ޕޯން ބެލުމުން އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން ކުޑަވެއެވެ. އަމިއްލަ ނަފުސާމެދު ދެކޭ ގޮތް ނިކަމެތިވެއެވެ. އަމިއްލައަށް ޖިންސީ އެދުން ފުއްދުމުގެ މައްސަލައަކީ ނުހަނު ސީރިއަސްވެފައިވާ މައްސަލައެކެވެ. ތިބާގެ ހަޔާތް ރަނގަޅު ފަރާތަކަށް އަނބުރައިލަން ބޭނުން ނަމަ ޕޯން ބެލުން ހުއްޓައިލައި، ތިބާގެ ފިރިހެންވަންތަކަން އަލުން ލިބިގަންނާށެވެ.
މި ބަލައިލި 14 ކަމަކީ އަދުގެ ފިރިހެނުންނަށް ކުރިމަތިވެފައިވާ ފިރިހެންވަންތަކަމާ ގުޅޭ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެވެ. މިއީ ފިޔަވަޅު އަޅަން ފަސޭހަ ކަންތައްތަކެކެވެ. އަދި މި ގޮތަށް އަމަލުކޮށްފި ނަމަ ކޮންމެ ފިރިހެނެއްގެ ހަޔާތް ބާއްޖަވެރިވާނެއެވެ.
ނޯޓު: ތަރުޖަމާއެއް
