Support Us

ކުދިމެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިން ބާޒާރު ހޯދައިދެނީ

ކުދިމެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓްގެ ވިއުގައިން ބާޒާރު ހޯދައިދީ، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިރާސީ މަސައްކަތްތަކެއް ފަށައިފިއެވެ.

ބައިނަލްއަގުވާމީ ޕޯސްޓްގެ އިދާރާ ކަމުގައިވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިއަދު ފެށި މި މަސައްކަތުގެ އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޑރ. އަބްދުﷲ ނަޒީރެވެ. މި ބައްދަލުވުމުގައި ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ އެކްސްޕާޓް ޓީމްގެ މެމްބަރުންނާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ އިސްވެރިންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒީރު ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި ތާއީދު މިނިސްޓްރީގެ ފަރާތުން ލިބޭނެ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ޤާނޫނީ އަދި ރެގިއުލޭޓަރީ މާޙައުލެއް ޤާއިމުކޮށް، ގުޅުން ހުރި މުއައްސަސާތައް ގުޅުވައިގެން، ދިރާސާއިން ހޯދޭ ނަތީޖާތައް ޢަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް މިނިސްޓްރީން ޖާމިނުވެފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0″ އާއި "ޑިޖިޓަލް-ފަސްޓް ނޭޝަން"ގެ ވިސްނުމާ އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށާއި ކޮންމެ ރަށެއްގައި ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރަކާ ހަމައަށް ދިއުމަކީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުމެއް ނޫން ކަމަށާއި، ފައިސާ ލިބުމާއި، ޓްރާންސްޕޯޓޭޝަނާއި ލިޔެކިޔުން ބެލެހެއްޓުމާއި ކަސްޓަމްސް މުޢާމަލާތްތަކާއި އިތުބާރާއެކު ޑެލިވަރީ ވެސް ހަމަޖެހެން ޖެހޭކަމާއި އޯޑަރެއް ފުރިހަމަ ކުރުމަށް ބޭނުންވާ ތަކެތި ގަނެވޭނެ ނިޒާމެއް ގާއިމުވާންޖެހޭނެ ކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ.

އަދި މި ޚިދުމަތްތައް ފުރިހަމަކަމާއެކު ލިބެން ނެތްނަމަ މިކަމުގެ، އެންމެ ބޮޑު ބުރައެއް އުފުލަން ޖެހޭނީ އެންމެ ކުދި ވިޔަފާރިތަކަށް ކަމަށް ވިދާޅުވެ، މި އިސްނެގުމުގެ ތެރެއިން ޕޯސްޓަލް ޚިދުމަތްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި އިސްލާމިކް ފައިނޭންސިން ހިމެނޭހެން މާލީ ޚިދުމަތްތައް އެއްތަނަކަށް ގެނެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިފްތިތާހީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަފީގު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީގައި ޕޯސްޓްގެ ދައުރުގެ މައްޗަށް ބައްލަވާލައްވައިފައެވެ. މިގޮތުން ކޮމިއުނިކޭޝަންގެ އަސާސީ ވަސީލަތެއްގެ ގޮތުގައި ފަރުދުންނާއި ވިޔަފާރިތަކާ އަދި ރާއްޖެއާ ރާއްޖޭން ބޭރާ ގުޅުވައިދިނުމުގައި ޒަމާންތަކަކަށް މުހިންމު ދައުރެއް ޕޯސްޓު އަދާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ މުވާސަލާތީ ނިޒާމަށާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، ބަދަލުވަމުންދާ ކޮމިއުނިކޭޝަން މާކެޓްގެ ބޭނުންތަކާއި ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތަކާއި އޮޕަރޭޝަން ހަރުދަނާކޮށް ތަރައްގީކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް އީޓުކުރިއާއި ކޮމިއުނިޓީ އޮންލައިން ޝޮޕް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް ގާއިމްކުރެވިފައިވާ ކަމަށާއި މި ފްލެޓްފޯމްތައް މެދުވެރިކޮށް އުފެއްދުންތެރިންގެ މުދާ ގަނެވިއްކޭނެ އޮންލައިން ބާޒާރެއް ގާއިމްކުރެވިފައިވާ ކަމަށާއި އަދި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ގްލޯބަލް ޕޯސްޓަލް ނެޓްވާކް މެދުވެރިކޮށް ރާއްޖޭން ބޭރުން ބާޒާރު ހޯދައިދިނުމުގައި ޓްރޭޑް ފެސިލިޓޭޓަރެއްގެ ދައުރުގައި މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދިންގޮތުގައި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކަމާބެހޭ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު ކުރެވޭ މަޝްވަރާތަކުގެ އަލީގައި އެމް.އެސް.އެމް.އީ ސެކްޓަރަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށް ޓެކްނިކަލް އެސިސްޓަންސް ޕްރޮގްރާމްތަކެއް އެކުލަވާލެވޭނެއެވެ.

ދިވެހިރާއްޖޭގައި މިކަން ތަންފީޒުކުރުމުގެ މަސައްކަތް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) އާ ގުޅިގެން ކުރިއަށް ގެންދާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުންނެވެ. އެގޮތުން އެކްސްޕާޓް ޓީމެއް މި މަހުގެ ފަހަކާ ހަމައަށް ރާއްޖެ ޒިޔާރަތްކޮށް މި ދަތުރުގައި ސަރުކާރުގެ ޕޮލިސީ އަދި ރެގިއުލޭޓަރީ އިދާރާތަކާއި، ކަމާގުޅޭ އެހެނިހެން ފަރާތްތަކާއެކު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމާއި އިޤްތިޞާދީ ކުރިއެރުމަށް ޕޯސްޓަލް ނެޓްވާކްގެ ތެރެއިން ހުރި ފުރަސަތުތަކާއި އެސް.އެމް.އީ ސެކްޓަރަށް އީކޮމާސްގެ ދާއިރާއިން ފުރަސަތުތައް ފަހިކޮށްދިނުމުގައި ޕޯސްޓަލް ސެކްޓަރަށް އަދާކުރެވޭނެ ދައުރާއި ޢަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *