ދެމަފިރިންގެ ދެމެދުގައި މުއާމަލާތް ކުރުމުގައި ލޯބީގެ ސިފަތައް ގެންގުޅެން ބޭނުންހެއްޔެވެ؟ އެހެންވިއްޔާ ދަރިންގެ އިތުރުން ޕެޓުންގެ ގޮތުގައި ގޭގައި ގެންގުޅޭ ޖަނަވާރުންނާ މުއާމަލާތް ކުރާ ފަދައިން ދެމަފިރިންގެ މެދުގައި ވެސް މުއާމަލާތް ކުރަން ފަށާށެވެ.
ހަންގެރީގެ ލޮރެންޑް ޔުނިވާސިޓީން ކުރި އާ ދިރާސާއަކުން ހާމަވީ އުފާވެރި ކައިވެންޏެއް ބޭނުން ނަމަ ދެމަފިރިން ގެންގުޅޭ ޕެޓުންނާ މުއާމަލާތް ކުރާ ގޮތަށް ދެމަފިރިންގެ ދެމެދުގައި މުއާމަލާތް ކުރުން މުހިންމު ކަމަށެވެ. އެ ގޮތުން މޫނަށް ގެންނަ ބަދަލުތަކާއި އަޑު ތަންކޮޅެއް ބާރަށް ބޭނުން ކުރުމާއި އަދި ވާހަކަ ދައްކާ ބަހުރުވާގައި މަދު ބަސްތައް ބޭނުން ކުރުން މުހިންމު ކަމަށް ދިރާސާއިން ދެއްކިއެވެ.
"މީގެ އިތުރުން ތުއްތު ދަރިފުޅާ މުއާމަލާތް ކުރާ ގޮތަށް ވެސް ދެމަފިރިން ދެމަފިރިންގެ ދެމެދުގައި މުއާމަލާތް ކުރުން މުހިންމު،" މި ދިރާސާގައި ބައިވެރިވެވަޑައިގެންނެވި އެޑުއާ ކޫސް-ހުޓަސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޭގައި ގެންގުޅޭ ޕެޓުތަކާއި ތުއްތު ދަރިފުޅާ މުހާތަބު ކުރާއިރު މޫނަށް އަންނަ ބަދަލުތައް ދެމަފިރިންގެ ދެމެދުގައި މުހާތަބު ކުރާއިރު ވެސް ފެންނަ ކަމަށެވެ.
"މި އެއްގޮތްވުން ބިނާވެފައިވަނީ ދެމަފިރިންގެ ދެމެދުގައި އޮންނަ ޖަޒުބާތީ ގާތްކަމާ. އަދި މި ކަމުގެ ސަބަބުން އެކަކު އަނެކަކާ ވާހަކަ ދައްކާއިރު ދެމަފިރިންގެ ދެމެދުގައި އިހުލާސްތެރިކަން އުފެދޭ،" އެޑުއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިގޮތަށް ވާހަކަ ދެއްކުމަށް "މަދަރީޒް" ކިއިދާނެ ކަމަށެވެ. މާނައަކީ ކޮންމެވެސް ކަހަލަ "މައިވަންތަ ކަމެއް" ހުންނަ ގޮތަށް ވާހަކަ ދެއްކުމެވެ. ދަރިފުޅާ ވާހަކަ ދައްކާއިރު އާއި ޕެޓުންނާ ވެސް "ވާހަކަ ދައްކާއިރު" ހުންނަ ގޮތް ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް ގާތްކޮށް އުޅޭ ދެމަފިރިންގެ ދެމެދުގައި، ޕެޓުންނާއި ތުއްތު ދަރިފުޅާ މުހާތަބު ކުރާ ގޮތަށް، ދެމަފިރިންގެ ދޭތެރޭގައި މުއާމަލާތް ކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެޑުއާ ވިދާޅުވީ އާއިލާއެއްގެ ތެރޭގައި— އޭގެ ތެރޭގައި ޕެޓުން ވެސް ހިމެނޭ ގޮތަށް— މުއާމަލާތް ކުރާއިރު، ވަރަށް ބޮޑަށް ހިނިތުންވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ.
"މިއީ ހަގީގަތުގައި ތުއްތު ދަރިފުޅަށް، ދެމަފިރިން ވާހަކަ ދައްކާ ބަސް ދަސްކުރަން ފަސޭހަވާ ގޮތެއް. އަދި މި ކަމުގެ ސަބަބުން ކުއްޖާއަށް ވެސް އިހުސާސް ކުރެވޭ އޭނާ ދެކެ އޭނާގެ މައިންބަފައިން ލޯބިވާކަން،" އެޑުއާ ވިދާޅުވިއެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، ދިރާސާގައި ބައިވެރިވި 46 މީހުން އެ މީހުންގެ ކައިވެނީގެ ބައިވެރިންނާ ވާހަކަ ދައްކާއިރު، ޕެޓުންނާއި ތުއްތު ދަރިފުޅާ މުއާމާލާތް ކުރާ ގޮތަށް އަމަލުތައް ހުރެއެވެ. އެ ގޮތުން ނޭނގި ހުއްޓާ ރަނގަޅު ކަމެއް ދިމާވީމާ އެ ލިބޭ "ސަޕްރައިޒް"ގެ ސަބަބުން ލޯ ބޮޑުވެ، ބުމަ މައްޗަށް ހިއްލި، އަދި ކޯތާފަތުގެ ދެ ފަރާތަށް ވާން ވާ ވަރުގެ ހަރަކާތްތައް މޫނަށް އަންނަކަން ފާހަގަ ކުރެވުނު ކަމަށް އެޑުއާ ވިދާޅުވިއެވެ.
ދިރާސާއިން ދެއްކި ގޮތުގައި ނުދަންނަ މީހުން ނުވަތަ "ސްޓްރޭންޖާސް" އާ މުއާމަލާތް ކުރާއިރު، މޫނު މައްޗަށާއި އަނގައިގެ ހަރަކާތްތަކަށް މި ކަހަލަ ބޮޑެތި ބަދަލުތަކެއް ނާދެއެވެ.
"މީގެން ދޭހަވަނީ މޫނުމަތީގެ ހަރަކާތްތަކުންނާއި ވާހަކަ ދައްކާއިރު ހުންނަ ރާގު ފަދަ ކަންކަމަކީ ދޭދޭ މީހުންނާ ދެމެދު ގާތް ގުޅުމެއް އުފައްދައިދޭ ކަންތައްތަކެއްކަން،" އެޑުއާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ކަންތައްތަކުން ދޭހަވަނީ ޒަވާޖީ ހަޔާތް "އެއްގޯސްވުމަށް" ދެމަފިރިން ހުށަނޭޅޭނޭ ގޮތަށް ދިރިއުޅުން ކުރިއަށްގެންދަން މި ގޮތަށް އަމަލުތައް ބެހެއްޓުން މުހިންމު ކަމަށެވެ.
"ބޭނުމަކީ ޒަވާޖީ ހަޔާތުގެ ހުޅުކޮޅު ނުނިވި އަބަދުވެސް ދެމެހެއްޓުން. ދެން ފަހަރަކުން ވެސް ތިމާގެ ބައިވެރިޔާ މާ ގަދައަށް ހީގެންފި ނަމަ، އެ ކަން ނުކިއްސަރު ގޮތަކަށް ބަލައިނުގަންނާތި،" އެޑުއާ ވިދާޅުވިއެވެ.