Support Us

ކޮލަމް ކޯދު: ފައިދިގުމަކުނަކާއި މެއްސެއްގެ ވާހަކަ

މިއީ މޭރީ ބޮތަމް ހޯވިޓް ޅެންބަހުރުވައިން ލިޔެފައިވާ 'ދަ ސްޕައިޑަރ އެންޑް ދަ ފްލައި' (މެއްސާއި ފައިދިގުމަކުނު) މި ކުރުވާހަކައިގެ ދިވެހިތަރުޖަމާއެކެވެ. މޭރީ ބޮތަމް ހޯވިޓް އަކީ އިނގިރޭސި ޅެންވެރިއެކެވެ. އަދި ލިޔުންތެރިއެއްވެސް މެއެވެ. އޭނާ އުފަންވީ މީލާދީ ސަނަތުން 1799 ގައެވެ. އަދި ނިޔާވީ 1888 ވަނަ އަހަރުގައެވެ. ޅެން ހެދެމާއި އަމިއްލަ ވާހަކަ ލިޔުމުގެ އިތުރުން، ސުވީޑިޝް ބަހުންނާއި ޑެނީޝް ބަހުން ލިޔެފައި ހުރި ބައެއް ވާހަކަތައް، އިނގިރޭސި ބަހަށް، އޭނާ ތަރުޖަމާވެސް ކުރިއެވެ.

'ދަ ސްޕައިޑަރ އެންޑް ދަ ފްލައި' މި ޅެމަކީ މޭރީގެ އެންމެ މަޝްހޫރު ޅެންކަމުގައި ބެލެވޭ ޅެމެވެ. މިފަދަ ޅެމެއް ޕާކިސްތާނުގެ ގައުމީ ޝާއިރު އައްލާމާ މުހައްމަދު އިގްބާލުވެސް ހައްދަވައިފައި ވެއެވެ. އައްލާމާ އިގުބާލުގެ ޅެން، އެންމެ ފުރަތަމަ، މީގެ ތިރީހަކަށް އަހަރު ކުރީން، އަޅުގަނޑަށް ކިޔައިދެއްވީ އަޅުގަނޑުގެ ބައްޕަ އަލްމަރްހޫމް ޢަބްދުއްރަޙީމު ޢަބްދުލް މަޖީދެވެ. މޭރީގެ ޅެމުގެ ލަފުޒީ ތަރުޖަމާއަކަށް ނުވިޔަސް ހަމަ އެ ވާހަކަތައް އައްލާމާ އިގުބާލުގެ ޅެމުގައި ގެނެސްދީފައި ވެއެވެ.

'ދަ ސްޕައިޑަރ އެންޑް ދަ ފްލައި' މި ޅެމުގެ މައުޟޫއުއަކީ ޚުޝާމަދުކުރުމާއި ޚުޝާމަދުގެ ވާހަކަތަކަށް ހެއްލުމެވެ. އަދި އެފަދަ ހެއްލުމުގެ ސަބަބުން ނިކުންނަ ހިތި ނަތީޖާއެވެ. މިވާހަކަ ހުށަހަޅާލެވިފައިވަނީ ކުދިބަޔަކަށް ކިޔައިދޭ އިބުރަތްތެރި ފިލާވަޅެއްގެ ގޮތުގައެވެ. އެކުދީންނަށް ކިޔައިދެވޭ، މެއްސަކާއި ފައިދިގު މަކުނަކާ ދެމެދުގައި ދެކެވުނު ވާހަކައެއްގެ ގޮތުގައެވެ.

ފައިދިގު މަކުނު، އޭނާގެ ގެއަށް އައުމަށް، މެއްސަށް ދައުވަތު ދިނެވެ. މިއީ މަކަރުވެރި ރޭވުމެއް ކަމަށް ވެދާނެ ކަމަށް، އެންމެ ފުރަތަމައިން މެއްސަށް ގަބޫލު ކުރެވުނެވެ. އަދި މި ދައުވަތަށް މެހި ފުރަގަސްދިނެވެ. ދެން، ފައިދިގު މަކުނު މެއްސަށް ތައުރީފުކޮށް ޚުޝާދުމަދުގެ ބަސްތަކެއް އިއްވަން ފެށިއެވެ. މެހީގެ ރީތި ކަމުގެ ވާހަކައެވެ. އޭގެ ފިޔަތަށް ނާޒުކުވެފައި އޭގެ ކުލަ ރީތި ކަމުގެ ވާހަކަ ކިޔައިދީއެވެ. އޭގެ ލޮލުގެ ވިދުވަރުގެ އުޖާލާ ކަމުގެ ވާހަކައާއި މެހި ލާފައިވާ ހެދުމުގެ ރީތިކަމުގެ ވާހަކަ ވެސް ކިޔައިދީއެވެ. މި ވާހަކަތައް އަޑު އިވުމުން މެއްސަށް ވެސް އެއީ ހަމަ ރީތި އެއްޗެއްހެން ހީވާން ފެށިއެވެ. ދެން ފައިދިގު މަކުނުގެ މަކަރުވެރިކަމާއި ހީލަތްތެރިކަން މަތިން ހަނދާންނެތުނެވެ. އަދި، މަކުނުގެ ދައުވަތު ގަބޫލުކޮށް ކެއުމުގައި ބައިވެރިވާން ފައިދިގު މަކުނުގެ ގެއަށް ވަނެވެ. އާޚިރު ނަތީޖާއަކަށްވީ ފައިދިގުމަކުނުގެ ޝިކާރައަކަށްވެ،މެހި ނިމިދިޔައީއެވެ. އާދެ، ޚުޝާމަދާއި ދޮގު ވާހަކަތަކުގެ ދަލުގައި ޖެހުމުގެ ހިތި ނަތީޖާއެވެ!

ފައިދިގުމަކުނަކާއި މެހި

"އަހުރެންގެ ކޮޓަރިއަށް ވަދެނުލާނަން ހެއްޔެވެ؟" ފައިދިގު މަކުނު މެހި ގާތު ބުންޏެވެ.

"އެކޮޓަރި ވާނީ މިހާތަނަށް ކަލޭ ދުށް އެންމެ ރީތި ނަލަ ކޮޓަރިއަށެވެ."

"އަހަރެންގެ ކޮޓަރިއަށް ދެވެން އޮންނަނީ ގުދުގުދުލާފައި އޮންނަ ސިޑިއަކުން އަރައިގެންނެވެ."

"އެ ކޮޓަރީގައި ކަލެއަށް ދައްކާލަން ހުރި ވަރަށް ގިނަ އަޖައިބުކުރުވަނިވި އެއްޗެތި އެބަހުއްޓެވެ."

"ނޫން، ނޫނެކެވެ! ކުޑަކުޑަ މެހި ބުންޏެވެ. "[ކިތަންމެ ވަރަކަށް ތިކަން ކުރަން] މަގޭ ގާތު ބުންޏަސް ތިކަމެއް ނުވާނެއެވެ."

"އެހެނީ ކަލޭގެ ގުދުގުދުލާފައި އޮންނަ ސިޑިން އަރާ އެއްވެސް މީހަކު ދުވަހަކު ވެސް އެނބުރި ފައިބާތަނެއް ނުފެނެއެވެ."

"ކޮއްކޯއެވެ! އަހަންނަށް އެނގެއެވެ. އެހާ މައްޗަށް އަރާއިރު ކަލޭ ހުންނާނީ ވަރުބަލިވެފައެވެ."

"[ކަލޭ ވަރުބަލިވެއްޖެ ނަމަ] ކަލެއަށް އަހަރެންގެ ކުޑަ އެނދުގައި އޮށޯވެ އަރާމު ކޮށްލެވިދާނެއެވެ." ފައިދިގު މަކުނު މެހި ގާތު ބުންޏެވެ.

"[އެނދުގެ ވަށައިގެން] ރީތި ފަރުދާއެއް ދަމާލާފައި ހުންނާނެއެވެ. އަދި އެނދުގައި އަޅާލެވިފައިވާ ފޮތިގަނޑު ތުނިވެފައި އޮމާންވާނެއެވެ."

"އަދި ކުޑަ ވަގުތުކޮޅަކަށް އަރާމުކޮށްލަން ކަލޭ ބޭނުންނަމަ، ވަރަށް ލޯބިކޮށް ކަލޭ އުރާލައިގެން ގެންގޮސް އެނދުމަތީގައި ބާއްވާނަމެވެ."

"ނޫން، ނޫނެކެވެ!" ކުޑަކުޑަ މެހި ބުންޏެވެ. "މިއީ އަހަރެން ވަރަށް ގިނައިން އަޑުއަހައި އުޅޭ ވާހަކައެކެވެ."

"ކަލޭގެ އެނދުގައި އޮށޯވެ ނިދާ މީސްމީހުން ދުވަހަކުވެސް ހެއެއްނުލައެވެ."

ހީލަތްތެރި ފައިދިގު މަކުނެ މެހި ގާތު ބުންޏެވެ. "ލޮބުވެތި ރަހުމަތްތެރިޔާއެވެ."

"އަހަރެންގެ ހިތުގައި ފެށުނީއްސުރެ ކަލެއަށްޓަކައި އޮތް ހަގީގީ ލޯބި ސާބިތުކޮށް އަންގައިދިނުމުގެ ގޮތުން އަހަރެން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟"

"އަހަރެންގެ ކާޑު އަލަމާރީގައި މީރުވިހައި ކާނާއެއް ރައްކަކުރެވިފައި އެބަހުއްޓެވެ."

އުފަލާއެކު [އަލަމާރީގައި ހުރި ކާނާއިން] ހަފައިކައިލާން ކަލެއަށް [ދައުވަތުދީ] މަރުހަބާ ކިޔަމެވެ. މިދައުވަތު ގަބޫލުކުރާނެކަމަށް ހީކުރަމެވެ."

"ނޫން، ނޫނެކެވެ! ކުޑަކުޑަ މެހި ބުންޏެވެ. "އޯގާތެރި ސާހިބާއެވެ! ތިއީ [މަށަށް] ވެވޭނޭ ކަމެއް ނޫނެވެ."

"ކަލާގެ ކާޑު އަލަމާރީގައި ހުރި ކާނާގެ ވާހަކަ އަޑުއަހައިފީމެވެ. އަދި އެކާނާ ދެކޭކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ."

"އޭ މިހިރަ ލޯބިލޯބި މަޚްލޫގު އާއެވެ!" ފައިދިގުމަކުނު [މެއްސާ މުޚާތަބުކޮށް] ބުންޏެވެ. "ކަލޭ ހާދަހާ މޮޅުވެފައި ބުއްދިވެރިއެވެ."

"ކަލޭގެ ނާޒުކު ފިޔަތަކާ ކަލޭވެސް ހާދަހާވާ ރީއްޗެވެ. އަދި ކަލޭގެ ލޮލުގެ ތިހިރަ އުޖާލާ ކަމެކެވެ!"

"އަހަރެންގެ ކޮޓަރީގައި ހުރި ހަރުފަތްމަތީގައި މޫނުބަލާ ލޯގަނޑެއް ބެހެއްޓިފައި ހުންނާނެއެވެ."

"ހަމަ އެންމެ ފިޔަވަޅެއް ކޮޓަރިތެރެއަށް އަޅާލިޔަސް ކަލެއަށް ކަލޭގެ [ރީތި] ސޫރަ ފެންނާނެއެވެ."

"މާތް ސާހިބާ އެވެ! ކަލާ ހިތުން ރުހުމުން ފާޅުކޮށްލި ތި ޝުއޫރުކޮޅަށް އަޅުގަނޑު ޝުކުރު އަދާކުރަމެވެ." މެހި ޖަވާބުދިނެވެ.

"އަދި ބާއްޖަވެރި ދުވަހަކަށް އެދެމުން، އެހެން ދުވަހަކުން އަލުން ޒިޔާރަތް ކޮށްލުމަށް ގަސްދުކުރަމުން މިއަދު ވަކިވެލާނަމެވެ."

ފައިދިގުމަކުނު އޭތި ހުރި ދިމާއާ އިދިކޮޅަށް، އޭތީގެ ހާއްޔަށް ދިޔުމަށް، އަވަހަށް އެނބުރިގަތެވެ.

އެހެނީ އެ މޮޔަމެހި އަލުން އެނބުރި އަންނާނޭކަން އޭނާއަށް އެނގި ޔަގީންވީތީއެވެ.

އެހެންވެ، ކަނެއްގައި ނުފެންނަގޮތަށް، މަކަރުވެރި ދަލެއް، މަކުނު ވިޔެލިއެވެ.

އަދި އެމެހި ކާލުމަށްޓަކައި މޭޒުމަތި ތައްޔާރުކޮށްލިއެވެ.

ދެން އޭނާގެ [ގޭގެ] ދޮރުމައްޗަށް ނިކުމެ އުފަލުން ހުރެ ގޮވަމުންދިޔައެވެ.

"ރީތި ނަލަނަލަ މުތެއް ފަދަ ރިހި ފިޔަލީ މެއްސާއެވެ. މިތަނަށް، މިގޭ ދޮށަށް، އަންނާށެވެ."

"ކަލޭގެ ހެދުން ވަނީ ފެއްސާ ދަނބުކުލައިން [ޒީނަތްތެރިކުރެވިފައެވެ]. ކަލޭގެ ބޮލުގައި [އެހާމެ ރީތި] ހުޅިއެއްވެއެވެ."

"ކަލޭގެ ލޮލުގެ ވިދުވަރު އަލިމަސް ފަދަހާ އުޖާލާއެވެ. ނަމަވެސް އަހަރެންގެ [ދެލޯ] ވަނީ ދަގަނޑު ލޯ ހެން އެފަދަ އުޖާލާކަމުން މަހުރޫމު ކުރެވިފައެވެ.

އާހް! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެއްކަލަ މޮޔަ، ކުޑަކުޑަ މެހި، ފައިދިގުމަކުނުގެ ކެހިވެރި ޚުޝާމަދުގެ ބަސްތަކުގެ އަޑުއަހައި މަޑުމަޑުން އުދުހެމުން މަކުނު ކައިރިއަށް އައިލެއްވާ އަވަހެވެ!

ފިޔަތައް ހަލުވަމުން ބޫންއަޑު ލައްވަމުން މަތީގައި ހޯރަ އަޅައަޅައި އޮތެވެ.

[އެވަގުތު] މެހީގެ ހިތުގައި ހަމައެކަނި ވަނީ އޭނާގެ ލޮލުގެ އުޖާލާކަމާއި އޭނާގެ [ރީތި] ފެއްސާ ދަނބު ކުލަ[އިގެ ހެދުމުގެ ވާހަކަތަކެވެ.]

އަދި އޭނާގެ ހިތަށް ހަމައެކަނި ފެންނަނީ އޭނާގެ [ރީތި] ހުޅިލީ ބޮލެވެ. އެމެހި ހާދަހާވާ މޮޔައެވެ!

އެންމެ ފަހުން، މަކަރުވެރި ފައިދިގުމަކުނު ފުންމައިގެން މައްޗަށްއެރިއެވެ. އަދި [މެހި ޖަހައިގަނެ] ވަރުގަދައަށް މެހީގެ ގައިގާ ބައްދާ ހިފެހެއްޓިއެވެ.

އަދި އޭނާގެ ގުދުގުދުލީ ސިޑީން ދަމަމުން ދަމަމުން މައްޗަށް، އޭނާގެ ހާއްޔަށް، މެހި ގެންދިޔައެވެ.

އޭނާގެ ކޮޓަރީގައިވާ [ހާއްޔަށެވެ]. ނަމަވެސް އެމެހި ދުވަހެއްގައިވެސް އެ ކޮޓަރިއަކުން ނިކުތްތަނެއް ނުފެނެއެވެ.

ދެން މިވާހަކަ އަޑުއަހައި ކިޔައި ހަދާ ލޮބުވެތި ތުއްތު ކުދީންނޭވެ! [ކަނުލައި އަހަރެން މި ބުނާ ވާހަކަ އަޑުއަހާށެވެ.]

ތާކުންތާކު ނުޖެހޭ މޮޔަ ޚުޝާމަދުގެ ބަސްތަކަށް [ތިޔަކުދީންގެ] ކަންފަތް ނުދޭތޯ އަހަރެން ދުއާކުރަމެވެ.

ނުބައިނުލަފާ މީހުންގެ މަޝްވަރާގެ [ބަސްތައް އެހުމުން] ކަލޭމެންގެ ހިތްތަކާއި ކަންފަތްތަކާއި ލޯތަކުގައި [ތަޅުއަޅުވައި] ބަންދުކުރާށެވެ.

އަދި މެއްސާއި ފައިދިގުމަކުނުގެ މި ވާހަކައިން އިބުރަތެއް ހާސިލު ކުރާށެވެ!