Support Us

ދޮޅު ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވައިލައިފި

ދޮޅު ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް އެދި ހުށަހެޅުމަށް ބީއެމްއެލް އިން މިއަދު ހުޅުވައިލައިފި އެވެ.

ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް، ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އެކުލަވައިލައިފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން ހާއްސަކުރެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކަށް %7 ގެ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް ދަސްކޮށްދިނުމަށާއި، ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފައެވެ. އަދި، އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ. މިގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފުކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މިފަދަ ފައިނޭންސިން ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން. އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު މި ފައިނޭންސިން މެދުވެރިކޮށް ހޯދައިދެވިފައިވާ ކަމީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް،" ބަދުރު ވިދާޅުވިއެވެ.

ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.