Support Us

39 އަހަރުގެ ޚިދުމަތަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ރިޓަޔަރ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ ޚިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ޚާއްޞަ މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު އަދި، އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ފެބުރުވަރީ 18، 1985 ގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. މި ގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަޤާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަޤާމު އަދާކުރައްވާފައި ވެއެވެ.
ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތާއި، ކޮވިޑް-19 ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހި ރައްޔިތުންނާއި ޤައުމުގެ ޙައްޤުގައި ހިންގި ޚާއްޞަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ޤައުމީ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރުން 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *