Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އެއީ ރަނގަޅު ބައިވެރިއެއް ހެއްޔެވެ؟

"އަހަރެން މި އުޅެނީ ރަނގަޅު ބައިވެރިއަކާއެކު ހެއްޔެވެ؟" މިއީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭތާ އެތައް ދުވަހެއް ފަހުން ބައެއް މީހުން އަމިއްލަ ނަފުސާ ކުރާ ސުވާލެކެވެ.

ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުމަކީ ވަށްބުރެއް ފަދަ އެއްޗެކެވެ. ގުޅުން އުފެދޭ ފުރަތަމަކޮޅު އެއީ ލޯބީގެ ކުލަވަރު ފެންނަން ފަށައި ދުވަސްވަރެވެ. ބައިވެރިޔާ ތިބާއަށް ގުޅުމަށް އުއްމީދުކުރެވޭނެއެވެ. ތިބާގެ ގައިގައި އޭނާ ބީހުމަށް އެދެވޭނެއެވެ. އޭނާގައި ހުންނަ އޭނާގެ ހާއްސަ ސިފަތައް ކަމުދާނެއެވެ. ލޯބިވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އެ ކަމަށްޓަކައި މާބޮޑު ކަމެއްކުރާކަށް ނުޖެހޭނެއެވެ.

ނަމަވެސް އޭގެ މަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން ލޯބީގައި ހުންނަ އުފާވެރިކަން ފަނޑުވެއެވެ. މިއީ ހަމަ ކޮންމެ ގުޅުމެއްގެ ވެސް ހާލަތެވެ. ލޯބީގެ ބޮޅު އެނބުރެމުންދާ ގޮތެވެ.

މިހާ ހިސާބުން ބައިވެރިޔާކުރާ ފޯންކޯލްތައް ތިބާއަށް ވާނީ އުނދަގުލަކަށެވެ. އަދި މި ފަދަ ކޯލްތައް ނުވެސް އަންނާނެއެވެ. ގައިގައި ބީހުން ވެސް މަދުވާނެއެވެ. އަދި ބީހުނަސް އެ ކަން ވެސް ކަމަކުނުދާނެއެވެ. މީގެ އިތުރުން ބައިވެރިޔާގައި ހުންނަ އޭނާއަށް ހާއްސަ ސިފަތައް އެއީ ކަމުދާ ކަންތައްތަކެއްގެ ބަދަލުގައި ތިބާގެ ބޮލުގެ ރިހުމަކަށް ބަދަލުވެއެވެ.

ގުޅުމުގެ މި މަރުހަލާގައި ފެންނަ ސިފަތައް އެކި މީހުންގެ ދެމެދުގައި ތަފާތުވިޔަސް އެއްގޮތް ކަންތައްތަކެއްވެއެވެ. އެއީ ލޯބިވާން ފެށި ދުވަސްވަރު ގުޅުން އޮތް ގޮތާއި ފަހުން އެ ގުޅުން ބަދަލުވާ ގޮތެވެ. އެ ގޮތުން ދުވަސްވަމުން ދިޔަވަރަކަށް ލޯބި ފަނޑުވުމުގެ އިތުރުން ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަމެއް ވެސް އުފެދިދާނެއެވެ.

މިހާ ހިސާބުން އަމިއްލަ ނަފުސަށް ކުރިމަތިކުރާނީ އެއްކަލަ ސުވާލެވެ: "އަހަރެން މި އުޅެނީ ރަނގަޅު ބައިވެރިއަކާއެކު ހެއްޔެވެ؟" އަދި ގުޅުމުގެ ފުރަތަމަ ދުވަސްވަރު އޮތް އުފާވެރިކަން ފަހުން ނެތެމުންދިޔުމުން ތިބާއަށް އެދެވޭނީ އާ ބައިވެރިޔަކު ހޯދައި، އަލުންބަލުން ލޯބީގެ ގުޅުމެއް ފަށައިގަންނާށެވެ.

ތިބާ މިހާރު ދިރިއުޅޭ ބައިވެރިޔާއާ ދެމެދު އޮންނަ ގުޅުން ކެނޑެން ފަށަނީ މި ހިސާބުންނެވެ. ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް މުހިންމީ "ރަނގަޅު ބައިވެރިޔާ" ހޯދުމެއް ނޫނެވެ؛ ނަމަވެސް ހޯދުނު ބައިވެރިޔާ ދެކެ ލޯބިވާން ދަސްކުރުމެވެ.

ބައެއް މީހުން އެ މީހުންނަށް ލިބޭ ހިތްދަތިކަމުގެ އިލްޒާމް އަޅުވަނީ އެ މީހުންގެ ބައިވެރިންގެ ބޮލުގައެވެ. ދެން އުފާވެރިކަން އަލުން ހޯދަން އުޅެނީ އެ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ބޭރުންނެވެ. ބައިވެރިޔާއަށް ބޭވަފާތެރިވާން ފަށަނީ މި ހިސާބުންނެވެ. މިއީ ވަރަށް އާއްމު ކަމެކެވެ.

ބައިވެރިޔާއާއެކު އޮތް ގުޅުން ހީނަރުވުމުން އެހެން ގޮތްގޮތުން އުފާވެރިކަން ހޯދާ މީހުން ވެސް އުޅެއެވެ. އެ ގޮތުން ވަޒީފާގައި މާ ބުރަކޮށް އުޅެން ފަށައިފައިނެއެވެ. ރަހްމަތްތެރިންނާއެކު މާ ގިނައިން އުޅެން ފަށައިފައިނެއެވެ. މާ ގިނައިން ޓީވީ ދޮށުގައި އިންނަން ފަށައިފައިނެއެވެ. ނުވަތަ މަސްތުވާތަކެތި ވެސް ބޭނުންކުރަން ފަށައިފައިނެއެވެ.

ބައިވެރިޔާއާއެކު އޮތް ގުޅުން ރަނގަޅުކުރާނެ ގޮތުގެ ޖަވާބު އޮތީ ގުޅުމުގެ ބޭރަކު ނޫނެވެ. ނަމަވެސް ގުޅުމުގެ އެތެރޭގައެވެ.

އެހެން މީހަކު ދެކެ ތިބާ ލޯބިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ހަމަ ވެދާނެ ކަމެކެވެ. އެހެން ވެއްޖެ ނަމަ ވަގުތީ ގޮތުން ތިބާ އުފާ ވެސް ވެދާނެއެވެ. ނަމަވެސް އޭގެ އެތައް އަހަރުތަކެއް ފަހުން އަނެއްކާ ވެސް އާ ބައިވެރިޔާއާ ދެމެދު އޮތް ގުޅުން ވެސް ނެތިގެން ހިނގައިދާނެއެވެ. އެހެންކަމުން އަނެއްކާވެސް ހަނދާންކޮށްލަންޖެހޭ ކަމަކީ ލޯބީގެ ގުޅުމަކަށް ބޭނުންވަނީ ވަކި މީހަކު ނޫން ކަމެވެ؛ ނަމަވެސް އެ ހޯދުނު މީހާ ދެކެ ލޯބިވުން ކަމެވެ.

ލޯބި ދެމެހެއްޓުމަކީ އޭގެ ޒާތުގައި އަމިއްލައަށް ވާ ކަމެއް ނޫނެވެ. އެ ކަމަށްޓަކައި ތިބާ މަސައްކަތްކުރަންޖެހެއެވެ. އަބަދުމެއެވެ. އެ ކަމަށްޓަކައި ވަގުތާއި ހަކަތަ ބޭނުންވެއެވެ. އަދި އެންމެ މުހިންމު ކަމަކީ ވިސްނުންތެރިކަމާއެކު ތިބާގެ ބައިވެރިޔާއާއެކު އޮންނަ ގުޅުން ދެމެހެއްޓުމެވެ.

ލޯތްބަކީ ގޮތްނޭނގޭ އެއްޗެއް ނުވަތަ "މިސްޓްރީ"އެއް ނޫނެވެ. ބައިވެރިޔާއާއެކު ކުރެވިދާނެ އެތައް ކަމެއްވެއެވެ. ދަމާބާރު ފަދަ ގުދުރަތީ ބާރުތައް މި ކައުނުގައި ހުންނަ ފަދައިން ލޯބީގައި ވެސް ގުދުރަތީ ގާނޫނުތަކެއްވެއެވެ. މި ގާނޫނުތަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ ބައިވެރިޔާއާ ތިބާގެ ދެމެދުގައި އޮންނަ ގުޅުން ދެމެހެއްޓޭނެއެވެ.

އެހެންކަމުން ލޯތްބަކީ ހަމައެކަނި ކުރެވޭ އިހުސާސެއް ނުވަތަ ޖަޒުބާތެއް ނޫނެވެ. އެއީ ތިބާގެ ބައިވެރިޔާއާއެކު އޮންނަ ގުޅުން ދެމެހެއްޓުމަށް ތިބާ ނިންމާނިންމުމެއް ވެސްމެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ތިބާގެ ހަޔާތަށް ވަންނާނެ މީހުންނަކީ މާތްﷲ ކަނޑައަޅުއްވާ މީހުންކަމެވެ. އޭގެ ތެރެއިން ތިބާގެ ހަޔާތުން ބޭރުކޮށްލާނެ މީހުންނާއި ދޫނުކޮށްލާނެ މީހުން ކަނޑައަޅާނީ ތިބާއެވެ.

ނޯޓު: ތަރުޖަމާއެއް