Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޒަވާޖީ ހަޔާތުގައި ގެންގުޅެން މުހިންމު 15 އުސޫލެއް

ޒަވާޖީ ހަޔާތުގައި ކުރިއަށް ދާއިރު ބައެއް އުސޫލުތަކުގައި ހިފެހެއްޓުމުން އެ ގުޅުމެއް ތަރައްގީވުމަށް މަގުފަހިވެއެވެ.

މި ބަލައިލައި 15 އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ، ތިޔަ ދެމަފިރިންގެ ގުޅުން ވެސް ހަރުދަނާވާނެއެވެ.

  1. ޝަރުތަކާ ނުލައި ލޯބިވުން:

ލޯތްބަކީ ޝަރުތަކާ ލައިގެން ވާ އެއްޗެއް ނޫނެވެ. ތިބާގެ ބައިވެރިޔާއަށް ތިބާއަށްވުރެ ގިނައިން އާމްދަނީ ލިބުން، ކޮންމެ މަހަކު އެތައް ހަދިޔާއެއް ގަތްދިނުން، ނުވަތަ އަބަދު ނަލަވެލައިގެން ހުރުން ފަދަ ކަންތައްތަކަކީ ލޯބިވުމަށް ޝަރުތަކަށް ނުހަދާށެވެ. ތިބާގެ މައިންބަފައިން އެއްވެސް ޝަރުތަކާ ނުލައި ތިބާ ދެކެ ލޯބިވާ ފަދައިން ތިބާ ވެސް ތިބާގެ ބައިވެރިޔާ ދެކެ ޝަރުތަކާ ނުލައި ލޯބިވާށެވެ.

  1. ދެ މީހުންގެ ގުޅުމަށް އެންމެ އިސްކަމެއް ދިނުން:

ދެމަފިރިންގެ ގުޅުން ވާންޖެހޭނީ އެންމެ އިސްކަންދޭ ކަންތަކަށެވެ. ވަގުތާއި ހަކަތަ އެ ކަމަށް އެކަށައަޅައި، ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރާށެވެ.

  1. މުއާމަލާތްކުރާ މަގުތައް ހުޅުވައިލައިފައި ބެހެއްޓުން:

މުއާމަލާތްނުކުރާ ނަމަ ގުޅުން ވިއްސިވިހާލިވެގެން ހިނގައިދާނެއެވެ. ދެ މީހުންގެ ދެމެދުގައި ކުރާ މުއާމަލާތް ވާންޖެހޭނީ ހުޅުވައިލެވިފައިވާ އަދި ތެދުވެރިކަންމަތީ ކުރެވޭ މުއާމަލާތަށެވެ. ތިބާ ކިތައްމެ ބުރަކޮށް އުޅުނަސް ނުވަތަ ވަރުބަލިވިޔަސް އެ ކަންތަކަކީ ތިބާގެ މުއާމަލާތްކުރުމަށް ހުރަސްއަޅާ ކަމަކަށް ނުހަދާށެވެ.

  1. ގައިގައި ގިނަގިނައިން ބައްދާލުން:

ދުވަހުގެ އާދައިގެ މަތިން ކުރާ ކަމެއްގެ ގޮތުގައި ބައިވެރިޔާގެ ގައިގައި ބައްދާލުން ހިމަނާށެވެ. އަދި އެ ބައްދާލުން ވާންވާނީ ދިގުދެމިގެންވާ ބައްދާލުންތަކަކަށެވެ. ބައްދާލުމުން ހަށިގަނޑުގައިވާ ލޯބީގެ ހޯމޯން ކަމަށްވާ އޮކްސިޓޮސިން އިތުރުވެ، ސްޓްރެސް މެދުވެރިވުމަށް ދިމާވާ ކޯޓިސޯލް ހޯމޯން މަދުކޮށްދެއެވެ.

  1. އެއްދާންކުރުމުގައި ދީލަތިވުން:

ޖިންސީ އެދުން ފުއްދުމުގައި ވަކި ތާވަލެއް ހަދައިގެން ނޫޅޭށެވެ. އެ ކަމަށް މަގުފަހިވާ ވަގުތު އެ ކަން ކޮށްލާށެވެ. އެ ގޮތަށް ހެދުމުން އެ ކަމުން ހިތްހަމަޖެހުމާއި ދެ މީހުންގެ ދޭތެރޭގައި އޮންނަ ގާތްކަން ހަރުދަނާވާނެއެވެ. އެއްދާންކުރުމަށް ދެ މީހުންނަށް އެދެވޭ ހިނދު ތިބާ އެ ކަމުން ބަރީއަވާން ބަހަނާ ނުދައްކާށެވެ.

  1. އަގުހުރި ވަގުތުކޮޅެއް އެކުގައި ހޭދަކުރުން:

ކޮންމެހެން ރޭގަނޑުގެ ޑޭޓްއަކަށް ދާކަށްނުޖެހެއެވެ. ގޭގައި ވެސް އިޝްގީ ކެއުމެއް ކާލެވިދާނެއެވެ. ބަގީޗާގައި ނުވަތަ ބެލްކަނީގައި އިނދެ މާޒީގެ ފޮނި ހަނދާންތައް ހިއްސާކޮށްލައި ނުވަތަ ކަމުދާ ޓީވީ ޕްރޮގްރާމެއް އެކުގައި ބަލައިލައިށެވެ. މަގުސަދަކަށް ވާންޖެހޭނީ ބުރަކޮށް އުޅެފައި ވަގުތުކޮޅެއް ހުސްކޮށްލައިގެން ދެ މީހުންގެ ދެމެދުގައި އިހުސާސްކުރެވޭ ގާތްކަން އިތުރުކޮށްލުމެވެ.

  1. އިތުބާރު ގާއިމުކުރުމަށް ތެދުވެރިވުން:

އިތުބާރު އުފެއްދޭނީ ތެދުވެރިކަންމަތީގައެވެ. ބައިވެރިޔާ އުފާވެރިކަންމަތީ ދަމަހައްޓައި، މަސްލަހަތު ހިމާޔަތްކުރަން ބައެއް ފަހަރަށް ކުދި ދޮގުތައް ހެދިޔަސް، ހީލަތްތެރިވުމާއި ބޭވަފާތެރިވުމަކީ ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގެ ބަޔަކަށް ނުހަދާށެވެ. ތިބާގެ ބައިވެރިޔާގެ ލޯބީގެ "ބަސްމަގު" ދަސްކުރާށެވެ. އެއީ ދެ މީހުން އެކުގައި ހޭދަކުރާ ވަގުތާއި ދެ މީހުންގެ ދެމެދުގައިވާ ގާތްކަމާއި ދެ މީހުން ދެ މީހުންނަށް ދޭ ޖަޒުބާތީ އެހީ އާއި ބައިވެރިޔާ ހިތްހަމަޖެހޭ ކަންތައްތައް ފަހުމްވުމެވެ.

  1. ފާޑުކިޔަސް ގިއްގަޅުވައިނުލުން:

ތިބާގެ ބައިވެރިޔާގެ ކަމެއް ރަނގަޅުކުރުމުގެ ނިޔަތުގައި ފާޑުކިޔައި ނަމަ އެ ކަން ވާންވާނީ ބިނާކުރަނިވި ފާޑުކިޔުމަކަށެވެ. މި މޭރުމުން ޕޮޒިޓިވްކޮށް ނުވަތަ ރަނގަޅު ގޮތުގައި ފާޑުކިޔާ ނަމަ، ތިބާ އޭނާއަށް ފާޑުކިޔުމުގެ ފަހަތުގައިވާ ނިޔަތް އޭނާއަށް ދޭހަކޮށްދޭށެވެ.

  1. އެކަކު އަނެކަކު ނެގެހެއްޓުން:

ދަތިއުނދަގޫ ދުވަސްތައް އަހަރެމެންގެ ހަޔާތަށް އައުމަށް އަހަރެމެންނަށް ނޭދެވޭނެއެވެ. ނަމަވެސް އެ ފަދަ ދުވަސްތަކެއް އަތުވެއްޖެ ނަމަ ތިބާގެ ބައިވެރިޔާއަށް ފުރިހަމަ އަޅާލުން ދޭށެވެ. އެއީ ތިބާގެ ލޯތްބަކީ ގުޑުމެއްނުވާ އެއްޗެއްކަން އަންގައިދިނުމަށެވެ. ދެ މީހުންގެ ދެމެދުގައިވާ ގުޅުން ވަރުގަދަވާން ފަށާނީ ދެނެވެ.

  1. ބައިވެރިޔާގެ ރަނގަޅު ސިފަތައް ބަލައިގަތުން:

ބައިވެރިޔާކުރާ ކަމަކީ ކިތައްމެ ސާދާ ނުވަތަ އާދައިގެ ކަމަކަށްވިޔަސް އެ ކަން ބަލައިގަނެ އޭނާއަށް ޝުކުރުއަދާކުރާށެވެ. އެ ކަމުން އޭނާއަށް އެނގިގެން އަންނާނީ ތިބާ އޭނާއަށް އިހުތިރާމްކުރާކަމާއި އޭނާގެ އަގުވަޒަންކުރާކަމެވެ. މި ދެ ކަމަކީ ދިގުމުއްދަތަކަށް ލޯތްބެއް ދަމަހައްޓުމަށް މުހިންމު ދެ ކަމެވެ.

  1. ހާއްސަ ދުވަސްތައް ފާހަގަކުރުން:

ދެ މީހުންގެ ގުޅުމުގެ މުނާސަބު ދުވަސްތައް ހަނދާން ނައްތައިނުލާށެވެ. މިސާލަކަށް، އަލަށް ބައްދަލުވީ ދުވަސް، ފުރަތަމަ ޑޭޓަކަށް ދިޔަ ދުވަސް، ތިބާއަށް ލޯބި ހުށަހެޅި ދުވަސް، އަދި ދެ މީހުންގެ އުފަންދުވަހާއި ކައިވެނިކުރި ދުވަސް ފަދަ ދުވަސްތަކެވެ. ދެ މީހުން އެކުގައި އުޅުން ފާހަގަކޮށް، ހަނދާނުގައި ރައްކާކުރެވޭނެ ފޮނި ވަގުތުތައް އުފައްދައިށެވެ.

  1. ހަމްދަރުދީވުން:

ތިބާގެ ބައިވެރިޔާއަށް ރަނގަޅު ނޫން ގޮތަކަށް ކަންތައްތައް ދިމާވާ ދުވަހެއްގައި އޭނާގެ ރުންކުރުކަމުގެ ފަރާތް ތިބާއަށް ދައްކައި، ތިބާއާ ދިމާއަށް ހަޅޭއްލައި ކަންތައްތައްކޮށްފި ނަމަ، އޭނާއާމެދު ހަމްދަރުދީވާށެވެ. އޭނާ ވާހަކަދެއްކި ރުޅިވެރިކަމުގެ ރާގާ އެއް ވަޒަނެއްގެ ރާގުގައި އޭނާއާ މުހާތަބުނުކުރާށެވެ. އޭނާގެ ވަޒީފާގެ މާހައުލު އެހާ ރަނގަޅު ނޫން ދުވަހެއް ކަމުގައި ވެދާނެއެވެ. ނުވަތަ ސްޓްރެސްވާ ކަންތައްތަކަކާ ކުރިމަތިވީ ކަމަށް ވެދާނެއެވެ. އޭނާ ދެކޭ ގޮތް ފަހުމްވާށެވެ. އަދި ރަނގަޅު ވަގުތެއް ލިބުމުން އޭނާ ގާތުގައި އަހައިގެން އޭނާއަށް ދިމާވި ކަންތައްތައް އޮޅުންފިލުވައިށެވެ. އޭނާގެ ސިކުނޑިއަށް އުނދަގޫކުރީ ކޮން ކަމެއްކަން ދެނެގެންނާށެވެ.

  1. މައާފުކުރުން އަދި ހަނދާން ނައްތައިލުން:

ކުށް ކުރެވޭނެއެވެ. ބައިވެރިޔާގެ ފަރާތުން އަނިޔާއެއްގެ އިހުސާސްކުރެވިއްޖެ ނަމަ އޭނާއަށް މައާފުކޮށް، އެ ކަން ހަނދާން ނައްތައިލާށެވެ. މިހެނީ، ތިބާ އެ ގޮތަށް ކަންތައްކުރުމުން، ތިބާއަށް ގޯހެއް ހެދޭ ދުވަހެއްގައި އޭނާ ވެސް ތިބާއާމެދު އެ ގޮތަށް ކަންތައް ކުރުމަށް ހިތްވަރަކަށް ވާނެތީއެވެ. އަދި ހަނދާނުގައި ބަހައްޓާށެވެ: ދެ މީހުން ކަމަކާ "ތަޅާފޮޅާ" ނަމަ، ހަގީގަތުގައި އެއީ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައާ ހަނގުރާމަކުރަނީއެވެ. އެއީ ދެ މީހުންގެ ދެމެދުގައި ހަމަލާ ބަދަލުކުރުމެއް ނޫނެވެ. މައްސަލައަކީ ޖެހިގެން އުޅޭ މައްސަލައެވެ. މައްސަލައަކީ ދެ މީހުންނެއް ނޫނެވެ.

  1. ވައުދުތަކުގައި ހިފެހެއްޓުން:

ވީ އަހުދުތައް އުވާނުލުމުން ތިބާ ވާނީ އިތުބާރުކުރެވޭ މީހަކަށެވެ. ތިބާއަށް ބަރޯސާކުރެވޭނެއެވެ. އަދި ތިބާގެ އަގު އަރައިނެއެވެ.

  1. އެންމެ ރަނގަޅަށް ކަންތައްތައްކޮށް، އަދި އެންމެ ރަނގަޅު މީހާ ކަމުގައިވުން:

އަހަރެމެން އެންމެންނަކީ ވެސް ފާޑުކިޔުމުގެ ޝިކާރައަކަށްވެދާނެ ބައެކެވެ. ނުބައިކޮށް ކަމެއް ކުރެވިދާނެތީ އޮންނަ ބިރާމެދު ބިރުގަނެވެއެވެ. އެ ކަމުން އަމާޒު ވެދާނެ ފާޑު ކިޔުމާމެދު ވެސް ބިރުގަނެއެވެ. ބައިވެރިޔާގެ ފަރާތުން ކޮންމެ ކަހަލަ ރިއެކްޝަނެއް ފެނުނަސް ދެ މީހުންގެ ގުޅުން ދަމަހައްޓަން ދެވޭ އެންމެ ބޮޑުމިންވަރު ދޭށެވެ. އެއީ ތިބާއަށް އަމަލުކުރެވޭނެ އެންމެ ރަނގަޅު ގޮތެވެ. ބައިވެރިޔާ އެ ކަމާމެދު އަމަލުކުރާ ގޮތަކީ ތިބާގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ.

މި ބަލައިލި 15 އުސޫލުގައި ހިފަހައްޓައިފި ނަމަ، ތިބާ އާއި ތިބާގެ ބައިވެރިޔާގެ ދެމެދުގައިވާ ގުޅުން އިތުރަށް ގާތްވެ، ކުރިމަގުގައި ރަނގަޅު ގޮތުގައި އެ ގުޅުން ހަރުދަނާކަމާއެކު ކުރިއަށްދާނެއެވެ.

ނޯޓު: ތަރުޖަމާއެއް