މާބަނޑު އަންހެނަކު އޭނާގެ ފިރިމީހާއާ ދިމާއަށް ބުންޏެވެ: "ތިބާ އެދެނީ ފިރިހެން ދަރިއަކަށް ހެއްޔެވެ؟ ނުވަތަ އަންހެން ދަރިއަކަށް ހެއްޔެވެ؟"
ފިރިމީހާ ޖަވާބުދިނެވެ: "އަހަރެމެންނަށް ފިރިހެން ކުއްޖެއް ލިބިއްޖިއްޔާ އަހަރެން އޭނާއަށް ހިސާބު އިލްމާއި ކުޅިވަރާއި މަސްވެރިކަމާއި މި ކަހަލަ ކަންތައްތައް ދަސްކޮށްދޭނަމެވެ."
އަނބިމީހާ ހިނިގަނޑެއްޖަހައިލައިފައި ބުންޏެވެ: "އަންހެން ކުއްޖަކު ލިބިއްޖެ ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟"
ފިރިމީހާ ޖަވާބުދިނެވެ: "އަންހެން ކުއްޖެއް ލިބިއްޖިއްޔާ އޭނާއަށް ދަސްކޮށްދޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. ސަބަބަކީ ހުރިހާ ކަމެއް އަހަރެންނަށް އަލުން ދަސްކޮށްދޭނީ ޚުދު އޭނާ ކަމަށްވާތީއެވެ. މިސާލަކަށް، ހެދުން އަޅާނެ ގޮތާއި ކާނެ ގޮތާއި ދައްކާނެ ވާހަކަ އާއި ނުދައްކަންވާ ވާހަކަ އާއި މި ކަހަލަ މި ކަހަލަ ކަންތައްތަކެވެ."
ފިރިމީހާ ކުރިއަށްގެންދިޔައެވެ: "ކުރުކޮށް ބުނާ ނަމަ، އޭނާ ވާނީ އަހަރެންގެ ދެވަނަ މަންމައަށެވެ. އޭނާ އަހަރެން ދެކޭނީ އޭނާގެ ބަތަލެއް ފަދައިންނެވެ. އެއީ އަހަރެން ވަކި ހާއްސަ ކަމެއް ނުކުރިއަސްމެއެވެ. އޭނާ ބޭނުންވާ އެއްޗެއް ނުދިނަސް ނުވަތަ އޭނާ ބޭނުންވާ ކަމެއް އަހަރެން ނުކޮށްދިނަސް އޭނާއަށް އަހަރެންގެ ސަބަބުތައް ފަހުމްވާނެއެވެ."
އަދި ފިރިމީހާ އިތުރުކޮށްލިއެވެ: "އޭނާ އަހަރެންނާމެދު ދެކޭނީ އޭނާގެ ފިރިއެއް ފަދައިންނެވެ. އޭނާ ކިތައްމެ މުސްކުޅި ވި ނަމަވެސް އޭނާ ބޭނުންވާނީ އަހަރެން އޭނާއާމެދު ކުޑަކުއްޖެއްގެ ގޮތުގައި ހިތާށެވެ. އަހަރެންނަށްޓަކައި އޭނާ ދުނިޔެއާ ހަނގުރާމަކުރާނެއެވެ. އަދި މީހަކު އަހަރެންނަށް އަނިޔާވެރިވެއްޖެ ނަމަ، އެ މީހަކަށް އޭނާ ދުވަހަކު ވެސް މައާފެއްނުކުރާނެއެވެ."
އަނބިމީހާ ދެން ބުނެލިއެވެ: "އެހެންވީމާ ތިބާ ތިޔަ ބުނާ ވާހަކައަކީ އަހަރެމެންގެ އަންހެން ދަރިއަކު ތިޔަ ހުރިހާ ކަމެއް ކުރާނެއޭ ނަމަވެސް ފިރިހެން ދަރިއަކު ނުކުރާނެއޭ ހެއްޔެވެ؟"
ފިރިމީހާ އަވަސްއަވަހަށް ޖަވާބުދިނެވެ: "ނޫނޭ، ނޫނޭ، މި ބުނީ ފިރިހެން ދަރިއަކު އެ ހުރިހާ ކަމެއްކޮށްދިނަސް އޭނާއަށް ފުރަތަމަ ޖެހޭނީ އެ ކަންތައްތައް ދަސްކޮށްދޭ ވާހަކައެވެ. އެއާ ހިލާފަށް އަންހެން ކުދިން އުފެދުމުގައި ވެސް އެ ހުރިހާ ސިފަތަކާއި ހުނަރުތައް ހުންނާނެއެވެ. މިހެންވެ، އަންހެން ދަރިއެއްގެ ބައްޕައަކަށް ވުމަކީ ކޮންމެ ފިރިހެނަކަށް ވެސް ލިބޭނެ ޝަރަފެކެވެ."
އަނބިމީހާ ދެން ބުންޏެވެ: "އެކަމަކު، އެ އަންހެން ދަރި ވެސް އަހަރެމެން ގާތުގައި ދާއިމީކޮށް ނުހުންނާނެ ނޫން ހެއްޔެވެ؟"
ފިރިމީހާ ޖަވާބުދިނެވެ: "އާނއެކެވެ. ނަމަވެސް އޭނާގެ ހިތުގައި އަހަރެމެން އަބަދުވެސް ވާނެއެވެ. އެހެންކަމުން އޭނާ ދާނީ ކޮން ތަނަކަށްތޯ ބެލުމުގެ މާނައެއް ނެތެވެ."
މި ކަމުން އެނގެނީ އަންހެން ކުދިންނަކީ ތިބާ ދެކެ ޝަރުތެއް ނެތި ލޯބިވާ ބައެއް ކަމެވެ. ތިބާއާމެދު އަޅައިލުން ބަހައްޓާނީ ވެސް ޝަރުތެއް ނެތިއެވެ. އެއީ ދާއިމީކޮށް ވެސްމެއެވެ.
ނޯޓު: ތަރުޖަމާއެއް
