ފައިސާއަކީ ހުރިހާ އެއްޗެއް ނޫން ކަމަށް ވިޔަސް، ފައިސާއަކީ އެތައް ކަމަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެއާ ނުލައި ނޫޅެވޭނެ އެއްޗެކެވެ. އަދި ރަނގަޅު ގޮތުގައި ބެލެހެއްޓުމުން ހަޔާތް ބާއްޖަވެރިކޮށްދޭ އެއްޗެކެވެ.
މި ބަލައިލަނީ ތިބާގެ މާލީ ހާލަތު ރަނގަޅުކޮށް، އަދި އެ ކަން ދެމެހެއްޓުމަށް އެޅިދާނެ 10 ފިޔަވަޅެވެ.
- އެމަޖެންސީ ފަންޑެއް ގާއިމުކުރުން އެއީ މަޖުބޫރު ކަމެކެވެ. ކުއްލި ހާލަތެއް ދިމާވެދާނެތީއެވެ. ދިމާވާނެއެކޭ ނޫނެވެ. ނަމަވެސް ދިމާވެއްޖެ ނަމަ ފިޔަވަޅު އަޅައި، އެ ކަމުން އަރައިގަތުމަށެވެ. މި ފަންޑު ވާންޖެހޭނީ މިހާރުގެ ލައިފްސްޓައިލާއި ހަރަދުބަރަދަށް އެންމެ މަދުވެގެން ހަ މަސް ދުވަހަށް ހޭދަކުރެވޭނެވަރުގެ ފައިސާ ރައްކާކުރެވިފައި ހުންނާނެވަރުގެ ފަންޑަކަށެވެ.
- ފައިސާ ރައްކާކުރާށެވެ. އެ ފައިސާ ތިބާ ރައްކާތެރިކުރާނެއެވެ. ރައްކާކުރާނީ ހޭދަކޮށްފައި ބާކީވާ ބައެއް ނޫނެވެ. ހޭދަކުރާނީ ރައްކާކޮށްފައި ބާކީވާ ބައެވެ.
- ރަނގަޅީ އެއްވެސް ވަރެއްގެ ދަރަންޏެއް ބޮލުގައި އެޅިފައި ނެތިއްޔާއެވެ. އެހެނީ އެއްޗެއް ގަންނަން ބަލާއިރު އެއަށް ހަރަދުކުރާނެ ފައިސާއެއް ނޯންނާނީ އެއީ އަތްފޯރާފަށުގައި ނުވާ އެއްޗެއް ނަމައެވެ. ސިކުނޑީގެ ހަމަޖެހުމަކީ އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ނޫނެވެ.
- ކޮންމެހެން ގަންނަން ނުޖެހޭ އެއްޗެއްސަށް ހަރަދުނުކުރާށެވެ. ސޭލް އަޅުވައިފައި އޮތަސްމެއެވެ. އެހެނީ އެ އެއްޗެއް ނުގަތުމުން އެ ލިބުނީ 100 ޕަސެންޓް ސޭލް އަޅުވައިފައި އޮތް އެއްޗެކެވެ. ތިބާއަށް ބޭނުންތެރިކަމެއް ނެތް އެއްޗެހި ނުގަންނާށެވެ. އެއީ ކިތައްމެ އަގުހެޔޮ އެއްޗެއް ނަމަވެސްމެއެވެ. ކޮންމެ ފައިސާފޮއްޗަކީ ވެސް އަގެއް ހުރި އެއްޗެކެވެ!
- ބަޖެޓްކުރަން ދަސްކުރާށެވެ. އެއީ ތިބާގެ ފައިސާ ދާންވި ދިމާ ދެނެގަނެވޭނެ ގޮތެވެ. މިހެންވުމުން އެ ދިޔައީ ކޮން ތަނަކަށްތޯ ބަލަން އުޅޭކަށް ނުޖެހޭނެއެވެ.
- އަހަރެމެންނަށް ބޭނުންތެރިކަމެއް ނުވާ އެއްޗެހި ގަންނަ ނަމަ، އާހިރުގައި ދަރަނިވެރިވެ އަހަރެމެންގެ އަތުގައި ހުރި އެއްޗެހި ޖެހޭނީ ވިއްކައިލައިށެވެ.
- މުއްސަންޖެއްކަމަށް ހެދިގެން އުޅެން ފެށުމުން ވާނީ ފަގީރެވެ. އަތުގައި ހުރި މިންވަރަށްވުރެ ދަށް މިންވަރަކަށް ހޭދަކޮށްގެން އުޅެން ދަސްކުރަންޖެހެއެވެ. މުއްސަންޖެއްކަމަށް ދެއްކެން އުޅެންހަދައިގެން ފަގީރުނުވާށެވެ. އަތާއި އަނގަޔާ ދިމާވާ ގޮތަށް ދިރިއުޅޭށެވެ.
- ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ އާއިލީ ހަރަދުތައް ބަލަހައްޓަން ފައިސާ ބޭނުންވާނެކަމީ އެ ކަމާ ދެކޮޅުހެދޭނެކަމެއް ނޫނެވެ.
- ހަޔާތުގައި ދިމާވެދާނެ ކުރިއަށް ކިޔަންނޭނގޭ ކަންތައްތަކާމެދު ސަމާލުވެގެން ހުންނާށެވެ. އެ ކަމަށްޓަކައި "ބެކަޕް" ރޭވުމެއް ގެންގުޅޭށެވެ. މިސާލަކަށް، އިންވެސްޓްމަންޓެއްކޮށް، ޒާތީ ހަޔާތް ރައްކާތެރިކޮށްދޭ އިންޝުއަރެންސެއް ހަމަޖެއްސިދާނެއެވެ.
- އާއިލާއާމެދު ދެކޭ ނުރަނގަޅު ގޮތްތަކާއި އުސޫލުތައް ދޫކޮށްލާށެވެ. އެ ގޮތުން ބަލާއިރު، ތިބާގެ ދަރިންނަކީ ތިބާ ރިޓަޔާކޮށްގެން ތިބާގެ ހަރަދުތައް ބަލަހައްޓާނެ ފަންޑެއް ނޫނެވެ. އަދި ތިބާގެ މައިންބަފައިންނަކީ ތިބާގެ އެމަޖެންސީ ފަންޑެއް ނޫނެވެ.
ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން ކަށަވަރެވެ. ނަމަވެސް އެއީ ދިރިއުޅުމުގެ އެތައް އަސާސީ ކަންތައްތައް ރައްކާތެރިކޮށްދޭ މެދުވެރިއެކެވެ. މިހެންވެ މި ބަލައިލި 10 ކަންތައްތަކުގައި ހިފެހެއްޓުމުން ތިބާގެ ހަޔާތުގައި މާލީ ރައްކާތެރިކަން ލިބިގެންދާނެއެވެ.
ނޯޓު: ތަރުޖަމާއެއް
